ސުވާލު:
އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަގުތުކޮޅެއް ދެއްވީތީ، އެންމެ ފުރަތަމަ ވަރަށް އިޚްލާޞްތެރިކަމާއެކު މަނިކުފާނަށް ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގެ ނަމުގައި ޝުކުރު ދަންނަވާލަން. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނު އިޞްލާޙީ އެޖެންޑާގެ މަގުޗާޓަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސުން މިކަހަލަ ޕްރޮގްރާމެއް ފަށާ ދަނޑިވަޅެއްގައި މަނިކުފާނު އެންމެބޮޑަށް އެދިވަޑައިގަންނަވާ ކަމަކީ ކޮބައިތޯއެވެ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް)
އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދިވެހިރާއްޖޭގެ އަޑުންނާއި، ޓެލެވިޜަން މޯލްޑިވްސުން އަޅުގަނޑު ހުށަހަޅާފައިވާ މަގުޗާޓާބެހޭ ޕްރޮގްރާމެއް ފަށްޓަވާތީ، އެކަމާ ވަރަށްބޮޑަށް އުފާކުރާ ވާހަކަ. މިކަމަށްޓަކައި މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދަށާއި އަދި ޓީ.ވީ. މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުގެ ވެރިންނަށާއި، އަދި މި ޕްރޮގްރާމް އުފައްދަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޙަޤީޤަތުގައި މިކަހަލަ ޕްރޮގްރާމެއްގެ ބޭނުންތެރިކަން ވަރަށްބޮޑު. އެއީ އަޅުގަނޑު ހުށައަޅާފައިވާ މަގުޗާޓުގައިވާ ކަންތައްތަކަކީ ރައްޔިތުންގެ ހޭލުންތެރިކަމާއި، ރައްޔިތުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާ ކަންތައްތަކެއް. އެހެންވީމާ، އަޅުގަނޑު އެދެނީ، މަގުޗާޓުގައިވާ ކަންތައްތައް ވީހާވެސް ރަނގަޅަކަށް މި ޕްރޮގްރާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް އޮޅުންފިލުން. އެފަދަ ގޮތަކަށް ތިޔަބޭފުޅުން އެ ކަންތައް ކޮށްދެއްވައިފިއްޔާ، އަޅުގަނޑު ބޭނުންވާ މިންވަރަށް ރައްޔިތުންގެ އެއްބާރުލުމާއި، އެހީތެރިކަން އަޅުގަނޑަށް ލިބޭނެ.

ޙަޤީޤަތުގައި މިފަދަ އިޞްލާޙީ ޕްރޮގްރާމެއް ކާމިޔާބުވާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބިގެން. އެހެންވީމާ، މި ދެންނެވިގޮތަށް މި ޕްރޮގްރާމް ބައްޓަން ކުރައްވައި ކުރިއަށް ގެންގޮސް ދެއްވައިފިއްޔާ، އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވާނެ ކަމަށް އަޅުގަނޑު ދެކެން.

ސުވާލު:
މަނިކުފާނުގެ އިޞްލާޙީ އެޖެންޑާގެ އެއްބަޔަކީ ޤާނޫނުއަސާސީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ބޭނުންފުޅުވާ ދުވެލީގައި ކުރިއަށް އެބަދޭތޯ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށް އެބަ ކުރިއަށް ގެންދަވާ. އެހެންވީމާ، މި ފުރުޞަތުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އެއްވެސް އިސްތިސްނާއެއްނެތި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ވޭތުވެދިޔަ ތާނގައި ދިމާވި ސަބަބުތަކާހުރެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް، މާ ބާރަކަށް ކުރިއަކަށްނުދޭކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މިހާރު އަލަށް ފެށިގެން މި ހިނގާ މަސައްކަތުގައި ކުރިއަށްވުރެ މާ ރަނގަޅަށް، މާ ހަރުދަނާ ގޮތެއްގައި އެ މަސައްކަތް އެބަ ކުރިއަށްދާހެން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ، ރައްޔިތުންގެ ޚާއްޞަ މަޖީލީހުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްގޮސް، މަގުޗާޓުގައި އަޅުގަނޑު ހުށަހަޅާފައިވާ ތާރީޚަށް، އާދެ، އެއީ 2007 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާ ޤާނޫނުއަސާސީގެ ޑްރާފްޓެއް ޚާއްޞަ މަޖިލީހުން ތައްޔާރުކޮށްދެއްވާ ނިންމަވާނޭ ކަމަށް.

