ކޮމަންވެލްތުގެ ޢާއިލާއާ ރާއްޖެ އަލުން ގުޅުމުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ ބަޔާނެއް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މިއަދަކީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރުކަން ލިބުނު ދުވަސްކަމުގައި ވާތީ މިއީ ޤައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއިން ކޮމެލްވެލްތާ އަލުން ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކޮމަލްވެލްތުގެ ސެކެޓްރިއޭޓްގައި ރަސްމީގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވުމާއި ކޮމަންވެލްތު ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގައި ވެސް މި މުނާޞަބާއާ ގުޅިގެން ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި ސަރުކާރު ދެމި މިއޮތީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައިކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމަމްވެލްތުގެ ޢާއިލާއަކީ މިނިވަން 50 ޤައުމެއްގެ މައްޗަށް އެކުލެވޭ މުއްސަނދި ޘަޤާފަތްތަކާއި ތަރިކަތަކެއް ހިމެނޭ އަދި އިޤްތިޞާދީ ކުރިއެރުންތައްވެސް ތަފާތު ދާއިރާތަކުން ތަފާތު މިންވަރަށް ހޯދާފައިވާ ޤައުމުތަކެއް ހިމެނޭ ޢާއިލާއެއް ކަމަށާއި މި ޢާއިލާއިން ޤަބޫލުކުރާ ހަމަތަކަކީ މިހުރިހާކަމެއް އެކުލެވޭ ހަރާރޭ ޑެކްލަރޭޝަނުގައި ހިމެނޭ ހަމަތައްކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޑިމޮކްރަސީއާ އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ސިޔާސީ،އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުންނާއި ފަރުދީގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން އޮތުން މި ހަމަތަކުގެ ތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ކޮމަންވެލްތުން ކުރިއަރުވާ ހަމަތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުގައިވެސް ހުރި ހަމަތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް ބަލާފައި ވަނީ އެ ހަމަތައް ކުރިއެރުވުމުގެ މައްޗަށްކަމުގައި މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ކޮމަންވެލްތުގެ އެހެން ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނީވެސް މި ހަމަތައް ކުރިއަރުވައި ދެމެހެއްޓުމުގައިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތުން ފަހިކޮށްދޭ ތަޢުލީމުގެ ފުރުޞަތުތަކާއި ކުޅިވަރުގެ ދާއިރާއިން ފަހިކޮށްދޭ ފުރުޞަތުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު މުހިންމު އަދި ބައިނަލްއަޤްވާމީ މައިދާނުން ލިބޭ ފުޅާ ފުރުޞަތުތަކެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ޔޫތު ޕްރޮގްރާމުފަދަ ޕްރޮގްރާމްތަކަކީ 21 ވަނަ ޤަރުނުގެ ހުނަރުތައް ޒުވާނުންނަށް ލިބިދިނުމުގައި މުހިންމު އަދި ޤައުމުގެ ފަރުދުންނަށް ސީދާގޮތުން ފައިދާ ލިބެމުން އަންނަ ޕްރޮގްރާމްތަކެއްކަން ބަޔާން ކުރައްވާފައިވެއެވެ.

ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުން ފާހަގަކުރުމުގެ ގޮތުން މި ހަފްތާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ސްކޫލުތަކުގައި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި އަލަށް ހުޅުވުނު އިނގިރޭސި ހައިކޮމިޝަނާއެކު ކޮމަންވެލްތާ ރާއްޖެއާ އޮންނަ ސިޔާސީގުޅުން އިތުރަށް ބަދަހިވުމަށް ވަނީ ދޮރުހުޅުވިފައެވެ.

ރާއްޖެއިން ކޮމަންވެލާ އަލުން ގުޅުމުގެ މި މުނާޞަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާނުގައި މިކަން ހަޤީގަތަށް ހެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ޚާރިޖިއްޔާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ޚާއްޞަކޮތެއްގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓުން ކަންކަން ހަމަޖައްސަވައިދެއްވި އަވަސްކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.