بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދައުލަތުގެ ވަޒީރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ޝަރުޢީ ދާއިރާގެ ހުރިހާ ފަނޑިޔާރުންނާއި މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


ރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް، 2020 ވަނަ އަހަރަށް ފެށުމުގެ މުނާސަބަތުގައި، އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ފަނޑިޔާރުންނަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.


ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، ތިމާމެންގެ އިސް ވާޖިބު ކަމުގައި، އަމިއްލަ ނަފްސަށް ޤަބޫލުކުރާ ފަނޑިޔާރުންތަކެއްގެ މައްޗަށް، ޝަރުޢީ ނިޒާމު ބައްޓަންވުމަކީ، ޤައުމެއްގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް. އަމިއްލަ ފަރުދެއް ކަމަށްވިޔަސް، ނުވަތަ ދައުލަތުގެ އިދާރާއެއް ކަމަށްވިޔަސް، ފަނޑިޔާރުގެއާ ހަމައަށް އަންނަނީ، ޙައްޤެއް ހޯދަން.


ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ފަނޑިޔާރުން. އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ކަމުގައިވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައި އޮންނަނީ، އެ ސަބަބަށްޓަކައި.


ދައުލަތުގެ މަޤާމުތަކަށް ބަލާއިރު، ވަކި މުއްދަތެއް ނެތް ގޮތަށް، މަޤާމަށް ޢައްޔަނުކުރުމަށް ޤާނޫނުއަސާސީން ލާޒިމުކުރާ ބަޔަކީވެސް، ހަމައެކަނި ފަނޑިޔާރުން. މިފަދަ ދުސްތޫރީ ޢިނާޔަތްތައް ފަނޑިޔާރުންނަށް ލިބިދީފައި އޮންނަނީ، އެ ފަނޑިޔާރުންގެ ފަރާތުންވެސް ވަރަށް މަތިވެރި މަޤްޞަދުތަކެއް ޙާޞިލުކުރަން ބޭނުންވާތީ. އެއީ ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ޢަދުލު އިންޞާފު ޤާއިމުކޮށްދިނުން.


މާތް ﷲގެ ވާގިފުޅާއެކު، ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު، ފަނޑިޔާރުގެ އިޞްލާޙުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިއުޅެނީ، ވަރަށް އިޚްލާޞްތެރި ތެދުވެރި ނިޔަތެއްގައި. އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ޙައްޤެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ޙައްޤެއް އަނބުރައި ހޯދައިދޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުން.


މިއަދު ދައުލަތް ހިނގަމުން މި އަންނަނީ، ދައުލަތުގެ ތިން ބާރަށް ޤާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، އަޅުގަނޑުމެން ނުކުރަން. އަދި އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުވެސްކުރާނަން.


އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވީ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ފަނޑިޔާރުގެއެއް ޤާއިމުކޮށްދިނުމަށް. ސަރުކާރު ކުރިއަށް މިދަނީ އެ ވަޢުދުގެ މަތީގައި. ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަދިވެސް ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި.


މުޅި ޝަރުޢީ ނިޒާމަށް ބަލާއިރު، ކޯޓުތަކުން ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަކަށް، އިދާރީ ހިންގުން ބަދަލުވަމުން އަންނަކަމީ، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. ހުރިހާ ކޯޓުތަކެއް، އެއް ވިއުގައަކުން ގުޅައިލެވި، ކޯޓުތަކުގެ މެދުގައި މުޢާމަލާތު ކުރެވޭނެ ފަސޭހަ އިންތިޒާމެއް، މިހާރު ހަމަޖެހިފައި އޮތުމަކީވެސް، ކޯޓުތަކުގެ ހިންގުމަށް އައި ހެޔޮ ބަދަލެއް.


އަޅުގަނޑުމެންގެ ތެރޭގައި މިހާރު ފެތުރިފައިވާ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކަށްވެސް، އެކަށީގެންވާ ޙައްލެއް ހޯދުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ފަނޑިޔާރުގެއިން. އެއީ ކުޑަކުދިންނަށް ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ކަމަށްވިޔަސް، މާރާމާރީއާއި، ގޭންގުކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވިޔަސް، މިފަދަ ކޮންމެ މައްސަލައެއް ޙައްލުކުރުމުގައި، ކޯޓުތަކުގެ ދައުރު ވަރަށް ބޮޑު.


އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ޢަދުލު އިންޞާފު އޭގެ ވަގުތުގައި ޤާއިމުކުރުން. ޝަރުޢީ މަރުޙަލާތައް އަވަސްކޮށް، އަވަހަށް ނިޔާ ކަނޑައެޅުން. ރައްޔިތުންގެ ހިތްތަކުން ފަނޑިޔާރުގެއާމެދު އިތުބާރު ގެއްލުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީވެސް، ޝަރީޢަތުގެ މަރުޙަލާތައް ދިގުލައިގެން ގޮސް، ޙައްޤުތައް ލިބުމަށް ހުރަސްއެޅުން.


ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ އުފެދިފައި. އޭގެ ސަބަބުން އެފަދަ މައްސަލަތައް، ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާ މިންވަރު އެދަނީ އިތުރުވަމުން. މިފަދަ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމި ނިންމުމަކީ ހެޔޮ ފާލެއް ކަމަށް އަޅުގަނޑު ދެކެން.


މި ބަދަލު އައުމުން، އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭތާ، 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެ. އަދި ޝަރީޢަތުގެ މަރުޙަލާ ފެށުމަށްފަހު، ކޮންމެ ދެ އަޑުއެހުމެއްގެ ދެމެދު، 48 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަނުވާނެ ގޮތަށް، އަޑުއެހުންތައް ތާވަލުކުރަންޖެހޭ. މިގޮތަށް ކަންކަން އިންތިޒާމުކުރުމުން، އެފަދަ މައްސަލަތައް، ގިނަވެގެން ހަ މަސްތެރޭގައި ކޯޓުތަކުން ނިމޭނެ.


ފަނޑިޔާރުގެ އިޞްލާޙުކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ކަމާގުޅޭ ޤާނޫނުތަކަށްވެސް އިޞްލާޙުތަކެއް ގެންނަންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުވާފައި.


އެ ޤާނޫނު އިޞްލާޙުވުމުން، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދޭ ބާރުތަކާއި، މައްސަލަ ރައްދުވާ ފަނޑިޔާރުންނަށް ލިބިދޭ ޙައްޤުތައް، މިހާރަށްވުރެ ސާފުކޮށް ބަޔާންވެގެންދާނެ. އަދި އެފަދަ މައްސަލަތައް ބަލައި ގޮތް ނިންމުމުގެ އިޖުރާއާތުތައް، މިހާރަށްވުރެ ރަނގަޅަށް ކަނޑައެޅިގެންދާނެ.


އޭގެ އިތުރުން، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅޭނެ. މިނޫނަސް، ޝަރުޢީ ދާއިރާގެ ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް، އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން.


ހަމައެކަނި ކޯޓުތަކުގެ އިދާރީ ހިންގުން ބަދަލުކޮށް، ޤާނޫނުތައް އިޞްލާޙުކުރުމަކުން، ރައްޔިތުން ބޭނުންވާ ޙަޤީޤީ ބަދަލު ނުފެންނާނެ ކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަން. ރައްޔިތުން ބޭނުންވާ ބަދަލަކީ، ޢަދުލު އިންޞާފުގެ މަގުން ނިޔާތައް ކަނޑައެޅުން. އެކަން ފަނޑިޔާރުގެއިން ފެންނަން ފަށާނީ، ފަނޑިޔާރުން، އެބޭފުޅުންގެ އަމިއްލަ ނަފްސުން ފެށިގެން، އިޞްލާޙީ ބަދަލުތަކަށް ފުރުޞަތު ދެއްވައިގެން.


ރައްޔިތުންގެ ޙައްޤުތަކާއި، ފަނޑިޔާރުންގެ ނިންމުންތަކާ ދެމެދަށް ހުރަސްއަޅާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ކޮރަޕްޝަނާއި، ފައިސާގެ ދަހިވެތިކަން، އަމިއްލަ މަޞްލަޙަތުތަކާއި، ތަފާތު ނުފޫޒުތައް، މިއިން ކޮންމެ ކަމަކީވެސް، ފަނޑިޔާރުން އިއްވާ ނިޔާތައް، އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަންކަން.


ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސްއަޅާ މިފަދަ ކަންކަމަށް، ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު، ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ، ޢަދުލު އިންޞާފު ޤާއިމެއްނުކުރެވޭނެ. އެކަން ނުކުރެވޭހާ ހިނދަކު، ރައްޔިތުންގެ ޙައްޤުތައްވެސް ރައްކާތެރިއެއް ނުކުރެވޭނެ. އަދި އިޖުތިމާޢީ ހަމަޖެހުމާއި އަމަންއަމާންކަމެއްވެސް ޤާއިމެއްނުކުރެވޭނެ.


ޝަރުޢީ ދާއިރާ އިޞްލާޙުކޮށް ހަރުދަނާ ކުރުމުގެ ވާހަކަ ދައްކާއިރު، ކޯޓުތަކަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތައް ހުރިކަންވެސް އަޅުގަނޑު ޤަބޫލުކުރަން. މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ މިންވަރަށް ވަސީލަތްތައް ފުރިހަމަނުވުމާއި، މެޖިސްޓްރޭޓުން މަދުވުމަކީވެސް، އެންމެ ހަލުވިމިނުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅޭ ކަންކަން.


އޭގެ ތެރެއިންވެސް އެންމެ ބޮޑީ، މާލޭގައި ހުރި ކޯޓުތަކުގެ ޖާގައިގެ ދަތިކަން. މުޅި ރާއްޖޭގެ ނިސްބަތުންވެސް އެންމެ ގިނަ މައްސަލަތައް ހުށަހެޅެނީ މާލޭގައި ހުރި ކޯޓުތަކަށް. އެމައްސަލަ ޙައްލުކުރުމުގެ ގޮތުން، ކޯޓު އެކުވެންޏެއް އެޅުމަށް މިހާރުވާނީ ހުޅުމާލެއިން ބިމެއް ކަނޑައަޅާފައި. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެ ބިން މިހާރުވާނީ ޙަވާލުކޮށްފައި.


ހުޅުމާލޭ ކޯޓު އެކުވެނި ޢިމާރާތްކުރުމުގެ މަޝްރޫޢު އެކުގައި ނިމޭއިރު، ސުޕްރީމް ކޯޓު ފިޔަވައި މާލޭގެ ހުރިހާ ކޯޓެއް، އެ ޢިމާރާތަށް ބަދަލުވެގެންދާނެ. އޭރުން މާލޭގެ ކޯޓުތަކަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، ޝަރީޢަތްތައް މިހާރަށްވުރެ ހަލުވިމިނުގައި ކުރިއަށްދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.


ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، ހަމައެކަނި ފަނޑިޔާރުގެއާއި ފަނޑިޔާރުންނާ ހަމައިން ނިމޭ ކަމެއް ނޫން. މިއީ އެތައް މުއައްސަސާއެއްގެ އެތައް ބަޔަކު ލާމެހިފައިވާ، ވަށައިޖެހޭ ނިޒާމަކުން ނޫނީ ޙާޞިލުކުރެވޭނެ ކަމެއް ނޫން.


އެހެންވީމާ، ތަޙުޤީޤީ މަރުޙަލާގެ ކަންކަން ފުރިހަމަކޮށް އަވަސްކުރުމަކީވެސް، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ތަޙުޤީޤަށްފަހު، ދަޢުވާކުރުމާ ޙަވާލުވާ މުއައްސަސާއިންވެސް، މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ.


އަޅުގަނޑު އުންމީދުކުރަނީ، ފަނޑިޔާރުގޭގެ މަސައްކަތް މިއަހަރަށް ފެށިގެން ހިނގައިގަތުމުން، ޝަރުޢީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އައިސް، ރައްޔިތުންގެ ހިތްތަކުގައި ފަނޑިޔާރުގެއާމެދު އިތުބާރު އުފެދެން ފަށާނެ ކަމަށް.


އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުންގެ ޙައްޤުތައް ހޯދައިދީ، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ކަންކަން ނިންމުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. އަޅުގަނޑުމެން އެންމެންނަކީވެސް އަނެކުންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި ލައްވައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.