ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި އިރުޝާދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޢުލޫމާތު އޮޅުންފިލުއްވާ އިރުޝާދު ދެއްވާފައިވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އެމަނިކުފާނުވަނީ މިކަމުގައި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، މިކަމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި މި ޤައުމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވާ، މިކަމުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ. އަދި، ޗައިނާއާއި މި ވައިރަސްގެ އަސަރު ފެނިފައިވާ އެހެނިހެން ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންގެ ޙާލަތު އޮޅުންފިލުއްވައި، އެމަނިކުފާނުވަނީ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސާފު ކުރައްވާފައެވެ.