بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ވަޑައިގެން ތިއްބެވި އެންމެހައި ވަޒީރުން، މައްޗަންގޮޅި ދެކުނު ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ރިނބުދޫ ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ޝާކިރު، ރިނބުދޫ ކައުންސިލުގެ ރައީސް ޙާތިމް އިބްރާހީމް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރިނބުދޫ ސްކޫލްގެ އުފާވެރި ރަން ޔޫބީލް މުނާސަބަތުގައި، ސްކޫލްގެ އިސް ވެރިންނަށާއި، ސްކޫލްގެ އެންމެހައި މުވައްޒަފުންނަށާއި ދަރިވަރުންނަށް، އަދި އެކުދިންގެ ބެލެނިވެރިންނަށްވެސް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން.

މި ސްކޫލަކީ ރައްޔިތުންގެ އަމިއްލަ މަސައްކަތުން އުފެދިގެން އައި ސްކޫލަކަށްވާތީ، މި ސްކޫލްގެ ޙަޤީޤީ ބާނީން ކަމުގައިވާ، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި މި ސްކޫލަށް ޚިދުމަތް ކުރެއްވި ހުރިހާ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން.

ރިނބުދުއަކީ މުޅި ރާއްޖެއަށް ނަން މަޝްހޫރު ރަށެއް. އާދެ! ތިލޭރުކަމުގައި އެފަދަ ދެވަނައެއް ނެތް ރަށެއް. މިކަމުން އެނގެނީ މިއީ، ވަރަށް ހުނަރުވެރި އަދި ވަރަށް ފަންނުވެރި މަސައްކަތްތެރި ބަޔަކަށް ނިސްބަތްވާ ރަށެއްކަން. މިއަދު މިރަށުގައި ހުޅުވިގެންދިޔަ ޘަޤާފީ މަގުގައި ހުރި ކުރެހުންތަކުންވެސް އަޅުގަނޑުމެންނަށް އެކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ. މިރަށު ކައުންސިލާއި މޯލްޑިވިއަން އަރޓިސްޓް ކޮމިއުނިޓީ ގުޅިގެން ކުރި އެ މަސައްކަތުން އަންގައިދެނީ، ފަންނާއި ހުނަރުވެރިކަމުގެ އީޖާދީ ވިސްނުން މިރަށުގެ ރައްޔިތުންގެ ކިބައިގައި ވަރަށްބޮޑަށް އެބަހުރިކަން. ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދީ، އެ މަސައްކަތް ދިރުވައި އާލާކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ސްކޫލްގެ ތާރީޚަށް ބަލާއިރުވެސް، މި ރަށުގެ ރައްޔިތުންނަކީ، ގޮންޖެހުންތައް ހުރަސްކޮށް ކާމިޔާބީގެ އައްސޭރި ހޯދުމުގެ ވަރުގަދަ ޢަޒުމުގައި މަސައްކަތްކުރާ ބައެއްކަން އެނގޭ.

ސުނާމީއާ ގުޅިގެން ގާތްގަނޑަކަށް މިރަށުގެ ދެބައިކުޅައެއްބައި މީހުން، ކ. ތުލުސްދުއަށް ބަދަލުވި. އެކަމާ ގުޅިގެން ސްކޫލްގެ އެތައް ކުދިންނެއް ސްކޫލުން ވަކިވި. އަދި ތަމްރީނުވެގެން ތިއްބެވި މުދައްރިސުންގެ ތެރެއިން އެންމެ މުދައްރިސެއް ފިޔަވައި، ދެން ތިއްބެވި ހުރިހާ މުދައްރިސުން އެއްފަހަރާ ސްކޫލުން ވަކިވި.

އާދެ! މިއީ ސްކޫލެއް އުވިގެން ހިނގައިދާނެފަދަ ޙާލަތެއް. ނަމަވެސް، ރަށުގެ ރައްޔިތުންނާއި ރަށުގެ ވެރިން ގުޅިގެން، މި ސްކޫލް ހުއްޓުނަނުދީ، މިހާ ހިސާބަށް ގެނައީ، ސާބަހާއި އައްސަރިބަސް ދަންނަވަންޖެހޭފަދަ ގަދަ ހިތްވަރެއް ނެރެގެން. އެކަމަށްޓަކައި، މި ސްކޫލްގެ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް، އަދި ޚާއްޞަކޮށް، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ރިނބުދޫ ސްކޫލްގެ ރަސްމީ ޢުމުރަކީ 50 އަހަރު ކަމަށް ބެއްޔަސް، މިރަށުގައި ރަސްމީ ސިފައެއްގައި ކިޔަވައިދެމުން އަންނަތާ ކިތަންމެ އަހަރެއް ވެއްޖެ. ބައެއް ބޭފުޅުން އެ ތާރީޚު ގުޅުވަނީ، ފުރަތަމަ ޖުމްހޫރިއްޔާގެ ދުވަސްވަރު، އޭރުގެ ރައީސް މުޙައްމަދު އަމީންދީދީ، ރާއްޖޭގައި ތަޢުލީމް ފެތުރުއްވުމަށް ކުރެއްވި މަސައްކަތާ.

ނަމަވެސް، ޙަޤީޤަތުގައި ރާއްޖޭގެ ތަޢުލީމީ ޙަޔާތުގެ ތާރީޚަކީ، އަދި މިރަށުގެ ތަޢުލީމީ ޙަޔާތުގެ ތާރީޚަކީވެސް އެއަށްވުރެވެސް މާ ދޮށީ ތާރީޚެއް. ރާއްޖޭގެ ލިޔެވިފައި އޮތް ތާރީޚަށް ބަލާއިރު، ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ މީހުން އިސްލާމްދީން ޤަބޫލުކުރި ހިސާބުން ފެށިގެން، ދަރީންނަށް ތަޢުލީމް ދިނުމުގެ މަސައްކަތް އޮތީ ފެށިފައި. އޭރުގެ ތަޢުލީމަކީ، ދީނީ އަޅުކަންތައް އަދާކުރެވޭވަރަށް، އަޅުކަމުގެ ކަންކަން ދަސްކޮށްދިނުމާއި، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުން.

ރިނބުދޫ ސްކޫލްގެ ޢުމުރުން މިވީ 50 އަހަރުގެ ތެރެއިން، އެތައް އަހަރެއް ވަންދެން، ސްކޫލްގެ ހުރިހާ ކަމެއް ރާވައި ހިންގީ، މި ރަށުގެ ވެރިންނާއި ރައްޔިތުން. އާދެ، ސަރުކާރުގެ މާބޮޑު އެހީތެރިކަމެއްނެތި، ސްކޫލް ހިންގި ދުވަސްތަކެއްދިޔަ. އެއީ އެ ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްރަށުގެ ކަންތައްތައް ހުރި ގޮތް.

ނަމަވެސް، މިއަދު މިއޮތީ ޙާލަތު ބަދަލުވެފައި. ސިޔާސަތުތައްވެސް މިވަނީ ބަދަލުވެފައި. ދަރިންނަށް ކިޔަވައިދިނުމަކީ، ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހި، ދައުލަތުގެ ބަޖެޓުގެ އެންމެ މަތީ އިންސައްތައެއް، މިހާރު ޚާއްޞަ ކުރެވިފައި މިވަނީ ދަރިންނަށް ކިޔަވައިދިނުމަށް.

އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތު މިގޮތަށް ބަދަލުކުރީ، ވަރަށް ގިނަ ކަންކަމަށް ވިސްނުމަށްފަހު، އަދި ވަރަށް މަތިވެރި މަޤްޞަދެއް ޙާޞިލުކުރުމުގެ ބޭނުމުގައި. އެއީ ރާއްޖެ ހަލުވިމިނުގައި ތަރައްޤީކޮށް ކުރިއެރުވުމަށް. އިޤްތިޞާދީ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާއި ތަރައްޤީއާ އެއް ހަމައެއްގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ދުވެލި ބެހެއްޓޭނީ، ޢާންމު ރައްޔިތުންގެ ކިބައިގައި ތަރައްޤީގެ ވިސްނުން އުފެދިގެން. އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ، ދަރިންނަށް ޒަމާނީ ތަޢުލީމް އުނގަންނައިދީގެން.

ދުނިޔެ އަންނަނީ ހުރިހާ ދާއިރާތަކަކުންވެސް، ވަރަށް ބޮޑަށް ކުރިއަރަމުން، ވަރަށް ބޮޑަށް ބަދަލުވަމުން. އެހެންވީމާ، މިއަދު އަޅުގަނޑުމެން ދަރިންނަށް ދޭންޖެހޭނީ މިޒަމާނުގެ ތަޢުލީމް. މިޒަމާނުގައި މަސައްކަތްތެރިކަމާއި ފަންނުވެރިކަންވެސް ކުރިއަރަމުން އަންނަނީ، ތަޢުލީމީ ފަލްސަފާގެ ތެރެއިން. މިޒަމާނުގައި ޢިލްމާ ނުލައި ކުރާ އެއް ކަމެއްވެސް ނެތް.

