ފަރސްޓް ޑިސެންޓް މިޑްނައިޓް ޒޯންގެ ނަމުގައި އިންޑިއާ ކަނޑުގެ ސަރަޙައްދު ބަލައި ހިމާޔަތްކުރުމަށް ކަނޑުފަޅު ދިރާސާކުރުމުގެ ބޮޑު ޙަރަކާތެއް ރާއްޖެއާއި ސީޝެލްސް ގުޅިގެން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

'ފަރސްޓް ޑިސެންޓް މިޑްނައިޓް ޒޯން' އަކީ ދިވެހިރާއްޖެއާއި ސީޝެލްސްގެ ކަނޑުގެ ސަރަޙައްދުގެ 629,000 އަކަ ކިލޯމީޓަރ ޙިމާޔަތްކޮށް އެކަނޑުތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމުގެ މަޤްޞަދުގައި ފެށުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. މި ހަރަކާތުގައި ބައިނަލްއަޤްވާމީ ފެންވަރުގެ 50 ސައިންސްވެރިންނާއި، ކަމުގެ މާހިރުން މަޢުލޫމާތު ހޯދުމާއި އެއްކުރުމުގައާއި ހިމާޔަތް ކުރާ ސަރަޙައްދު ކަނޑައެޅުމުގައި ޙަރަކާތްތެރިވާނެއެވެ. މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 16 މާރިޗު 2020 ވަނަ ދުވަހު ސީޝެލްސްގައެވެ.

މި ދިރާސާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ “މިޑްނައިޓް ޒޯން” ސަރަޙައްދުގެ ކަނޑު އަޑީގައި އުފެދިފައިވާ “ސީމައުންޓްސް” ނުވަތަ ކަނޑުއަޑީގެ ފަރުބަދަތަކަށް އަމާޒުކޮށްގެންނެވެ.. 'މިޑްނައިޓް ޒޯނަކީ ކަނޑުގެ 1000 މީޓަރާއި 4000 މީޓަރާއި ދެމެދުގެ ފުންމިން ހުންނަ ސަރަޙައްދު ތަކެވެ. ކަނޑުގެ ދިރުންތަކުގެ އާބާދީ (ބަޔޯޑައިވަރސިޓީ) ކަނޑުގެ ސަތަހައިގެ މަތީ ފަށަލަ ތަކުގައި އުޅުނު ނަމަވެސް، އެދިރުންތަކުގެ ބާވަތްތައް (ޑައިވަރސިޓީ) އެންމެ ގިނައިން އުޅޭކަމަށް ފާހަގަކުރެވިފައިވަނީ "މިޑްނައިޓް ޒޯން" ގައެވެ. މި ޙަރަކާތުގައި ފުރަތަމަ ދިރާސާ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާ ކަނޑުގެ 'ސީމައުންޓްސް' ނުވަތަ ކަނޑުއަޑީގެ ފަރުބަދަތަކުންނެވެ. 'އަންޑަރސީ ގަލަޕަގޮސް' އޭ ވެސް ކިޔާ މި ކަނޑުއަޑީގެ ފަރުބަދަތަކަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ ފަދަ ދިރުންތަކުން ފުރިގެންވާ ތަނެކެވެ.

"އިންޑިއާ ކަނޑަކީ ހިމާޔަތް ކުރެވިފައިވާ މިންވަރު އެންމެ ކުޑަ އަދި ހޯދުންތައް އެންމެ ކުޑަކޮށް ހޯދާފައިވާ ކަނޑެވެ. މި ކަނޑަކީ މިހާރުވެސް 2.7 ބިލިއަން މީހުންގެ ދިރިއުޅުން ބިނާވެފައިވާ މާހައުލެވެ. އަދި 2050 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ދުނިޔޭގެ ދެބައިކުޅަ އެއްބައިގެ އާބާދީއަށް އިތުރުވާނެއެވެ. އިންޑިއާ ކަނޑަށް އަންނަ ބަދަލު ތަކުގެ އަސަރު ބިލިއަނެއްހާ މީހުންގެ ދިރިއުޅުމަށް ކުރާނެއެވެ." ނެކްޓަން މިޝަންގެ ޑިރެކްޓަރ އޮލިވަރ ސްޓީޑްސް ވިދާޅުވިއެވެ.

ރާއްޖެއާއި ސީޝެލްސް ސަރުކާރު ގުޅިގެންހިންގާ މި ޙަރަކާތުގައި އިސްކޮށް ހަރަކާތްޔެރިވާނީ ނެކްޓަންއާއި އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނެވެ. މީގެ އިތުރުން، މި ސައިންސްވެރިންނާއިއެކު ރާއްޖެއާއި ސީޝެލްސްގެ ސައިންސްވެރިން މި މިޝަންގައި ހަރަކާތްތެރިވާނެއެވެ.

މި ދިރާސީ ޙަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ކަނޑުގެތަކުގެ އެންމެ ފުނަށް ފީނުމަށް ބޭނުންކުރެވޭ އެންމެ ފެންވަރު ރަނގަޅު ސަބްމެރިން އާއި، ދިރާސާކުރުމަށް ބޭނުންކުރާ ޚާއްޞަ އާލާތްތަކާއި ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ.

ރާއްޖެއިން މި ޙަރަކާތުގައި ބައިވެރިވުމަށް ނިންމާފައިވަނީ މޯލްޑިވްސް ބްލޫ ޕްރޮސްޕެރިޓީއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.