بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.  

އާދެ! މިރޭގެ މި އުފާވެރި އަދި ބަރަކާތްތެރި ޙަފްލާގައި، ޤުރްއާން ކިޔެވުމުގެ 21 ވަނަ ޤައުމީ މުބާރާތުގެ ސްކޫލް މަދަރުސާތަކުންނާއި، ޤުރްއާން ކްލާސްތަކުން އެކި ޢުމުރު ފުރާތަކުން 1 ވަނަ 2 ވަނަ 3 ވަނަ ހޯދައިގެން، މިރޭ އިނާމު ޙާޞިލުކުރާ ހުރިހާ ކުދިންނަށާއި، އަމިއްލަގޮތުން ބައިވެރިވި ކުދިންނާއި މީހުންގެ ތެރެއިން، އެކި އުމުރުފުރާތަކުން 1 ވަނަ 2 ވަނަ 3 ވަނަ ޙާޞިލު ކޮށްގެން، މިރޭ އިނާމު ލިބޭ ކުދިންނަށާއި މީހުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އަދި މި މުބާރާތުގައި ސްކޫލް މަދަރުސާތަކުންނާއި، ޤުރްއާން ކްލާސްތަކުން މަތީ ވަނަތައް ހޯދައިގެން އިނާމު ލިބޭ ސްކޫލްތަކަށް، ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

ހަމައެހެންމެ، މި މުބާރާތުގައި ކުދިން ބައިވެރިކުރެއްވި ސްކޫލް މަދަރުސާތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމަ މިރޭގެ މި އުފާވެރި ޖަލްސާގައި، ދީނީ މަޒްމޫނު ލިޔުމާއި، ދީނީ ޅެން ހެދުމުގެ 11 ވަނަ މުބާރާތުން، މަތީ ވަނަތައް ޙާޞިލުކޮށްގެން، މިރޭ އިނާމު ލިބޭ ދަރިވަރުންނަށާއި، ސްކޫލް މަދަރުސާތަކަށާއި، އަމިއްލަގޮތުން ބައިވެރިވި މީހުންގެ ތެރެއިން އިނާމު ލިބޭ ކުދިންނަށާއި މީހުންނަށްވެސް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، މިރޭ ސަނަދާއި އިނާމު ޙާޞިލު ކުރައްވާ ތިން ބޭފުޅުންނަށްވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އެ ތިން ބޭފުޅުންނަކީ، ސ. ހިތަދޫ ދުނބުރިގަސްދޮށުގޭ އަޙްމަދު މުހައިމިނާއި، ސ.ހިތަދޫ ރޯޝަންހަޒާރު އިބްރާހީމް ޝިހާބާއި، ގދ. މާތޮޑާ އިވްނިންގގްލޯރީ އަފްސާނާ ލަޠީފް، މި ތިން ބޭފުޅުން. އެހެންވީމާ، މި ތިން ބޭފުޅުން އެ ކުރެއްވި މަސައްކަތްޕުޅުގެ ކާމިޔާބީ މިހާރު ޙާޞިލު ކުރައްވާފައި ވުމާއެކު، މި ތިން ބޭފުޅުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ތިޔަބޭފުޅުންގެ ނަންފުޅުގައި، ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް ދަންނަވައި ތަހުނިޔާ އަދާކުރަން.

އާދެ! ދެންމެ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ފަޟީލަތު އަލްއުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމްގެ ވާހަކަފުޅުގައި، އެ ވިދާޅުވި ފަދައިން، މިހާރު ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް މި ބާއްވަވަނީ، އެމަޖިލީހާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިވަޑައިގެން. އެހެންކަމުން، މި މުބާރާތް މިހާ ފުރިހަމަގޮތެއްގައި އިންތިޒާމު ކުރައްވައި ރާއްވަވައި ހިންގަވައިދެއްވާތީ، އެ މަޖިލީހުންނާއި އެޑިޔުކޭޝަން މިނިސްޓްރީއިން މިކަންކަމުގައި އެކުރައްވާ މިންނެތް މަސައްކަތްތަކަށްޓަކައި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސް ފަޟީލަތު އަލްއުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމަށާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، އެ ދެ ދާއިރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނާބެހޭ ވަރަށްގިނަ މަޢުލޫމާތުތަކެއް ދެއްވައިފި. ކީރިތި ޤުރްއާނުގެ މާތްކަމާއި، ކީރިތި ޤުރްއާން ދަސްކުރުމާއި، ދަސްކޮށްދިނުމުގެ މާތްކަމާއި، ޤުރްއާނުގެ ޢިލްމު ފެތުރުމުން ލިބޭ ފައިދާއާއި، އަދި ރާއްޖޭގައި މިކަން ހިނގަމުން ގޮސްފައިވާ ގޮތާއި، މިކަހަލަ ވަރަށްގިނަ މަޢުލޫމާތުތަކެއް ދެއްވައިފި. ހަމައެހެންމެ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި، ކީރިތި ޤުރްއާން، އެ އުޞޫލުތައް މީސްތަކުންނަށް އަންގައިދިން ގޮތާއި، އަދި މިގޮތުން ޤުރްއާން ކިޔެވުމާއި، ޤުރްއާން ދަސްކުރުމާއި، ޤުރްއާނަށް ލޯބިކުރުމާއި، މިކަންކަމުގައި ހުރި ޘަވާބާއި ދަރުމައާއި ރަޙްމަތުގެ ވާހަކަ ވަރަށް ޢިބްރަތްތެރި ގޮތަކަށް ގެނެސްދެއްވައިފި. އެހެންވީމާ، އެކަމަށްޓަކައި އެމަނިކުފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައިވެސް ޝުކުރު ދަންނަވަން.

އާދެ! ސަރުކާރުން ކޮންމެ އަހަރަކުވެސް ބާއްވަމުން މިގެންދާ ޤުރްއާން ކިޔެވުމުގެ މުބާރާތަކީ، ވަރަށް މުހިންމު ބޭނުމެއްގައި ބާއްވަމުން ގެންދާ މުބާރާތެއް. ވަރަށް މާތް މަޤްޞަދެއްގައި ބާއްވަމުން ގެންދާ މުބާރާތެއް. އެއީ، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންނާއި އަދި ހަރުމީހުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުން. ކީރިތި ޤުރްއާނަށް އެމީހުންގެ ހިތްތަކުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރުން. ދީނީ ހޭލުންތެރިކަން އިތުރުކޮށް، މާތްވެގެންވާ އިސްލާމްދީނުގެ ރީތި އަޚްލާޤާއި މާތް ޢަޤީދާތަކަށް މީސްތަކުން ލެންބުން. މި މާތް މަޤްޞަދުގައި މި ބާއްވާ މުބާރާތަކީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު މުބާރާތެއް.

އާދެ! ކީރިތި ޤުރްއާނަކީ، ދެންމެ ފަޟީލަތުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް އެވިދާޅުވި ފަދައިން، ދުނިޔޭގައިވާ އެންމެ މާތް ފޮތް. އެއީ، އަޅުގަނޑުމެންގެ ދުސްތޫރު. އިލާހީ ޤާނޫނު. އެއަށް ދުވަހަކުވެސް ބަދަލެއް އައުމެއް ނެތް. މާތްﷲގެ ކަލާމްފުޅު. އެ ކަލާމްފުޅަށް އަޅުގަނޑުމެން ޤަދަރުކުރަންޖެހޭނެ. އެ ކަލާމްފުޅަށް އިޙްތިރާމް ކުރަންޖެހޭނެ. އެ ކަލާމްފުޅަށް ލޯބިކުރަންޖެހޭނެ. އެ ކަލާމްފުޅު އަޅުގަނޑުމެން ދަސްކުރަންޖެހޭނެ. އެ ކަލާމްފުޅު އަޅުގަނޑުމެން ދަސްކޮށްދޭންޖެހޭނެ.

އެހެންވީމާ، މިކަންކަން ކުރުމުގެ މުހިންމު ބޭނުމުގައި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް، ސަރުކާރުން ބާއްވަމުން މިގެންދަނީ. ހަމަމިޔާއެކުގައި ދަންނަވަންޖެހޭ، ސަރުކާރުން މިބާއްވާ ޤައުމީ މުބާރާތުގެ އިތުރުން، ރާއްޖޭގައި ތަފާތު ފަރާތްތަކުން ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް ބާއްވަމުންގެންދާ ވާހަކަ. ޝައްކެއްނެތް. އެއީ އެފަރާތްތަކުން ކީރިތި ޤުރްއާނަށް ކޮށްދެއްވާ ވަރަށް މަތިވެރި ޚިދްމަތެއް. ދިވެހި ރައްޔިތުންނަށް، ދިވެހި ކިޔަވާ ކުދިންނަށް، ދިވެހި ޒުވާނުންނަށް، ދިވެހި ހަރުމީހުންނަށް، އެފަރާތްތަކުން ކޮށްދެއްވާ ވަރަށް މުހިންމު ޤައުމީ ޚިދްމަތެއް. އެހެންކަމުން، ސަރުކާރު ނޫނަސް، ކީރިތި ޤުރްއާނުގެ މުބާރާތްތައް ބާއްވަވައި، ޤުރްއާން ދަސްކޮށްދެއްވާ، ޤުރްއާނުގެ ކަންތައްތައް ހިންގަވާ ހުރިހާ ފަރާތްތަކަކަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! ކީރިތި ޤުރްއާން ހިތުދަސްކުރުމާއި، ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކުރުމުގެ ޝައުޤުވެރިކަން، އަޅުގަނޑުމެންގެ ތެރޭގައި މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. މިކަމުން ދައްކައިދެނީ، އަޅުގަނޑުމެންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރު. މާތްވެގެންވާ އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުވަމުންދާ މިންވަރު. ދީނުގެ އުޞޫލުތަކަށް އަޅުގަނޑުމެން އިޙްތިރާމުކުރާ މިންވަރު އިތުރުވެގެންދާ މިންވަރު. އަދި މިކަންކަމަށް އަޅުގަނޑުމެން ދިވެހިންގެ މި ސައްތައިންސައްތަ އިސްލާމީ ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ޝައުޤުވެރިކަން އިތުރުވަމުންދާ މިންވަރު.

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގަވަމުން ގެންދަވާ ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތަކުގައި މިހާރު 200 އާ ގާތްކުރާ ޢަދަދަކަށް ދަރިވަރުން ކިޔަވަމުން އެބަގެންދޭ. ތަނުގެ ޖާގައިގެ ދަތިކަމުން މި ކްލާސްތަކުގައި ބައިވެރިވާން އެދޭ ވަރަށްގިނަ ކުދިންނަށްވަނީ އަދި ފުރްޞަތު ނުލިބި. އެހެން ނަމަވެސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން އެތާނގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި މިހާރަށްވުރެ މާގިނަ ކުދިންނަށް އެތަނުން ޤުރްއާން ކިޔެވުމުގެ އަދި ޤުރްއާނުގެ ފިލާވަޅުތައް ނެގުމުގެ ފުރްޞަތު ލިބިގެންދާނެ. އެހެންވީމާ، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކަށްޓަކައި، އެ މަރްކަޒުގެ މުދީރު ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށާއި، އެމަރްކަޒުގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވަން.

ދެންމެ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ވިދާޅުވި ފަދައިން، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ރާއްޖޭގައި ކުރިއަރަމުންދާކަމީ، އަޅުގަނޑުމެން އެންމެން އުފާކުރުން ޙައްޤު ކަމެއް.

އާދެ! މި ބަރަކާތްތެރި މާލަން، އާދެ! މި ބަރަކާތްތެރި މަރްކަޒު، އިސްލާމީ މަރްކަޒުގެ މިމާލަމަކީވެސް އަޅުގަނޑުމެންގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމާބެހޭ ވަރަށް މުހިންމު ތަނެއް. މިމަރްކަޒު، އިސްލާމީ މަރްކަޒު ހުޅުވުނީ، މީގެ 22 އަހަރު ކުރިން. 1984 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު. އެދުވަހު މިމަރްކަޒު އިފްތިތާޙު ކުރެވުނީ، ކީރިތި ޤުރްއާނުގެ ބަރަކާތުން. އާދެ! އެދުވަހު މިމަރްކަޒުގައި، އަދި މިމާލަމުގައި ކީރިތި ޤުރްއާން ވިދާޅުވެދެއްވި ބޭފުޅަކީ، މިޞުރުގެ ވަރަށް މަޝްހޫރު ޤާރީއެއް. އޭރު ހުންނެވި އެ ފަންނުގައި އެންމެ ކުރިއަރާފައިވާ ޤާރީ، ފަޟީލަތުއްޝައިޚު ޢަބްދުލްބާޞިޠު މުޙަންމަދު ޢަބްދުއްޞަމަދު. އޭނާގެ ކިޔަވައި ވިދާޅުވުމަކުން މިމަރްކަޒު އިފްތިތާޙު ކުރެވުނީ. އަދި މިމާލަން އިފްތިތާޙު ކުރެވުނީ. އެދުވަހުން ފެށިގެން މިއަދާ ޖެހެންދެންވެސް އިސްލާމީ މަރްކަޒަކީ، އަދި ޚާއްޞަކޮށް އެމަރްކަޒުގެ މި މާލަމަކީ، ކީރިތި ޤުރްއާނަށް ވަރަށް ޚާއްޞަ ގޮތެއް ބަހައްޓައިގެން، ކީރިތި ޤުރްއާން ދަސްކޮށްދިނުމާއި، ކިޔެވުމާއި، އަދި މުބާރާތްތައް ބޭއްވުމުގެ ކަންތައްތައް ހިނގަމުންދާ ތަނެއް.

އާދެ! މީގެއިތުރުން، ބަރަކާތްތެރި ރަމަޟާންމަހު މިތާނގައި ބޭއްވޭ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރޭގައިވެސް ކީރިތި ޤުރްއާން ކިޔެވުން ހިމެނޭ. އެހެންވީމާ، މިބަރަކާތްތެރި މާލަމަކީ، ޤުރްއާނުގެ މާލަމެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ. އަދި މިބަރަކާތްތެރި އިސްލާމީ މަރްކަޒަކީވެސް، ކީރިތި ޤުރްއާނުގެ މަރްކަޒެކޭ ދެންނެވުމަކީ އެއްގޮތަކަށްވެސް ޙަޤީޤަތާ ޚިލާފަށް ދެންނެވޭ އެއްޗަކަށް ނުވާނެ.

އާދެ! އަޅުގަނޑުމެންގެ ރާއްޖޭގައި ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ ފަންނު ކުރިއަރަމުންދާ ކަމުގެ ހެތްކަކީ، ދެންމެ ފަޟީލަތުއްޝައިޚުގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، ބޭރު ދުނިޔޭގައި ބޭއްވޭ އެކިއެކި މުބާރާތްތަކުގައި އަޅުގަނޑުމެންގެ ދަރިން އެކިއެކި މަތީ ވަނަތައް ޙާޞިލު ކުރަމުން ގެންދާކަން މިއީ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭ ވަރަށްބޮޑު ފަޚުރެއް. ވަރަށްބޮޑު ޝަރަފެއް. އެހެންވީމާ، ރާއްޖޭގައި ކީރިތި ޤުރްއާން ރީތިކޮށް، އަޑުހަރުކޮށް، ކިޔަވަން ދަސްކޮށްދޭ މަދަރުސާތަކަށާއި، ކްލާސްތަކަށާއި، މުދައްރިސުންނަށް، މި ފުރްޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ކީރިތި ޤުރްއާން އަޑުހަރުކޮށް ރީތި ރާގަކަށް ކިޔެވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ޝަރުޢުގެ ދަލީލުތަކުން އަޅުގަނޑުމެންނަށް ސާބިތުވޭ. ކީރިތި ޤުރްއާން އެއީ، އާދައިގެ ފޮތްފޮތް އަޅުގަނޑުމެން ކިޔާހެން، ހަމައެކަނި ފޮތުގެ ޞަފްޙާތަކުގެ ފޮޅުވަތްތަކަށް ބަލައިލައިގެން، އެއްވެސް އަޑެއް ނީވޭގޮތަށް މަޑުމަޑުން ސިއްރުން ކިޔަވަން އޮތް އެއްޗެއް ނޫން. ކީރިތި ޤުރްއާން ކިޔަވާއިރު، ކިޔަވަން މިޖެހެނީ އަޑުއިވޭވަރަށް. ޤުރްއާނަކީ، ހަމައެކަނި ބަލައިލުމަކުން ފުދޭ އެއްޗެއް ނޫން. އެހެންވީމާ، މިއީ، ޤުރްއާނުގައި ވަރަށް މުހިންމު ޚާއްޞިއްޔަތެއް. އެހެން ދީންތަކުގެ ފޮތްތަކުގައި އެކަން އޮންނަނީކީ އެހެނެއް ނޫން. މިސާލަކަށް، އެހެން ދީންތަކުގެ މީހުން ގެންގުޅޭ ފޮތްތައް، އަޑުހަރުކޮށް ބާރަށް ކިޔެވުމެއް ނޯވޭ. ކޮންމެ މީހަކުވެސް އާދައިގެ ފޮތެއް ކިޔާ ބީދައިން އެފޮތް ބަލައިލަމުން ގެންދަނީ. ވާހަކަ ފޮތެއް ކިޔާހެން ކިޔަމުން ގެންދަނީ. މީހަކަށް އަޑުއިވޭވަރަކަށް ނޫން. ބާރަކަށް ނޫން. އެކަމަކު ޤުރްއާން ކިޔެވުމުގައި އޭގެ އަޑު އެއީ ވަރަށް މުހިންމު އެއްޗެއް. އެންމެ ކުޑަމިނުގައި ތިމާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ޤުރްއާން ކިޔެވުމަކީ ވަރަށް މުހިންމު ކަމެއް. އޭގެއިތުރުން، ގިނަބަޔަކު ތިބޭ ތަނެއްގައި ކިޔަވަންޏާ އަޑުހަރުކޮށް ބާރަށް، އެމީހުންނަށްވެސް އިވޭވަރަށް ކިޔެވުމަކީ، ހަމަ ޝަރުޢުގެ ދަލީލުތައް ދައްކާގޮތުންވިއްޔާ ކުރަންޖެހޭނެ ކަމެއް.

މިސާލެއް ދަންނަވަންޏާ، ޖަމާޢަތުގައި ނަމާދު ކުރާއިރު، ރޭގަނޑުގެ ނަމާދުތަކުގައި، މަޣުރިބު ނަމާދާއި، ޢިޝާ ނަމާދާއި، ފަތިސް ނަމާދާ. މި ތިން ނަމާދުގައި އިމާމާ ކިޔަވަނީ އަޑުހަރުކޮށް ބާރަށް. ޖަމާޢަތުގެ އެންމެންނަށް އިވޭވަރަށް. އެއީ ވަރަށްބޮޑު ސުންނަތެއް. ހަމައެހެންމެ، ދުވާލުގެ ނަމާދުތަކުގެ ތެރެއިންވެސް ހުކުރު ނަމާދާއި ޢީދު ނަމާދުގައި އިމާމާ ކިޔަވަނީ އަޑުހަރުކޮށް ބާރަށް އެންމެންނަށް އިވޭވަރަށް. އެއީވެސް ވަރަށްބޮޑު ސުންނަތެއް.

ހަމައެޔާއެކީގައި، ކީރިތި ޤުރްއާނުގައި އަންގަވާފައި އޮންނަނީ، ޤުރްއާން ކިޔަވާ ތަނެއްގައި ތިޔަބައިމީހުން ތިބިނަމަ، އެ ޤުރްއާނަށް ތިޔަބައިމީހުން ކަނުލާ އަޑުއަހާށޭ. އާދެ! މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަނީ، "وَإِذَا قُرِىَء الْقُرْءَانُ فَاَسْتَمِعُواْ لَهُ، وَأَنصِتُواْ لَعَلَّكُمْ تُرْحَمُونَ" (الأعراف: 204) މާނައަކީ، "އަދި ޤުރްއާން ކިޔެވިއްޖެ ހިނދަކު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައެވެ."

އެހެންވީމާ، މިއިންވެސް އެބަ އިނގޭ، ޤުރްއާނަކީ އަޑުހަރުކޮށް ކިޔަވަންޖެހޭ އެއްޗެއްކަން. އަޑުހަރުކޮށް ކިޔެވޭއިރު، އެތާ ތިބޭ އެންމެންވެސް ކަނުލާ އަޑުއަހަންޖެހޭ އެއްޗެއްކަން. އެއަށް އިޙްތިރާމް ކުރަންޖެހޭ އެއްޗެއްކަން. ހަމައެހެންމެ، ކީރިތި ރަސޫލާގެ ސީރަތުން، އާދެ! އެކަލޭގެފާނު އިސްލާމްދީން ފެތުރުއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި، އެކަލޭގެފާނު ޠާއިފަށް ވަޑައިގެން، ޠާއިފްގެ މީހުންނަށް އިސްލާމްދީނުގެ ޢަޤީދާ އަންގަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެންނެވި ވޭނާއި އަދި ހިތްޕުޅުދަތިކަން އިޙްސާސް ކުރައްވައި އެނބުރި މައްކާއަށް ވަޑައިގެންނެވިއިރު، މާތްﷲ ބާވައިލެއްވި މާތް އާޔަތެއްގައި، އެކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވި އަޑު އެހި ބަޔެއްގެ ވާހަކަ، ކީރިތި ޤުރްއާނުގައި އަންގަވައިދެއްވާފައި އެބައޮތް.

މާތްﷲ ވަޙީ ކުރައްވަނީ: "قُلْ أُوحِىَ إِلَىَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُواْ إِنَّا سَمِعْنَا قُرْءَانًا عَجَبًا (.) يَهْدِى إِلَى الرُّشْدِ فامَنَّابِـهِ، وَلَن نُّشْرِكَ بِرَبِّنَآ أَحَدً" (الجن: 1-2) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (ޤުރްއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ ޤައުމުގެ މީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖާއިބުވާފަދަ ޤުރްއާނެއްގެ އަޑު އަހައިފީމުއެވެ. އެ ޤުރްއާން މަގުދައްކަނީ، ޙައްޤު ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ ޤުރްއާނަށް އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން ޝަރީކެއް ނުކުރާނަމެވެ."

އެހެންވީމާ، ޤުރްއާން އަޑުއިވުމުން މީހުންނަށް ކުރާ އަސަރު، މިއާޔަތުން ވަރަށް ރަނގަޅަށް މާތްﷲ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާ. ޤުރްއާނަކީ އަޑުހަރުކޮށް ރީތިކޮށް ކިޔަވަންވީ އެއްޗެއްކަމާއި، އެ ކިޔެވީމާ، އެއިން ތަންދޮރުފިލާ ބަޔަކަށް ނުވަތަ އެއްވެސް ކަހަލަ އިޙްސާސެއް ހުރި ބަޔަކަށް ކުރާނެ އަސަރު، މިއާޔަތުގައި ވަރަށް ރަނގަޅަށް މާތްﷲ ބަޔާންކުރައްވާފައިވޭ. ޤުރްއާން އަޑުއަހައިގެން، އެޤުރްއާނަށް އީމާންވީ މީހުންގެ ވާހަކަ.

މީގެއިތުރުން، ޤުރްއާން ކިޔަވާއިރު، ރީތިކޮށް ކިޔެވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވޭ. އަލްބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި، ރަސޫލާ ޙަދީޘް ކުރައްވާފައިވޭ. "زَيِّنُوا الْقُران بِأَصْوَاتِكُم" "ތިޔަބައިމީހުންގެ އަޑުތަކުން ކީރިތި ޤުރްއާން ޒީނަތްތެރިކުރާށޭ. ތިޔަބައިމީހުންގެ އަޑުތަކުން ކީރިތި ޤުރްއާން ޒީނަތްތެރިކުރާށޭ." އޭގެ މާނައަކީ، ތިޔަބައިމީހުންނަށް ވީހާ ރީތިކޮށް، ވީހާ ރީތި ރާގަކަށް ޤުރްއާން ކިޔަވާށޭ.

އާދެ! ޤުރްއާން ކިޔެވުމުގައި ބަލަންޖެހޭ އުޞޫލުތަކަކާއި ގަވާއިދުތަކެއް އޮވޭ. ތަޖުވީދު ޢިލްމުގައި، އެކަން އަޅުގަނޑުމެންނަށް އެނގޭ. އަކުރުތައް އޭގެ ޞައްޙަ މަޚްރަޖުން ނެރުމާއި، މައްދު ކުރުމާއި، ޣުންނަ ކުރުމާއި، މިނޫނަސް ތަޖުވީދު ޢިލްމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުޞޫލުތަކަށް ޤުރްއާން ކިޔަވަމުން ގެންދިޔުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެކަން އައިސްފައި އެއޮތީ رسـول اللّـه صـلّى الله عليـه وسـلّم މާތް ރަސޫލާގެ މާތް ނަބިއްޔާގެ ޙަޟުރަތުން. އެކަލޭގެފާނު ކިޔަވައި ވިދާޅުވިއިރު ކިޔަވައި ވިދާޅުވިގޮތް. ޢިލްމުވެރިން އެއޮތީ ޢިލްމަކަށް ހައްދަވާފައި ލިޔެދެއްވާފައި. އެކަލޭގެފާނު އެކި އަކުރުތައް ވިދާޅުވިގޮތް. އެކަލޭގެފާނު ޣުންނަ ކުރައްވާގޮތް. މައްދު ކުރައްވާ ގޮތް. އެހެންގޮސް، ތަޖުވީދު ޢިލްމުގައި ހިމެނޭ ހުރިހާ ކަމެއް، އެކަލޭގެފާނުގެ ޤުރްއާން ކިޔަވައި ވިދާޅުވުމުގައި ގެންގުޅުއްވި އުޞޫލުތައް ބަޔާންކުރައްވައި، ޢިލްމުވެރިން މި ޢިލްމު ލިޔުއްވާފައި އެވަނީ. އެހެންވީމާ، އޭގައިވާ ގޮތަށް ޤުރްއާން ކިޔެވުމަކީ ވަރަށް މުހިންމު ކަމެއް. "وَرَتـِّلِ الْقُرآنَ تَرْتِيْـلاً" ޤުރްއާން ތަރުތީލުކޮށް ކިޔަވާށޭ. މާނައަކީ ލަސްލަހުން މަޑުމަޑުން ކޮންމެ އަކުރަކަށް އޭގެ ޙައްޤުދީގެން، އޭގެ ރަނގަޅު މަޚްރަޖުން ނެރެގެން ރީތިކޮށް ކިޔަވާށޭ. އެހެންވީމާ، ޤުރްއާން ކިޔަވާއިރު އަޑުހަރުކޮށް ކިޔެވުމާއި، ރީތިކޮށް ކިޔެވުމުގެ މުހިންމުކަން، މިކަންކަމުން އަޅުގަނޑުމެންނަށް އެނގޭ.

رسـول اللّـه صـلّى الله عليـه وسـلّم ޤުރްއާން ކިޔަވައި ވިދާޅުވީވެސް ވަރަށް ރީތިކޮށް. އެ އަޑުއަހާ ބަޔަކަށް އަސަރުކުރާފަދަ ރީތި ރާގަކަށް ވަރަށް މޮޅަށް. ކުރިން އަޅުގަނޑު ދެންނެވި އާޔަތުން އެކަން އެނގޭ. ޖިންނީންގެ ބަޔަކު، އެކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވި އަޑު އަހައިގެން އީމާންވި ވާހަކަ އެއިންވެސް އެނގޭ. އަދި البراء بن عازب ކިޔުނު ޞަޙާބީ ބޭކަލަކު ރިވާކުރެއްވި ޙަދީޘެއްގައިވޭ. "قاَلَ سَمِعْتُ النَّبِىَّ صَلَّى اللَّهُ عَلَيهِ وَسَلَّمَ يَقْرَأُ فِى الْعِشَاءِ "وَالتِّينِ وَالزَّيْتُونِ" "فَمَا سَمِعْتُ أَحَدًا أَحْسَنَ صَوْتًا أَو قِراءَةً مِنْهُ" މާނައަކީ،"އެއް ރެއެއްގެ ޢިޝާނަމާދުގައި رسـول اللّـه صـلّى الله عليـه وسـلّم، [وَالتِّينِ وَالزَّيْتُونِ" މިސޫރަތް ކިޔަވައި ވިދާޅުވާ އަޑު، ތިމަން އެއްސެވީމޭ. އެކަލޭގެފާނަށްވުރެ އަޑު ރީތި ނުވަތަ ކިޔެވުން ރީތި އެހެން މީހެއްގެ ކިޔެވުމެއް ތިމަން ދުވަހަކުވެސް ނާއްސަވަމޭ."

އެހެންވީމާ، ކީރތި ޤުރްއާން އަޑުހަރުކޮށް ރީތިކޮށް ކިޔެވުމަކީ، ޤުރްއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް. އެކަން އަޅުގަނޑުމެން މިހާރު ކުރަމުން މިގެންދަނީ އެގޮތުގެ މަތިން. މިކަމަކީ، އަޅުގަނޑުމެން އެންމެންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކީރިތި ޤުރްއާނާއި އެހެން ފޮތްފޮތާ ވަރަށް ތަފާތު. ޤުރްއާނަކީ ހަމައެކަނި ކިޔަވައިގެން ފުދޭ އެއްޗެއް ނޫން. އޭގެ އަޑުވެސް އިވެންޖެހޭ. މިހާރަކަށް އައިސް އަޅުގަނޑުމެންނަށް އޭގެ މަގުވެސް ވަނީ ތަނަވަސްވެފައި. އަޅުގަނޑުމެންނަށް ވަރަށްގިނަ ތަންތަނުން ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ އަޑު އެބައިވޭ. ރޭޑިޔޯތަކުން، ޓީ.ވީއިން. އަދި އެނޫން ގޮތްގޮތުންވެސް މީހުން، އެ ރެކޯޑުކޮށްގެން ނުވަތަ ރެކޯޑު އެ ކުރާ ފަރާތަކުން އެ ރެކޯޑު ކޮށްގެން ވަރަށްގިނަ އަދަދަކަށް ވިއްކާވެސް އެބަހަދާ. ބަހާ ހަދާ. މި ހުރިހާ އެއްޗަކުންވެސް އެންމެ ރީތިކޮށް ޤުރްއާން ކިޔެވޭގޮތް އަޅުގަނޑުމެންނަށް އެބަ ދަސްވޭ.