ސުވާލު:
މަނިކުފާނުގެ އިޞްލާޙީ އެޖެންޑާއަކީ ވަރަށްގިނަ އިޞްލާޙީ ބަދަލުތަކަކާއި އަދި ވަރަށްގިނަ އިޞްލާޙީ ހުށަހެޅުންތަކެއްވެސް ހިމެނިފައިވާ އެޖެންޑާއެއް ކަމަށް އަޅުގަނޑު ދެކެން. މި އިޞްލާޙީ އެޖެންޑާގެ ކުރިއާއި ފަސް، މަނިކުފާނު ސިފަކުރައްވާ ގޮތަކީ ކޮބައިތޯ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް)
އިޞްލާޙީ އެޖެންޑާގެ ކުރިއަށް ވިސްނާލާއިރު އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެވަނީ ވަރަށްގިނަ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުންތަކެއް ޙާޞިލުކޮށްފައި. އެހެންވީމާ، 2003 ވަނަ އަހަރު އަޅުގަނޑު މި ދައުރާ ހަވާލުވީއިރު، ކަން ގޮސްފައި އޮތް މިންވަރުން އަޅުގަނޑު ގަސްތުކުރީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ތަޢާރުފު ކުރުމަކީ މުހިންމު ކަމަކަށްވާތީ އެކަން ކުރަން. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އިޞްލާޙީ އެޖެންޑާ ފުރިހަމަވުމުން ރާއްޖޭގައި އޮންނާނީ ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުވެފައި. އެހެންވީމާ، އޭގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކާއި، ގިނަގުނަ މަންފާތައް ލިބިގެންދާނެ. އަދި، ރާއްޖޭގެ ތަޞައްވުރު، ބޭރު ދުނިޔޭގައިވެސް މިހާރަށްވުރެ މާބޮޑަށް ހަރުދަނާވެ، ރައްޔިތުން ބޭނުންވާ ކަންތައްތައް ވަމުންދާނީ.

ސުވާލު:
އިޞްލާޙީ ޕްރޮގްރާމްގެ މަގުޗާޓުގެ އަމާޒު 2008 ވަނަ އަހަރަށް ކަނޑައެޅުއްވި ސަބަބަކީ ކޮބައިތޯ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް)
އެއީ، އިޞްލާޙީ ޕްރޮގްރާމުގެ ވަރަށްގިނަ ކަންތައްތަކެއް ހިމެނޭތީ. އޭގެތެރެއިން އެއްކަމެއް، ޤާނޫނުއަސާސީ އިޞްލާޙުކުރުން. އެ މަސައްކަތްވެސް މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ ނިމޭނެކަމަށް އަޅުގަނޑު މި އުންމީދުކުރަނީ. އޭގެއިތުރުން، ވަރަށްގިނަ އެހެން ދައިރާތަކަށްވެސް ބަދަލު އެބަ އާދޭ. މިސާލަކަށް، ޖިނާއީ ނިޒާމު އިތުރަށް ހަރުދަނާކުރުން. މިކަމަށް ބޭނުންވާ ޤާނޫނުތައްވެސް އެބަ ފާސްވާންޖެހޭ. އަދި ޖިނާއީ ނިޒާމު ހަރުދަނާވުމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުވެސް އުފައްދަން އެބަޖެހޭ. އަދި ހިއުމަން ރައިޓްސްގެ ކަންތައްތައް، އިންސާނީ ޙައްޤުތަކާބެހޭ ކަންތައްތައް، މިހާރަށްވުރެ ހަރުދަނާކޮށް، އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނު ފާސްކޮށް އަދި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވެސް ރާއްޖެއިން ބައިވެރިވާން އެބަޖެހޭ. މިހާތަނަށް ބައިވެރިނުވެހުރި މުޢާހަދާތަކުގައި ބައިވެރިވާން އެބަޖެހޭ. އަދި، މީގެއިތުރުން، ވަރަށްގިނަ އެހެން މުއައްސަސާތައްވެސް އުފައްދަން އެބަޖެހޭ. މިސާލަކަށް، އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، އެ އިންތިޚާބީ ދާއިރާތައް ކަނޑައެޅި، އެކަމަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ފާސްކުރަންޖެހޭ ޤާނޫނު ފާސްކުރުމާއި، އަދި މިސާލަކަށް، މީޑިޔާގެ ދައުރު މިހާރަށްވުރެ ހަރުދަނާކޮށް މިނިވަންކޮށް ފުޅާކުރުމަށްޓަކައި ޚަބަރުފަތުރާ ވަސީލަތްތަކާބެހޭ ޤާނޫނުތަކެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރުމާއި، އެ ޤާނޫނުތައް ހިންގުމަށް ބޭނުންވާ ތަމްރީނުތައް، ކަމާބެހޭ ފަރާތްތަކަށް ދިނުމާއި، މި ކަހަލަ ވަރަށްގިނަ ކަންތައް އެބަ ހިމެނޭ. އަދި މީގެއިތުރުން، ފުލުހުންގެ މަސައްކަތާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލާނެ ކޮމިޝަނެއް ޤާއިމުކުރުމާއި، އެންޓި-ކޮރަޕްޝަން ބޯޑު މިހާރު އޮތް ވަރަށްވުރެ ތަރައްޤީކޮށް ހަރުދަނާކުރުމާ، މި ކަހަލަ ވަރަށްގިނަ މަސައްކަތްތައް ހިމެނޭ. އަދި ވަރަށްގިނަ މުއައްސަސާތައް އުފައްދައި، ވަރަށް ގިނަ ބަޔަކު އެކަމަށް ތަމުރީނުވެ އަހުލުވެރިވާންޖެހޭ.

އެހެންވީމާ، މި ހުރިހާ ކަމެއް ކުރަން މުއްދަތެއް ބޭނުންވާތީ، އަޅުގަނޑު މަގުޗާޓުގައި މި މުއްދަތު ކަނޑައަޅާފައި އެގޮތަށް އެއޮތީ. ޙަޤީޤަތުގައި މަގުޗާޓުގައި މި މުއްދަތު ކަނޑައެޅުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ މަޝްވަރާޔާއި، ޚިޔާލާއި، އެހީތެރިކަން އަޅުގަނޑަށް ލިބުނު. އޭގެތެރޭގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި، އެހެން މެންބަރުންގެ ޚިޔާލުފުޅާއި މަޝްވަރާ އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، ޙަޤީޤަތުގައި މަގުޗާޓު ތައްޔާރުކުރެވިފައި މިއޮތީ އެ ހުރިހާ ބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާ އެކީގައި، އެ ހުރިހާ ބޭފުޅުންނަށްވެސް މިކަން ނިންމޭނެ ކަމަށް ފެނިވަޑައިގަންނަވާ ތާރީޚުތަކުގެ މައްޗަށް ބަލާފައި.

ސުވާލު:
މަނިކުފާނުގެ އިޞްލާޙީ އެޖެންޑާގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި މަގުޗާޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް، އެ އިޞްލާޙީ މަސައްކަތްތައް އެ ތާރީޚުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވަމުތޯ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް)
އިރާދަކުރެއްވިއްޔާ، ހަމަ މަގުޗާޓުގައި ބަޔާންކޮށްފައިވާ ތާރީޚުތައް، ތާރީޚުތަކަށް އެ ކަންތައްތައް ނިމިގެންދާނެ. އޭގެ އެއް މިސާލަކީ، އެއްވެ އުޅުމުގެ މިނިވަންކަމާބެހޭ ގަވާއިދު، މަގުޗާޓުގައިވާ ތާރީޚަށް މިއޮތީ ސަރުކާރުން އިޢުލާނުކޮށް ޢަމަލުކުރަން ފަށާފައި. އަދި އެހެން ކަންތައްތައް، ހަމަ އޭގައި އެވާ ތާރީޚުތަކަށް މިހާރު ހިނގަމުން އެބަދޭ. ދެން ކުރިންވެސް ދެންނެވި ފަދައިން، މީގައި ވަރަށްގިނަ ބޭފުޅުންގެ މަޝްވަރާއާއި ޚިޔާލު ލިބިފައި އޮތީމާ، އެ ހުރިހާ ބޭފުޅުންގެ ތާއީދުވެސް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެންވެއްޖިއްޔާ އިރާދަކުރެއްވިއްޔާ، މަގުޗާޓުގައިވާ ކަންތައްތައް، އެ ކަނޑައަޅާފައިވާ ތާރީޚުތަކަށް ކުރިއަށް ގެންދިޔުމުގެ އެއްވެސް ދަތިކަމެއް ނޫޅޭނެ.

