"ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ރާއްޖެއިން ވެފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ “ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވެވި ޕްރެސް ކޮންފަރަންސްގައެވެ.

މިޕްރެސްކޮންފަރަންސްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރައްވާ ކަމަކީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ. އަދި އެގޮތުން ‏ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓްތަކުގައި މިބަލިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށާއި އެގޮތުން މިބައްޔަށް ޝައްކުކުރެވޭ ހިސާބުން ފެށިގެން އެކަމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް މިހާރު އެކުލަވާލެވި، ފްރޮންޓްލައިން ސްޓާފުން ތައްޔާރުކުރެވެމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި މަސައްކަތުގައި ބޭނުންކުރަންޖެހިއްޖެ އެންމެހާ އާލާތްތަކާއި މާސްކުފަދަ ތަކެތި ރާއްޖެ އެތެރެކުރުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށާއި އެކަމަށްޓަކައި އެސްޓީއޯގެ އިތުރުން އެހެން ކުންފުނިތައް މެދުވެރިކޮށް ކުރަންޖެހޭ ކަންކަންވެސް ކުރަމުންދާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއް މިހާރުވެސް ޤާއިމްކުރެވި މިހާރުން މިހާރަށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސިފައިވުމުގެ އިތުރުން، މިފަދަ އެހެން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ފުނަދޫގައިވެސް ތައްޔާރީތައްވެފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިބަލިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް އަޅަމުންގެންދަނީ ޑަބްލިއު.އެޗް.އޯ.ގެ ލަފަޔާ، މަޝަވަރަޔާ، އިރުޝާދުގެ ދަށުން ކަމުގައި މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން މިހާރަށްވުރެވެސް ބޮޑަށް މައުލޫމާތުތައް އާއްމުންނާ ހަމައަށް ގެނެސްދެމުންދާނެކަމުގެ ޔަޤީންކަންދެއްވާ، ކޮންމެ ފަރުދަކުވެސް ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރަންޖެހޭ ކަންކަމަށް އިސްކަންދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މި ޕްރެސްކޮންފަރެންސަގައި މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ ވާހަކަފުޅުގައި، މިބަލި ރާއްޖޭގެ ފެތުރުމާމެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުން ސަރުކާރަށް އިޙުސާސްކުރެވޭ ކަމަށާއި މިކަމުގައި ސަރުކާރުން އެއްވެސް ކަމެއް ސިއްރުނުކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަމަށާއި އިޤްތިޞާދުވެސް އަންނާނީ އޭގެ ފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ މަސްލަހަތުވެރިން ހިމެނޭގޮތަށް ޓޫރިޒަމްގައިވެސް ޓާސްކްފޯހެއް އެކުލަވާލެވިފައިވާކަން ހާމަކުރައްވާ، ޓޫރިޒަމްގެ ހާލަތު މޮނިޓަރ ކުރުމަށް ޔުނިޓެއް އެކުލަވާލެވި، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކަށް މި ގައިޑްލައިން ފޮނުވި، މިބައްޔަށް ޝައްކުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ އުސޫލުތައް ބުނެދެވިފައިވާނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަލީ ވަޙީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ.