ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.
މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑްގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އަށް ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެ ބޯޑު އަލުން އެކުލަވައިލައްވާފައިވަނީ 30 ޖަނަވަރީ 2020 ގައެވެ. މި ބޯޑު އަލުން އެކުލަވައިލައްވާފައިވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ.
- ޑރ ޢަބްދުލްޢަޒީޒު ޔޫސުފް (ވ. އަކީލާ)
- ނ.ޢ.ޢ.ވ. އަނީސާ އަޙްމަދު (މ. ލޮނުވެލި)
- ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
- ޑރ އިސްމާޢީލް ޝަފީޢު (މ. ޕޮޕީ)
- އަލްފާޟިލް ޙާމިދު ޞާދިޤު (އަލިހިޔާގެ، ޅ. ނައިފަރު)
- އަލްފާޟިލް ޢަބްދުލްމާޖިދު (ގ. ކްރީމްގެ
- އަލްފާޟިލާ ޢާޠިފާ އިބްރާހީމް (މ. ދެބުދާރު)
- އަލްފާޟިލް އިބްރާހީމް ސަލީމް (މއ. ބަންދުގެ)
- އަލްފާޟިލާ މާރިޔާ ސަޢީދު (މއ. ކޮށީގެ)
ރައީސުލްޖުމްހޫރިއްޔާ ޑރ ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަނު ކުރައްވާފައިވަނީ މި ބޯޑުގެ ޗެއަރމަންގެ މަޤާމަށެވެ. އަދި، މި ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ނ.ޢ.ޢ.ވ. އަނީސާ އަޙްމަދެވެ.