بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން "ކުޑަކުދިންގެ ހިޔާ"، ރަސްމީގޮތުން ހުޅުވައިދިނުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށް ލިބޭ ވަރަށްބޮޑު އުފަލެއް. މި މުނާސަބަތުގައި، މިމަރްކަޒުގައި މިހާރު ތިބި ހުރިހާ ކުޑަކުދިންނަށް ނުހަނު ލޯތްބާއެކު ތަހުނިޔާ ކިޔައި މުބާރަކްބާދީ އަދާކުރަން.

އާދެ! އިއްޔެއަކީ، ކުޑަކުދިންގެ ދުވަސް. އެދުވަހަކީ ރާއްޖޭގައިވެސް ވަރަށް އެކަށީގެންވާ ގޮތެއްގައި އިޙްތިފާލު ކުރަމުން އަންނަ ދުވަހެއް. އެކަމުގެ ޙަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އިއްޔެ ހިނގަމުންދިޔަ. މި އުފާވެރި މުނާސަބަތުގައި، އެ މުނާސަބަތް ނިސްބަތްވެގެންވާ ރާއްޖޭގެ ކުޑަކުދިންނަށް ވަރަށް ލޯތްބާއެކު ތަހުނިޔާ ކިޔައި މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެފަދައިން، އެކުދިންގެ މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ބަލަދުވެރިންނަށާއި، އެކުދިންގެ ޢާއިލާތަކަށްވެސް ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އަޅުގަނޑު އަދާކުރަން.

އާދެ! މިއަދުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ދީދީއަށާއި، އެކަމަނާގެ މިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ވެރިންނަށާއި، މުވައްޒަފުންނަށްވެސް ތަހުނިޔާ ދަންނަވަން. އަދި ކުޑަކުދިންނާއި ޢާއިލާގެ ޙައްޤުތައް ޙިމާޔަތް ކުރެއްވުމަށް، އެ ހުރިހާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ޔަތީމު ކުދިން ނުވަތަ އަޅައިލާނެ މީހަކު ނެތް ކުދިން ބެލެހެއްޓޭނެ ގޮތެއް ހޯދުމަކީ، ސަރުކާރުން ކުރީއްސުރެ ވަރަށްބޮޑަށް ވިސްނަމުން އަންނަ ކަމެއް. އެކަމަށް މަގުފަހިވެގެންދޭތޯ ތަފާތު މަސައްކަތްތައް ވަނީ އެތައް އަހަރެއް ވަންދެން ކުރެވިފައި. ދެންމެ މިނިސްޓަރ ވިދާޅުވި ފަދައިން، މިއަދު މ ިހުޅުވޭ މަރުކަޒަކީވެސް، 1998 ވަނަ އަހަރުން ފެށިގެން އެ މަރުކަޒު އުފައްދައި ހިންގުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އައިސްފައިވާ ތަނެއް. ތަފާތު އެކި ސަބަބުތައް ދިމާވެގެން ރަސްމީގޮތުން އެ މަރުކަޒު މި ހުޅުވެނީ މިއަދު ކަމުގައިވިޔަސް، އެތަނުގެ ޚިދްމަތް ލިބެމުންދާތާ މިހާރު ދެ އަހަރުދުވަސް ވެއްޖެ.

އާދެ! މިއަދު ރަސްމީގޮތުން އިފްތިތާޙް މިކުރެވޭ "ކުޑަކުދިންގެ ހިޔާ" ވުޖޫދަށް މިއަންނަނީ، ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކާއި، ބޭފުޅުންނާއި އަދި އަމިއްލަ ފަރާތްތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަމާއެކީގައި.

އާދެ! އެގޮތުން ކުރިން ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީ ނުވަތަ ވިމެންސް އެފެއާޒް މިނިސްޓްރީ ހިންގެވި ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑު ވަޒަން ކުރަން. އަދި އެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، އަލްފާޟިލާ ރާޝިދާ ޔޫސުފް، އަލްފާޟިލާ އަނީސާ އަޙްމަދު، އަދި އަލްފާޟިލާ ޒާހިޔާ ޒަރީރު ހިމެނިވަޑައިގަންނަވާ. އަދި އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ކުޑަކުދިންގެ ޔުނިޓުގެ ޙަރަކާތްތައް ހިންގަވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށްވެސް، މި ފުރުޞަތުގައި ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ޑޮކްޓަރ ޢާއިޝަތު ޝިހާމް އަޅުގަނޑަށް ހީވަނީ، ވަރަށްގިނަ ދުވަސް ވަންދެން އެމަސައްކަތް، ވަރަށް އެކަށީގެންވާ ގޮތެއްގައި ކޮށްދެއްވަމުން ގެންދެވިހެން. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް މިއަދުގެ މުނާސަބަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މިއަދު ރަސްމީގޮތުން މިހުޅުވޭ ކުޑަކުދިންގެ ހިޔަލަކީ، ރާއްޖޭގެ އަމިއްލަ ފަރާތަކުން އާދެ! ކްރައުން ކުންފުނިން ސަރުކާރަށް ހަދިޔާ ކުރެއްވި މަރްކަޒެއް. މިކަމަށްޓަކައި ކްރައުން ކުންފުނީގެ ވެރިންނަށާއި ހިއްސާދާރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކްރައުން ކުންފުނިން، މި ޢިމާރާތް، ސަރުކާރަށް ހަދިޔާ ކުރެއްވުމުގެ އިތުރުން، ވަރަށްގިނަ ފަންނީ އެހީތައް ކުރިންވެސް ވެދެއްވަމުން ގެންދަވާފައިވާ ކަމާއި، މިހާރުވެސް ވެދެއްވަމުން ގެންދަވާކަން، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް އަންގަވައިދެއްވައިފި. އެހެންވެ، އެކަމަށްޓަކައިވެސް ކްރައުން ކުންފުނީގެ ވެރިންނަށާއި ޙިއްޞާދާރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ރާއްޖޭގެ ތަރައްޤީގައި އަދި ޚާއްޞަކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ދިނުމުގައި، އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ވަރަށް މުހިންމު މަސައްކަތްތަކެއް. އަޅުގަނޑުމެންގެ ތަޢުލީމީ ދާއިރާގައި، ޞިއްޙީ ދާއިރާގައި، ހޭލުންތެރިކަން އުފެއްދުމުގެ ދާއިރާގައި، ތިމާވެށީގެ ދާއިރާގައި އަދި މިނޫންވެސް ތަފާތު ރޮނގު ރޮނގުން އަޅުގަނޑުމެންގެ ރާއްޖޭގައި އަމިއްލަ ޖަމާޢަތްތަކުންނާއި އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވަމުން އެބަގެންދަވާ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް، މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެބޭފުޅުން އެކުރައްވާ މަސައްކަތްތަކަކީ، ޤައުމުގެ ތަރައްޤީގައި އަދި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމުގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާ ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދަންނަވަން.

އާދެ! ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ކުޑަކުދިންނަށް ހެޔޮގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ. މިގޮތުން 1991 ވަނަ އަހަރު ރާއްޖޭގައިވަނީ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކޮށްފައި. މިޤާނޫނުގައި، ޔަތީމު ކުދިންނާއި، އަޅައިލާނެ މީހަކު ނެތް ކުދިންގެ ޙައްޤުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވަނީ ގޮވާލާފައި.

މީގެއިތުރުން، ކުޑަކުދިންގެ ޙާލަތާއި އެކުދިންގެ ޙައްޤުތައް ކުރިއެރުވުމަށް ސަރަޙައްދީ ފެންވަރުގައިވެސް، ދިވެހި ސަރުކާރުންވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައި. އަދި އޭގެ ސަބަބުން ސާކް ޤައުމުތަކުގެ މެދުގައި ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުޢާހަދާއެއްގައި މިހާރުވަނީ ސޮއިކުރެވި، އެމުޢާހަދާއަށް ޢަމަލުކުރަން ފަށާފައި. މި މުޢާހަދާއަކީ 1997 ވަނަ އަހަރު މާލޭގައި ބޭއްވުނު ސާކް ސަމިޓަށް، ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުމަކަށް، ސާކުގެ ވެރިން ތާއީދު ކުރައްވައި، އެކަމާ ގުޅިގެން އެކުލަވައިލެވުނު މުޢާހަދާއެއް. "ކޮންވެންޝަން އޮން ދަ ރީޖަނަލް އެރޭންޖްމަންޓްސް ފޮރ ދަ ޕްރޮމޯޝަން އޮފް ޗައިލްޑް ވެލްފެއަރ އިން ސައުތު އޭޝިޔާ" މި ނަމުގައި މި ސޮއިކުރެވުނު މުޢާހަދާގައި، ސާކުގެ ޚާރިޖީ ވަޒީރުން ސޮއިކުރެއްވީ 2002 ވަނަ އަހަރުގެ ޖަނަވަރީ މަހު ނޭޕާލުގައި ބޭއްވުނު ސާކް ސަމިޓުގައި.

މިގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށާއި، ކުޑަކުދިންގެ ޙާލަތު ރަނގަޅު ކުރުމަށާއި، ކުޑަކުދިންނަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަކީ، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކުރާ އަދި ޚާއްޞަކޮށް ސަރަޙައްދީ ފެންވަރުގައި ފާހަގަކުރާ ކަންތައްތަކެއް. އަޅުގަނޑުމެންގެ ޘަޤާފަތުގައިވެސް، ކުޑަކުދިންނަށް އަޅައިލުމާއި، ކުޑަކުދިންދެކެ ލޯބިވުމާއި، ކުޑަކުދިންގެ ކަންތައްތައް ބެލެހެއްޓުމަކީ، ވަރަށް ކުރީއްސުރެ ވަރަށް މުހިންމު މަޤާމެއް ދެވިފައިވާ ކަމެއް.

އެގޮތުން، އަޅުގަނޑުމެން، ކުޑަކުދިން ގެންގުޅޭގޮތް، އެހެން ޤައުމުތަކާ އަޅައިބަލާއިރު، ތަފާތުކަމަށް ވަރަށްގިނަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ. އަޅުގަނޑުމެންގެ ތުއްތުކުދިން، ކުޑަކުދިން، މިބައިތިއްބަނީ ވަރަށް ރީތިކޮށް ވަރަށް ނަލަކޮށް. އެކުދިންނަށް ހުރިހާ މައިންބަފައިންވެސް ވަރަށްބޮޑަށް އަޅައިލާ. މިއާޚިލާފަށް އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން ފެންނަނީ، އެހެން މަންޒަރުތަކެއް. މިދެންނެވީ ހަމައެކަނި މިސާލެއް. މީގެއިތުރުން، ކުޑަކުދިންގެ ތަޢުލީމަށާއި، އެކުދިންގެ ޞިއްޙަތަށާއި، އެކުދިންގެ ލާބަޔާއި މަންފާއަށް، ދިވެހި ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ މަސައްކަތްތަކަކީ، މިއަދު އަޅުގަނޑުމެން ހަނދާންނައްތާލައިގެންވާނެ މަސައްކަތްތަކެއް ނޫން. އެއީ، އަޅުގަނޑުމެންގެ ޘަޤާފަތުގެ ވަރަށް މުހިންމު ބައެއް.

ހަމައެފަދައިން، މާތްވެގެންވާ އިސްލާމްދީނުގައި ޔަތީމު ކުދިންނާއި އަޅައިލާނެ މީހަކު ނެތް ކުދިން ބަލައި ބޮޑުކުރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވޭ. އަދި އެކަންތައްތައް ކުރާ މީހުންނަށް ވަރަށްބޮޑު ޘަވާބު ލިބޭނެ ކަމަށްވެސް ވަނީ އަންގަވާފައި. ހަމައެކަނި ޔަތީމު ކުދިންނާ އަޅައިލުމުގައި އެކަންޏެއްނޫން. ކުޑަކުދިންގެ ޙައްޤުތަކަށް އިސްލާމްދީނުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ވަނީ ދެއްވާފައި. އަދި ކުޑަކުދިން ރަނގަޅުގޮތުގައި ތަރުބިޔަތު ކުރުމަށާއި، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާގެ މަތީގައި، އެކުދިން ހަރުދަނާ ބަޔަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށާއި، ދީނީ ލޯތްބާއި ޤައުމީ ލޯބި، އެކުދިންގެ ހިތްތަކުގައި އަށަގެންނެވުމަށާއި، ރީތި އަޚްލާޤީ ސިފަތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް އިސްލާމްދީނުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާފައިވޭ. މިކަން ތަފްޞީލުކޮށް ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ކީރިތި ޤުރްއާނުގެ އާޔަތްތަކުގަޔާއި، މާތްރަސޫލާގެ ސުންނަތުގައި ވަރަށް ޞަރީޙަކޮށް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވޭ.

އާދެ! މިއަދު މި ހުޅުވޭ ކުޑަކުދިންގެ ހިޔަލުގައި މިތިބީ، މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނެތް އަދި އެކުދިން ބަލާނެ އެއްވެސް މީހަކު ނެތިގެން ނުވަތަ އެކިއެކި މައްސަލަތަކުގައި މައިންބަފައިން ބަންދުވެގެން ބެލޭނެ އެހެން ގޮތެއް ނެތިފައިވާ ކުދިން. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ ބިންގަލުގެ މަތީގައި، ފުރިހަމަ ލޯތްބާއި އޯގާތެރިކަމާއެކު، އެކުދިން ތަރުބިޔަތު ކުރައްވައި، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް އެކުދިން ހެއްދެވުމަށް، މި މަރުކަޒާ ހަވާލުވެ ތިއްބެވި ހުރިހާ ވެރިންނަށާއި ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ތަޢުލީމާއި އެނޫން އަސާސީ ހުރިހާ ޚިދްމަތްތަކެއްވެސް، ވީހާ ރަނގަޅަކަށް ދެއްވައި، އެކުދިންނަކީ ޤައުމަށް ފައިދާކުރަނިވި ބަޔަކަށް ހެއްދެވުމަށްވެސް، އަޅުގަނޑު ގޮވާލަން.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން މިތާނގައި ތިއްބެވި ވެރިންނާއި މުވައްޒަފުންނަކީ، މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، ވަރަށް އެހީތެރިކަމާއި ލޯތްބާއެކީގައި ކުޑަކުދިން ބައްލަވަމުން ގެންދަވާ ބޭފުޅުނކޮޅެއް. އެހެންވީމާ، އެބޭފުޅުން އެކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމުގައި އަޅުގަނޑު ދެކޭތީ، މިތަން ހިންގެވުމާ މިހާރު ހަވާލުވެ ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލް. މިއީ، ކޮންމެހެން ބުނަންޖެހޭ ޢިބާރާތެއްވެސް ނޫން. އެއަށްވުރެ މާ ފާޅުކަންބޮޑު ޙަޤީޤަތެއް. އެކަން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭ. އަޅުގަނޑުމެންގެ މައިންބަފައިންނަށް އެނގޭ. އަޅުގަނޑުމެންގެ ޢާއިލާތަކަށް އެނގޭ. އެހެންވީމާ، އެކަން، އަޅުގަނޑުމެންނަށް ވެވުނު އެންމެ ރަނގަޅަކަށް ކުރަމުން ގެންދިޔުމުގެ މުހިންމުކަން އެއީ، އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އިޙްސާސް ކުރެވޭ ކަމެއް.

އަޅުގަނޑުމެންގެ ކުޑަކުދިންވާނެ ލޯތްބާއެކީގައި ބޮޑުކުރެވޭތޯ ބަލަން. ކުޑަކުދިންނަށް އެހެން މީހުންދެކެ ލޯބިވާން ދަސްވަނީ، އަޅުގަނޑުމެން ބޮޑެތި މީހުން، މައިންބަފައިން އެކުދިންނަށް ލޯބިވުމުން. އެކުދިންނަށް ލޯބިދީގެން އެހެން މީހުންނަށް ލޯބިދޭން އެކުދިންނަށް ދަސްވާނީ. އަޅުގަނޑުމެން ބޮޑެތި މީހުންނަކީ، ކުޑަކުދިންނަށް ރީތި ނަމޫނާއަކަށް ވާންޖެހޭ. އަޅުގަނޑުމެން، ގޭތެރޭގައި އުޅޭ އުޅުމުގައިވެސް، ބޭރުގައި އުޅޭ އުޅުމުގައިވެސް، އެހެން މީހުންނާ ކުރާ މުޢާމަލާތުތަކުގައިވެސް، އަޅުގަނޑުމެންނަކީ، ހަރުދަނާ އަދި މާތް އުސޫލުތަކަކާއި ރީތި ގޮތްތަކެއް ގެންގުޅޭ ބަޔަކަށްވެގެން ކުޑަކުދިންނަށް އެގޮތްތައް ދަސްވާނީ.

ކުޑަކުދިންނަށް ރީތި ގޮތްތައް ދަސްކޮށްދެވޭނީކީ ހަމައެކަނި މަދަރުސާތަކަކުން ނޫން. ހަމައެކަނި ފޮތްފޮތުގައި ހުންނަ ފިލާވަޅުތަކަކުން ނޫން. އެއަށްވުރެ ބޮޑަށް ކުޑަކުދިންނަށް ކަންތައްތައް ދަސްވާނީ، އެކުދިން އުޅޭ މާޙައުލުން. އެންމެ ފުރަތަމަ އެކުދިން އެ އުޅޭ ޢާއިލީ ވެށިން. ދެން އެކުދިންގެ މަދަރުސާއިން ނުވަތަ ބޭރުން ފެންނަ ކަންތައްތަކުން.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މަޔަކުވެސް، ކޮންމެ ބަފަޔަކުވެސް އަދި ޢާއިލާގެ ކޮންމެ މީހަކުވެސް، އެމީހަކު އެ ދިރިއުޅޭ ޢާއިލާގައި އުޅޭ ކުދިންނަށް އަޅައިލަންވާނެ. އެހީތެރިވާންވާނެ. ލޯބިދޭންވާނެ. އޯގާތެރިވާންވާނެ. އެކުދިންނަށް ހެޔޮގޮތުގައި މަގުދައްކަންވާނެ. ރަނގަޅު ގޮތުގައި އެކުދިން ތަރުބިޔަތު ކުރެވޭތޯ ބަލަންވާނެ. މިކަންތައްތައް އަޅުގަނޑުމެން ނުކޮށް، ހަމައެކަނި ވަކި ފަރާތަކުންނޭ ކުޑަކުދިންނާ އަޅައިލާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނީ، މިހެން ބުނުމަކުން ނުފުދޭނެ.

އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، ދިވެހި ހުރިހާ މައިންބަފައިން، ދިވެހި ހުރިހާ ޢާއިލާތަކުގެ އިސްބޭފުޅުން، ބޮޑެތި މީހުން، މިކަން ރަނގަޅަށް ދެނެވަޑައިގެން، ކުޑަކުދިންނަށް ލިބެންޖެހޭ ލޯތްބާއި، ކުލުނާއި، އޯގާތެރިކަމާ، މިކަންކަން ކުދިންނަށް ދެއްވައިގެން ހެޔޮގޮތުގައި ކުދިން ތަރުބިޔަތު ކުރަމުން ގެންދެވުން. އެގޮތަށް ރާއްޖޭގެ މައިންބަފައިންނާއި ބެލެނިވެރިން، ކަންތައްތައް ކުރައްވައިފިނަމަ، ޝައްކެއްނެތްގޮތުގައި މުސްތަޤްބަލުގައި ދިވެހި ޤައުމުގެ ކަންކަމާ ހަވާލުވާން ތިބޭ ޒުވާނުންނަކީ، ނުވަތަ ބޮޑެތި މީހުންނަކީ، ވަރަށް ހަރުދަނާ، ވަރަށް ޤާބިލު، ޤައުމަށް ފައިދާކުރަނިވި ބަޔަކަށްވާނެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކުޑަކުދިން ރައްކާތެރިކޮށް، ޙިމާޔަތްކޮށް، އެކުދިންނަށް ހެޔޮގޮތްތައް ހޯދައިދީ، އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހެޔޮ ތައުފީޤް اللّه سبحـانـه وتعـالـى އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިންނަކީ، އުފާވެރި ޢާއިލީ މާޙައުލެއްގައި ބޮޑެތިވާ އަދި އެކުދިން ބޮޑެތިވެގެން ޤައުމަށް ފައިދާކުރަނިވި ބައެއް ކަމުގައިވުމުގެ ހެޔޮނަސީބު އަޅުގަނޑުމެން އެންމެންނަށް ދެއްވުން.

والسّـلام عليـكم ورحـمة اللّه وبـركاتـه.