بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، އެކުވެރި ޤައުމުތަކުގެ ސަފީރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން، ކޮމާންޑަރސް ކޮންފަރެންސްގެ ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ސިފައިންގެ ކަންކަމުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެހެންކަމުން، ސިފައިންގެ ކޮމާންޑަރުންގެ މި މުހިންމު މަހާސިންތާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށާއި، ހުރިހާ ސިފައިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ކޮންމެ ޤައުމެއްގައިވެސް ސިފައިންނަކީ، އެ ޤައުމެއްގެ ދިފާޢީ އައްޑަނަ. އެ ޤައުމެއްގެ މިނިވަންކަން ޙިމާޔަތްކުރާ އެންމެ ވަރުގަދަ ކިއްލާ. ޤައުމިއްޔަތުގެ މައި މުގޫ. މި ހުރިހާ ގޮތްގޮތަށް ސިފައިންނަށް ނިސްބަތް ކުރެވެނީ، ޤައުމަށްޓަކައި، ޤައުމުގެ ރައްޔިތުންނަށްޓަކައި، ސިފައިން ވަމުންދާ ޤުރުބާނީގެ ސަބަބުން.

ނަމަވެސް ސިފައިންގެ ޚިދުމަތަކީ، އިނާމަކުން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫން. މުދަލާއި ފައިސާއިން އޭގެ ބަދަލު ދެވޭނެ ކަންކަމެއްވެސް ނޫން. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގައި ހިނގައިދިޔަ ބައެއް ހާދިސާތަކަށް އެކަނި ބެއްޔަސް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމުގައި، ސިފައިން ވެފައިވާ ޤުރްބާނީގެ މަތިވެރިކަން ސާބިތުވެގެންދޭ.

ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ، އެ ޤައުމެއްގެ ސިފައިން. ގެއްލިފައި އޮތް މިނިވަންކަމެއް އަނބުރާ ހޯދުމަށްވުރެ، ލިބިފައި އޮތް މިނިވަންކަން އެގޮތުގައި ދެމެހެއްޓުމަކީ، މާ ބުރަ ކަމެއް. ތިޔަ ހިތްވަރުގަދަ ސިފައިން ރެޔާއި ދުވާލު ކުރައްވަމުން ތިޔަ ގެންދަވަނީ އެ ބުރަ މަސައްކަތް. އެކަމަށްޓަކައި ކޮންމެ ރައްޔިތަކު ޝުކުރުވެރިވާނެ.

ސިފައިންނަކީ މި ދެންނެވިފަދަ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކަށްވާތީ، ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަކީ، މެދުކެނޑުމެއް، ހުއްޓުމެއްނެތި އަބަދު ކުރަންޖެހޭ ކަމެއް. އެ މަޤްޞަދުގައި ސިފައިންގެ ހުރިހާ ކޮމާންޑަރުން އެއްތަންކޮށް، މިފަދަ މަހާސިންތާއެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން.

ޢަސްކަރިއްޔާގެ ކޮންމެ ކަމަކީ، ވަރަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރަމުން އަންނަ އަދި ކުރަންޖެހޭނެ ކަންކަން. ޤައުމުގެ ދިފާޢީ ބާރުގެ ހައިސިއްޔަތުން، ޒަމާނީ ގޮންޖެހުންތަކަށާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބަދަލުތަކާ ފައިހަމަކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސޭނީ، ދިވެހި ސިފައިންނަކީ ހޭލުންތެރި ޢިލްމީ ބަޔަކަށް ވެގެންކަން އަޅުގަނޑު ޤަބޫލުކުރަން.

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން. އެކަމުގައި އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން. ވަކިން ޚާއްޞަކޮށް، އިންޑިޔާ ކަނޑުގެ ޞުލްޙަޔާއި ހަމަޖެހުމަށް ލޮޅުމެއް އެރިޔަ ނުދިނުމަށްޓަކައި، ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން.

ޤައުމު ކުޑަވެދާނެ އަދި މީސްކޮޅު މަދުވެދާނެ. ނަމަވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ދިވެހި ޤައުމު މިއަދު ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ކުޑައެއް ނޫން. އަދި މަދެއްވެސް ނޫން. އެއްފަރާތުން ބައިނަލްއަޤްވާމީ ޓެރަރިޒަމް. އަނެއް ފަރާތުން ހަރުކަށި ފިކުރުތަކާއި އެހެނިހެން ފިކުރީ އޮއިވަރުތައް.

މޫސުމީ ބަދަލުތަކުގައި ރާއްޖޭގެ ނާޒުކު ތިމާވެށި އެދަނީ ސުންނާފަތިވަމުން. އުދައަރައި ހޭޅިފަށާއެކު ރަށްތައް އެދަނީ ގިރަމުން. މާ ދުރު ކަރަތަކުގައި ފެތުރޭ ނުރައްކާތެރި ވަބާތަކާއި ބަލިމަޑުކަމުގެ ސަބަބުން، އިޤްތިޞާދަށް އެދަނީ ލޮޅުން އަރަމުން. ދުނިޔޭގެ އެހެން ޤައުމުތަކާ ކިތަންމެ ދުރުގައި އޮތަސް، މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް.

