ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް، އަނާލިންދު އެވޯޑް ލިބިވަޑައިގަތުމާ ގުޅިގެން، ސްވިޑްންގެ ރަސްގެފާނު ކާރލް ގުސްތާފް، ރައީސް ނަޝީދަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދަށް ރަސްގެފާނު ތަހުނިޔާ ވިދާޅުވީ، ރަސްގެފާނުގެ ގަނޑުވަރުގައި އެމަނިކުފާނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރެއްވުމަށާއި، ތިމާވެށި ޙިމާޔަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޔޫރަޕްގެ އިއްތިޙާދުގެ ވެރިކަން ސްވިޑްންއަށް ލިބޭއިރު، ތިމާވެށި ޙިމާޔަތް ކުރުމުގައި ސްވިޑްންއިން ފައިދާހުރި ދައުރެއް އަދާކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރު ކޯޕަންހޭގަންގައި ބާއްވާ ސަމިޓުން ސްވިޑްންގެ ވަފްދުގެ ފަރާތުން އިސް ޙަރަކާތްތަކެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްގެފާނުގެ ވާހަކަފުޅުގައި، ތިމާވެށި ޙިމާޔަތް ކުރުމުގެ މުހިންމުކަމާއި، ކޯޕަންހޭގަން ސަމިޓު ކާމިޔާބު ސަމިޓަކަށް ހެދުމަށް ސްވިޑްންއިން ދޭ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ރައީސް ނަޝީދު ވިދާޅުވާފަދައިން، ތިމާވެށްޓާއި އިންސާނީ ޙައްޤުތަކާ އޮންނަ ގުޅުމަކީ، ވަރަށް މުހިންމު ގުޅުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރަސްގެފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މިދަތުރުފުޅަށް ސްވިޑްންގެ ޚަބަރުފަތުރާ ވަސީލަތްތަކުންނާއި، ނޫސްތަކުން ވަރަށްބޮޑު އަހަންމިޔްތު ކަމެއް ދެމުން ގެންދާތީ، އެކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސްވިޑްންގެ ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު، ރަސްގެފާނު ގަނޑުވަރުގައި، ސްޓޮކްހޯމް ވޯލްވޯ އޯޝަން ރޭހުގެ ބައިވެރިންނަށް ރަސްގެފާނު ބޭއްވެވި ޙަފްލާއެއްގައި، ރަސްގެފާނު އަރިހުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރޭސް ކާމިޔާބުކުރީ، އެރިކްސަން ކުންފުނީގެ ޓީމެވެ. އެކުންފުނީގެ ރައީސް ކާރލް ހެންރިކް ސްވަންބަރގާ ރައީސް ނަޝީދު ބައްދަލުކުރައްވައި، އޭނާއަށާއި އެޓީމަށް މަރްޙަބާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސްވިޑްންގެ ތިމާވެށްޓާބެހޭ ވަޒީރު އެންޑްރިއަސް ކާރލްގްރެންއާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ތިމާވެށި ޙިމާޔަތް ކުރެއްވުމުގައި، ރައީސް ނަޝީދު އަދާކުރައްވާ ދައުރު ސްވިޑްންގެ ތިމާވެށްޓާބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.