ސުވާލު:
ސިޔާސީ އިޞްލާޙީ މަސައްކަތްތައް ރާއްޖޭގައި މި ފެށުނީ ކޮންމެވެސް ބައެއްގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ބައެއް މީހުން އެބަ ބުނަމުންދޭ. އެކަހަލަ މީހުންނަށް މަނިކުފާނު ދެއްވާނެ ޖަވާބަކީ ކޮބައިތޯ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް)
އެއީ، ތެދު ވާހަކައެއް ނޫން. އެހެން މި ދެންނެވީ ވަރަށްގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޚާއްޞަކޮށް، ޢުމުރުން 25 އަހަރު ނުވަތަ 30 އަހަރު ނުވަތަ އެއަށްވުރެ ހަގު ޒުވާނުންނަށް ނޭނގުނު ނަމަވެސް، އެއަށްވުރެ ދޮށީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އިޞްލާޙީ ޕްރޮގްރާމަކީ، މިހާރު ފެށިގެން ހިނގާ ޕްރޮގްރާމެއް ނޫންކަން. ޙަޤީޤަތުގައި، އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ އަބަދުވެސް މިގެންދަނީ އެއިރަކަށް ބޭނުންވާ އިޞްލާޙުތައް ގެންނަމުން. އެއީ އެއްވެސް ފަރާތެއްގެ ފިއްތުމަކަށް ނުވަތަ ޕްރެޝަރަކަށް ނޫން. ފެށުނީއްސުރެ ހަމަ ކަނޑަނޭޅި އެކިއެކި އިޞްލާޙު މިދަނީ އަންނަމުން. އެހެންއައިސް މިހާރު ޒަމާނީ ޑިމޮކްރަސީއެއްގެ ވާހަކަ ދެކެވި، އެއާބެހޭ ވަރަށްބޮޑު ޕްރޮގްރާމެއް މިހާރު ހިނގަން މި ފެށުނީ. އެއީވެސް ހަނދުމަފުޅުހުންނާނެ ފަދައިން، 2003 ވަނަ އަހަރު އަޅުގަނޑު އާ ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ހުވާކުރުމަށްފަހުގައި، އަޅުގަނޑު ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި އޮންނާނީ މި ވާހަކަ ބުނެފައި، މީގެ ތިން އަހަރު ކުރިން. އަދި 2004 ވަނަ އަހަރު ޖޫން މަހު 9 ވަނަ ދުވަހު އަޅުގަނޑު ޚިޔާލުކުރާ ގޮތްތައްވާނީ ރައްޔިތުންނާ ޙިއްޞާކޮށްފައި. ހަމަ އެ އަހަރުވާނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިންތިޚާބު ބާއްވައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހާ އޮންނާނީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް މަތިކޮށްފައި. އެހެންވީމާ، މި ކަންތައްތައް ވަމުންމިދަނީ ހަމަ ސަރުކާރު ބޭނުންވެގެން. އަޅުގަނޑުވެސް ބޭނުންވެގެން. އެއްވެސް ހާލެއްގައި އެއްވެސް ފަރާތެއްގެ ފިއްތުމަކަށް ނުވަތަ އެއްވެސް ފަރާތެއްގެ ޕްރެޝަރަކަށް ނޫން.

ސުވާލު:
އިޞްލާޙީ އެޖެންޑާ ޙާޞިލުކުރެވުމުން، ދިވެހި ޤައުމުގެ ކަންކަން ހުންނާނެ ގޮތުގެ، މަނިކުފާނުގެ ތަޞައްވުރަކީ ކޮބައިތޯ؟

ޖަވާބު: (ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް)
އަޅުގަނޑުގެ ތަޞައްވުރަކީ، އިރާދަކުރެއްވިއްޔާ އިޞްލާޙީ އެޖެންޑާ ނިމުމުން ރާއްޖެ އޮންނާނީ މި ޒަމާނުގެ ޑިމޮކްރަސީއަކަށް ބަދަލުވެފައި ކަމަށް. އޭރުން ދިވެހިރާއްޖެއަށް ވަރަށްގިނަ ކުރިއެރުންތަކެއް ލިބޭނެ. ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރެވި، އިންސާނީ ޙައްޤުތަކަށް މިހާރަށްވުރެ ބޮޑަށް ޙުރުމަތްތެރިކޮށްހިތި އަދި ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށް ވަރަށްގިނަ މަގުތައް ކޮށި، މި ހުރިހާ ކަންކަމުގެ ފައިދާ ރައްޔިތުންނަށް ޙާޞިލުވަމުންދާނެ. އަދި ރާއްޖޭގައި އޮންނާނީ ޒަމާނާގުޅޭ ސިޔާސީ ނިޒާމެއް. އެހެންކަމުން، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މަންފާއާއި ފައިދާގެ އިތުރުން، ރާއްޖޭގެ ތަޞައްވުރު، ބައިނަލްއަޤްވާމީ މައިދާނުގައިވެސް އެތައް ގުނަޔަކަށް ރަނގަޅުވެގެންދާނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އިޞްލާޙީ ޕްރޮގްރާމް ކާމިޔާބުވުމަކީ، ހުރިހާގޮތަކުން ބަލާއިރުވެސް ރާއްޖެއަށް ވަރަށް މަންފާކުރަނިވި، ވަރަށް ރަނގަޅު އަދި ރާއްޖޭގެ ނަން ބޭރަށް މަޝްހޫރުވެގެންދާނެ ކަމެއް.

ނޫސްވެރިޔާ:
މަނިކުފާނުގެ އިޞްލާޙީ އެޖެންޑާއަށް އަދި މަގުޗާޓަށްވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ކާމިޔާބީއަށް އެދެން. އަދި އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަގުތުކޮޅެއް ދެއްވީތީ އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު މަނިކުފާނަށް ޝުކުރު ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
ވަރަށްބޮޑަށް ޝުކުރިއްޔާ!