ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، މ.މާހުރާ، އަޙްމަދު ސަލީމް މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަހުމަދު ސަލީމަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، އަޙްމަދު ސަލީމް މިއަދު ޢައްޔަން ކުރެއްވިއިރު އަޙްމަދު ސަލީމް ކުރިން ހުންނެވީ ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އަޙްމަދު ސަލީމް ޚާރިޖީ ދާއިރާއާ 1968 ވަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު ޚާރިޖީ ދާއިރާގެ ގިނަ މަޤާމުތަކެއްގައި ޚިދުމަތްކުރައްވާފައި ވެއެވެ. އަޙްމަދު ސަލީމް ޚާރިޖީ ދާއިރާގައި ގާތްގަޑަކަށް 21 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާއިރު،އޭގެ ތެރޭގައި އެމެރިކާގައި ހުންނަ ރާއްޖޭގެ ޕާރމަނަންޓް މިޝަންގައާއި ސްރީލަންކާގެ ހައިކޮމިޝަނުގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި އދ އާއި ކޮމަންވެލްތުގެ މަތީ ފަންތީގެ ބައްދަލުވުންތަކާއި އޯއައިސީ އާއި ސާކްފަދަ ޖަމާޢަތްތަކުގެ ބައްދަލުވުންތަކުގައި ވެސް އަޙްމަދު ސަލީމް ވަނީ ބައިވެރިވެ ވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާފައިވެއެވެ. މީގެ އިތުރުން 2012 އިން 2014 އަށް ސާކްގެ 11 ވަނަ ސެކެޓްރީ ޖެނެރަލްގެ މަޤާމުވެސް އަޙްމަދު ސަލީމް ފުރުއްވާފައިވެއެވެ.