ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މ. އަތޮޅު ދިއްގަރު ސްކޫލަށް ޒިޔާރަތްކުރައްވައިފިއެވެ. އެމަނިކުފާނު ދިއްގަރު ސްކޫލަށް ޒިޔާރަތް ކުރެއްވީ 31 ވަނަ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ދިއްގަރު ސްކޫލްގެ އިސްވެރީންނާއި މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި، ސްކޫލްގެ ކްލާސްރޫމްތަކާއި އެހެނިހެން ވަޞީލަތްތަކުގެ ޙާލަތު ބައްލަވާލައްވާ، އެންމެ ފުރިހަމަ ގޮތުގައި ތަޢުލީމު ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މުދައްރިސުންނާއި ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ސާފުކުރައްވާ، އެ ކަންތައްތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.