އަސާސީ ހިދުމަތްތައް ލިބުމުގައި މާލޭގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވީ ރަނގަޅު ޕްލޭނެއްނެތި ކަންކަން އިންތިޒާމުކުރުމުގައި ދިގުދެމިގެން ދިއުމުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް ފައްޓަވައިދެއްވުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ކަންކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި މިއަދު އެކަންކަމަށް ހައްލު ހޯދައިދޭން ޖެހިފައިވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މިއަދު ފެށިގެންމިދާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢަކީ ސަރުކާރުން 462 މިލިއަން ރުފިޔާ ބަޖެޓުކުރެވި، ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލާއެކީގައި ސީދާ މާލޭ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވާފައިވެއެވެ.
މާލެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސީދާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 4000 ހައުސިންގ ޔުނިޓު އަޅަން ވަޢުދުވެފައިވާނެ ކަމަށާއި އެހެންނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގުނު ސާރވޭގެ އަލީގައި މިއަދު އެއަށްވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައިވާކަން ހާމަވެގެންގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. މިސަރވޭގެ އަލީގައި އެމަޝްރޫޢަށް ބަދަލުގެނެސް، އިތުރަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރުމަށް ތައްޔާރުވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް އަމާޒުކޮށް އަޅަން ނިންމަވާފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ އަޅަން ނިންމާފައިވާ 3،000 ހައުސިން ޔުނިޓްގެ ބިންގާއެޅުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަސްތެރޭ ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އޭގެ އިތުރުން، އިތުރު 4،000 ހައުސިންގ ޔުނިޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެތެރޭގައި ފަށްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުން ވަޢުދުވެ އެއްބަސްވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަންކަން ލަހެއްނުވެ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައަކީ ވެސް ދިގުލައިގެންގޮސްފައިވާ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. އެމައްސަލަ ހައްލުކުރުމަށްޓަކައި މިހާރު އެތަނުން 178 ގޮޅި ހަމަޖެހި، ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން ކުރިޔަށް އޮތް ރޯދަމަހަށް ޚާއްޞަކޮށް ވަގުތީގޮތުން މާރުކޭޓެއް ތައްޔާރުކޮށް މާލޭގެ ރައްޔިތުންނަށާއި މާލެއަށް އަންނަ ދަތުރުވެރިން ގެންނަ ތަކެތި ވިއްކުމުގެ އިންތިޒާމް އެތަނުގައި ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރެވެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލެއަށް ލުޔެއް ލިބޭނީ މި ނޫން ތަނެއްގައި މީހުންނަށް އުޅެވޭނެ މަގުފަހިކުރެވިގެން ކަމަށާއި އެކަން ހާޞިލްކުރެވޭނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލުކުރެވިގެން ދިއުމަކީ މާލޭގައި ކުރަންހުރި ކަންކަމުގެ ތެރެއިން އެންމެ ބޮޑު އެއް މަސައްކަތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލުކުރެވިގެންދިއުމަކީ މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށެވެ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖޫން މަހުގެ ކުރިން މާލޭގެ ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢާއި މާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ.
މާލޭގެ މަގުތައް އަލުން މަރާމާތުކުރަން ފެށުމުގެ ގޮތުން މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި މަޝްރޫޢު ކުރިޔަށްގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދާއި މަސައްކަތް ކުރުމަށް ޙަވާލުކުރެވިފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މޫސާ ޢަލީ މަނިކުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.