بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، ދެންމެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު މި ބައްދަލުކޮށްލާ ބައްދަލުކޮށްލުމަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށްބޮޑު މަސައްކަތެއް ތިޔަބޭފުޅުން ކޮށްދެއްވައި ނިންމަވާފައިވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވައިލުމުގެގޮތުން ބާއްވާ ބައްދަލުވުމެއް.

އާދެ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވީ.އެޗް.އެފް. ޓީ.ވީ، ޓްރާންސްމީޓަރު ބެހެއްޓުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުންނާ މިއަދު އަޅުގަނޑު މި ބައްދަލުކޮށްލާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބޭ ބައްދަލުކޮށްލުމެއް. މީގެކުރިން ޓީވީ ޓްރާންސްމީޓަރ ބެހެއްޓިފައިނުވާ ސާދަ އަތޮޅެއްގައި މިހާރު މިވަނީ ޓްރާންސްމީޓަރ ބަހައްޓައި ނިމިފައި. އަދި ޓީވީ މޯލްޑިވްސްގެ ޚިދުމަތް ރާއްޖޭގެ އަތޮޅުތަކަށް ފުޅާކޮށް، ހުރިހާ އަތޮޅުތަކުގެ ރައްޔިތުންނަށް އެ ޚިދުމަތް ލިބޭނޭ މަގު ތަނަވަސްކޮށްދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން އައިސްފައިވާ ކަމަކަށްވާތީ، މިހާރު މިވަނީ އެކަންވެސް އިރާދަކުރެއްވިއްޔާ ކޮށް ނިމިފައި.

އާދެ، ރާއްޖޭގެ ސާދަ އަތޮޅެއްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވީ.އެޗް.އެފް. ޓްރާންސްމީޓަރު ބެހެއްޓުމަކީ، ވަރަށް ބުރަ މަސައްކަތެއް. އެއީ ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ވަރަށްގިނަ ކަންތައްތަކެއް ހިމެނިގެންވާ، ވަރަށް ތަފާތު ދަތިތަކާ ކުރިމަތިލާންޖެހޭ ކަހަލަ މަސައްކަތެއް. އެހެންނަމަވެސް، މި މަސައްކަތް މިހާ ކާމިޔާބުގޮތެއްގައި މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވިފައި މިވަނީ، ތިޔަބޭފުޅުން އެކަމަށް ބެހެއްޓެވި ޝައުޤުވެރިކަމުގެ ބޮޑުކަމުން. ތިޔަބޭފުޅުން އެކަމަށް ދެއްވި ސަމާލުކަމާއި، އަހަންމިއްޔަތުގެ ބޮޑުކަމުން. ތިޔަބޭފުޅުން އެ މަސައްކަތުގައި ހިމެނިގެންދިޔަ އިޚްލާޞްތެރިކަމުގެ ބޮޑުކަމުން.

އެހެންވީމާ، އެ ސަބަބަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ޝުކުރު ދެންނެވުމަށް މި ފުރުޞަތުގެ ބޭނުންކުރަން. ޚާއްޞަކޮށް، މިކަމުގައި އިސްވެ އުޅުއްވި ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އޭގެތެރޭގައި މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮމަންޓް އަލްފާޟިލް އިބްރާހީމް ރަފީޤު، ޓީ.ވީ މޯލްޑިވްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަލީ ޚާލިދު، ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ބަދުރުއްނަޞީރު، އަދި ޓީ.ވީ މޯލްޑިވްސްގެ އެންޖިނިއަރ އަލްފާޟިލް އަޙްމަދު ނަދީމް، އިންފޮމޭޝަން މިނިސްޓްރީގެ ސީނިއަރ ޕަބްލިކޭޝަން ކޯޑިނޭޓަރ އަލްފާޟިލް އަޙްމަދު ޝިޔާމް، ތިޔަ ހުރިހާ ބޭފުޅުން ކޮށްދެއްވި މަސައްކަތްފުޅުތަކަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ޓާސްކްފޯހުގެ ހުރިހާ މެންބަރުންނާއި، މިކަމުގައި ޢަމަލީގޮތުން އުޅުއްވި ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގެ ޓީމުތަކުގެ ހުރިހާ ބޭފުޅުންނާއި، ސާދަ އަތޮޅުގެ އަތޮޅުވެރިންނާއި، އަތޮޅުއޮފީހުގެ ވެރިންނާއި، ރަށު އޮފީސްތަކުގެ ވެރިންނާ، މި ހުރިހާ ބޭފުޅުން ކޮށްދެއްވި ޚިދުމަތުގެ އަގު އަޅުގަނޑު ވަޒަންކުރަން. ހަމައެހެންމެ، މި އަތޮޅުތަކުގެ ރައްޔިތުން ހިލޭސާބަހަށް ކޮށްދެއްވި ޚިދުމަތަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ ޚަބަރާއި މަޢުލޫމާތު ފަތުރާ ވަސީލަތްތަކުގެ ދައުރު ފުޅާކޮށް ހަރުދަނާ ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. އަޅުގަނޑު މިހާރު އިޢުލާނު ކޮށްފައިވާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމުގެ ތެރޭގައިވެސް އެ ޕްރޮގްރާމުގެ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކޮށް މިނިވަންކުރުން ހިމެނިފައިވާނެ. ހަމައެހެންމެ، އަޅުގަނޑު މިހާރު އިޢުލާނުކޮށްފައި މިވާ މަގުޗާޓުގައިވެސް މިކަމަށް ޚާއްޞަ އަހަންމިއްޔަތެއް ދީފައިވާނެ.

