بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް، އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ވެރިން، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ހޭލުންތެރިކުރުމުގެ ޤައުމީ ހަރަކާތުގައި ބައިވެރިވެވަޑައިގެންނަވާ އެންމެހައި ބޭފުޅުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެނީ މިފަދަ ހަރަކާތެއް ހިންގުމަށްޓަކައި އެ މަސައްކަތް ފެށްޓެވީތީވެ، އިލެކްޝަންސް ކޮމިޝަނަށާއި، އަދި މި ހަރަކާތުގައި ބައިވެރިވާ އެންމެހައި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި ދަޢުލަތުގެ އެންމެހައި މުއައްސަސާތަކުގެ ވެރިންނަށް ޝުކުރު ދެންނެވުން.

އާދެ، އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރުތަކަށް ބަލައިފި ކަމަށްވަންޏާ، ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ގިނަގުނަ ބަދަލުތަކެއްވަނީ އަންނަން ފަށާފައި. އާދެ، މިގޮތުން 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީން ރާއްޖޭގެ ރައްޔިތުންނަށްވަނީ ގިނަގުނަ ޙައްޤުތަކެއް ލިއްބައިދީފައި. އާދެ، އަޅުގަނޑުމެންގެ މުޅި ނިޒާމު، ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު މިވަނީ ޒަމާނާ އެއްގޮތަށް ޤާނޫނުއަސާސީން ބަދަލުކުރުމުގެ ޖާގަދީ، އެ ކަންތައްތައް އަޅުގަނޑުމެން މިވަނީ ފަށްޓާފައި.

އާދެ، ތިންބާރު ވަކިވެފައިވާ ނިޒާމެއް މިއަދު މި ޤައުމުގައި ވަނީ ތަޢާރުފު ކުރެވިފައި. އާދެ، ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިގެންދިޔަ އެންމެބޮޑު އެއް ހިތްހަމަޖެހުމަކަށް ވެގެންދިޔައީ ޙައްޤުތައް. އާދެ، ރައްޔިތުންގެ ޙައްޤުތައް. މިއަދު އަޅުގަނޑުމެން އެންމެންވެސް ޙަޤީޤަތުގައި ކުރަމުންދާ މަސައްކަތްތަކަކީ އެކަންތައް ކަށަވަރުކުރުން.

އަޅުގަނޑު ފާހަގަކުރަން، ދައުލަތުގެ އެކި މުއައްސަސާތަކުންނާއި، އަދި ވަކިވަކި ޖަމުޢިއްޔާތަކުންވެސް ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް އަބަދުވެސް ހިންގަމުން ކުރިއަށްގެންދޭ. އާދެ، ވަރަށް މުހިންމު ކަމެއް. ޤާނޫނުތަކެއް ހެދިފައި ހުންނައިރު، އުޞޫލުތަކެއް ހެދިފައި ހުންނައިރު، އަޅުގަނޑުމެންގެ ހުރިހާ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެކަންތައް އެނގެން އެބަޖެހޭ. އާދެ، މިއަދަކީވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެގޮތަށް ބަލާކަމަށްވަންޏާ، ވަރަށް މުހިންމު ދުވަހެއް. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު މިއަދު މިވަނީ ވުޖޫދުވެފައި. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ހުރިހާ އެންމެންނަށްވެސް މި ޤާނޫނުގައި ބުނާ އެއްޗެއް ވަރަށް ސާފުކޮށް އެނގެން އެބަޖެހޭ.

އާދެ، ފާހަގަކޮށްލަންޖެހޭ ކަމަކީ، އަޅުގަނޑުމެންނަށް މިފަދަ އެތައް ޕްރޮގްރާމްތަކެއް، އެތައް މަސައްކަތަކުން، އެތައް މިންނަތަކުން ބޭއްވެމުންދާއިރު، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް ދޭންޖެހޭ ސަމާލުކަން އެކަމަށް ބަރާބަރަށް ދެވިގެން، ނުވަތަ އެ ދަސްކޮށްދޭ ނުވަތަ ދަސްވާ އެއްޗެއްގެ ބޭނުން އަޅުގަނޑުމެންނަށް ރަނގަޅަށް ހިފޭތޯ އެއީ، އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ސުވާލަކީ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ވާޖިބުތަކެއްވޭ. ވަކި މީހެއްގެ ކޮނޑުގައި އެޅިފައެއްނޫން އޮންނަނީ ވަކި ކަންތައްތަކެއް. ކޮންމެ ފަރުދަކީވެސް، ކޮންމެ މީހަކީވެސް މަސްއޫލިއްޔަތުތަކެއް، ޒިންމާތަކެއް، ވާޖިބުތަކެއްވާ މީހެއް.

އެހެންވީމާ، މިފަދަ ޕްރޮގްރާމްތަކުން އަޅުގަނޑުމެންނަށް ދަސްވާ އެއްޗެހީގެ ބޭނުން، އަޅުގަނޑުމެން ހެޔޮގޮތުގައި ހިފަން އެބަޖެހޭ. ޕްރޮގްރާމްތަކަކީވެސް އޭގެ ޒާތުގައި، ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު، ކުރިއަށް ގެންދިޔުމަށް އެހާ ފަސޭހަވާނެ ކަންތައްތަކެއް ނޫން. މިއަދު، ދެންމެ އިލެކްޝަންސް ކޮމިޝަނުގެ ރައީސްވެސް އެ ފާހަގަކުރެއްވިގޮތަށް، މުޅި ދުނިޔެއަށް އަންނަ ކޮންމެ ބަދަލެއް، ދުނިޔޭގައި ހިނގާ ކޮންމެ އޮއިވަރެއް، އަޅުގަނޑުމެންގެ މި ކުޑަ ރާއްޖެއަށްވެސް އޭގެ އަސަރުކުރޭ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ލޯތައް ވަރަށް ބޮޑަށް ހުޅުވާލައި، އަޅުގަނޑުމެންގެ ޤައުމުގައި ހިނގާ ކަންތައްތަކާމެދު ވިސްނައި، އަންނަން ތިބި އަޅުގަނޑުމެންގެ ދަރިންގެ ޙައްޤުގައި ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އިތުރު ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ.

އަޅުގަނޑުމެންނަށް ޔަޤީންވާކަމަކީ، އާދެ މިޙަފްލާ ފެށުމުގެ ގޮތުން އެ ކިޔެވި ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް މި އެނގެނީ، އަޅުގަނޑުމެން އިންސާނުންނަށް ޙަޤީޤަތުގައި ނުކުރެވޭވަރުކަމެއް އަޅުގަނޑުމެންނަކަށް މާތްރަސްކަލާނގެ ނުޖައްސަވާ. އަޅުގަނޑުމެން ކަމެއް ކުރުމުގެ ވިސްނުން، އެ ހެޔޮ ނިޔަތުގައި އަޅުގަނޑުމެން ނުކުމެއްޖެ ކަމަށްވަންޏާ، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ކާމިޔާބުނުވާނެ ކަމެއް ނޯންނާނެ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން މިފަދަ ޕްރޮގްރާމެއް ހިނގަމުންދާއިރު، އަޅުގަނޑުމެންގެ ޙައްޤުތަކެއްވާކަން އަޅުގަނޑުމެން ގަބޫލުކުރާގޮތަށް، އަނެކާގެ ޙައްޤުތަކެއްވާކަން އަޅުގަނޑުމެން ގަބޫލުކޮށް، އަބަދުވެސް އެހެން މީހުންގެ ޙައްޤުތަކަށްވެސް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތައި، އަޅުގަނޑުމެންނަކީ އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކަށްވާން އެބަޖެހެޔޭ. ފަހަރެއްގައި އަޅުގަނޑުމެންގެ ތެރޭގައި ތިބޭ ހުރިހާ އެންމެންނަކީ، އެއްވަރަކަށް ވިސްނުންތެރިކަން ހުންނަ ބަޔަކަށް ނުވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި އޮންނަނީ އަބަދުވެސް އެހީތެރިވުން. ކަންކަން ނޭނގޭ މީހުންނަށް ކިޔައިދިނުން. އެއީ އަޅުގަނޑުމެން މި ކުރަންޖެހޭ ކަމަކީ.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، މިއަދު އަޅުގަނޑުމެންނަށް މި ވުޖޫދުވެގެން މިއައި ޤާނޫނު. އާދެ، އަޅުގަނޑުމެން އެ ބަޔަކަށްޓަކައި އެންމެ ބޮޑަށް އަޅައިލަންޖެހޭ އަޅުގަނޑުމެންގެ ކުޑަކުދީންނަށްޓަކައި އެކަނި އަޅުގަނޑުމެން ވިސްނާލިޔަސް، އަޅުގަނޑުމެން ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތައި، އޭގައި ބުނާ ކަންތައްތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް، އަޅުގަނޑު އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަން.

އާދެ، މިއަދު އަޅުގަނޑުމެންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މި ވާހަކަތައް އެބަ ދެއްކޭ. ކޮންމެ މީހަކަށްވެސް އެ މީހެއްގެ މައްސަލަތައް އެބަ ކިޔައިދެވޭ. އަޅުގަނޑުމެންނަކީ ކަންކަން ފޮރުވައިގެން ތިބޭ ބަޔަކަށް މިއަދު ވާކަށްނުޖެހޭ. އަޅުގަނޑުމެންގެ މުއައްސަސާތައް މިއަދު ތައްޔާރަށް މިތިބީ. ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް، އަޅުގަނޑުމެންނަކީ ވަކި މީހަކަށްވީތީވެ، ވަކި ބަޔަކަށްވީތީވެ، ވަކި މީހަކު ކުރާ ކަންތައް ފޮރުވައިގެން، އެހެން ތިބޭނޭ ބައެއް ނޫން. އެއަށްވުރެ މާ ސާފުސީދާކޮށް އަޅުގަނޑުމެންގެ ތެރޭގައި ހުރިހާ ބަޔަކުވެސް މިތިބީ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ގޮވާލަން ބޭނުންވަނީ، މިކަން ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން އެއްކޮށް އެކުގައި މަސައްކަތްތަކެއް ކުރަން އެބަޖެހެއޭ. އާދެ، ވިސްނާލަންޖެހޭ ކަމަކީ، ޤައުމެއްގައި ކިހާ ދުވަހަކުތޯ، އަޅުގަނޑުމެން ކަންކަން ރަނގަޅު ކުރުމަށްޓަކައި، ކަންކަން ރަނގަޅުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބެންވީ. އަޅުގަނޑު ދަންނަވާނީ، މިހާރު އެ ދުވަސް ފަހަނައަޅައި ގޮސްފިޔޭ. އަޅުގަނޑުމެންގެ ޤައުމު ކުރިއަރައިދިޔުން އެއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ރައްޔިތަކުވެސް އެންމެ ބޭނުންވާނެ ކަންތައްތަކޭ.

