ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށު ކައުންސިލަރުންނާ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރިނބުދޫ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރިނބުދޫގެ ތަރައްޤީއަށް ރާވާފައިވާ މުހިންމު މަޝްރޫއުތަކާއި ރަށުގެ ރައްޔިތުންނާ މުއައްސަސާތަކުގެ ކަންބޮޑުވުން ހުރި މައްސަލަތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުންވަނީ، ރިނބުދޫގެ ރައްޔިތުން އެންމެބޮޑަށް އެދެމުންދިޔަ އެއް މަޝްރޫޢުކަމަށްވާ ބަނދަރުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން މިހާރުކުރިޔަށްދާތީ އެކަންފާހަގަކުރައްވާފައެވެ.އޭގެ އިތުރުން ރަށުގެ ފެންފަށަލަ ތަޣައްޔަރުވަމުންދާކަން ފާހަގަކުރައްވައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދޭކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސުނާމީއާ ގުޅިގެން ރަށުން އެހެން ރަށްރަށަށް ބަދަލުވި މީހުންނާއި ވަގުތީގޮތުން ރަށުގެ އެހެން ތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތި މައްސަލަ ތަކުގެތެރެއިން އަދިވެސް ޙައްލު ނުލިބިވާ ގެދޮރާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން ވެސް ރިނބުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ އެކި މުއައްސަސާތަކުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ކަންކަމާއި މިހާރު ހުރި ދަތި މައްސަލަތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ޞިއްހީ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާލެބޯޓްރީގެ ޚިދުމަތްފަދަ ޚިދުމަތްތަކާ ވަޞީލަތްތައްފުރިހަމަ ކުރުމާއިޞިއްހީ މަރުކަޒަށް އިތުރަށް ބޭނުންވާ އެހެނިހެންކަންކަން ޞިއްޙީމަރުކަޒުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރިނބުދޫ ސްކޫލާއި ފެނަކަ އޮފީހުގެ ފަރާތުން ވަނީ ރިނބުދޫ ސްކޫލަށް ޖާގައިތުރުކުރުމާއި ރަށުގެ ފެނަކަ އޮފީސް އިމާރާތާއި އަދި ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫ ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅުއްވި ކަންކަންކަމާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ޙިއްޞާކުރައްވައި އަދި ޙައްލުނުވެ ހުރިކަންކަން ހައްލުކުރެއްވުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.