ވަޑާންކުރުންވެސް، އޮޑިދޯނިފަހަރު ބަނުންވެސް، ގެދޮރު ޢިމާރާތް ކުރުންވެސް، މިއިން ކޮންމެ މަސައްކަތަކީ، ޢިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްޤީކޮށްފައިވާ މަސައްކަތްތައް. މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫން.

މިޒަމާނުގެ ތަޢުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތަޢުލީމެއް. ސްކޫލް މަރުޙަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން. ވަށައިޖެހޭ ތަޢުލީމެއްގެ މައިގަނޑު އަސާސަކީވެސް އެއީ.

އެހެންވީމާ، މައިންބަފައިންވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މިކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް. މި ހޯލުގައި މިތިބަ ދަރިވަރުންގެ ތެރޭގައިވެސް، ތަފާތު ފަންނުތަކާއި، ތަފާތު ހުނަރުތައް ލިބިފައި ތިބި ކުދިން ތިބޭނެ. އެކަން އެންމެ ބޮޑަށް ދެނެގަނެވޭނެ ބަޔަކީ، އެކުދިންގެ ބެލެނިވެރިންނާއި މުދައްރިސުން.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން. ސާނަވީއާއި މަތީ ސާނަވީ ތަޢުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ފުރުޞަތު ހަމަޖައްސައިދިނީ، މި މުހިންމު މަޤްޞަދު ހާސިލުކުރުމުގެ ބޭނުމުގައި.

އެހެންވީމާ، މި މަދަރުސާގެ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުޙަލާ ނިންމުމަށްފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތަޢުލީމް ހާސިލުކޮށް، ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވާނެ ޒުވާނަކަށްވުމަށް. ޤައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކަކަށް. އަދި މިރަށަށްވެސް އެފަދަ އެތައް ޒުވާނުންނެއް ބޭނުންވޭ.

ރިނބުދުއަކީވެސް، ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން ފަދައިން، ވަރަށް ގިނަ ދަތިތައް ތަޙައްމަލުކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް. އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލަ މިރަށުގައިވެސް އެބައޮތް. ސަރުކާރުން އަތޮޅުތަކުގައި އެޅުމަށް ރާވައިފައިވާ ހައުސިންގ ޔުނިޓުތައް ޤާއިމުކުރެވުމުން، މި ރަށުގައި ތިބި އެފަދަ މީހުންގެ މައްސަލައަށްވެސް އިރާދަކުރެއްވިއްޔާ، ޙައްލެއް ލިބިގެންދާނެ.

ރަށް ގިރުމަކީ މިރަށަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. ރާއްޖޭގެ ތިމާވެށީގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ގޮނޑުދޮށްތައް ޙިމާޔަތްކުރުމުގެ މަސައްކަތް، ސަރުކާރުން މި އަންނަނީ ކުރަމުން. އެ ގޮތުން މިރަށަކީވެސް، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގައި އެންމެ ބޮޑުކޮށް އިސްކަން ދޭންޖެހިފައިވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެއް.

ބޯފެނާއި ނަރުދަމާ ނިޒާމެއް ނެތުމަކީ، މިރަށުގެ ރައްޔިތުންނަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. އެ މަޝްރޫޢު މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިހާރުވަނީ ޓެންޑަރ ކުރެވިފައި. އޭގެ އިތުރުން، މިރަށުގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް މި އަހަރު ކުރިއަށްދާނެ.

އަޅުގަނޑުމެންގެ ވަޢުދުތަކާ އެއްގޮތަށް، ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން. އެކަމުގައި އަޅުގަނޑުމެން ކުރިއަށްދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން، ރައްޔިތުންގެ ވިންދާ އެއްގޮތަށް.

އަޅުގަނޑުގެ ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެ ތިބޭ، ދިވެހި ދައުލަތަށް ވަފާތެރި، ތެދުވެރި ޖީލެއް އުފެއްދުމަށް މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން. ތިޔަ ދަރިވަރުންނަކީ، ޢިލްމު ހޯދުމަށް ލޯބިކުރާ އަދި އެކަމަށް މަސައްކަތްކުރާ، ހިތްއަލި ކުދިންތަކެއް ކަމުގައި ލައްވައި، ތިޔަ ދަރިވަރުންނަށާއި، ރިނބުދޫގެ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ކާމިޔާބާއި އުފާވެރިކަން، މާތްﷲ މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.