ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝް ސަފީރު އަޚްތަރު ޙަބީބުގެ ސަފީރުކަމުގެ ދައުރުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ، ހެޔޮއެދުމާއި ތަޙުނިޔާ ވިދާޅުވެފައެވެ.
މި ޒިޔާރަތުގައި ބަންގްލަދޭޝް ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރެވުނު ބައެއް މުހިއްމު މަސައްކަތްތަކުގައި ބައިވެރިއެއްގެ ގޮތުން ކުރެވުނު މަސައްކަތްތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާ، އެކަމަށްޓަކައި އުފާކުރައްވާކަމުގައި ހާމަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް މިސަރުކާރުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ލިޔެކިޔުމެއްނެތި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ފައްޓަވާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފާހަގަކުރައްވާ، އެކަމަށް ހިތްވަރުދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ސަފީރުގެ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިޔަށް އޮތްތަނުގައި ދެޤައުމަށްވެސް މުހިއްމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވުނެވެ.
މިބައްދަލުކުރެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިއްމު އެކި ދާއިރާތަކަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކައި، ބަންގްލަދޭޝްގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަފީރު އަޚްތަރު ޙަބީބު ގެ ސަފީރު ކަމުގައި ރާއްޖެއަށް ކޮށްދެއްވި ޚިދުމަތަށްޓަކައި ޝުކުރުއަދާކުރައްވާ، ކުރިޔަށް އޮތް ދުވަސްތަކުގައި ފާގަތިކަމާއި ކުރިއެރުން އެދިވަޑައިގެންފައިވެއެވެ.