އ.ދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވުނު އ.ދ ގެ ޖެނެރަލް އެސެމްބްލީގެ ހަކަތައާބެހޭ އިންޓަރެކްޓިވް ތީމެޓިކް ޑައިލޮގްގައި ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޑޮކްޓަރ މުޙަންމަދު ވަޙީދު ވާހަކަފުޅު ދައްކަވައިފިއެވެ.

މި ޖަލްސާގެ މެންދުރުފަހުގެ ދަންފަޅީގައި ކީ ނޯޓް ޚިޠާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ފޯރާ ޤައުމަކީ ދިވެހިރާއްޖެ ކަމަށާއި، މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ނުރައްކަލުން ދިވެހިރާއްޖޭގެ ރަށްތަކާއި ދިވެހިން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް އަވަހަށް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ ފަދަ ކުޑަ ޤައުމަކުންވެސް އެޅިދާނެ ފިޔަވަޅުތަކާއި، އާބާދީގެ ސަލާމަތާއި ޚާއްޞަކޮށް ތިރި ޖަޒީރާ ޤައުމުތައް ސަލާމަތްކުރުމަށް ނިންމަންޖެހޭ ކަންތައްތަކާއި، ދެމިހުންނަނިވި އިންތިޒާމްތަކެއް ޤާއިމް ކުރެވިދާނެކަމާއި ހޯދަންޖެހޭ ފަންނީ އަދި މާލީ ވަސީލަތްތައް އިތުރަށް ލަސްނުކޮށް ފަހިވެގެންދާނޭގޮތް ހަމަޖެހުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިގޮތުން، ދިވެހިރާއްޖެއިން ހަކަތައިގެ ބޭނުންތައް ހަރުދަނާ ގޮތެއްގައި ބޭނުން ކުރުމަށާއި، ތިމާވެށީގެ ގެއްލުންތައް ފޫބެއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަހަރުގެ މާޗްމަހު އިޢްލާން ކުރައްވާފައިވާ "ކާބަން ނިއުޓްރަލް ޕޮލިސީ"ގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ފިޔަވަޅުތައް އަޅައި މިކަމުގައި ރާއްޖެއަކީ ރީތި މިސާލެއް ކަމުގައި ހެދުމަށް ރާއްޖެއިން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލާ ގުޅޭ އިންސާނީ ޙައްޤުތަކުގެ މައްސަލައަކީ، މިމަސައްކަތުގެ މުހިންމު ބައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އ.ދ. ގެ ސެކްރެޓަރީ-ޖެނެރަލްގެ ތިމާވެށީގެ އިސްނެންގެވުމާއި، އެމަނިކުފާނުގެ ޒަޢާމަތަށް މަރުޙަބާ ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ތިމާވެށީގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކަށާއި ވިހިވހީގައި ރާއްޖެއިން ކާމިޔާބު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ކާމިޔާބު ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާކަން ހާމަކުރެއްވިއެވެ.