އެހެންވީމާ، މިހާރު، މިހާރުން މިހާރަށްވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އެ ވިސްނުމުގައި، އިތުރު ހިތްވަރާއި މަސައްކަތްތަކެއް ކުރަން އެބަޖެހެޔޭ. އާދެ، ރާއްޖޭގެ ރަށްތައް ހުރިގޮތުންވެސް، ޙަޤީޤަތަކީ އަޅުގަނޑުމެންނަށް މިފަދަ ޕްރޮގްރާމްތައް ހިންގައި، މިކަހަލަ ގުޅުންތަކެއް ރައްޔިތުން ހޭލުންތެރިވެގެން ތިބެ ކަންތައްތަކެއް ކުރުމަކީ، އެއީވެސް އެއްގޮތުން ވިސްނައިފި ކަމަށްވަންޏާ، ފަސޭހަ ކަމެއް. ކުދިކުދި އާބާދީތައް ހުންނައިރު، އަޅުގަނޑުމެންނަކީ ވަރަށް އެކުވެރި ބައެއް. ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންނަކީ އެކަކު އަނެކަކު ވަރަށް ދަންނަ، ވަރަށް ގާތް ރައްޓެހި ގުޅުންތަކެއް އޮންނަ ބައެއް. އެހެންވީމާ، އެ ނަޒަރުން ވިސްނައިލިޔަސް، އަޅުގަނޑުމެންނަށް ހުރި ފަސޭހަތަކެއް އެބަހުރި.

ދެން، އަޅުގަނޑުގެ ވާހަކަކޮޅު އެހާ ދިގުނުކޮށް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ދަސްވާ އެއްޗެއްގެ ބޭނުން އަޅުގަނޑުމެން ހިފަން ޖެހޭނެއޭ. އަޅުގަނޑަށް އެބަފެނޭ، ވަރަށް ގިނަ މުދައްރިސުން. އަޅުގަނޑަށް އެބަފެނޭ، މާ ކުރިއްސުރެ ފެށިގެން މި ބާވަތުގެ މަސައްކަތްތައް ކުރައްވަމުން ގެންދެވި ބޭފުޅުން. ޙައްޤުތަކުގެ ވާހަކަ ދެއްކެވި ބޭފުޅުން. އެ ޙައްޤުތައް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުން.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ޚާއްޞަކޮށް، ކުޑަކުދިންނާއި އަދި އަންހެން ބޭފުޅުން ބާރުވެރިކުރުވުމުގެ ވާހަކަތަކަކީ ވަރަށް ބާރަށް ދައްކަމުން އަންނަ ކަންތައް.

އާދެ، ނިންމާލުމުގެ ކުރިންވެސް އަޅުގަނޑު ދަންނަވާލަން އޮތީ، މުޖުތަމަޢެއް ބާރުވެރިވެ، އަޅުގަނޑުމެން ބޭނުންވާ ކާމިޔާބު ހާސިލުކުރެވޭނީ، މުޖުތަމަޢުގެ ކަންތައްތަކުގެ، ޤައުމެއްގެ ތަރައްޤީގެ ބައިވެރިވުމުގެ ފުރުޞަތު ހަމަހަމަޔަށް ލިބިގެންނޭ. އާދެ، އެގޮތުން އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއްކޮށް، މިއަދު އަންހެން ބޭފުޅުންނަށް އެ ފުރުޞަތު މި ޤައުމުން ލިބިގެންދާކަމީވެސް އަޅުގަނޑުމެން ހަމަ ގަބޫލުކުރާ ކަމެއް.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން އޮތީ، މި މަސައްކަތުގައި އަޅުގަނޑުމެން ވަރަށް ބާރަށް ކުރިޔަށްގޮސް، އެންމެން އެކުގައި މަސައްކަތްތަކެއް ކުރެވި، ދިވެހިރާއްޖެއަށް ކާމިޔާބު ހޯދައި، އަމާން ބަނދަރެއް، އާދެ، އަމާން ރާއްޖެއެއް، މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑުމެން ޤާއިމުކޮށްދޭންޖެހެޔޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެހައި ރައްޔިތުން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަމާން ޞުލްޙަމަސަލަސް ރާއްޖެއެއް ދެމިއޮތުމުގެ ފުރިހަމަ ނަސީބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.