އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި މި ޙަފްލާ ކުރިޔަށްގެންގޮސްފައިވަނީ ދެޤައުމުގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ އެކިއެކި ބައިތައް ހިމަނައިގެންނެވެ.

މިޙަފްލާގައި ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދިރު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ޙަފްލާގައި އިންޑިޔާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެއެވެ.

މި ޙަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. އަދި އިންޑިޔާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މިޙަފްލާގައި މިއުޒިކީ ހުށައެޅުންތައްވެސް ހުށައަޅާފައިވެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.