بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام علـى خـاتـم الأنبياء وسيّد المرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ! މިއަދަކީ މީގެ ހަތަރު އަހަރު ކުރިއްސުރެ އަޅުގަނޑު ވަރަށްބޮޑު ޝައުޤުވެރިކަމަކާއެކު އިންތިޒާރު ކުރަމުން އައި ދުވަހެއް. އަދި އަޅުގަނޑަށް ހީވާގޮތުގައި އަޅުގަނޑަށްވުރެވެސް ބޮޑަށް ޝައުޤުވެރިކަމާއެކު މި ދުވަހަށް އިންތިޒާރުކޮށްގެން ތިބޭނީ، ދަރުމަވަންތަ ސްކޫލްގެ ލޮބުވެތި ދަރިވަރުން. އަދި ދަރުމަވަންތަ ސްކޫލްގެ ހިންގުންތެރިންނާއި މުދައްރިސުން.

ކޮންމެއަކަސް، ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށްފަހު، މިއަދު އަޅުގަނޑުމެންނަށް މިއޮތީ އެ ދުވަހާ ހަމައަށް އާދެވިފައި. އާދެ! އެ މުނާސަބަތާ ހަމައަށް ދަތުރުކުރެވިފައި. މިއަދަކީ، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން، ދަރުމަވަންތަ ސްކޫލް ރަސްމީގޮތުން ހުޅުވައިދެވޭ ދުވަސް. މި މުހިންމު އުފާ އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، މި ސްކޫލްގެ ހިންގުންތެރިންނަށާއި، މުދައްރިސުންނަށާއި އަދި ދަރިވަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި މިފަދަ އުފާވެރި އަދި މިފަދަ ކުލަގަދަ ރަސްމިއްޔާތެއްގައި، ރަސްމީގޮތުން ދަރުމަވަންތަ ސްކޫލް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ސްކޫލެއް ހުޅުވުމަކީ، ޝައްކެއްނެތްގޮތުގައި ކޮންމެ ތަނެއްގައި ނަމަވެސް، އެތަނަކަށް ވަރަށް ޚާއްޞަ ކަމެއް. އަދި އަމުދުން ރާއްޖެފަދަ ޤައުމެއްގައި، ރާއްޖެފަދަ ޒުވާން އާބާދީއެއް ދިރިއުޅޭ އަދި ރާއްޖެފަދަ ތަޢުލީމީ ގޮތުން ކުރިއަށްދާން ބޭނުންވެފައިވާ ޤައުމެއްގައި މަދަރުސާއެއް ހުޅުވުމަކީ، ވަރަށް މުހިންމު ކަމެއް. މުޅި ޤައުމުގެ ކުރިމަގު އެކަމުގެ މައްޗަށް ބިނާވެގެންދާފަދަ ވަރަށްބޮޑު ކަމެއް.

އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި، އާދެ! ދަރުމަވަންތަ ސްކޫލް ރަސްމީގޮތުން ހުޅުވުމުގެ މުނާސަބަތުގައި، މި ސްކޫލްގެ ލޮބުވެތި ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއި ލޯތްބާއެކު ތަހުނިޔާ ކިޔަން. އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހެން ވެރިންނަށާއި، ދަރުމަވަންތަ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޑޮކްޓަރ ޢަލީ ޝަރީފަށާއި، މި ސްކޫލްގެ އެހެން ވެރިންނަށާއި ސުޕަވައިޒަރުންނަށާއި، ސްކޫލްގެ ޓީޗަރުންނަށް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވަން.

އާދެ! ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދޭން ފެށީ، 2002 ވަނަ އަހަރު. އޭރު މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުގައި ހުންނެވީ ޑޮކްޓަރ މުޙަންމަދު ލަޠީފް. އެހެންކަމުން، ޑޮކްޓަރ ލަޠީފަށާއި، އަދި އޭނާގެ ފަހުން އެމަގާމަށް ވަޑައިގެންނެވި އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި ތިންބޭފުޅުންނަށް، އެބޭފުޅުން ސްކޫލް ތަރައްޤީ ކުރެއްވުމުގައި ކުރައްވާފައިވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ މި މުނާސަބަތުގައި، ދަރުމަވަންތަ ސްކޫލްގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ހަނދާނީ ފިލައަށްޓަކައި، އަދި އަޅުގަނޑު މިއަދު މި ސްކޫލަށް އައިއްސުރެ، މި ސްކޫލްގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި، ސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި، ލޮބުވެތި ދަރިވަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. ހަމައެހެންމެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި، އެކަމަނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަދުގެ މި އުފާވެރި ޖަލްސާއަށްފަހު ސްކޫލްގެ ވެބްސައިޓް، ރަސްމީގޮތުން ހުޅުވައިދިނުންވެސް އެބައޮތް. އެހެންވީމާ، އެކަމަކީވެސް އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިގެންދާނެ ކަމެއް ކަމުގައި ދަންނަވާލަން.