ނޫސްވެރިކަމުގެ ދާއިރާ މިހާރު މިވަނީ ވަރަށްބޮޑަށް މިނިވަން ކުރެވިފައި. ވަރަށްބޮޑަށް ފުޅާވެފައި. ވަރަށްބޮޑަށް ހުޅުވައިލެވިފައި. މީޑިޔާއަށް މި އަންނަ ބަދަލުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެއް. ޤައުމާއި ރައްޔިތުންގެ ލާބަޔަށްޓަކައި އަދި ޤައުމާއި ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ޒިންމާދާރު ގޮތެއްގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ ބޭނުން ހިފުމަކީ އަޅުގަނޑު ހިތުން ދިވެހި ރައްޔިތުން ވަރަށްބޮޑަށް އެދިއެދި ތިބި ކަމެއް. އަދި އެއީ މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް.

ކޮންމެ މިނިވަންކަމަކީވެސް އެ މިނިވަންކަމަކާ ގުޅިފައިވާ ޙައްޤުތަކާއި ވާޖިބުތަކެއް އެކުލެވިފައިވާ މިނިވަންކަމެއް. ދުނިޔޭގައި އެއްވެސް މިނިވަންކަމެއް އެއީ ހުދޫދެއްނެތި އޮތް މިނިވަންކަމެއްގެ ގޮތަކު ނޯންނާނެ. އެއީ ތިޔަބޭފުޅުން ބައްލަވައިލެއްވި ކޮންމެ ދިމާޔަކުންވެސް އެނގިވަޑައިގަންނަވާނެ ކަމެއް.

މިނިވަންކަމަކީ މަސްއޫލިއްޔަތެއް. މިނިވަންކަމަކީ ޒިންމާދާރުވުމެއް. މިނިވަންކަމަކީ އަމާނާތެއް. މިނިވަންކަމަކީ ވަރަށް ބާރުގަދަ ހަތިޔާރެއް. މިނިވަންކަމަކީ ވަރަށް މުހިންމު ވަސީލަތެއް. މި ބާރުގަދަ ހަތިޔާރުގެ ބޭނުން، މި މުހިންމު ވަސީލަތުގެ ބޭނުން ކުރެވެންވާނީ، ރައްޔިތުންގެ ފައިދާއަށްޓަކައި، ޤައުމުގެ މަސްލަޙަތަށްޓަކައި. ވަކިބައެއްގެ ވަކި ޖަމާޢަތެއްގެ ފައިދާއަކަށް ނޫން.

ޚަބަރުފަތުރާ ވަސީލަތްތަކަކީ، ރައްޔިތުންގެ ޝުޢޫރުތައް ހާމަކުރެވޭ ވަސީލަތްތަކެއް. ރައްޔިތުންގެ ޚިޔާލުތައް ފާޅުކުރެވޭ ވަސީލަތްތަކެއް. ޤައުމުގެ ތަރައްޤީ ދައްކައިދޭ މޫނުބަލާ ލޯގަނޑެއް. އެހެންވީމާ، މިކަންކަމަކީ ޚަބަރުފަތުރާ ވަސީލަތްތަކުގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ވަރަށްބޮޑަށް ވިސްނާވަޑައިގަންނަވަންޖެހޭނެ ކަމެއް. ތިމާޔަށް ލިބިފައިވާ ހަތިޔާރެއްގެ ބޭނުން ހެޔޮގޮތުގައި ކޮށްފިއްޔާ، އޭގެ ސަބަބުން ތިމާޔަށް ކުރާނެ ފައިދާތައް ވަރަށް ގިނަވާނެ. ތިމާގެ މުޖުތަމަޢަށާއި، ޤައުމަށް ކުރާނެ މަންފާއާއި ލާބަވެސް ވަރަށް ބޮޑުވާނެ. އެހެންނަމަވެސް، ތިމާގެ އަތުގައިވާ ހަތިޔާރަކީ އެނޫން ގޮތަކަށް ބޭނުންކޮށްފި ހަތިޔާރެއް ކަމުގައިވަނީނަމަ، އޭގެ ސަބަބުން ތިމާއަށާއި، ތިމާ ދިރިއުޅޭ ޖަމާޢަތަށާއި، ޤައުމަށް ލިބޭނެ ގެއްލުންތަކަކީ އަޅުގަނޑުމެން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއްނޫން.

އެހެންވީމާ، ޚަބަރުފަތުރާ ވަސީލަތްތަކުގެ މުހިންމުކަމުގެ ބޮޑުކަމާއެކީގައި އަޅުގަނޑު ހިތަށްއެރީ، މިހާރު އެ ދީފައިވާ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް އެ ވަސީލަތްތަކުގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރުމަކީ މިއަދު އަޅުގަނޑު މިހުރި މަޤާމުގެގޮތުން އަޅުގަނޑު ކުރަންޖެހޭނެ ކަމެކޭ. އަޅުގަނޑުގެ ވާޖިބެކޭ. އަޅުގަނޑު މިހުރީ އެ ވާޖިބު އަދާކުރުމަށް ރައްޔިތުން ހޮވާފައި. ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި. މަސައްކަތް ކުރުމުގެ ބުރަ މަސްއޫލިއްޔަތު ދިވެހި ރައްޔިތުންވަނީ އަޅުގަނޑުގެ ކޮނޑުގައި އަޅުއްވާފައި. އެހެންވީމާ، އެ މަސްއޫލިއްޔަތު މާތްﷲ ގެ ވާގިފުޅާއެކީގައި ފުރިހަމައަށް އަދާކުރެވޭތޯ ބެލުމަކީ އަޅުގަނޑުގެ ވާޖިބެއް. އެ ވާޖިބު އަދާކުރުމުގެ ގޮތުން މި ވާހަކަ އަޅުގަނޑު މިއަދު މި ދަންނަވާލީ.

އާދެ، އަދިވެސް އެއްފަހަރު، ތިޔަބޭފުޅުން ވަރަށް ކުރު މުއްދަތެއްގައި ތެރޭގައި ތިޔަ ކޮށްދެއްވި ބުރަ މަސައްކަތްތަކަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ތިޔަ ކުރެއްވި މަސައްކަތަކީ ހަމައެކަނި ދުނިޔޭގެ ތަށްޓަށް ކުޅެވޭ މުބާރާތުގެ މެޗުތައް ރައްޔިތުންނަށް ފަސޭހަގޮތެއްގައި ބަލައިލުމަށްޓަކައި ކޮށްދެއްވި މަސައްކަތެއް ނޫން. އެކަން އޮތީ އެހެންކަމަށްވިޔަސް، އޭގެއިތުރުން، އޭގެ ފަހަތުގައި އެއަށްވުރެން މާބޮޑެތި މަޤްޞަދުތަކެއް އެކުލެވިގެންވޭ. އާދެ، އެއީ ރައްޔިތުންނާއި ސަރުކާރާ ގާތްކުރުން. ސަރުކާރުގެ މަޢުލޫމާތު ރައްޔިތުންނަށް ރަނގަޅަށް އަންގައިދިނުން. ރައްޔިތުންގެ މަޢުލޫމާތާއި، ޚިޔާލާއި، ޝުޢޫރު، ސަރުކާރަށް ހާމަކޮށްދިނުން. މި ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކޮށް، ސަރުކާރަކީ އަބަދުވެސް ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާޔާ އެކީގައި ރައްޔިތުން އެދޭގޮތަށް ކަންތައްތައް ބައްޓަންކޮށް، ކަންތައްތައް ހިންގަމުން ގެންދާ ތަނަކަށްވުމުގެ މުހިންމުކަން ބޮޑުކަމުން. އެހެންވީމާ، މި މުހިންމު މަސްއޫލިއްޔަތު އަދާކުރުމުގައި އަޅުގަނޑަށް ހީވަނީ މިހާރު މި ފެށުނު އާ މަރުޙަލާ ވަރަށްބޮޑަށް އެކަމަށް މަގުފަހިކޮށްދޭނެހެން.

އާދެ، ދުނިޔޭގެ ތައްޓަށް ކުޅެވޭ މުބާރާތުގެ މެޗުތައް ބެލުމުގެ ޝައުޤުވެރިކަން، ރައްޔިތުންގެ ހިތުގައި ވަރަށްބޮޑަށް އުފެދިފައިވުމާއެކީގައި، މި ފުރުޞަތަކީ އެކަމަށްވެސް ހުޅުވައިލެވުނު ވަރަށް ޚާއްޞަ، ވަރަށް މުހިންމު ފުރުޞަތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ، މިނިސްޓަރު ތިޔަ ކޮށްދެއްވި މަސައްކަތްތަކާއި، އަދި މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކޮށްދެއްވި މަސައްކަތްތަކަކީ އެކަމަށްޓަކައި ދިވެހި ރައްޔިތުން ތިޔަބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރުވެރިވާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ ކަންކަމުގައި އެކޮޅު މިކޮޅު ބަލައި، އެންމެ ފައިދާހުރި މަޞްލަޙަތުހުރި، އެންމެ މަންފާކުރަނިވި ގޮތެއްގެމަތިން ހުރިހާ ކަމެއްވެސް ކުރަމުންގެންދާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަށް ދެއްވާފައިވާ ވިސްނުމުގެ ބޭނުމާއި، ދުލުގެ ބޭނުމާއި، ގަލަމުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކު ކަމުގައި އެކަލާނގެ އަޅުގަނޑުމެން ލެއްވުން. އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި، ރާއްޖޭގެ އަމަންއަމަންކަމާއި، މަޞްލަޙަތު ދެމެހެއްޓުމަށް މި ކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.