ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށު ސަޤާފީ މަގު އިފްތިތާޙްކޮށްދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ "މަރިޔަންމާ" ކެމްޕެއިން އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫއަށް ކުރައްވާ މި ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސަޤާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަޤާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ "ފޯކުލޯ"ތައް ވެސް ދައްކުވައިދޭ މަގެކެވެ. މިމަގަކީ ރިނބުދޫގައި ލޯކަލް ޓްއަރިޒަމް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއްކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. މިމަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ. ކުރެހުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖމްހޫރިއްޔާއެވެ.

މި ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަޤާފީ ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މިއަދު އިފްތިތާޙްކުރި މަރިޔަމްމާ ޕްރޮގްރާމަކީ އުފަންވެނި ޞިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާބަނޑު އަންހެނުންނާ އެމީހުންގެ. ތުއްތު ދަރިންނާއި އެމީހުންގެ ފިރިންނަށް ޚާއްޞަކޮށްގެން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދެވޭނެއެވެ. މީގެ އިތުރުން މާލީ ގޮތުންނާ އި އެނޫންވެސް މާބަނޑު އަންހެނުންނަށް އިތުރު ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ. މި ޕްރޮގްރާމު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖމްހޫރިއްޔާ ވަނީ. މި ޕްރޮގްރާމުގެ ބައިވެރިއަކަށް މޭވާ ވަށިގަނޑެއް ހަދިޔާ ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުވިއެވެ.