މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކަމަނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުކަމުގައި ހުންނަވައިގެން ޝިދާތާ ޝަރީފް ކޮށްދެއްވެވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ޖެންޑަރ މިނިސްޓަރގެ މަޤާމު ހުސްވުމާއި ގުޅިގެން ޢާއިޝަތު މުޙައްމަދުދީދީ އެމަޤާމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމހޫރިއްޔާ ވަނީ ނިންމަވާފައެވެ. ޢާއިޝަތު މުޙައްމަދު ދީދީ މިހާރު ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.