بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޙަސަން މުޣުނީއަށާއި، އެ ކުންފުނީގެ އިސް ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ދަންނަވަން. އަދި މި ޚިދުމަތުގެ އެންމެ މުހިންމު ޙިއްޞާދާރުން ކަމަށްވާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް މަރުޙަބާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން.
މިހާ ދިގު މުއްދަތެއް ވަންދެން، އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ވަރަށް ބުރަ އަދި ގޮންޖެހުންތައް ބޮޑު ކަމެއް. މިހާ ހިސާބަށް މި ޚިދުމަތް ތަރައްޤީވެގެން އައީވެސް، ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ، ބުރަ މަސައްކަތްތަކެއްގެ ސަބަބުން. މީގެ އިރުކޮޅެއް ކުރިން އަގު ވަޒަންކުރެވިގެން އެދިޔައީ، އެފަދަ ބައެއް ބޭފުޅުން ކުރެއްވި ވަރަށް މުހިންމު ޚިދުމަތްތަކެއް.
އެހެންކަމުން، ސްޓެލްކޯއަށް ނުވަތަ އިންޖީނުގެއަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިގެން، ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ޙާޞިލް ކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު އާދަމަށާއި، ޢަބްދުއްޝަކޫރަށް އަދި މުޙައްމަދު ރަޝީދަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.
އަދި އެކި މުއްދަތުގައި ސްޓެލްކޯގައި ޚިދުމަތް ކުރައްވައިގެން، އެވޯޑް ޙާޞިލް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާ ދަންނަވަން. ތިޔަބޭފުޅުން ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް، ދިވެހި ރައްޔިތުން ހެޔޮ ހިތުން ގަބޫލުކުރާނެ. އަދި ބަލައިގަންނާނެ.
1949 ވަނަ އަހަރު، ދައުލަތުގެ ފަރާތުން މާލެއަށް ކަރަންޓުގެ ޚިދުމަތް ތަޢާރަފްކުރީއްސުރެ، މިއަދާ ހަމައަށްވެސް ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރަޔަކަށް ނުވާނެގޮތަށް، އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދިނުން. އަޅުގަނޑުމެންގެ އަމާޒަކީވެސް ކަރަންޓުގެ ޚިދުމަތް ހޯދުމަށްޓަކައި، ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުން.
އެހެން ނަމަވެސް، މިކަމުގައި ފަރުދީ ޒިންމާވެސް ވަރަށް ބޮޑު. ޚާއްޞަކޮށް، ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ، ހޫނު ގަދަވުމުގެ ސަބަބުން، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓު ބިލު ބޮޑުވާ ދުވަސްކޮޅެއް. އޭގެ ސަބަބުން، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަތައްވެސް ބައެއްފަހަރު ދިމާވޭ.
ސްޓެލްކޯއިން މިހާރު ހިންގާ 35 އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދިނުމަށް، މަހެއްގެ މައްޗަށް 12 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންވޭ. އެއީ މަހަކު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ. އަދި ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރަށް، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުން، އިންޖީނުތައް ހިންގަން ބޭނުންވާ ޑީސަލާއި، ޑީސަލަށް ކުރާ ހޭދަ 9 ޕަސެންޓް އިތުރުވެގެންދޭ.
އެހެންކަމުން، ކަރަންޓް އިސްރާފުވާ މިންވަރު ކުޑަކުރުމަށް، ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް، ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ކުރަންޖެހޭ ކަންކަން، ސްޓެލްކޯގެ ފަރާތުން ޢާންމު ރައްޔިތުންގެ ސަމާލުކަމަށް އަބަދުވެސް ގެންނަވާ. އެކަންކަން އެގޮތުގައި ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް.
އަޅުގަނޑުމެން ދައުލަތް ހިންގުމާ ޙަވާލުވިއިރު، ކަރަންޓުގެ ޚިދުމަތަށް އަގު ނެގުމުގައިވެސް، މާލެއާއި އެހެން ރަށްރަށާ ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް ހުރި. އެ ތަފާތުތައް ނައްތާލައި، ރާއްޖޭގެ ހުރިހާ ގޭބިސީތަކުން ކަރަންޓަށް ނަގާ އަގު، މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ އެއްހަމަކޮށްފައި. އަދި އަތޮޅުތަކުގެ ވިޔަފާރިތަކުން ކަރަންޓަށް ނަގާ އަގުވެސް ވާނީ އެއްހަމަކޮށްފައި.
އޭގެ އިތުރުން، މި ސަރުކާރުން އިސްކަން ދޭ އަނެއް ކަމަކީ، ކަރަންޓުގެ ޚިދުމަތް ދިނުމުގައި، ތިމާވެށްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް އިސްކަން ދިނުން. އާދެ! ތިމާވެށްޓާ ރަޙްމަތްތެރި ގޮތަށް ކަރަންޓުގެ ޚިދުމަތް ދިނުން. ތިމާވެށީގެ މައްސަލައަކީ، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ތަޢާރަފްވެގެން އައިއިރު، އޮތް މައްސަލައެއް ނޫން.
ނަމަވެސް މިއަދު ތަރައްޤީގެ މަގުގައި، އެންމެ ފިޔަވަޅެއް އެޅިޔަސް، އެކަމުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމަކާމެދު ފުންކޮށް ވިސްނަންޖެހޭ. އަޅުގަނޑުމެންގެ އަސާސީ ބޭނުމެއް ފުއްދިކަމުގައިވިޔަސް، ވަށައިގެންވާ މާޙައުލަށް ކުރާނެ އަސަރުތަކާމެދު، ވަރަށް ބޮޑަށް ވިސްނާފައި ނޫނީ އެކަމެއް ކުރެވޭކަށް ނެތް.
ކަރަންޓުގެ ޚިދުމަތާއި ތިމާވެށްޓާ ގުޅިގެން ދަނީ، ކަރަންޓު އުފެއްދުމުގައި ޖަނަރޭޓަރު ހިންގަން ޖެހެނީ ތެޔޮ އަޅައިގެން ކަމަށްވާތީ. ޖަރަނޭޓަރުތަކާއި އިންޖީނުތަކުން ބޭރުކުރާ ދުމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން މައްޗަށްގޮސް، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ.
އެފަދަ ބަދަލުތަކުގެ ގެއްލުން، މި އަހަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަ ތަޖުރިބާ ކުރެވޭ. މި އަހަރުގެ އިރުވައި މޫސުމުގައި، ރަށްރަށަށް އުދަ އަރައި، ގޮނޑުދޮށްތައް ގިރަމުން އެދަނީ، މިދިޔަ އަހަރުތަކުގައި އެކަން ކުރިމަތިނުވާހާ ބޮޑަށް. އެހެންވީމާ، ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވެން ހުރި ކަންކަމަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ.
ކަރަންޓުގެ ޚިދުމަތް ދިނުމުގައިވެސް، ސަރުކާރުން މިހާރު އިސްކަން ދީފައިވަނީ، ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލް އަންދަންޖެހޭ މިންވަރު މަދުކުރުމަށް. އެކަން ކުރެވެން އޮތީ، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން. ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ އިޢާދަކުރަނިވި ހަކަތައަކަށް މިއޮތީ، އަވިން އުފައްދާ ހަކަތަ އެކަނި.
އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށްޓަކައި، ސަރުކާރުން މިހާރު މިގެންދަނީ، އަވިން ކަރަންޓް އުފައްދާ ނިޒާމުތައް، މާލެއާއި އެހެން ރަށްރަށުގައި އިތުރުކުރަމުން. މިދިޔަ އަހަރުގެ ތެރޭގައިވެސް، އަވިން ކަރަންޓް އުފައްދާ ނިޒާމުތައް، 40 ރަށެއްގައި ޤާއިމުކުރެވިއްޖެ. އެ ނިޒާމުތަކުން 5.2 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ.
މިނިޒާމުތައް ޤާއިމުކުރުމުން، ރާއްޖޭގެ ކަރަންޓް ވިއުގައިގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރު ވަނީ، 21.5 މެގަވޮޓަށް އިތުރުކުރެވިފައި. އާދެ، މިހާރު މުޅި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ، 7.5 އިންސައްތައަކީ އަވިން އުފައްދާ ކަރަންޓް. އިތުރު 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް، އިތުރު ރަށްރަށުގައި މި އަހަރުގެ ތެރޭގައި ސޯލާ ޕެނަލްތައް ހަރުކުރެވޭނެ.
ސްޓެލްކޯގެ ޚިދުމަތަށް ބަލާއިރު، މި ކުންފުނިން ރާއްޖޭގެ 35 ރަށެއްގައި މިހާރު ކަރަންޓުގެ ޚިދުމަތް އެބަދޭ. އެއީ ގާތްގަނޑަކަށް 182 މެގަވޮޓްގެ ކަރަންޓް. އޭގެ ތެރެއިން، 3.14 މެގަވޮޓަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް.
އަވިން އުފައްދާ ކޮންމެ 3.3 ކިލޯވޮޓްއަވަރ ޔުނިޓަކުން، ޑީސަލް ލީޓަރެއް އެބަ ސަލާމަތްކުރެވޭ. ސްޓެލްކޯގެ ކަރަންޓް ވިއުގައިގެ ތެރޭގައި މިހާރު، 3.14 މެގަވޮޓްގެ ސޯލާ ހަރުކުރެވިފައިވާތީ، އެވްރެޖްކޮށް، ދުވާލަކަށް 3800 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ.
އެ ނިސްބަތުން ބަލާނަމަ، މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ. އިޢާދަކުރަނިވި ހަކަތަ އުފައްދާ ހަމައެކަނި ވަސީލަތަކީ އިރުގެ އަތްވެއް ނޫން. ބައެއް ޤައުމުތަކުގައި މިހާރުވެސް ވައިންނާއި އޮއިވަރުންވެސް ކަރަންޓް އެބަ އުފައްދާ. ރާއްޖޭގައި އެ ވަސީލަތްތަކުން ކަރަންޓް އުފެއްދުމުގެ ފުރުޞަތު އޮތީ ކިހާވަރަކަށްތޯ ބެލުމަކީ، އިޢާދަކުރަނިވި ހަކަތައަށް އިސްކަންދޭން ވިސްނާއިރު، މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.
އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ، ފަސް އަހަރުގެ ޕްލޭނެއް ސްޓެލްކޯއިން މިހާރު ވަނީ އެކުލަވައިލާފައި. އެ ޕްލޭން ފުރިހަމަވެގެންދާއިރު، ކަރަންޓް އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ. އޭރުން ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާވެސް އިތުރުވެގެންދާނެ.
މިހާރު ވަރަށް ގިނަ ޤައުމުތައް އެދަނީ އިޢާދަކުރަނިވި ހަކަތައަށް ހިޖުރަކުރަމުން. ކޮންމެ ޤައުމަކުންވެސް މަސައްކަތް ކުރަނީ، ކަރަންޓް އުފެއްދުމަށް ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް. މިކަމުގައި ކޮންމެ ޤައުމެއްގެވެސް އޮތީ އެންމެ ބޭނުމެއް. އެއީ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކޮށް، ދުނިޔޭގެ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުން.
އަޅުގަނޑަށް އެނގިފައި އޮތްގޮތުންވިއްޔާ، ކުރިއަށް މި އޮތް އަހަރުތަކުގައި ސްޓެލްކޯގެ ޚިދުމަތްތައް ފުޅާވެގެންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭނީ، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް. އެގޮތުން، ގްރޭޓަރ މާލޭ ސަރަޙައްދުގައި، ސޯލާ ސެންޓަރެއް ޤާއިމުކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ވަނީ ރާވާފައި.
މި ހުރިހާ ކަމެއްވެސް މިކުރަނީ ހަމަ އެންމެ ބޭނުމެއްގައި. އެއީ، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް. މިކަމުގައި ރާއްޖޭގެ ފެންވަރުގައި ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި. ސްޓެލްކޯއިން މިރޭ އިފްތިތާޙުކުރި "ފެހި ދިރިއުޅުން" މަޝްރޫޢަކީ، އަޅުގަނޑު ޤަބޫލުކުރާގޮތުގައި، އެފަދަ ކިތަންމެ ކަމެއް ހިމެނޭ، ވަރަށް މުހިންމު މަޝްރޫޢެއް.
ފެހި ދިރިއުޅުމުގެ އަސާސަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނުން. އޭގެ ބަދަލުގައި ބިއްލޫރިފުޅި އާއި، މަޢުދަނީ ފުޅި ބޭނުންކުރަން ފެށުން. އަދި ގިނަ ދުވަހު ބޭނުންކުރެވޭ ޒާތުގެ ފޮތި ކޮތަޅާއި، ކަރުދާސް ކޮތަޅު ބޭނުންކުރަން ފެށުން.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއީ، ހަމައެކަނި އޮފީސްތަކާއި، ކުންފުނިތަކާއި، ސްކޫލް މާޙައުލުގައި އާލާކުރަންވީ އާދަތަކެއް ނޫން. އަޅުގަނޑުމެންގެ ކޮންމެ ގޭބިސީއެއްގައިވެސް، މި މަގަށް ކަންކަން ބަދަލުކުރުމުގެ ވަގުތު މިއޮތީ ޖެހިފައި. ތިޔަބޭފުޅުންގެ އަމާޒަކަށް ދެން ހައްދަވަންވީ، ތިޔަބޭފުޅުން ދިރިއުޅުއްވާ ގެވެސް، ފެހި ދިރިއުޅުމަކަށް ބަދަލުކުރެއްވުން.
ޕްލާސްޓިކްގެ ނުރައްކަލުން އަޅުގަނޑުމެންގެ ވެށި ރައްކާތެރިކުރެވޭނީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން. އަޅުގަނޑުމެންގެ ކަނޑުތަކަށާއި ފަރުތަކަށް ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅި އެޅުން ހުއްޓޭނީ، އަޅުގަނޑުމެންގެ ދިރިއުޅުމުން ޕްލާސްޓިކް ބޭރުކޮށްގެން.
ސަރުކާރުން މިހާރު ނިންމާފައިވަނީ، ރާއްޖެއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންނުކުރާ ޤައުމެއްގެ ގޮތުގައި، 2023 ވަނަ އަހަރުގެ ތެރޭގައި ކަނޑައެޅުމަށް. އެ އަމާޒަށް ވާސިލުވުމަށްޓަކައި، ޤާނޫނީ ގޮތުންނާއި، އިދާރީގޮތުން ކުރަންޖެހޭ ކަންކަން، އަދި ރައްޔިތުންގެ މަޝްވަރާއާ އެކުގައި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން މިހާރު އެ އަންނަނީ ހަމަޖައްސަމުން.
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި ފާގަތި ކުރިމަގެއް ހޯދައިދިނުމަށް، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ނުވާނޭގޮތަށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.