بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އާދެ، މިއަދު މި ރަސްމިއްޔާތުގައި ފުލުހުންގެ ހުވާކުރި ހުރިހާ ފުލުހުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

ފުލުހުންގެ ޚިދްމަތަކީ ވަރަށް މުހިންމު ޤައުމީ ޚިދްމަތެއް. މިއަދު ފުލުހުންގެ ހުވާކުރި ތިޔަ ފުލުހުންވަނީ މިކަމަށް ތައްޔާރުވުމުގެ ގޮތުން އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފައި. އެ ކޯހުގައި ތިޔަ ކުދިންގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ވަނީ ހާސިލުކޮށްދެވިފައި. އެހެންކަމުން ފުލުހުންގެ ޚިދްމަތުގެ މުހިންމުކަމާއި، ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ މަސްއޫލިއްޔާތުތަކާއި ވާޖިބުތައް މިއަދު ފުލުހުންގެ ޚިދްމަތާ ތިޔަ ގުޅުނު ހުރިހާ ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ.

ދެންމެ ތިޔަކުރި ހުވާގައިވެސް ފުލުހުންގެ މަސްއޫލިއްޔަތާއި ޚިދްމަތާބެހޭ ވަރަށް ގިނަ ބައިތަކެއް ހިމެނިގެން ހިނގައްޖެ. އޭގެތެރޭގައި މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރުމާއި، ރާއްޖޭގައި އިސްލާމްދީނުގެ ޢަޤީދާ ރައްކާތެރިކުރުމާއި، ރާއްޖޭގެ ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށްހިތައި ދެމެހެއްޓުމާއި އަދި ޤައުމުގެ އަމަން އަމާންކަމާއި، ޞުލްޙަމަސަލަސްކަން ދަމަހައްޓައި، ހިފެހެއްޓުމާއި، ވެރިންނާއި، ރައްޔިތުންނާއި، މުދާ ސަލާމަތްކޮށް ހިމާޔަތްކުރުމާއި، މިބައިތައް ވަނީ ދެންމެ ތިޔަކުރި ހުވާގައި ހިމެނިފައި.

ޝައްކެއްނެތް، ޤައުމެއްގެ އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމަކީ، އެ ޤައުމެއްގެ ރައްޔިތުން، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ވަރަށް މުހިންމު ކަމެއް. ހަމައެހެންމެ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރާ ކަމެއް. ތަނެއްގައި އަމަންއަމާންކަން ގެއްލިއްޖެނަމަ، ޞުލްޙަމަޞްލަޙަތު ގެއްލިއްޖެނަމަ، ނުވަތަ ބައިބައިވުން އުފެދި، ފިތުނަ ފަސާދަ އުފެދިއްޖެނަމަ، އެ ޤައުމެއްގެ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭނެ. އެ ޤައުމެއްގެ ތަރައްޤީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ.

އެހެންވީމާ، ފުލުހުން އެމީހުންގެ ޚިދްމަތް ފުރިހަމަގޮތުގައި އަދާކުރުމަކީ ޤައުމަށްޓަކައި އެމީހުން ކުރަންޖެހޭނެ ކަމެއް. ޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމުގެ ކުރިއެރުމަށްޓަކައި، ޤައުމުގެ ތަރައްޤީއަށްޓަކައި، އާދެ، ފުލުހުން އަދާކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ދެ ބާވަތެއްގެ ކަމެއް ހިމެނޭ ކަމަށް ބުނެވިދާނެ. އޭގެތެރެއިން އެއް ބާވަތަކީ ކުށްކުރުން މަދުކުރުން، ކުށްކުރާ މީހުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އެޅުން، ނުވަތަ އެމީހުންނާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އާދެ، އޭގެތެރޭގައި ވައްކަމާއި، މާރާމާރީއާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި އަދި މީހުން މެރުމާ، މިނޫނަސް މިބާވަތުގެ ވަރަށް ގިނަ ޤާނޫނީ ބޮޑެތި ކުށްތައް ހިމެނޭ. މިކަންކަން ހުއްޓުވައި، ޤައުމުގެ ރައްޔިތުންނަށް އުފާފާގަތި ހަމަޖެހޭ ދިރިއުޅުމެއް، ދިރިއުޅެވޭނެގޮތް ހަދައިދިނުމަކީ، ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް.

އަނެއްބާވަތަކީ ޤައުމެއްގައި ސިޔާސީގޮތުން ހަލަބޮލި ކަމެއް އުޅޭ ވަގުތެއްގައި ދިމާވެދާނެ ކަންތައްތައް. ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، ފިތުނަ އުފައްދާ ބަޔަކު ތިބުމުގެ ސަބަބުން އެމީހުން ހިންގަމުން ގެންދާ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން ޞުލްޙަމަސަލަސްކަމާއި، އަމަންއަމާން ކަމަށް ގެއްލުން ލިބޭގޮތްވުން. މިހާރަކަށް އައިސް މިކަހަލަ ބައެއް ހަރަކާތްތައް ހިނގަމުން އެބަދޭ. އެކަންތައްތައް ރަނގަޅަށް ދެނެގަނެ، އެކަންތައްތައް އެހެންވިޔަ ނުދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތަކެއް އެޅުމަކީ، ފުލުހުންގެ ވަރަށް މުހިންމު ޤައުމީ މަސްއޫލިއްޔަތެއް.

އާދެ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން ހިނގަމުން މިދަނީ ވަރަށް މުހިންމު ބޭނުމެއްގައި. އެއީ، ރާއްޖޭގައި ޒަމާނީ ޑިމޮކްރެސީއެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ކަމަކަށްވާތީ އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދީމުޤްރާތީ ޤައުމުތަކުގެ އެކަންތައްތައް ހިނގާގޮތަށް ރާއްޖޭގައިވެސް ކަންތައްތައް ހިނގަމުން ދިޔުމަކީ މުހިންމު ކަމެއްކަމަށްވާތީ. އެހެންނަމަވެސް، އޭގެ މާނަޔަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމެއް ނޫން. ސަރުކާރާ ދެކޮޅަށް ބަޔަކު ތެދުވެ، ސަރުކާރު ވައްޓައިލުމަށް މަސައްކަތް ކުރުމެއްވެސް ނޫން. ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، ޞުލްޙަމަސަލަސްކަން ނަގައިލުމެއްވެސް ނޫން.

އެހެންވީމާ، މިކަންކަން ރަނގަޅަށް ދެނެގަނެ، މިކަންކަމަށްޓަކައި، މިކަންކަމުން ރައްޔިތުންނާއި ޤައުމު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން މިވަގުތު މިވަނީ ވަރަށްބޮޑުވެފައި. މިރޮނގުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާތަނަށްވެސް މިހިނގައިދިޔަ ކަންތައްތަކުގައި ފުލުހުން އަދާކޮށްފައިވާ ޚިދްމަތް އެއީ ވަރަށް އިޚްލާޞްތެރި، ވަރަށް މުހިންމު ޚިދްމަތްތަކޭ. ވަރަށް ދަތި އުނދަގޫ ކަންތައްތަކެއް ދިމާވިޔަސް، ދިވެހި ފުލުހުންވަނީ އެކަންތައްތަކާ ވަރަށް ކެތްތެރިކަމާއި ވަރަށް ހަމަޖެހުމާ އެކީގައި ކުރިމަތިލާފައި. އަދި ގަވާއިދާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅައި، އެކަންތައްތައް ކޮންޓްރޯލްކޮށް، އެއިން އެއްވެސް ކަހަލަ ނުބައެއް ނުނުކުންނަގޮތަށް ކަންތައްތައް ކޮށްފައި. އެކަމަކީ ވަރަށް ބުރަ ކަމެއް. ވަރަށް ދަތި ކަމެއް. ރެޔާދުވާލު ފުލުހުން އެ މަސައްކަތުގައި މިވޭތުވެދިޔަ ދުވަސްތަކުގައި އުޅުނުކަމީ، ޝައްކެއްނެތްގޮތުގައި، ދިވެހި ފުލުހުންގެ ހިތްތަކުގައި އެމީހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ދެވިފައިވާ އަހަންމިއްޔަތުގެ ބޮޑުކަން ދައްކައިދޭ އަލިގަދަ ހެތްކެއް.

އެހެންކަމުން، ޕޮލިސް ކޮމިޝަނަރ އަލްފާޟިލް އާދަމް ޒާހިރަށާއި، އަދި އޭނާގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރައްވާ ހުރިހާ އޮފިސަރުންނަށާއި އަދި ފުލުހުންގެ އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށް މަރުޙަބާ ކިޔަން.

އާދެ، މިފަދަ ކަންކަމުން ދޭހަވަނީ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވަމުންދާއިރު، ޤައުމުގެ ސަލާމަތާބެހޭ ބައިތައްވެސް ތަރައްޤީވަމުންދާކަން. އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ މުސްތަޤްބަލަށް ބަލާއިރު ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ހަމަޖެހުމާ އެކީގައި ކުރިއަށްދާން. ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަން. މިހާތަނަށްވެސް މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ރާއްޖެ މިވަނީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއެކީގައި ތަރައްޤީގެ މަގުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައި. މިއީ އެންމެންވެސް ދަންނަ ޙަޤީޤަތެއް.

މިކަން މިގޮތަށް ކުރިއަށް އޮތްތާނގައިވެސް ގެންދެވޭނީ، ރާއްޖޭގައި ސިޔާސީ ގޮތުންވެސް ހަމަޖެހުން އޮވެގެން. އަމަންއަމާންކަން ދެމެހެއްޓިގެން، ޞުލްޙަމަސަލަސްކަން ދެމެހެއްޓިގެން، ޤައުމަށް ބޭނުންވާ އިޞްލާޙުތައް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ގަވާއިދާ އެއްގޮތަށް އޮމާންކަމާއެކީގައި އައިސްގެން. އެގޮތަށް އެ އިޞްލާޙުތައް ގެނެވޭތޯ އަޅުގަނޑު މިގެންދަނީ މަސައްކަތް ކުރަމުން. އަދި ދިވެހި ސަރުކާރުގެ ހުރިހާ ފަރާތްތަކުންވެސް އެގެންދަވަނީ އެ މަސައްކަތް ކުރައްވަމުން. އެހެންވީމާ، ޤައުމަށް ބޭނުންވާ އިޞްލާޙުތައް އިރާދަކުރެއްވިއްޔާ ގެނެވޭނެ. އެހެންނަމަވެސް، އެ އިޞްލާޙުތައް ގެނެވެންވާނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން އަމާންކަމާއެކީގައި، އަމަންއަމާންކަމާއެކީގައި، ޞުލްޙަމަސަލަސްކަމާއެކީގައި، ރައްޔިތުންގެ މެދުގައި ބައިބައިވުމެއް ނުއުފެދި، ފިތުނަ ފަސާދަ ނުއުފެދި، އެއިން އެއްވެސް ކަހަލަ އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ގެއްލުމެއް ރާއްޖެއަށް ނުލިބޭ ގޮތެއްގެމަތިން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް އެގޮތަށް ގެންދިޔުމުގެ ޢަޒުމް އަޅުގަނޑުގެ ހިތުގައިވެސް އަދި ސަރުކާރުގެ އިސްވެރިންގެ ހިތްޕުޅުގައިވެސް އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން. އަދި މިކަމުގައި ދިވެހިރާއްޖޭގެ ފުލުހުންނާއި އަދި ސަލާމަތީ އެހެން ބާރުތައްވެސް ސަރުކާރާ ވަރަށް ބޮޑަށް އެއްބާރުލައްވައި ދެއްވައިގެން، މިކަންތައްތައް މިމަގުން ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރާ ވާހަކަ ދަންނަވާލަން.

އާދެ، އަދިވެސް އެއްފަހަރު، ފުލުހުންގެ ޚިދްމަތާ ރަސްމީގޮތުން މިއަދު ތިޔަ ގުޅުނު ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ތިޔަ ފުލުހުންގެ ޚިދްމަތް، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވަރަށް އެދެވޭ ގޮތެއްގައި ލިބެމުންދާނެކަމުގެ ޔަޤީންކަން އޮތް ވާހަކަ ދަންނަވައިލަމުން، ތިޔަ ހުރިހާ އެންމެންނަށާއި، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތާއި އަދި ތިޔަބޭފުޅުން ތިޔަ އަދާކުރައްވާ މުހިންމު ދައުރުގައި ކާމިޔާބީއަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.