ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މެންބަރުން މަޝްވަރާ ކުރައްވައިފިއެވެ.

ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި އިތުރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން މިއަދުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުން ވާހަކަފުޅުދެއްކެވިއެވެ. އަދި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން މެންބަރުން ފާޅުކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ އިތުރުން މި ސަރަޙައްދުގެ އެހެން ޤައުމުތަކުގައިވެސް ކޮރޯނާ ވައިރަސް މިހާރުވެސް ފެތުރެމުންދިޔުމާއެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މި ދެއްވަނީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މެދުގައި، މިބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒުކުރައްވައިގެން ކަމާބެހޭ ދާއިރާތަކުން ހިންގަވާ ޕްރޮގުރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދެވިއެވެ.