ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ. މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ މުލީއާގޭގައި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޓަލީ ވިލާތުން ފުރައިގެން ނުވަތަ އެ ޤައުމުގައި ޓްރާންސިޓްކޮށްފައި އަންނަ އެއްވެސް ދަތުރުވެރިއަކު، އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ޤައުމަށް ޒިޔާރަތްކޮށްފައިވާ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން، ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން، ނިންމަވާފައެވެ. މިގޮތަށް އަމަލުކުރަން ނިންމަވާފައިވަނީ، 8 މާރިޗު 2020 ވަނަ ދުވަހުގެ މެންދަމު 00:00 އިން ފެށިގެންނެވެ. މީގެ އިތުރުންވެސް، ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ބައްޔާއިގުޅޭ ހުރިހާ ކަމަކަށްވެސް ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ވަރަށް ބޮޑަށް ފާރަވެރިވެ، އެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ކުރެވެންހުރި ހުރިހާ ކަމަކަށް އިސްކަންދެއްވައި، އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިއަށް ގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވައި، އެމަނިކުފާނު ވަނީ ކަމާބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދު ދެއްވާފައެވެ.

އަދި، މި ބައްޔާއިގުޅޭ ކަންކަމުގެ ޞައްޙަ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާއި ޙިއްޞާ ކުރުމާއި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާ ކުރައްވަމުން ގެންދެވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، މި ބައްޔާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާ ކުރުމަށް ސަރުކާރުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދާއި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވަނީ، ކޯވިޑް-19 ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިޓަލީ ވިލާތުން ފުރައިގެން އަންނަ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމައި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވިއެވެ.