ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މ. އަތޮޅު ދިއްގަރު ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު ދިއްގަރަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅަކީ އެރަށުގައި ބާއްވާ 31 ވަނަ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްގަރަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ދިއްގަރު ޞިއްޙީ މަރުކަޒަށް މިއަދު ކުރެއްވި ޒިޔާރާތުގައި އެ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންނާ އަދި އެތަނުން އެވަގުތު ފަރުވާ ހޯދަމުންދިޔަ ފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ މަރުކަޒުގެ އިސްވެރިންނާއި، މުވައްޒަފުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ސާފުކުރައްވައި، އެ މަރުކަޒުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވެން ހުރި ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ރަށުގެ ރައްޔިތުންގެ ޞިއްޙީ ޙާލަތު އިތުރަށް ފުރިހަމަ ކުރުމަށް ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި، މުވައްޒަފުން ގުޅިގެން ކުރެވޭނެ މަސައްކަތްތައް ފާހަގަކުރައްވާ، އެމަނިކުފާނުވަނީ ޞިއްޙީ ކަންތައްތައް ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކުގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްގަރަށް ވަޑައިގެންނެވުމުން ދިވެހި ބަހުގެ އެކަޑަމީއާއި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ދިއްގަރު ރައްޔިތުންގެ ފަރާތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގަންނަވައެވެ.