بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، سيّدنا محـمَّدٍ وعلـى آلـه وأصـحابه أجمـعـين.

އާދެ، މިއަދަކީ ސުނާމީ ކާރިސާއަށްފަހު ޤައުމު އަލުން ބިނާކުރުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އާ މަޝްރޫޢެއްގެ މަސައްކަތް ފެށޭ ދުވަހެއް. އާދެ، މަޝްރޫޢެއް އިފުތިތާޙް ކުރެވޭ ދުވަހެއް. އާދެ، ސުނާމީ ކާރިސާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކޮޅުމަޑުލު ވިލުފުށި އަލުން ބިނާކުރުމުގެ މަޝްރޫޢެއް އިފްތިތާޙު ކުރެވޭ ދުވަހެއް.

އަޅުގަނޑު މިއަދު ވިލުފުށްޓަށް އައުމުން، ވިލުފުށީ ލޮބުވެތި ރައްޔިތުންނާއި ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު، ވަރަށް އިޚްލާޞްތެރި މަރުޙަބާޔަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އަދި ދެންމެ ވިލުފުށީ ކުޑަކުދިން އެ ހުށަހެޅި ޝުޢޫރަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރި، ވަރަށް އިޚްލާޞްތެރި އަދި އެމީހުންގެ ހިތްތަކުގައިވާ އުންމީދުތައް ހާމަކޮށްދޭ ޝުޢޫރެއް. ވިލުފުށީ ކުޑަކުދިން އެ ހުށަހެޅި ޝުޢޫރުގައި ހިމެނިފައި އެވަނީ ސުނާމީ ކާރިސާއިން އެމީހުންނަށް ކުރި އަސަރު. އެމީހުންގެ މައިންބަފައިންނަށާއި، ޢާއިލާތަކަށް ލިބުނު ބޮޑެތި ގެއްލުންތައް. މުޅި ރަށަށް ވެގެންދިޔަގޮތް. ހަމައެއާއެކީގައި، އެމީހުންގެ ހިތްތަކުގައި މިހާރު އޮތް އުންމީދު. އެމީހުން ދެކޭގޮތުގައި ވިލުފުށްޓަކީ ދިވެހި ސަރުކާރާއި އަދި ބޭރުގެ ފަރާތްތަކުގެ އެހީގައި އަލުން އާރާސްތު ކުރެވިގެން ރައްޔިތުން ދިރިއުޅޭ ހިތްގައިމު، އުފާވެރި ރަށަކަށް ވާނެކަމުގެ އުންމީދު.

ޝައްކެއްނެތް. މި ޝުޢޫރުތަކުގައި، އަޅުގަނޑުމެން އެންމެންވެސް ބައިވެރިވަމު. އާދެ، އެ ކުދިން އެ ހުށަހެޅި ޝުޢޫރުތަކަށް އެ ކުދިންނަށް ޝުކުރު އަދާކުރުމާއެކު، ވިލުފުށީގެ ހުރިހާ ކުޑަކުދިންނަށް ހިތުގެ އިޚްލާޞްތެރި ލޯތްބާއެކީގައި އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން. އަދި ވިލުފުށީ ކުޑަކުދިން މެދުވެރިކުރައްވައި ވިލުފުށީ ރައްޔިތުން އަޅުގަނޑަށް ތިޔަ ދެއްވި ހަނދާނީ ފިލަޔަށްޓަކައި ވިލުފުށީ ރައްޔިތުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ އެންމެންނަށްވެސް އެނގޭނެ ފަދައިން، އަދި މިތާނގައި ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވި ފަދައިން، ވިލުފުށްޓަކީ، ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށް. މި ކާރިސާގައި ވިލުފުށީ ރައްޔިތުންނަށް ވަނީ ވަރަށް ހިތާމަވެރި ދެރަ ގޮތްތަކެއް ދިމާވެފައި. ވިލުފުށީ ލޮބުވެތި ރައްޔިތުންގެ ތެރެއިން 15 މީހަކު ވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. އަދި އިތުރު ތިން މީހަކު ވަނީ ނުފެނިފައި.

އާދެ، އެކަމަކީ އެމީހުންގެ އަދި އޭގެތެރޭގައި ވަރަށް ގިނައަދަދެއްގެ ކުޑަކުދިންވެސް ހިމެނޭ. އެމީހުންގެ ޢާއިލާތަކަށް ލިބުނު ހިތްދަތިކަން ފިލުވައިލުމަށްޓަކައި މި އަތޮޅުގެ ރައްޔިތުންނާއި، ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރިކަމެއް. މި ރަށުގެ ރައްޔިތުންނަށް އެ ލިބުނު ހިތްދަތިކަން މާތްﷲ ފިލުއްވައިދެއްވާށި! އަދި އެދުވަހު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ މީހުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވާށި! އަދި އެމީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ޘަވާބު އިތުރުކުރައްވާށި!

ވިލުފުށްޓަށް ލިބުނު ގެއްލުން ބަލައިލުމަށާއި، އަދި ވިލުފުށީގައި އޭރު ދިރިއުޅެމުންދިޔަ ރައްޔިތުންނާ ބައްދަލުކޮށްލުމަށްޓަކައި އަޅުގަނޑު މިދިޔަ އަހަރު ޖަނަވަރީމަހުގެ އެއްވަނަ ދުވަހު ވިލުފުށްޓަށް ޒިޔާރަތެއް ކުރިން. އެ ދަތުރުގައި ވިލުފުށްޓަށް ވެފައިވާގޮތް އަޅުގަނޑަށް ފެނުނު. ހުރިހާ އިމާރާތްތަކެއް ހަލާކުވެވަނީ ގޮސްފައި. ރަށުގެ ދިރުންވަނީ ނެތި ގޮސްފައި. ރައްޔިތުންވަނީ ވަރަށް ނިކަމެތި ދަތިހާލެއްގައި. އާދެ، އެއީ މާތްﷲގެ މިންވަރުފުޅުން ވީ ކަމެއްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމު، ގަބޫލުކުރަމު. ހިތާމަތަކަށް ކެތްކުރުމަކީ، ހިތްދަތި ކަންތައްތަކަށް ކެތްކުރުމަކީ، މުއުމިނުންގެ ސިފައެއް.

އެހެންކަމުން އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވެފައި، މިންވަރުފުޅުގައި ހުރިހާ ކަމެއް ވާނެކަމުގެ ޔަޤީންކަން ހިތުގައި އޮންނަ ބަޔަކަށްވާތީ، އެ ހިތާމަވެސް އަޅުގަނޑުމެން ތަހައްމަލު ކުރީ އިސްލާމްދީން އަންގަވާފައިވާ، މަތިވެރި ރޫޙެއްގައި. އާދެ، އެއީ ކެތްކުރުމާއި، ޝުކުރުކުރުން.

އަޅުގަނޑުމެންގެ ޤައުމަށް އެދުވަހު ލިބުނު ބޮޑު ހިތާމަޔަކީ، މިއިން ޒަމާނަކުވެސް އެ ހިތާމައިގެ އަސަރު އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެންދާނެ ހިތާމައެއް ނޫން. އެދުވަހު މުޅި ޤައުމަށް ލިބުނު ގެއްލުންތަކަކީ ވަރަށްގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްގެންނޫނީ އަޅުގަނޑުމެންނަށް ފޫބައްދައިނުލެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް. އެހެންނަމަވެސް، ކޮންމެ ކަމެއްވެސް ހިނގަނީ، ﷲ ތަޤުދީރު ކުރައްވާ ގޮތެއްގެމަތިން ކަމަށްވާތީ، އަޅުގަނޑުމެން އެކަލާނގެ ޤަޟާޤަދަރަށް އީމާންވެ، ރުހިގަބޫލުވަން.

ހަމައެއާއެކީގައި މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވަނީ، އަޅުގަނޑުމެން މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރުމަށް ކަމަށްވާތީ، އަޅުގަނޑުމެން އެ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން މި ގެންދަނީ ހިތްމަތާއި މިންނަތާއެކީގައި. އަޅުގަނޑުމެންނަށް އެ ދިމާވި ހިތާމަތަކުން، ސަލާމަތްވެ ޤައުމު އާރާސްތު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވެވުނު ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ތިބެގެން އެ މަސައްކަތް ކުރަމުން މި ގެންދިޔައީ.

އާދެ، އެހެންވީމާ މި ވޭތުވެދިޔަ ތާނގައި ސަރުކާރާއި އަދި ސަރުކާރަށް އެހީ ވެދެއްވާ ބޭރުގެ ޖަމާޢަތްތަކާއި، ޤައުމުތަކާއި، ސަރުކާރުތަކާ ހުރިހާ ފަރާތްތަކެއްގެ އެހީގައި. އަޅުގަނޑުމެންގެ ޤައުމު އަލުން ބިނާކުރުމުގެ މަސައްކަތްތަކެއް މިހާރު މިދަނީ ކުރެވެމުން.

އާދެ، އެގޮތުން ވިލުފުށީ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަމެއް ހޯދާދިނުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުންގެންދާ މުހިންމު މަސައްކަތެއް. ވިލުފުށި އަލުން މި ބިނާކުރެވެނީ ރައްކާތެރި ރަށެއްގެ ގޮތުގައި. އާދެ، ކުރިން އޮތް ވަރަށްވުރެ އެތައް ތަނެއް ރަށް ބޮޑުވެގެންވާ ގޮތެއްގައި. އާދެ، ކުރީގައި އެންމެ 16 ހެކްޓަރ އޮތް ރަށެއް. މި މަޝްރޫޢު ނިމޭއިރު އިރާދަކުރެއްވިއްޔާ 61 ހެކްޓަރުގެ ބިމަށް ބަދަލުވާނެ. އަދި މި ރަށަކީ، ތިމާވެށީގެ ގޮތުންވެސް އެހެން ރަށްރަށާ އަޅައިބަލާއިރު ރައްކާތެރިކަން ލިބިގެންވާ ރަށަކަށް ހެދޭތޯ މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވޭނެ. ވިލުފުށީ ބިންބޮޑުކޮށް، އެ ބިން ހެޔޮގޮތުގައި ބޭނުންކުރުމުގެ ޕްލޭން ހަދާފައިވަނީ ތިމާވެށީގެ ރައްކާތެރިކަމަށް ބަލައިގެން.

ސުނާމީ ކާރިސާގައި ވިލުފުށީ ރައްޔިތުންނަށް ކުރިމަތިވި ހިތާމައިގެ ދަނޑިވަޅުގައި އަތޮޅުގެ ރައްޔިތުން ދައްކަވާފައިވަނީ އެއްބައިވަންތަކަމާއި، އަޚްވަންތަކަމުގެ ވަރަށް ރީތި މިސާލެއް. މިގޮތުން، ވިލުފުށީ ރައްޔިތުންނަށް މެހްމާންދާރީއާއި ވަގުތީ ހިޔާވަހިކަން ދެއްވަމުން ގެންދެވި ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑުވެސް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންނެކޭ އެއްފަދައިން ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

ވިލުފުށީގެ ގިނަ ރައްޔިތުން ތިއްބެވީ ބުރުނީގައި ކަމަށްވާތީ، ބުރުނީ ރައްޔިތުން ދެއްވާ މެހްމާންދާރީއަށްޓަކައި ބުރުނީ ރައްޔިތުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމަ އެހެން ބޭފުޅުންވެސް ވިދާޅުވި ފަދައިން ސުނާމީ ކާރިސާ އެރި ދުވަހުން ފެށިގެން މިހާތަނާ ޖެހެންދެން ވިލުފުށީ ރައްޔިތުން ދައްކަވާފައިވާ ކެތްތެރިކަމާއި، އެއްބައިވަންތަކަމަށްޓަކައި، ވިލުފުށީ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައިވަނީ ވަރަށް ޚާއްޞަ ޝުކުރުގެ ޝުޢޫރުތަކެއް. އެހެންކަމުން، އަޅުގަނޑުވެސް އެހެން ބޭފުޅުންނެކޭ އެއްފަދައިން ވިލުފުށީ ރައްޔިތުން އެ ދެއްކެވި ކެތްތެރިކަމާއި، އަދި ވިލުފުށީ ރައްޔިތުން ސަރުކާރަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވިލުފުށީ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ވިލުފުށީ ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ފައިސާގެ އެހީދެއްވާ ވަރަށްގިނަ ފަރާތްތަކެއްވޭ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑުވެސް ތިޔަބޭފުޅުންގެ ނަމުގައި އަދި ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު ދަންނަވަން. އޭގެތެރޭގައި ވިލުފުށީ ބިން ހިއްކުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢަށް އެހީވެދެއްވާ ނެދެލެންޑްސް ސަރުކާރަށް، ލޯނު އެހީދެއްވާ ނެދެލެންޑްގެ ބޭންކަށް، އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަދުގެ މި ރަސްމިއްޔާތުގައި ނެދެލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ރެނޯޓްރޭންޑައި ބައިވެރިވަޑައިގަންނަވާކަން އެއީ ނެދެލެންޑް ސަރުކާރުން މި މަޝްރޫޢަށް ދެއްވާ އަހަންމިއްޔަތު އަގު ވަޒަންކުރެވިގެންދާ ކަމެއް.

Let me join previous speakers in thanking you his ambassador and your respected wife for being with us today, and for contributing to the rehabilitation and rebuilding of Villufushi. I think your presence and the commitment that you have to express on behalf of your government, and the European community as well as our owner agencies, is indeed evidence of the keen interest that you take in our welfare, So let me join previous speakers in thanking you and the Government of Netherland as well as the Government of Germany and British Red Cross and other agencies and governments and organisations who have extended their very generous assistance and co-operation in our efforts to overcome the disasters that we have to face as the result of tsunami.

އާދެ، ގެދޮރު އެޅުމަށް އެހީވެދެއްވަނީ، ބްރިޓިޝް ރެޑްކްރޮސްއިން، އެހެންވީމާ، ބްރިޓިޝް ރެޑްކްރޮސްއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މިއަދު އަޅުގަނޑު ޝުކުރު ދަންނަވަން. ޞިއްޙީ މަރުކަޒު އިމާރާތްކޮށްދެއްވަނީ ޖަރމަން ރެޑްކްރޮސްއިން. އެހެންވީމާ، ޖަރމަން ރެޑްކްރޮސްއަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ރީޑެވެލޮޕްމަންޓް ޔުނިޓުން މި މަސައްކަތް ބެލެހެއްޓުމަށް ޚަރަދުދެއްވާ އޮސްޓްރޭލިއަން އެއިޑަށްވެސް ޝުކުރު ދަންނަވަން. އޭގެއިތުރުން، ވިލުފުށީގައި އިމާރާތްކުރެވޭ ހުކުރު މިސްކިތުގެ ޚަރަދުދެއްވާ ފަރާތަށްވެސް، އާދެ، އެއީ ދިވެހިރާއްޖޭގެ އަމިއްލަ ފަރާތެއް. އެ ފަރާތަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެ މިސްކިތުގެ ބިންގާ އަޅައިދިނުމަކީ މިއަދު މި ޖަލްސާ ފެށުމުގެ ކުރިން އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އާދެ، މި މިސްކިތް ބިނާކުރުމަށް ފައިސާގެ އެހީދެއްވަނީ ގ.ހިޔާކުރި އަލްފާޟިލް އިބްރާހީމް ވަޙީދު. އެހެންވީމާ، އަލްފާޟިލް އިބްރާހީމް ވަޙީދަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެއްކޮށް ޝުކުރު ދަންނަވަން.

އާދެ، ވިލުފުށީ ބިންހިއްކުމުގެ މަޝްރޫޢާއި، ބަނދަރު ހެދުމުގެ މަޝްރޫޢާއި، ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ބޮސްކާލިސް އިންޓަނޭޝަނަލް. އެހެންވީމާ، އެ ކުންފުންޏަށްވެސް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މި ބޮޑު މަސައްކަތަކީ ބޭރުގެ މި ދެންނެވި އެހީވެދޭ ސަރުކާރުތަކާއި، ޖަމާޢަތްތަކާއި އަދި ދިވެހި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތައް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢަކަށްވާތީ، ދިވެހި ސަރުކާރުން މިކަމުގައި އުޅުއްވާ ހުރިހާ ވަޒީރުންނަށާއި، އެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވާ ހުރިހާ ވެރިންނަށާއި، މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ވިލުފުށި އަލުން ބިނާކުރުމުގެ މަސައްކަތް ވިލަރެސް ކުރައްވަނީ ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރުގެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ރީޑެވެލޮޕްމަންޓް ޔުނިޓުން، އެހެންކަމުން އެ ސެންޓަރު ހިންގަވާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، ކޯޑިނޭޝަން ކޮމިޓީގައި ހިމެނޭ މިނިސްޓްރީތަކަށާއި، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ މިނިސްޓްރީތަކުގެ ހުރިހާ މިނިސްޓަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، އެބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ޕްލޭނިންގ ނޭޝަނަލް ޑިވެލޮޕްމަންޓް އަލްފާޟިލް ޙަމްދޫން ޙަމީދަށް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަލްފާޟިލް އިބްރާހީމް ރަފީޤާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙަންމަދު މަޢުރޫފް ޖަމީލާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި އަދި މި މަޝްރޫޢުގެ ލޯނުގެ އެހީގެ ކަންތައްތައް ހަމަޖެއްސެވުމުގައި އެހީތެރިވެދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޤާސިމް އިބްރާހީމާ މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މީގެ އިތުރުން މި ކަންތައްތަކުގައި އުޅުއްވި އެހެން މިނިސްޓަރުންނަށްވެސް އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ބޭރުގެ އެހީ ހޯދުމުގައި ވަރަށްގިނަ މަސައްކަތްތަކެއް އޭނާވަނީ ކޮށްދެއްވާފައި. ހަމައެހެންމެ، މީގެކުރިން މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ފަތުޙުﷲ ޖަމީލާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، އަދި މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ޖަލީލުވެސް މި ކަމަށްޓަކައި ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ވިލުފުށީ މަސައްކަތް ހިންގެވުމުގައި އަތޮޅުއޮފީހުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އަތޮޅުއޮފީހުގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޝަރީފް އާދަމަށާއި، އަދި އެހެން ވެރިންނަށާއި، މުވައްޒަފުންނަށް ޝުކުރު ދަންނަވަން.