އެފަދަ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން މި އަންނަނީ މަސައްކަތް ކުރަމުން. ދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭ.

މިދެންނެވި ފަދަ ނުރައްކާތަކުން ރާއްޖެ ސަލާމަތް ކުރުމުގައި ދިވެހި ސިފައިން މިހާރުވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މިމަހާސިންތާގައި ބައިވެރިވާ ކޮމާންޑަރުންގެ ފަރާތުންވެސް އަޅުގަނޑު އެދެނީ، މިކަންކަމުގެ މައްޗަށް މަޝްވަރާތައް ބިނާކުރައްވައިގެން، އެފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުން.

މި މަހާސިންތާގައި ހުށަހެޅިގެންދާ ދިރާސާ ކަރުދާސްތަކާމެދު މަޝްވަރާ ކުރައްވާއިރު، ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޤައުމީ އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަން ނެގެހެއްޓޭނެފަދަ ނިންމެވުންތަކަކަށް އަމާޒު ހިފުމަކީ، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތައް.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، އަޅުގަނޑުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން، ތިޔަ ކޮމާންޑަރުންނަށާއި މުޅި ދިވެހި ޢަސްކަރިއްޔާއަށް އެބައޮތް. ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.

ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތައް ގުޅިގެން، މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި. މި މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔަކީ، އެމް.އެން.ޑީ.އެފް. އެހެންކަމުން، މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި، ގުޅިފައިވާ ޢަމަލީ ފަލްސަފާއެއްގެ ތެރެއިން، މިކަންކަން ލީޑްކުރުމުގެ ޒިންމާ އެމް.އެން.ޑީ.އެފުން އަދާކުރާނެ ކަމަށް އަޅުގަނޑު ދެކެން.

އެނގިވަޑައިގަންނަވާނެ، ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި، މިހާރު އެއަންނަނީ ލާމަރުކަޒީ ކުލަތައް ޖެހެމުން. މި މުހިންމު ބަދަލާއެކު، ތިޔަ ކޮމާންޑަރުންގެ ވިސްނުންވެސް އެ މިސްރާބަށް އަމާޒުކުރުމަކީ މުހިންމު ކަމެއް. ކައުންސިލްތަކާ ގާތް ގުޅުމެއް ބާއްވައި، ސަރަޙައްދުތަކުގެ ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދެވޭނެ ގޮތަށް، އޭރިއާ ކޮމާންޑްތަކުގެ މަސައްކަތް އަލުން ބައްޓަންކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

މި މަހާސިންތާއަކީ، ދިވެހި ޢަސްކަރިއްޔާގެ ކުރިމަގު ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބައްދަލުވުމަކަށް ވާނެ. ދިވެހި ސިފައިން ހިންގާ އޮޕަރޭޝަންތަކާއި ތަފާތު މިޝަންތަކުން ކާމިޔާބީ ޙާޞިލުކުރެވޭ މިންވަރު އިތުރުކުރެވޭނެ ގޮތްތައް، ތިޔަ ކޮމާންޑަރުންގެ މަޝްވަރާތަކުން ދެނެގަނެވޭނެ. ސިފައިންގެ ތައްޔާރީ ޙާލަތުގެ ފެންވަރު މަތިކުރާނެ ގޮތްތައް ކަނޑައެޅިގެންދާނެ.

މި ހުރިހާ ކަމަކީވެސް، ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުގެ ދިފާޢުގައި، ދިވެހި ސިފައިން އަދާކުރާ ޤައުމީ ވާޖިބާ ގުޅިފައިވާ ކަންކަން. ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް، ތިޔަ ސިފައިން ކަނޑައަޅާފައިވާ ޢަޒުމާއި، ކޮށްފައިވާ ހުވައިގެ މަތީގައި ސާބިތުވެ ތިބުމަށްޓަކައި ކުރާ ކަންކަން.

ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކޮށް، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ދިވެހި ޢަސްކަރިއްޔާ އިންތިޒާމު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. މި ބަދަލުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ކޮންމެވެސްވަރަކަށް ފެންނަން ފަށައިފި ކަމުގައި އަޅުގަނޑަށް ފާހަގަކުރެވޭ.

އެހެންކަމުން، ދިވެހި ސިފައިން ތިޔަ ކުރައްވާ މުހިންމު މަސައްކަތުގައި، ބަރަކާތް ލައްވައި ކާމިޔާބާއި ކުރިއެރުން މިންވަރު ކުރެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. ދިވެހި ސިފައިންނަށް އަބަދުވެސް ނަޞްރާއި ނަސީބުގެ އުފާވެރިކަން މިންވަރު ކުރައްވައި، އެންމެހައި ދިވެހިންނަށް ތާއަބަދުގެ އުފާފާގަތިކަމާއި ޞުލްޙަވެރިކަން ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.