އާދެ! ދަރުމަވަންތަ ސްކޫލް ނިސްބަތްވެގެންވަނީ، ރާއްޖޭގެ ތާރީޚުގައި ވަރަށް ޚާއްޞަ މަޤާމެއް ހޯއްދަވާފައިވާ ބޭފުޅަކަށް. އާދެ! އެއީ، ހިޖުރައިން 533 ން ފެށިގެން 568އާ ހަމައަށް، އާދެ! މީލާދީ ތާރީޚުންނަމަ، 1138 ން ފެށިގެން 1173 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޙަންމަދު އިބްނު ޢަބްދިﷲ ސިރީ ބަވަނާދީއްތަ މަހާރަދުން. ކުރުކޮށް ދަންނަވަންޏާ ދަރުމަވަންތަ ރަސްގެފާނު.

މި ރަދުން ރާއްޖެއަށް ކޮށްދެއްވި އެންމެ މުހިންމު ޚިދްމަތަކީ، ދިވެހިން، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ ތެރެއަށް ނެރެދެއްވުން. އާދެ! ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެ އިސްލާމްވީ، އެރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު. ހިޖުރީ ގޮތުން 548 ވަނަ އަހަރު. މީލާދީން 1153 ވަނަ އަހަރު.

އެހެންކަމުން، ދަރުމަވަންތަ ރަސްގެފާނަކީ، މިވޭތުވެދިޔަ 800 އެތައް އަހަރެއްގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ތަހުޒީބުގެ އެންމެ މުހިންމު ބިންގާ އަޅުއްވައިދެއްވި، އަދި ރާއްޖޭގެ ކާބަފައިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާޢު ކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވުމުގައި ބޭނުންފުޅުކުރެއްވި އެންމެ ވަރުގަދަ ހަތިޔާރު، އެންމެ ވަރުގަދަ އައްޑަނަ، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާ، ރާއްޖެއަށް ގެނެސްދެއްވި މާތް ރަސްގެފާނު.

އެހެންކަމުން، މިމުނާސަބަތުގައި އެރަސްގެފާނު ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށާއި، މާތްވެގެންވާ އިސްލާމްދީނަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ މަތިން ހަނދާން ކުރަމުން، اللّـه سبحـانـه وتعـالٰى، އެ ރަސްގެފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

މިމަދަރުސާގެ މޮޓޯއަކީ “Faith, Discipline, Wisdom” އާދެ! ”އީމާންކަން، އުޅުންތެރިކަން، ޙިކްމަތްތެރިކަން“. މިއީ، ޝައްކެއްނެތްގޮތުގައި، ވަރަށް ހަރުދަނާ މޮޓޯއެއް.

އީމާންކަން ރަމްޒުކޮށްދެނީ، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާ. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން. އެހެންވީމާ، އަޅުގަނޑުމެންގެ އީމާންކަމަކީ، އިސްލާމްދީނަށް އޮންނަ އީމާންކަން. އުޅުންތެރިކަން ރަމްޒުކޮށްދެނީ، މީހުންނާ އެކުގައި މުޢާމަލާތު ކުރާނެގޮތް ދަތުމާއި، މުޖްތަމަޢުގައި އެހެން މީހުންނަށް އިޙްތިރާމުކުރަން އަދި ތިމާއަށް އިޙްތިރާމް ލިބެވޭފަދަ ގޮތަކަށް އުޅެން ދަސްވުމާއި، ތިމާއަކީ، ރަނގަޅު އަޚްލާޤީ ސިފަތަކެއް ހުރި ހަރުދަނާ ޝަޚްޞިއްޔަތަކަށްވުމަށް. ޙިކްމަތްތެރިކަން ރަމްޒު ކޮށްދެނީ، ދުރުވިސްނުމާއި، ބުއްދިވެރިކަމާއި ތޫނުފިލިކަމަށް. މިހުރިހާ ސިފަތަކަކީވެސް، އެބޭފުޅެއްގެ ނަންފުޅަށް، މި މަދަރުސާ ނުވަތަ މި ސްކޫލް ނިސްބަތްވާ ދަރުމަވަންތަ ރަސްގެފާނުގެ މާތް ޝަޚްޞިއްޔަތުގައި ހިމެނިފައިވާ ސިފަތަކެއް. މި ސިފަތަކަކީ، ޙަޤީޤަތުގައި މާތްވެގެންވާ އިސްލާމްދީނުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ކަންތައްތައް.

އެންމެ ފުރަތަމަ އީމާންކަން: މާތްﷲ ވަޙީ ކުރައްވަނީ، ”إِنَّ الدّيْنَ عِندَاللّهِ الإِسْلامُ“ (آل عمران: 19) ”ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި، ދީނަކީ، އިސްލާމްދީނެވެ.“

އުޅުންތެރިކަމާ ބެހޭގޮތުންވެސް ދީނުގައި ވަރަށްގިނަ އިރްޝާދުތައް ދެއްވާފައިވޭ. ކީރިތި ޤުރްއާނުގައި މާތްﷲ، އެކަލާނގެ ރަސޫލާއާ މުޚާޠަބު ކުރައްވައި ވަޙީކުރައްވާފައިވޭ، ”وَإِنَّك لَعَلَى خُلُقٍ عَظيْم“ (القلم 4) ”ހަމަކަށަވަރުން ކަލޭގެފާނުވަނީ މާތް ޚުލުޤުފުޅެއްގެ މަތީގައެވެ.“

ހަމައެހެންމެ، އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވޭ. ” إِنَّمَا بُعِثْتُ لأِتَمِّمَ مَكَارِمَ الأَخْلاَقِ“ ”ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވާފައި މިވަނީ، مَكَارِمَ الأَخْلاَقِ އާދެ! އަޚްލާޤީ މާތް ސިފަތައް ފުރިހަމަކޮށްދެއްވުމަށެވެ.“

އެހެންވީމާ، އިސްލާމްދީނުގައި އީމާންކަން އެއޮތީ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައި. އަދި އުޅުންތެރިކަން ނުވަތަ މާތް ޝަޚްޞިއްޔަތުގެ ވެރިޔަކަށްވުމުގެ މުހިންމުކަން އެއޮތީ ކީރިތި ޤުރްއާނާއި އަދި ރަސޫލާގެ ސުންނަތުގައި ވަރަށް ޞަރީޙަކޮށް އަންގަވައިދެއްވާފައި. ތިންވަނަ ކަމަކަށް މިއޮތީ ޙިކްމަތް. ދުރު ވިސްނުން، ހެޔޮ ވިސްނުން، ބުއްދީގެ ބޭނުންކުރުން. މިކަމަކީވެސް، ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައިވާ ކަމެއް. މާތްﷲ ވަޙީކުރައްވާ. "يُؤتِي الْحِكْمَةَ مَن يَشَآءُ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِىَ خَيْراً كَثِيراً وَمَا يَذَّكَّرُ إِلاَّ أُوْلُواْ اْلأَلْبَـٰبِ" (البقرة: 269)

މާނައަކީ، "އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޙިކްމަތް ދެއްވައެވެ. އަދި، (އެމީހަކަށް) ޙިކްމަތް ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ އަހުލުވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ."

އެހެންވީމާ، ޙިކްމަތަކީ ކޮންފަދަ ބޮޑު ނިޢުމަތެއްކަން މި މަތިވެރި އާޔަތުން އަޅުގަނޑުމެންނަށް އެބަ އެނގޭ. ހަމައެހެންމެ، ހުރިހާ ރަސޫލު ބޭކަލުން ފޮނުއްވީވެސް ފޮތާއި ޙިކްމަތް އުނގަންނަވައިދެއްވަން ކަމަށް، ކީރިތި ޤުރްއާނުގައި ތަފާތު އާޔަތްތަކުގައި ބަޔާންކޮށްދެއްވާފައިވޭ. ފޮތް އެއީ، މާތްﷲ ބާވާލެއްވި ކަލާމްފުޅު. ޙިކްމަތް، އެއީ، އަޅުގަނޑުމެންގެ ވިސްނުމުގެ ބޭނުންކުރާނެގޮތް. ސަލާމަތް ބުއްދި ބޭނުންކުރާނެގޮތް. ދުރުވިސްނުން، ތޫނުފިލިކަން، މިކަންކަން މިއީ، މާތްﷲ، ރަސޫލުބޭކަލުން އެކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި ފޮނުއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް. ވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، މި ސްކޫލްގެ މޮޓޯގައި މިވާ ތިން ކަމަކީވެސް، މާތްވެގެންވާ އިސްލާމްދީނުގެ އޮނިގަނޑުގައި ހިމެނޭ، އެ ދީނުގައި ވަރަށްބޮޑު އިސްކަމެއް ދެއްވާފައިވާ ތިން ކަމެކޭ.

އެހެންވީމާ، ދަރުމަވަންތަ ސްކޫލްގެ ލޮބުވެތި ދަރިވަރުންނާ މުޚާޠަބުކޮށް އަޅުގަނޑު ބުނަން ބޭނުންވާ އެއްޗަކީ، ތިޔަ ދަރިވަރުންނަކީ، މި މޮޓޯގައި ހިފަހައްޓާ، އަދި މޮޓޯގައިވާ ކަންތައްތަކުން ޚާއްޞަ ސިފަތައް ލިބިފައިވާ ދަރިވަރުންތަކެއް ކަމަށް ވާންޖެހޭނެއޭ. މޮޓޯއެއްގެ ބޭނުމަކީ ހަމައެކަނި ރީތި އަކުރަކުން ފަވާފައި، ބޮޑުއަކުރުން މިހެން ލިޔެލާފައި އޮތުމެއް ނޫން. މޮޓޯގެ ބޭނުމަކީ، އެ މޮޓޯގައި އެބުނާ ކަމެއް، ތިމާގެ އަމިއްލަ ޝަޚްޞިއްޔަތުން ފެނިގެން ދިޔުން. އެހެންވީމާ، މި ސްކޫލްގެ ކޮންމެ ކުއްޖަކުވެސް ވާންޖެހޭނެ ފުރިހަމަ ޢަޤީދާއެއް ހުރި ކުއްޖަކަށް. އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ ކުއްޖަކަށް. ފުރިހަމަ އުޅުމެއް ހުރި ކުއްޖަކަށް. އަޚްލާޤީ ގޮތުން ރީތި ސިފަތަކެއް ލިބިގެންވާ، ހަރުދަނާ އަދި އެހެން މީހުންނަށް އިޙްތިރާމުކުރާ، އެހެން މީހުންގެ އިޙްތިރާމް ލިބޭފަދަ ކުއްޖަކަށް. ހަމައެހެންމެ، މިސްކޫލްގެ ކޮންމެ ދަރިވަރަކީ ވިސްނުމުގެ ބޭނުންކުރާ، ތޫނުފިލި ކުއްޖަކަށްވާންޖެހޭނެ. މި ދެންނެވި ގޮތުގެ މަތިން ތިޔަ ކުދިން ތަރުބިޔަތުކޮށްދެއްވުމަށް، މި ސްކޫލްގެ ވެރިންނާއި މުދައްރިސުން މަސައްކަތް ކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! ޝައްކެއްނެތްގޮތުގައި، ސްކޫލެއްގެ ބޭނުމަކީ، ހަމައެކަނި ކުދިންނަށް މަޢްލޫމާތުތަކެއް ދިނުމެއް ނޫން. ތަފާތު މާއްދާތަކާބެހޭ ޢިލްމީ މުއްސަނދިކަން ކުދިންނަށް ހަދިޔާކުރުމެއް ނޫން. އޭގެއިތުރުން، މަދަރުސާތަކަކީ، ކުދިންގެ ޝަޚްޞިއްޔަތު ބިނާކުރާ ތަންތަން ކަމަށްވާންޖެހޭ. ކޮންމެ ކުއްޖަކީވެސް މުޖުތަމަޢުގައި ދިރިއުޅެން ދަންނަ، ހަރުދަނާ އަދި ޤައުމަށް ފައިދާހުރި ކުއްޖަކަށް ހެދުމަށްޓަކައި މަދަރުސާތަކުން މަސައްކަތް ކޮށްދެއްވަންޖެހޭ. އެއީ، އެންމެފަހު ތަޙުލީލުގައި، މީހާގެ އަގު މުޖުތަމަޢުގައި ވަޒަން ކުރެވިގެންދާނީ، ހަމައެކަނި އެމީހާގެ ސިކުނޑީގައިވާ ޢިލްމުގެ މައްޗަށް ބިނާވެގެން ނޫން ކަމަށްވާތީ. އެމީހާގެ އުޅުންހުރި ގޮތެއް ބަލާފައި، މީހުން އެ މީހަކަށް އިޙްތިރާމް ކުރުމާއި، އިޙްތިރާމް ނުކުރުން ނިމިގެންދާނީ. ރީތި އުޅުމެއް ހުރި، މީހުންނާ މުޢާމަލާތު ކުރަން ދަންނަ، މީހުންގެ އަޑުއަހާ، މީހުންނަށް ކަމޭހިތާ، އަމާނާތްތެރި، މުޢާމަލާތުތަކުގައި ތެދުވެރި މީހަކަށް ވެއްޖިއްޔާ، ޝައްކެއްނެތް، އެންމެންވެސް އެމީހަކަށް ޤަދަރުކުރާނެ. އިޙްތިރާމް ކުރާނެ. ކިތަންމެ މަތިވެރި ޢިލްމުތަކެއް ޙާޞިލުކޮށްގެން ހުރި މީހެއްގެ ކިބައިގައިވެސް، މި ދެންނެވިފަދަ ހަރުދަނާ ރީތި ސިފަތަކެއް ނެތް ކަމުގައިވަނީނަމަ، އެމީހަކީ މުޖުތަމަޢުގައި ޤަދަރުހުރި މީހަކަށް ނުވާނެ. އެހެންވީމާ، ޝަޚްޞިއްޔަތު ބިނާކުރުމަކީ، ދަރިވަރުންގެ ޝަޚްޞިއްޔަތު ބިނާކުރުމަކީ، ސްކޫލްތަކުގެ ވަރަށް މުހިންމު ދައުރެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.

އާދެ! ރާއްޖޭގެ ކިޔަވާކުދިންގެ އަދަދު އިތުރުވަމުންދާއިރު، އެކަށީގެންވާ މާޙައުލެއްގައި ރަނގަޅު ތަޢުލީމެއް ދިނުމަކީ، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއްދެމުން އަންނަ ކަމެއް. ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި މި ވާހަކަ ވިދާޅުވެއްޖެ. އެއީ، ދަރުމަވަންތަ ސްކޫލް އުފެދިގެން އައި ގޮތް. މަޖީދިއްޔާ ސްކޫލް ދެބައިކޮށްފައި. އެތަނުން އެއްބައި ހަމަ މަޖީދިއްޔާ ސްކޫލް ގޮތުގައި އޮވެފައި، އަނެއްބައި ދަރުމަވަންތަ ސްކޫލަށް ހަމަޖެހިގެންދިޔަގޮތް.

