ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުކުރަމުންދާ ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލައި، މިދުވަސްވަރު ޗައިނާއާއި ބަލި ފެތުރެމުންދާ ޤައުމުތަކަށް ދިވެހިން ދަތުރުފަތުރުކޮށް އުޅުމުގައި ސަމާލުވުމަށާއި އެޤައުމުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ މިވަގުތަށް ނުކުރުމަށް ސަރުކާރުން އިލްތިމާސް ކުރައްވވައިފިއެވެ.
ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ "ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ފޮރިން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ނޫސް ކޮންފަރަންސްގައެވެ.
މި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ވަނީ މިރޭގެ މަޣްރިބް ނަމާދުން ފެށިގެން ޤުނޫތު ނާޒިލަށް ކިޔަވަމުން ގެންދާގޮތަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައިވެސް ހާމަކުރައްވައިފައެވެ.
މި ޕްރެސް ކޮންފަރެންސްގައި، ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން 7 ދިވެހިން އެޤައުމުން ނުކުންނަން ބޭނުންވާކަމަށާއި އެ ރައްޔިތުން ލަސްތަކެއް ނުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވާނެކަމުގައި ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ދިވެހިން ރާއްޖެ ގެނެވޭނީ އަވަށްޓެރި ޤައުމެއްގައި ކަރަންޓީނުކުރުމަށްފަހު އެ މުއްދަތު ހަމަވުމުން ކަމުގައިވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ފޮރިން މިނިސްޓަރ ވަނީ މިވަގުތު ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން އެމީހުންގެ ޤައުމަށް އަނބުރާ ދެވޭނެގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރ ޢަބްދުالله އަމީން ދެއްކެވި ވާހަކަފުޅުގައި މިވަގުތު ރާއްޖެއަށް ބޭނުންވާ ވަރަށް މާސްކް އެބަހުރިކަން ފާހަގަ ކުރައްވައި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދެއްވާ މަޢުލޫމާތާ އިރުޝާދާ އެއްގޮތަށް ހުރިހާ ދިވެހިންވެސް ޢަމަލުކުރައްވަމުން ގެންދެވުމަށް އިލްތިމާސްކުރެއްވިއެވެ.