އާދެ، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި، ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ ވާހަކަ ވިދާޅުވެލައްވައިފި. އާދެ، އޭނާ އެ ދެއްކެވި ވާހަކައިގައި އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮބަސްފުޅުތަކަށްޓަކައި އޭނާއަށް ޝުކުރު ދަންނަވަން.

ޝައްކެއްނެތްގޮތުގައި، ސުނާމީ ކާރިސާގެ ކަންތައްތަކަކީ އަޅުގަނޑުމެން އެންމެން، ދިވެހި ރައްޔިތުން އެންމެން އެއިން ސަލާމަތްވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުން ގެންދާކަމެއް. ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެކިއެކި ޖަމާޢަތްތަކާއި، ރައްޔިތުންގެ ތެރޭގައި ހިމެނިފައިވާ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ހަމައެހެންމެ ދިވެހިރާއްޖެއަށް ހެޔޮއެދޭ ބޭރު ޤައުމުތަކުގެ ސަރުކާރުތަކާއި، ބޭރުގެ އެކިއެކި ޖަމުޢިއްޔާ، ޖަމާޢަތްތަކާ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން، މި މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، މި މަސައްކަތް ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނީ އަޅުގަނޑުމެން ހުރިހާ އެންމެންގެ މެދުގައި ވަރަށްބޮޑު އެއްބާރުލުމެއް އޮވެގެން ކަމަށްވާތީ، އަޅުގަނޑު ހިތަށްއަރަނީ އެކަމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ.

އާދެ، އެގޮތުން މި އަތޮޅުގެ އަތޮޅުވެރިންނާއި، އަތޮޅުއޮފީސް ހިންގަވާ ބޭފުޅުންނާއި، ރަށްރަށުގެ ވެރިންނާއި، އާންމު ރައްޔިތުން މިކަމުގައި ބައިވެރިވަޑައިގަންނަވާލެއް ފުރިހަމަކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަތޮޅުވެރިންގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ކޮޅުމަޑުލަކީ ވަރަށް ޚާއްޞަ އަތޮޅެއް ތާރީޚީގޮތުން ބަލާއިރު، އޭނާ ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ރަސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ގާތްގަނޑަކަށް އަށެއްކަ ބޭފުޅުންނަކީ ކޮޅުމަޑުލަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން. ޝައްކެއްނެތްގޮތުގައި، އެއީ ކޮޅުމަޑުލުގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ފަޚުރެއް. އަދި އަޅުގަނޑު ނުދަންނަ ވާހަކައެއްވެސް އޭނާ ވިދާޅުވެލެއްވި، އަޅުގަނޑުވެސް ކޮންމެވެސް ގޮތަކަށް މި އަތޮޅަށް ނިސްބަތްވާ ވާހަކަ، އެހެންކަމަށްވަންޏާ އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ފަޚުރެކޭ. ވަރަށްބޮޑު ޝަރަފެކޭ. އެހެންވީމާ، އެކަމަށްޓަކައިވެސް އަތޮޅުވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިއަދުގެ މުނާސަބަތުގައި ޝުކުރު އެންމެބޮޑަށް ޙައްޤުވާ ފަރާތަކީ ހަމަ މި ރަށުގެ ރައްޔިތުން، ވިލުފުށީ ރައްޔިތުން. އާދެ، ވިލުފުށީ ރައްޔިތުންގެ ކެތްތެރިކަމާއި، ވިލުފުށީ ރައްޔިތުން ސަރުކާރަށް ދެއްވާ އެއްބާރުލެއްވުމާއި އަދި އެބޭފުޅުންގެ މެދުގައި އެ އޮތް އެކުވެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ވިލުފުށީ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ޝުކުރު ދަންނަވަން.

ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި، މިރަށުގެ މަސައްކަތް މިހާ އަވަހަށް ފެށިގެން ކުރިއަށްދާގޮތް މިވީ، ވިލުފުށީ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމުގެ ސަބަބުން. އޮތް އެއްބާރުލުމުގެ ސަބަބުން. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ އެހެން އަތޮޅުތަކުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް ވިލުފުށީ ރައްޔިތުންނަކީ ނަމޫނާއެއް ކަމުގައި ދެކިވަޑައިގަތުން.

ކޮންމެ ރަށެއްގެ ރައްޔިތަކުވެސް އެމީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުޅުނުނަމަވެސް އެކަން ވަރަށް އަވަހަށް ޙައްލަކަށް ގެންނެވުމަކީ ވަރަށް މުހިންމު ކަމެއް. އަޣްލަބިއްޔަތަށް ތަބާވާން އަޅުގަނޑުމެން ދަސްކުރަންޖެހޭނެ. ގިނަބަޔަކު ބޭނުންވާގޮތް އެއީ ގޮތެއްކަމަށް އަޅުގަނޑުމެން އެހެންނޫން އެ އަޣްލަބިއްޔަތުގައި ނުހިމެނޭ މީހުންވެސް ގަބޫލުކުރަން ޖެހޭނެ. ޙަޤީޤަތުގައި ޑިމޮކްރެސީއަކީވެސް އެއީ، އަޣްލަބިއްޔަތަށް ތަބާވުން. އެހެންވީމާ، ރަށުގެ ގިނަބަޔަކު އެދޭގޮތަކަށް ކަންތައްވުމަށް އެހެންމީހުން ހުރަސްއެޅުމަކީ އެއީ، އެއްގޮތަކަށްވެސް އެކަން ވެގެންވާނެ ގޮތެއްނޫން.

އަޅުގަނޑު އެދެނީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ރައްޔިތުންވެސް އެގޮތަށް ޢަމަލުކުރެއްވުން. އޭރުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައްވަމުން ދިޔުމުގެ ފުރުޞަތު އަވަހަށް ތަނަވަސްވެގެންދާނެ.

އާދެ، ސުނާމީ ކާރިސާއާ ގުޅިގެން ރަޙްމަތްތެރި އެކިއެކި ޤައުމުތަކުގެ ސަރުކާރުތަކުންނާއި، ބޭރުގެ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި، އެނޫން ފަރާތްތަކުން ރާއްޖެއަށް ވަރަށް ގިނަ އެހީތައްވަނީ ދެއްވާފައި. އަދި އެފަރާތްތަކުން މިހާރުވެސް އިތުރު އެހީދެއްވަމުން އެބަ ގެންދަވާ. މި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އޭގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ރާއްޖެއަށް އެހީ ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އެކިއެކި ބޭފުޅުންނަށާއި، އެކިއެކި ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚާއްޞަގޮތެއްގައި، ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓް ސޮސައިޓީތަކަށާއި، ޔޫރަޕިއަން ޔޫނިއަނަށާއި، އ.ދ. ޖަމާޢަތަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެއިތުރުން، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ޤައުމުތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާފައިވާ ޚާއްޞަ މަންދޫބު، އެމެރިކާގެ ކުރީގެ ރައީސް، ޕްރެޒިޑެންޓް ބިލް ކްލިންޓަންގެ ނަންފުޅު ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ހަނދާން ކުރަން.

އާދެ، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްރަށް އަލުން ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މި ގެންދަނީ މެދުނުކެނޑި ކުރަމުން، މީގެތެރޭގައި މިކަމުގެ ބޮޑުކަމުން އިތުރު އެހީ ބޭނުންވާ ވަރަށްގިނަ ކަންތައްތައް އެބަހުރި. އަޅުގަނޑުމެންނަށް ބޭރުގެ ރަޙްމަތްތެރި ޤައުމުތަކުގެ ސަރުކާރުތަކުންނާއި، އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުން، އެހީތަކެއްވަނީ ވެދެއްވާފައި. އެހެންނަމަވެސް، އެ ލިބުނު އެހީތަކުން އަދި އަޅުގަނޑުމެންނަށް ސުނާމީ ކާރިސާއިން ސަލާމަތްވެ، އަޅުގަނޑުމެން ކުރިން ތިބި ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް ދެވޭވަރަކަށް އެހީއެއް ލިބިފައެއްނެތް. މަދުވާ ބައި ހަމަކުރުމަށްޓަކައި އަޅުގަނޑު މިގެންދަނީ މަސައްކަތްކުރަމުން، އެއީ ވަރަށްބޮޑު މަސައްކަތެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދުގެ ދުނިޔޭގައި މިކަހަލަ ކަންތައްތަކަކީ ވަކި އުސޫލަކުން ވަކި ހަމަޔަކުން ހިނގަމުންދާ ކަންތައްތަކެއް. ބައިނަލްއަޤްވާމީ މުޖުތަމަޢުންވެސް އެކި ފަރާތްތަކަށް އެހީވެދެނީ ކަނޑައެޅިފައިވާ ވަކިގޮތަކަށް، ވަކި ހަމަތަކެއްގެމަތިން. އެހެންވީމާ، އެކަން އަޅުގަނޑުމެން އެދޭހާ އަވަހަށް، އެދޭހާ ބާރަށް ނުދިޔުމަކީ، އެކަށީގެންވާ ކަމެއް.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހި ސަރުކާރުން މިގެންދަނީ މެދުނުކެނޑި މި މަސައްކަތް ކުރަމުންނޭ. އިރާދަކުރެއްވިއްޔާ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން މިހާރު އަޅުގަނޑުމެން އިތުރަށް ބޭނުންވާ ފައިސާ، އެހީގޮތުގައި ބޭރުގެ ފަރާތްތަކުން ލިބޭނެ މަގު ތަނަވަސްވެގެންދާނެ. އެކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މިނިސްޓަރުން ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން އެބަގެންދަވާ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، ބައިނަލްއަޤްވާމީ ދާއިރާގެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންފުޅުވާ ވާހަކައަކީވެސް އެއީ. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެކޭ. ވަރަށް ވަސީލަތްތައް މަދު ޤައުމެކޭ. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ދެއްވި އެހީތައް އަޅުގަނޑުމެން އުފަލާއެކު ގަބޫލުކުރަމޭ. އެކަމަށްޓަކައި ތިޔަ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން. އެހެންނަމަވެސް، އަޅުގަނޑުމެން އަދިވެސް މިތިބީ ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުގެ ތެރެއިން ބައެއް ގެއްލުންތައް ފޫބައްދާނެގޮތެއް ނެތިފައޭ. އެހެންވީމާ، މިކަމަށް ތިޔަބޭފުޅުން ވިސްނާވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެކޭ.

އާދެ، މިހެން ދަންނަވާއިރު، ދެންމެ އެމްބެސެޑަރ ރެންޑައިގެ ވާހަކަފުޅުގައި އެ ވިދާޅުވި އެއްޗެއް، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެކަމަށް އަޅުގަނޑު ދެކެން. އާދެ، އޭނާ އެވިދާޅުވީ ދިވެހިރާއްޖޭގެ މައްޗަކުން ޔޫރަޕިއަން ޔޫނިއަންނަކުން ހަނދާންނައްތައެއްނުލާނެއޭ. އެހެންވީމާ، އެކަމުން އަޅުގަނޑުމެންނަށް ލިބުނު އުންމީދާއެކީގައި އަދި އެނޫން އެހެން ފަރާތްތަކުންވެސް އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ބަހައްޓަވާ ގާތްކަމާއި އެހީތެރިކަން ބަހައްޓަވާނެކަމަށް އުންމީދުކުރަން. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، އަދި ވިލުފުށްޓަށާއި، ވިލުފުށި ނޫންވެސް އެހެން ރަށްރަށަށް މިއަދަށްވުރެ ހުރިހާ ގޮތަކުންވެސް އުފާވެރި އަދި ހިތްހަމަޖެހޭ މުސްތަޤްބަލެއް މާތްﷲ ދެއްކެވުމަށް އެދި އެކަލާނގެ ޙަޟުރަތުގައި އިބްތިހާލުވަމުން އަދިވެސް އެއްފަހަރު ވިލުފުށީ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.