ޤުރްއާން ކިޔެވުމަކީ، ރީތިކޮށް ކިޔެވުމަކީ ވަރަށް މޮޅު ފަންނެއް. އެ ފަންނުގައި ވަރަށް މަޝްހޫރު ޢިލްމުވެރިން، ޤާރީން އެބަ ތިއްބެވި. ޚާއްޞަކޮށް، ޢަރަބި ޤައުމުތަކުގައި އަދި އިސްލާމީ އެހެން ޤައުމުތަކުގައިވެސް މިކަން މިދަނީ މިހެން. ކީރިތި ޤުރްއާން ކިޔަވާއަޑުއަހަން މީހުން ވަރަށްގިނަ އަދަދަކަށް ތަންތަނަށް ޖަމާވޭ. އަޅުގަނޑު މިޞުރުގައި ހުރިއިރުވެސް އެކަހަލަ ތަންތަނަށް ދިޔުމުގެ ނަޞީބު ބައެއްފަހަރު ވަނީ އަޅުގަނޑަށް ލިބިފައި. އެކިއެކި މަޝްހޫރު ޤާރީން ކިޔަވާ ވިދާޅުވާއިރު، ވަރަށް ކުރިން މިސްކިތަށް ދިޔައްޔާ ނޫނީ ޖާގައެއް ނުލިބޭނެ. ވަރަށް ކުރިން ދާންޖެހޭ. އެބޭފުޅަކު ކިޔަވައި ވިދާޅުވުމުގެ އެއް ގަޑިއިރު، ދެ ގަޑިއިރު ކުރިން ގޮސްގެން ނޫނީ ޖާގައެއް ނުލިބޭ. މިސްކިތް އޮންނަނީ ފުރިފައި. އަދި އެބޭފުޅަކު އެކިޔަވައި ވިދާޅުވީމާ، މީހުންނަށް ކުރާ އަސަރު ވަރަށް ރީތިކޮށް ފެންނަން ހުރޭ. ޤުރްއާން ކިޔެވުމަކީ މިފަދަ މާތް ކަމެއް. މިފަދަ މޮޅު ފަންނެއް.

އެހެންވީމާ، އެ ފަންނުގައި ކުރިޔަށް ދިޔުމަކީ އަޅުގަނޑުމެންފަދަ ސައްތައިންސައްތަ މުސްލިމް ޤައުމަކުން ހަމަ ކުރަންޖެހޭނެ ކަމެއް. އެކަމަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް.

އާދެ! އަދިވެސް އެއްފަހަރު ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވަވާ އިންތިޒާމު ކުރައްވާ ފަރާތްތަކަށާއި، ރާއްޖޭގައި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ސްކޫލްތަކަށާއި މަދަރުސާތަކަށާއި، އަދި ޕްރައިވެޓް ކްލާސްތަކަށާއި، އަދި އެކަމުގައި ބައިވެރިވެވަޑައިގެންދެއްވާ ހުރިހާ މުދައްރިސުންނަށާއި ޓީޗަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އަޅުގަނޑުމެންގެ ޅަކުދިންނާއި، ދަރިންގެ މައިންބަފައިން މިކަމަށް އެ ބަހައްޓަވާ ޝައުޤުވެރިކަމާއި، އަދި އެބޭފުޅުންގެ ދަރިންނަށް ކީރިތި ޤުރްއާން ރަނގަޅަށް ރީތިކޮށް ކިޔަވައިދެއްވަން ދަސްކޮށްދެއްވަން އެ ކުރައްވާ ޚަރަދާއި އަދި އެ ކުރައްވާ މަސައްކަތަށްޓަކައި ހުރިހާ މައިންބަފައިންނަށާއި ބެލެނިވެރިންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالٰى އަޅުގަނޑުމެންނަކީ، އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި، ނުގުޑާފަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރުކުރެއްވުން. ކީރިތި ޤުރްއާނުގެ އަޚްލާޤު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވުން. ކީރިތި ޤުރްއާނުގެ ޢަޤީދާތަކާ އެއްގޮތަށް، ކީރިތި ޤުރްއާނުގައި އަންގަވާފައިވާ މާތް އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން.

والسّـلام عليـكم ورحـمة اللّه وبـركاتـه.