"ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމުގެ ގޮތުން ވޫހާން ސިޓީގައި ތިބި 7 ދިވެހިން ޗައިނާއިން ނެރެ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ "ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި މި ބަލި އެންމެބޮޑަށް ފެތުރިފައިވާ ވޫހާން ސިޓީގައި ތިބި ހަތްދިވެހިން މާލެ ގެނައުމުގެ ކުރިން އިންޑިއާގެ ދިއްލީގައި ހުންނަ ކަރަންޓީނު މަރުކަޒުގައި ކަރަންޓީނުކޮށް މި ބަލި ނެތްކަން ޔަޤީންކުރެވޭނެކަމަށެވެ. މި މަރުކަޒަކީ ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާ ޤަބޫލުކުރާ މިންގަނޑުގެ މަޒުކަޒެއްކަމަށާއި މިތަނުގައި ކަނޑައެޅިފައިވާ މުއްދަތެއްގައި ކަރަންޓީނުކުރެވޭއިރު އެމީހުންގެ ޢާއިލާތަކާ ގުޅޭނެ އިންތިޒާމްތައްފަދަ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ހަތްމީހުން އިންޑިއާއަށް ގެންދިޔައީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކުގައިކަން ފާހަގަކުރައްވައި ފޮރިން މިނިސްޓަރ ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މީހުން ޗައިނާއިން ބޭރަށް ގެންދިއުމުން މިހާރު ޗައިނާގެ އެހެން ސިޓީތަކުގައި ތިބީ ޖުމްލަ 43 މީހުންކަމަށާއި އޭގެ ތެރެއިން އެކަކު ފިޔަވާ އިތުރު މީހަކު ރާއްޖެ އައުމަށް އެދިފައިނުވާކަމަށް ވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވަނީ ކޮރޯނާ ވައިރަހާ ކުރިމަތި ލުމަށް ދިވެހިރާއްޖެއިން ވެފައިވާ ތައްޔާރީތަކުގެ އެންމެފަހުގެ މަޢުލޫމާތު ހާމަކުރައްވާފައެވެ. އެގޮތުން މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރަމުންދާކަމާއި، ރާއްޖެއަށް މީހުން އެތެރެވާއިރު ސްކްރީނުކުރުން ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކެމެރާ ސެޓްތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިރުޞާދާ ލަފާފުޅާ އެއްގޮތަށް މި ވައިރަހާ ގުޅޭގޮތުން ދުރާލާ ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު 11 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޮވެލް ކޮރޯނާ ވައިރަސްގެ މަޢުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ގެންދެވުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަ ކުރައްވާފައެވެ.. މީގެ އިތުރަށް މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި ރޭގަނޑު 9 ޖަހާއިރު ނޮވެލް ކޮރޯނާގެ މަޢުލޫމާތު ހާމަކުރުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.