ބައެއް ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ރާއްޖެއިން އިތުރަށް ވަރުގަދަ ކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ސަރުކާރުން މިހާރު މިވަނީ، ކްރޫޒްލައިނަރތައް މެދުވެރިކޮށް ރާއްޖެ އެތެރެވުމާއި، އީރާނާއި ދެކުނު ކޮރެއާގެ ބައެއް ސަރަޙައްދަކުން ފުރައިގެން އަންނަ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރައްވާފައެވެ. އަމީން ވިދާޅުވީ، މި ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަދި މިހާތަނަށް މި ވައިރަސްއަށް ޕޮޒިޓިވް ނުވަތަ މި ބަލި ޖެހިފައިވާ އެއްވެސް މީހަކު ފެނިފައިނުވާ ކަމަށެވެ.

ކަމާއިބެހޭ ފަރާތްތަކާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަކަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި މި ވައިރަސްގެ އަސަރު މިހާރު ފެތުރެމުންދާ ހަލުވިމިނަށް ބައްލަވައި، 26 ފެބުރުވަރީ 2020 އިން ފެށިގެން ކްރޫޒްލައިނަރތައް މެދުވެރިކޮށް ރާއްޖެ އެތެރެވުން މަނާކުރަން ނިންމަވާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ހަލުވިކަމާއިއެކު މި ވައިރަސް ފެތުރެމުންދާ ދެ ޤައުމު ކަމަށްވާ އީރާނާއި ދެކުނު ކޮރެއާގެ ބައެއް ސަރަޙައްދަކުން ފުރައިގެން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރައްވަން ނިންމަވާފައި ކަމަށެވެ.

އެގޮތުން 26 ފެބްރުއަރީ 2020 އިން ފެށިގެން، އިރާނުން ވައިގެމަގުން ސީދާ ދަތުރުކުރާ ފަސިންޖަރުންނާއި، މިދިޔަ 14 ދުވަހުގެ ތެރޭގައި އިރާނުގައި ޓްރާންސިޓްކޮށް، ދަތުރުކުރާ ފަސިންޖަރުން ދިވެހިރާއްޖެއަށް އައުން ވަނީ ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމަވާފައެވެ. ދެކުނު ކޮރެޔާއިން 03 މާރިޗު 2020 އިން ފެށިގެން ރާއްޖެއަކުން ވަގުތީގޮތުން މަނާކުރެއްވުމަށް ނިންމަވާފައިވާ ސަރަޙައްދުތަކަކީ އެ ޤައުމުގެ “Daegu” އާއި “Gyeongbuk” އާއި “Busan” އާއި “Seoul” އާއި “Gyeonggi” އާއި “Gyeongnam” އެވެ.

މި ވައިރަސްއަކީ ބޮޑު ރޯގާއަކަށް ވެދާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ.) އިން ލަފާކޮށް، ޤައުމުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވާތީ، މި ވައިރަސްއާއިގުޅޭ މަޢުލޫމާތު ކޮންމެ ދުވަހަކުވެސް ބައްލަވައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ބައެއް ސަރަޙައްދުތަކުގައި ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދާތީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން އެ ޤައުމަށް ދަތުރު ނުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން، އެ ޤައުމުގައި ދިރިއުޅޭ އަދި އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހީން ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.