މިއީ، ވަރަށް މުހިންމު ބޭނުމަކު ސަރުކާރުން ކުރި ކަމެއް. އާދެ! އެއީ، ކުދިންނަށްދޭ ތަޢުލީމު ހަރުދަނާކޮށް، އެކަށީގެންވާ ބޮޑު އަޅައިލުމަކާއެކު ތަޢުލީމު ދެވޭނީ ކޮންމެ ސްކޫލެއްގައިވެސް އެކަށީގެންވާ ވަރަށްވުރެ ގިނަނޫން އަދަދަކަށް ކުދިން ތިބެގެން ކަމަށްވާތީ. މާގިނަ އަދަދަކަށް އެ ސްކޫލެއްގައި ކުދިން ތިބިކަމަށްވަންޏާ، ކޮންމެ ކުއްޖަކަށް އަޅައިލަންޖެހޭވަރަށް އޮންނާނީ އަޅައިނުލެވިފައި. ވަރަށްގިނަ ތަފާތު މައްސަލަތައް ކުރިމަތިވަމުން އަންނާނެ. މަޖީދިއްޔާ ސްކޫލް ބައިކުރުމުގެ ކުރިން، އެ ސްކޫލްގައި ވަރަށްގިނަ އަދަދަކަށް ކުދިން އުޅުނު. އެހެންވީމާ، އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަންވެސް މިކަމާ ބެހޭގޮތުން ވަރަށްބޮޑަށް ވިސްނާވަޑައިގެންފައި ހުށަހެޅުއްވީ، ސްކޫލް ދެބައިކޮށްލުމަށް.

އާދެ! އެއީ ޑޮކްޓަރ މުޙަންމަދު ލަޠީފް ހުންނެވިއިރު، އޭނާ ހުށަހެޅުއްވި ހުށަހެޅުއްވުމެއް. ބޭނުންފުޅަކީ، ކޮންމެ ސްކޫލަކީވެސް އެކަށީގެންވާ ޢަދަދަށްވުރެ ގިނަނޫން ޢަދަދަކަށް ކުދިން ތިބޭ، އެކުދިންނަށް ރަނގަޅަށް އަޅައިލެވޭ، އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ދެވޭ ތަނަކަށް ހެއްދެވުން. އެގޮތުން، މަޖީދިއްޔާ ސްކޫލް ދެބައިކޮށް، އެތަނުން އެއްބަޔަށް، ދަރުމަވަންތަ ސްކޫލްގެ ނަމުން ނަންދެވި، ޚާއްޞަ މުސްތަޤިއްލު މަދަރުސާއަކަށް މިތަން ވެގެނމިދިޔައީ.

އާދެ! މިއީ އަޅުގަނޑުމެން އަބަދުވެސް ހަމަ ވިސްނަންޖެހޭ ކަމެއް. ސްކޫލްތައް ޢިމާރާތް ކުރުމަކުން ނުފުދޭކަން. ސްކޫލްތަކުގައި ކިޔަވައިދެވޭނެ ގޮތްތައް ހަމަޖެހިފައި އޮތުމަކުން ނުފުދޭކަން. އޭގެއިތުރުން، ކޮންމެ ދަރިވަރަކަށްވެސް އަޅައިލަންޖެހޭނެކަން. މުދައްރިސުންވެސް، ސްކޫލްގެ އިދާރާއިންވެސް، ކޮންމެ ކުއްޖަކަށް އެކަށީގެންވާ ގޮތެއްގައި އަޅައިލެވެންވާނެ. ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އަޅައިލެވިގެން، އެކުދިންނަކީ ރަނގަޅަށް ތަޢުލީމު ލިބިފައިވާ، ހަރުދަނާ ޝަޚްޞިއްޔަތުތަކެއްގެ ވެރި ބަޔަކަށް ހެދޭނީ.

އާދެ! ސަރުކާރުގެ އިތުރުން، ރާއްޖޭގައި ތަޢުލީމު ދެމުންގެންދާ ވަރަށްގިނަ އަމިއްލަ ފަރާތްތައްވެސް އެބަހުރި. މާލޭގައިވެސް، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް. އަމިއްލަ މަދަރުސާތަކާއި، އަމިއްލަ ކްލާސްތައް، އެކި ނަންނަމުގައި ހިނގަމުން އެބަދޭ. މިހުރިހާ ފަރާތްތަކަކުންވެސް ރާއްޖޭގެ ތަޢުލީމަށް އެކޮށްދެއްވަނީ، ވަރަށްބޮޑު ޚިދްމަތެއް. އެހެންކަމުން، ރާއްޖޭގައި އަމިއްލަ މަދަރުސާ، އަމިއްލަ ކްލާސް، ކޮންމެ ނަމެއްގައި ހިންގެވި ނަމަވެސް، އެފަރާތްތަކުން ރާއްޖޭގެ ތަޢުލީމަށާއި، ރާއްޖޭގެ ދަރިވަރުންނަށް އެކޮށްދެއްވާ ޚިދްމަތަށްޓަކައި، އެހުރިހާ ފަރާތްތަކަކަށް، މިއަދުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. މި ސްކޫލް މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ތަފާތު ކާމިޔާބީތައް ޙާޞިލުކޮށްފައިވާ ވާހަކަ. އާދެ! އޭނާ އެ ވިދާޅުވި ކަންތައްތަކުގެ އިތުރުން، އަޅުގަނޑު ހަމަ ތިން ކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ، ވަރަށް ޝަރަފުވެރި ތިން އިނާމެއް، މި ސްކޫލްގެ ދަރިވަރުން ހޯދާފައިވާތީ، އެކަން ހަމަ ހަނދާންކޮށްލުމުގެ ގޮތުން.

އޭގެތެރެއިން އެއްކަމަކީ، 2004 ވަނަ އަހަރު އޭޝިޔާ–ޕެސިފިކް ރީޖަނުން ހޮވި އެންމެމޮޅު ތިން ސްކައުޓުންގެ ތެރޭގައި ހިމެނި، އޭޝިޔާ ޕެސިފިކް އެވޯޑް ފޮރ އައުޓްސްޓޭޑިންގ ސްކައުޓްސް، މި ސްކޫލްގެ ދަރިވަރު ރިޢާޔަތު ޢަބްދުލްމަޖީދު ޙާޞިލުކޮށްފައިވާކަން. ދެވަނަކަމަކީ، 2004 ވަނަ އަހަރު މިޞްރުގައި ބޭއްވުނު ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުގެ 14 އަހަރުން ދަށުގެ ނުބަލާ ކިޔެވުމުގެ ގޮފިން މި ސްކޫލްގެ ދަރިވަރު ޝަމީމް ފައިޞަލް 1 ވަނަ ޙާޞިލުކޮށްފައިވާކަން. ތިންވަނަ ކަމަކީ، 2005 ވަނަ އަހަރު ޕްރެޒިޑެންޓްސް ސްކައުޓް އެވޯޑް، މި ސްކޫލްގެ ދަރިވަރު ސާމީ ސަޢީދު ޙާޞިލުކޮށްފައިވާކަން.

އެހެންވީމާ، މި ތިން ދަރިވަރުންނަށް، މި މުނާސަބަތުގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަމުން، ސްކޫލްގެ އިދާރާއިންނާއި، މުދައްރިސުންނާއި، ބެލެނިވެރިން، މި ކުދިންނަށް މި އިނާމުތައް ޙާޞިލުވުމުގައި ކޮށްދެއްވާފައިވާ މަސައްކަތްތަކަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދަރުމަވަންތަ ސްކޫލް މިއަދު ރަސްމީގޮތުން މި ހުޅުވޭ މުނާސަބަތުގައި، މިސްކޫލްގެ ލޮބުވެތި ދަރިވަރުންނާ މުޚާޠަބުކޮށް، އެއްޗެއް ބުނެލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އަޅުގަނޑު ބުނަން ބޭނުންވާ އެންމެ ފުރަތަމަ ވާހަކައަކީ، ތިޔަ ކުދިންނަށް ލިބިފައި މިވާ ރަނުގެ ފުރްޞަތު، އެކަށީގެންވާ ގޮތުގައި ބޭނުންކުރާށޭ. އެފުރްޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށޭ. ތިޔަ ކުދިންނަކީ ވަރަށް ނަޞީބުވެރި ކުދިންތަކެކޭ. އެހެންވީމާ، ތަޢުލީމު ޙާޞިލު ކުރުމާއި، އެކިރޮނގު ރޮނގުން ތިމާގެ ނަފްސު ހޭނުވުމާއި، ތިމާގެ އަޚްލާޤު ކުރިޔަށް ގެންދިޔުމާއި، ތިމާގެ ޝަޚްޞިއްޔަތު ބިނާކުރުމުގައި، މި ފުރްޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށޭ. އަދި ތަޢުލީމީ ގޮތުންނާއި، އަދި ސްކޫލްގައި ހިންގޭ އެހެން ޙަރަކާތްތަކުގެ ރޮނގުންވެސް ތިޔަ ކުދިން ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރާށޭ. ތިޔަ ކުދިންނާއި ތިޔަ ކުދިންގެ ޢާއިލާތަކުން އަދި ސްކޫލްވެސް ތިޔަ ކުދިންނަށްޓަކައި ފަޚުރުވެރިވާނެފަދަ ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާށޭ. މިކަމަށް ތިޔަ ހުރިހާ ކުދިން ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅާށޭ.

އޭގެއިތުރުން، ދަންނަވާލަން ބޭނުންވަނީ، ތިޔައިން ކޮންމެ ކުއްޖަކީ، މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، އަޚްލާޤީ ގޮތުން ރަނގަޅު ނަމޫނާއެއް ދައްކައި، އަދި ސްކޫލްގެ ވެރިންނާއި ޓީޗަރުންނަށް އިޙްތިރާމުކުރާ ކުއްޖަކަށްވެސްވާށޭ. އަދި ތިޔަ ކުދިންގެ ސަބަބުން މި ސްކޫލަށާއި، މި ސްކޫލް ހިންގަވާ ބޭފުޅުންނަށާއި، އަދި ދިވެހި މުޖުތަމަޢަށް ރީތި ނަމެއް ލިބޭ ގޮތަކަށް ތިޔަ ކުދިން މަސައްކަތް ކުރަމުން ގެންދާށޭ.

ހަމައެހެންމެ، މި އަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރު ”އިޙްތިރާމް ކުރާށެވެ. އިޙްތިރާމް ލިބިގަންނާށެވެ.“ މިޝިޢާރަކީ، ސްކޫލްތަކުގެ ދަރިވަރުންވެސް ޢިބްރަތްތަކެއް ޙާޞިލު ކުރަންވީ ވަރަށް މުހިންމު ޝިޢާރެއް ކަމުގައި އަޅުގަނޑު ދަންނަވަން.

އާދެ! މީގެއިތުރުން، ޚާއްޞަކޮށް ސްކޫލްގެ ދަރިވަރުންނާ މުޚާޠަބުކޮށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތަފާތު އޮއިވަރުތައް ހިނގަމުންދާ ވާހަކަ. އޭގެތެރޭގައި، އަޅުގަނޑުމެންނަށް ފައިދާހުރި ކަންތައްތަކާއި، އަޅުގަނޑުމެންނަށް ގެއްލުންހުރި ކަންތައްތައް ހިނގަމުން އެބަދެޔޭ. އަޅުގަނޑުމެންގެ ޅަކުދިންނަށާއި ޒުވާނުންނަށް ވަރަށް ނޭދެވޭ އަސަރުކުރާ ބައެއް ކަންތައްތައްވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބާރަށް ފެތުރިގެން ގޮސްފައިވެޔޭ. އޭގެތެރޭގައި، އެކި ނުބައި އާދަ އަށަގަތުން ހިމެނޭ.

އެހެންވީމާ، ތިޔަ ކުދިންނަކީ، މިފަދަ ނުބައި އާދަތަކުން ދުރުހެލިވެގެން، އެއްކިބާވެގެން ތިބޭ ކުދިބަޔަކު ކަމުގައިވާށޭ. އެއްވެސް ޙާލެއްގައި ތިޔައިން ކުއްޖަކީ އެފަދަ ވަބާއެއްގައި ޖެހޭ ކުއްޖަކަށް ނުވާށޭ. އަދި ފަހަރެއްގައި ކަން ދިމާވާގޮތުން، ކުއްޖަކަށް މިފަދަ ދެރަގޮތެއް ދިމާވިޔަސް، އެހެން ހުރިހާ ކުދިން އެ ކުއްޖަކާ އެއްބާރުލައިގެން، އެހީތެރިވެގެން އެކުއްޖަކު ސަލާމަތް ކުރެވޭތޯ ބަލާށޭ.

އާދެ! ޝައްކެއްނެތްގޮތުގައި އެކުވެރިންނަކީ، އެމީހުންގެ އަސަރު ކޮންމެ މީހަކަށްވެސް ކުރާނެ ބަޔެއް. އެކުވެރިންނަކީ، އިޚްލާޞްތެރި ރަނގަޅު ބަޔަކަށް ވެއްޖިއްޔާ، އެމީހަކަށް އެ އެކުވެރިންގެ ފައިދާކުރާނެ.

އެހެންވީމާ، މަގުން ކައްސާލައިގެންދާ ކުއްޖަކާ ދޭތެރޭގައިވެސް އެކުއްޖަކު ކުށްވެރިކޮށް، ދުރުހެލިކޮށްލުމުގެ ބަދަލުގައި އެކުއްޖަކު ގޮވައިގެން އުޅޭށޭ. އެކުއްޖަކާ އެހީތެރިވާށޭ. އެކުއްޖަކަށް ހަމްދަރުދީވާށޭ. އެކުއްޖަކަށް މަގުދައްކައިދޭށޭ. އެކުއްޖަކާ އެހީތެރިވެގެން އެކުއްޖާ ރަނގަޅު މަގަށް ގެންނާށޭ. މިއީ، ހުރިހާ ސްކޫލްތަކުގެ ދަރިވަރުންވެސް ވަރަށް ބޮޑަށް ވިސްނައި، އަދި އެގޮތުގެ މަތިން ޢަމަލުކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! މިތާނގައި ލިޔެފައި ހުރި އެކިއެކި ޝިޢާރުތަކުގައިވެސް އެހުރީ އެކަހަލަ ވާހަކަ. އިސްނަގާށޭ. އެކުވެރިވާށޭ. އެހީތެރިވާށޭ. އެހެންވީމާ، އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވާން އެބަޖެހޭ. ރަނގަޅު މަގުގައި ކަންތައް ކުރުމަށް އެހީތެރިވާންޖެހޭ. އަޅުގަނޑުމެންގެ ދީންވެސް އަޅުގަނޑުމެންނަށް އަންގަވަނީ އެހެން. ”وَتَـعَاوَنـُواْ عَـلَى الْبِّـرِ وَالتَّقْـوَى“ (المائدة 2) ”ތިޔަބައިމީހުން ހެޔޮކަންތައް ކުރުމުގައްޔާއި، ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާށޭ. އެކަކު އަނެކަކާ އެއްބާރުލާށޭ.“

އެހެންވީމާ، ހުރިހާ މަދަރުސާތަކުގެ ކުދިންވެސް، އެކުދިން އެއްކުއްޖަކު އަނެއް ކުއްޖަކާ ވަރަށް ބޮޑަށް އެއްބާރުލައިގެން އެކުވެރިކަމުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. ކުރިންވެސް މިދެންނެވި ފަދައިން، އެއްވެސް ކުއްޖަކަށް ދެރަގޮތެއް ދިމާވެއްޖިއްޔާ އެކުއްޖާ އެގޮތުން ސަލާމަތްކޮށް، ރަނގަޅު މަގަށް އެޅުވުމުގައިވެސް، ހުރިހާ ކުދިންގެ، އޭނާގެ އެކުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން އެއީ ވަރަށް މުހިންމު އެއްޗެއް.

މިއަދުގެ ވާހަކަ އަޅުގަނޑަށް ނިންމާލެވެން އަންނަނީ، ރާއްޖޭގެ ތަޢްލީމު އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް ގެންދެވުމުގައި އެހީތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އޭގެތެރޭގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުގައި މީގެކުރިން ޚިދްމަތް ކުރެއްވި ހުރިހާ ބޭފުޅުންވެސް އަޅުގަނޑު ހިމަނަން. ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ޑޮކްޓަރ މުޙަންމަދު ލަޠީފް، އަލްފާޟިލް އިސްމާޢީލް ޝަފީޢު، ޑޮކްޓަރ މަޙްމޫދު ޝައުޤީ، މިބޭބޭފުޅުންނަކީ، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދައުރުގައި ރާއްޖޭގެ ތަޢްލީމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން. އަދި މިހާރުގެ މިނިސްޓަރ އަލްފާޟިލާ ޒާހިޔާ ޒަރީރުވެސް ހަމަ އެ ހުންނެވީ އެ މަސައްކަތުގައި. ވަރަށް އިޚްލާޞްތެރިކަމާއެކު ހިންމަތް ކުރެއްވުންމަތީގައި. އެހެންވީމާ، މިހުރިހާ ބޭފުޅުންނަށް، މިއަދުގެ މުނާސަބަތުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމައެހެންމެ، ރާއްޖޭގެ ސްކޫލްތައް ހިންގަވާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ދަރުމަވަންތަ ސްކޫލްގެ ވެރިންނަށާއި، ދަރުމަވަންތަ ސްކޫލްގެ ހިންގުންތެރިންނަށާއި، އަދި ކިޔަވައިދެއްވާ މުދައްރިސުންނަށް. ހަމައެހެންމެ، ސަރުކާރުގެ ސްކޫލްތަކާއި، އަދި އަމިއްލަ ސްކޫލްތަކުގެ ހިންގުމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި، އެސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނާއި، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކިޔަވާ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި، މިހުރިހާ ބޭފުޅުންވެސް ރާއްޖޭގެ ތަޢުލީމަށް އެ ކޮށްދެއްވާ ޚިދްމަތަށްޓަކައި، އަދި އެ ބޭފުޅުންގެ ދަރިންނަށް ތަޢުލީމީ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް، އެ ކުރައްވާ ބުރަ މަސައްކަތަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالٰى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދިޔުމުގެ ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ އިޖުތިމާޢީ ޚިދްމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރުމުގައި، އެކަލާނގެ މަދަދު އަޅުގަނޑުމެންނާ އެކުގައިވުން. ދަރުމަވަންތަ ސްކޫލަށް އިތުރު ކުރިއެރުމާއި ތަރައްޤީ، މާތްﷲ މިންވަރު ކުރެއްވުން. ހަމައެޔާއެކީގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށާއި، ހުރިހާ ދަރިވަރުންނަށް، އުފާވެރި ތަޢުލީމީ ޙަޔާތަކާއި އަދި ބާއްޖަވެރި ކުރިމަގެއް އެކަލާނގެ ދެއްކެވުން.

والسّـلام عليـكم ورحـمة اللّه وبـركاتـه.