بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އާރކްގެ ފައުންޑިންގ މެންބަރ ޒެނީޝާ ޝަހީދު ޒަކީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


އާރކްގެ އުފާވެރި 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މި ޖަމުޢިއްޔާގެ ފައުންޑަރ މެންބަރު ޒެނީޝާ ޝަހީދު ޒަކީއަށާއި، މި ޖަމުޢިއްޔާގެ ހިންގުންތެރި މެންބަރުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި މި ޖަމުޢިއްޔާގެ ޚިދުމަތް ލިބިވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަން.


އާރކްގެ ފަރާތުން ކުރައްވާ މަސައްކަތަކީ، އަޅުގަނޑުމެންގެ މެދުގައި އޮތް އިޖުތިމާޢީ ވަރަށް ބޮޑު މައްސަލައަކާ ގުޅިފައިވާ މަސައްކަތެއް. ކުޑަކުދިންނަށް އަނިޔާ ކުރުމާއި، ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި، އިހުމާލުވުމުގެ މައްސަލައަކީ، އެކަން ޙައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއް.


މި ދާއިރާގައި ހުރި ކަންބޮޑުވުންތައް، އާރކްގެ ފަރާތުން އަޅުގަނޑާވެސް ޙިއްޞާ ކުރައްވަމުން ގެންދަވާ. އަދި މި މައްސަލައިގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް، އާރކްގެ އެއްބާރުލުން ލިބޭކަންވެސް، އަޅުގަނޑު މިފުރުޞަތުގައި ފާހަގަކޮށް، އާރކްގެ އިސް ވެރިންނަށް ޝުކުރު ދަންނަވަން.


ކުޑަކުދިންނަށް އިހުމާލުވުމާއި ގޯނާކުރުމުގެ މައްސަލައަކީ، މުޅި މުޖުތަމަޢުގައި އޮތް މައްސަލައެއް. މިއީ އަޅުގަނޑުމެން އެންމެން ވަރަށް ކަންބޮޑުވެސްވާ މައްސަލައެއް. އަދި އެންމެން ގުޅިގެން ނޫނީ ޙައްލުނުކުރެވޭނެ ބޮޑު މައްސަލައެއް. މިފަދަ މައްސަލަތަކުން އެކުދިންނަށް ލިބޭ ގެއްލުމުގެ ނުރަނގަޅު އަސަރު، އެކުދިންގެ މުޅި ޙަޔާތަށް އެބަ ހިޔަނި އަޅާ.


މިފަދަ ކަންކަމަކީ، ހަމައެކަނި ޢާއިލާތަކުން ނުވަތަ މުޖުތަމަޢުން ޙައްލުކުރެވޭނެ ކަންކަމެއް ނޫން. މިކަމުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެގޮތުން ޝަރުޢީ ކޯޓުތަކާއި، ތަޙްޤީޤީ އިދާރާތަކާއި، ތަންފީޒީ އެހެނިހެން އިދާރާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތުވެސް ފުރިހަމައަށް އަދާކުރަން އެބަޖެހޭ.


ތަފާސްހިސާބަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، ވެވޭ އިހުމާލުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް، 2017 ވަނަ އަހަރުން ފެށިގެން އަންނަނީ އިތުރުވަމުން. ނަމަވެސް އެ މައްސަލަތައް މެނޭޖްކުރުމަށް އެކަށީގެންވާ ޢަދަދަށް، ކޭސްވަރކަރުންނާއި ސުޕަވައިޒަރުން ނެތުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވޭ.


މިހާރުގެ ޙާލަތަށް ބަލާއިރު، މިދިޔަ ފެބުރުވަރީ 10ގެ ނިޔަލަށް ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީގައި ތިބީ އެންމެ 16 ކޭސްވަރކަރުން. އާދެ، މުޅި ރާއްޖޭގައި ތިބި ޢަދަދު މިއީ. ހުރިހާ މައްސަލައެއް ބައްލަވަން މި ތިއްބެވީ 16 ބޭފުޅުން. މިއިން ކޮންމެ ބޭފުޅަކު އެވްރެޖްކޮށް 76 މައްސަލަ ބައްލަވަން އެބަޖެހޭ. އަދި ބައެއް ބޭފުޅުން 100 އަށްވުރެ ގިނަ މައްސަލަ އެބަ ބައްލަވާ.


މި ދާއިރާގެ ފަންނީ ބޭފުޅުން މަދުވުމަކީވެސް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގޯނާގެ މައްސަލަތައް ޙައްލުކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އެހެންކަމުން، މިފަދަ މައްސަލަތައް ޙައްލުކުރުމުގައިވެސް، އިޖުތިމާޢީ ދާއިރާތަކުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް.


އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދައުލަތް ހިންގުމަކީ ނުވަތަ ސަރުކާރެއް ހިންގުމަކީ، ހަމައެކަނި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބަޔަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން މިއަދަކު. ދައުލަތް ހިންގުމުގެ މަފްހޫމް އެއަށްވުރެ މިހާރު މާ ފުޅާވެއްޖެ. އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަކީވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި މިހާރު ހިމެނޭ އެއްބައި.


އެހެންކަމުން، ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތައް ކަމަށްވިޔަސް، އަދި އެ ނޫނަސް ދައުލަތުގެ ފެންވަރުގައި ޙައްލު ހޯދަންޖެހޭ މައްސަލައެއް ކަމަށްވާނަމަ، އެކަންކަން ޙައްލުކުރުމުގައި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައިވެރިވުން، ކޮންމެ ސަރުކާރަކަށްވެސް ބޭނުންވާނެ. އަޅުގަނޑުމެންނަށްވެސް ބޭނުންވޭ.


މިފަދަ މައްސަލަތައް ޙައްލުކުރެވޭނީ ނުވަތަ މަދުކުރެވޭނީވެސް، އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ދައުރު ފުޅާކޮށްގެން. އެކަންކަމުގައި ޚިޔާލު ފާޅުކޮށް ބަސްބުނެގެން. ގޮތް ނިންމުމުގައިވެސް ބައިވެރިވެގެން. އަޅުގަނޑުމެންގެ ސަރުކާރުގައި އެ ފުރުޞަތު ހުޅުވިފައި އޮންނާނެ. އަދި އެކަމަށް އަޅުގަނޑު މަރުޙަބާވެސް ކިޔަން.


ކުރިންވެސް ދެންނެވި ފަދައިން، ކުޑަކުދިންނަށް މެދުވެރިވާ މައްސަލަތައް ޙައްލުކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. މުޅި ނިޒާމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. އެކަން ފާހަގަކުރެވި، އެކަމަށް ހައްލު ހޯދަން މި އަންނަނީ މަސައްކަތް ކުރަމުން. އެންމެ ފުރަތަމަ ކަމަކީ، މުޅި މައްސަލަ މޫ ލާފައި ހުރި، ފުންމިން ބަލައި ދެނެގަތުން.


އެ ބޭނުމުގައި، މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައި އަޅުގަނޑު ވާނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް، ޚާއްޞަ ކޮމިޝަނެއް އުފައްދާފައި. އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ފަރާތުން އެކަންކަމާ ޙަވާލުވެ ތިއްބަވާ ބޭފުޅުން ޢަމަލުކުރައްވާފައިވާ ގޮތާއި، މިހާރުގެ ހާލަތު ދެނެގަތުން.


އޭގެ އިތުރުން، ކުޑަކުދިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަންތަނާއި، ވަގުތުތަކާއި، ޙާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ ޢުމުރާއި، އިޤްޠިޞާދީ އަދި އިޖުތިމާޢީ ޙާލަތު ދެނެގަތުމަކީވެސް، އެ ކޮމިޝަނުން ކުރާނެ ކަމެއް. ކުޑަކުދިން ކުށްކުރުމަށް ނުވަތަ އަނިޔާ ލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާ ލިބުނު ކުދިންގެ މިހާރުގެ ޙާލަތުވެސް އެ ކޮމިޝަނުން ދެނެގަންނާނެ.


ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދޭންޖެހޭ ދައުލަތުގެ މުއައްސަސާތަކުން، ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނީ، މި ހުރިހާ ޙަޤީޤަތްތަކެއް ރަނގަޅަށް ދެނެގަނެވިގެން.


އަދި، ކުޑަކުދީންނަށް އަޅާނުލައި، އެ ކުދިންނާމެދު އިހުމާލުވާ، އަދި އިހާނެތިކޮށްހިތާ މީހުންނާއި، އެ ކުދިންނަށް ގޯނާކުރާ މީހުންނާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ މީހުންނާމެދު ފިޔަވަޅުއެޅޭނީވެސް މިކަންކަން ދެނެގަނެވިގެން.


ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، އެ ކޮމިޝަންގެ މައިގަނޑު މަސައްކަތަކަށް މިއޮތީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެހެނިހެން ޤަވާޢިދުތަކުގެ ދަށުން، ޖިނާއީ ދަޢުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެކަމުގެ ފުރިހަމަ ދިރާސާއެއް ކުރުން.


އެތައް އަހަރެއް ވަންދެން، ފާސްނުކޮށް އޮތް، "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު"، މިދިޔަ އަހަރުގެ ތެރޭގައި ތަޞްދީޤުކޮށް، މިދިޔަ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައި. މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެން.


އޭގެ އިތުރުން، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީޑޯ)ގެ 16 ވަނަ މާއްދާއަށް، ދިވެހި ދައުލަތުގެ ފަރާތުން މީގެ ކުރިން ކޮށްފައި ހުރި ބައެއް އިޢުތިރާޟްތައް، މިދިޔަ މަހުގެ ތެރޭގައި އަޅުގަނޑުމެން ވާނީ އަނބުރާ ނަގާފައި. މިއީ ކުޑަކުދިންގެ ޙައްޤުތަކާވެސް ގުޅިފައިވާ މުޢާހަދާއެއް.


މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ތަޞްދީޤުކުރި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީވެސް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވާނެ. މިއަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހު އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްޓަކައި، ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި.


އެކަމުގައި މިހާރެކޭވެސް އެއްގޮތަށް، އަދި އެއަށްވުރެވެސް ފުޅާ ދާއިރާއެއްގައި، މިފަދަ ޖަމުޢިއްޔާތަކުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑު އުންމީދުކުރަނީ، ކުޑަކުދިންގެ ޙައްޤުތަކުގެ ދިފާޢުގައި އާރކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަވަހަށް ފެނިގެން ދިޔުން.


އަޅުގަނޑުގެ ދުޢާއަކީ، ކޮންމެ ކުއްޖަކީ ރައްކާތެރިކަމާއި އުފާވެރިކަމުގައި ދިރިއުޅޭ، ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ، ޤައުމަށް ބޭނުންތެރި، ތަޢުލީމީ ކުއްޖެއް ކަމުގައި ހެދުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލެއްވުން. އާރކްއަށާއި، ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.