بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މޫސާ ޢަލީ މަނިކު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެން މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ރައްޔިތުންނަށްވީ ވަޢުދެއް އެއީ، މާލެއަކީ ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހަދައިދޭނެކަމުގެ ވަޢުދު. މިއަދު މާލޭގެ ޙާލަތަށް ބަލާއިރުގައި އެއީ ބުރަ ބޮޑު މަސައްކަތެއް ކުރަންޖެހޭ. މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ، ބޯހިޔާވަހިކަމުގެ މައްސަލަ އެހާ ބޮޑު. ޓްރެފިކް އެހާ އުނދަގޫ. މާލޭ މަގުމަތީގައި ހިނގާބިނގާވެ އުޅުން އެއީ ހަމަ ކުރަން ދަތިކަމަކަށް ވެގެންދަނީ. އަމާން މާޙައުލެއް ނޫން މާލޭގެ މަގުތަކަކީ. މީގެއިތުރުން ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބުމުގައިވެސް މާލޭގެ ރައްޔިތުންނަށް ވަނީ އެތައް އުނދަގޫތަކެއް ކުރިމަތިވެފައި. މިހެން ދިމާވެފައި މިއޮތީ ރަނގަޅު ޕްލޭނެއް ނެތި، ދިގު މުއްދަތެއްގައި މާލޭގެ ކަންތައްތައް އިންތިޒާމު ކުރެވިގެން ދިޔުމުގެ ސަބަބުން. މިއަދު އެ ވާހަކަ ތަކުރާރުކޮށް އަޅުގަނޑުމެން ދެއްކުމުގެ މާބޮޑު ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ބޭނުންވަނީ މިކަމަށް ޙައްލު ހޯދައިދޭން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު މި ފަށަނީ އޭގެ އެއް މަސައްކަތް.

އާދެ، މާލޭގެ މަގުތައް ހެދުމުގެ މި މަޝްރޫޢަށް 462 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކުރެވިފައި. އަދި ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގުމުގެ ނިޒާމަށް މި ގެނެވުނު ބަދަލާ އެކީގައި މި ޕްރޮޖެކްޓް ހިންގުން މިއޮތީ މާލޭ ސިޓީ ކައުންސިލާ މުޅިން ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ، ސަރުކާރުން އަޅުގަނޑުމެން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސިޓީ ކައުންސިލަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
ސިޓީ ކައުންސިލުން މި މަސައްކަތް ކުރަމުންދާއިރުގައި، ޢަމަލީގޮތުން މި މަސައްކަތް ކުރުމަށް ހަވާލުވެ މި ހުންނެވީ ޒުވާން މެނޭޖިންގ ޑައިރެކްޓަރުގެ މަސައްކަތާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. މޫސާ ޢަލިމަނިކުގެ މަސައްކަތާ އެކީގައި އަޅުގަނޑުމެން މާލޭގެ ރައްޔިތުން މި ބޭނުންވާ ބަދަލު މާލޭގެ މަގުތަކަށް އަންނާނެކަމީ ޝައްކެއްއޮތްކަމެއް ނޫން.

އާދެ، މާލޭގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކޮށްދޭންޖެހިފައި ހުރި މަސައްކަތް ބައިވަރު އެބަހުރި. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި ވަޢުދުވީން، މާލޭގެ ރައްޔިތުންނަށް، ހަމަ ސީދާ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހަތަރުހާސް ހައުސިންގ ޔުނިޓް އަޅައިދޭނެކަމަށް. މިއަދު އަޅުގަނޑުމެން ދިރާސާކޮށް ބަލާއިރުގައި، އެއަށްވުރެ އިތުރަށް ބޭނުންވޭ އެބަ. އެހެންކަމުން، އަޅުގަނޑުމެންގެ އެ ދިރާސާގެ އަލީގައި އެއަށް ބަދަލުގެނެސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރަށްވެހިންނަށް އިތުރަށް ބޭނުންވާނޭ ބޯހިޔާވަހިކަމުގެ މަސައްކަތްވެސް ކުރުމުގެ މަސައްކަތް ފަށަމުން. މިގޮތުން، ކުރިއަށް މިއޮތް މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރަތަމަ އަޅަން ގަސްދުކުރާ އެއްހާސް ހަތްސަތޭކަ ހައުސިންގ ޔުނިޓާއި، އެއްހާސް ތިންސަތޭކަ ހައުސިންގ ޔުނިޓް، މުޅިއެކު ތިންހާސް ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

އޭގެއިތުރުން، އިތުރު ހަތަރުހާސް ހައުސިންގ ޔުނިޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ފަށާނަން. އޭގެއިތުރުން، ކުރީގެ ސަރުކާރުތަކުން ވަޢުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫޢަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވަޢުދުވެ، އެއްބަސްވެފައިވާގޮތަށް، އެކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަހެއްނުވެ ކޮށްދޭނަން.
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ އިތުރު ތަފްޞީލަކަށް އަޅުގަނޑު ދާކަށް މިވަގުތަކު ގަސްދެއްނުކުރަން. ދެންމެ ޝިފާއާއި އަޅުގަނޑުމެންގެ މެނެޖިންގ ޑައިރެކްޓަރ މޫސާ ޢަލިމަނިކު އެ ދެއްކެވި ވާހަކައިގެ އިތުރުން، ކުރިމަތިން މި ފެންނަން ހުރި ބޯޑުން ވަރަށް ތަފްޞީލުކޮށް އެހުރީ ފެންނަން.

އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ މިކަމަށް ޢަމަލީ ސިފަ ގެނައުން. ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް އެ ހުންނެވީ މިކަމުގައި ފޫގަޅުއްވައިގެން. ދުވާލުހަތަރުދަމު، ރެޔާއިދުވާލު އެ އުޅުއްވަނީ އެކަމުގައި. ހަމަ ޔަޤީނުންވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރާ ކަމެއް، ގޯސްކޮށްނުދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އާދެ، ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައަކީވެސް ޙައްލުނުވެ އޮތް މައްސަލައެއް. މިހާރު އިރާދަކުރެއްވިއްޔާ، އެކަމަށް ޙައްލެއް ހޯދި، 178 ގޮޅި އެތަނުގައި ހަމަޖެހި، ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް، ސިޓީ ކައުންސިލުން ކުރަމުން އެގެންދަނީ. އަދި އޭގެއިތުރުން، ކުރިއަށް އޮތް ރޯދަމަހަށް ވަގުތީގޮތުން މާރުކޭޓެއް ތައްޔާރުކޮށް، މާލޭގެ ރައްޔިތުންނަށާއި އަދި މާލެއަށް އަންނަ، އަތޮޅުތަކުން އަންނަ ދަތުރުވެރިންނަށް، ގެންނަ ތަކެތި ވިއްކޭނެ އިންތިޒާމު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން.

މާލެއަށް ލުޔެއް ލިބޭނީ، އެނޫން ގޮތެއް މާލެއަށް ހަދައިގެން. މިނޫން ތަނެއްގައި މީހުންނަށް އުޅެވޭނެ ގޮތެއް ހަދައިގެން. ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރެވިގެން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން މިގެންދަނީ ކުރަމުން.

މާލެއަށް ކުރަންހުރި ކަންތައްތަކުގެ ތެރޭގައި، އެންމެ މުހިއްމު އެއްކަމަކީ، މާލޭގެ ޕޯޓް، ގުޅިފަޅަށް ބަދަލުކުރުން. އެއާއެކީގައި، މުޅި މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް އަންނަ ތަން ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ޖޫން މަހުގެ ކުރިން މާލޭގެ ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢާއި، މާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅައިލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ދިގެއް ނުކުރާނަން. މޫސާ ޢަލިމަނިކު ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ މަގުގެ ބިމުގެ އަޑީގައި، އަޅުގަނޑުމެންނަށް ދެމުންގެންދާ އަސާސީ ޚިދުމަތްތަކެއް އެބަހުރި. ފެނާއި ނަރުދަމާއާއި، ފޯނާއި، ކަރަންޓާއި، ކޭބަލް ޓީ.ވީ.ގެ ނަރުތައް ދެމިފައި އޮތީ ބިމުގެ އަޑީގައި. އެއްވެސް އިންތިޒާމެއް، ހަމައެއްނެތި. މި މަޝްރޫޢު ކުރިއަށްދާއިރުގައި، މިކަންތައްތަކަށް ރަނގަޅު ޙައްލެއް އިރާދަކުރެއްވިއްޔާ އަންނާނެ. އެއާއެކީގައި، ޝިފާ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ދާއިމީ ޙައްލަކަށް ވެގެންދާނީ، މި މާލޭ މަގުތަކުގައި ތާރު އެޅިގެންދިޔުން.

އާދެ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، މި މަޝްރޫޢު ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.