بســم اللّـه الرّحمـن الرّحيــم

الحمـدللّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.

އާދެ! މިއަދު، މާތްاللّهގެ އިސްމުފުޅުގެ ބަރަކާތުން އެކަލާނގެ ޙަޟްރަތުން ތައުފީޤަށް އެދިހުރެ، އަތޮޅުވެރިންގެ 11 ވަނަ ބައްދަލުވުން ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޝައްކެއްނެތް. އަތޮޅުވެރިންގެ ބައްދަލުވުމަކީ، ވަރަށް މުހިންމު ބައްދަލުވުމެއް. ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔަ ވާހަކަތަކުންވެސް، އާދެ! އަތޮޅުވެރިންގެ ބައްދަލުވުމާ ބެހޭގޮތުން ދެބޭފުޅަކު މިތާނގައި ވާހަކަފުޅު ދައްކަވައިދެއްވައިފި. އެ ދެބޭފުޅުންގެ ވާހަކަފުޅުތަކުންވެސް، މި ބައްދަލުވުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިޙްސާސްވެގެން ހިނގައްޖެ.

މިފަދަ ބައްދަލުވުންތަކަކީ، 1980 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ބައްދަލުވުންތަކެއް. އާދެ! މީގެ 26 އަހަރު ކުރިއްސުރެ ފެށިގެން އަތޮޅުވެރިންގެ ބައްދަލުވުން މިދަނީ ބޭއްވެމުން. ކޮންމެ އަހަރަކު ނޫން. އަސްލުގައި އޮންނަނީ، އަޅުގަނޑު ހިތުން 3 އަހަރުން 1 އަހަރު ބައްދަލުވާގޮތަށް. އެންމެފަހުން މިދިޔަ ދެ އަހަރު މި ބައްދަލުވުން ނުބޭއްވިދިޔަ ސަބަބަކީ، އެއް އަހަރަކީ، އިންތިޚާބުގެ އަހަރު ކަމަށްވީކަން. އަނެއް އަހަރަކީ، ސުނާމީ ކާރިސާއަށްފަހުގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރަމުންގެންދާ އަހަރު ކަމަށްވީކަން. މިކަންކަން މިހެން ދިމާވެގެން، އަތޮޅުވެރިންގެ ބައްދަލުވުން ލަސްވުމަށްފަހުގައި، 11 ވަނަ ބައްދަލުވުން މި ބޭއްވެނީ މިއަހަރު.

އާދެ! އަތޮޅުވެރިންގެ ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ، އަތޮޅުތަކުގެ ތަރައްޤީގެ ޙާލަތު ދެނެގަތުން. އަތޮޅުތަކުގެ ރައްޔިތުންގެ ހާލަތު ދެނެގަތުން. ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކަކީ ކޮބައިތޯ ބެލުން. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ލިބެމުން ދިޔުމުގައި އެޅޭ ހުރަސްތަކަކީ ކޮބައިތޯ ބެލުން. އިދާރީގޮތުން ކަންތައްތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައި ކުރަންޖެހެނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބެލުން. އަދި ޒަމާނީ ތަރައްޤީއާ އެކަށީގެންވާ ގޮތެއްގެމަތިން ރައްޔިތުން ކުރިއަށް ދިޔުމުގައި، ރައްޔިތުންނަށް އާމްދަނީ ލިބޭ މަގުތައް ހޯދައިދިނުމުގައި، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފުރިހަމަކޮށްދިނުމުގައި، ކަންތައް ކުރަންޖެހެނީ ކިހިނެއްތޯ ބަލައި، މަޝްވަރާކޮށް ހެދުން.

ހަމައެއާއެކީގައި، ހުރިހާ އަތޮޅެއްގައިވެސް އެއް އުސޫލަކުން ސަރުކާރުން ކަންތައް ކުރަމުން ގެންދެވޭނީ ކިހިނެއްތޯ ބަލައި މަޝްވަރާކޮށް، ހަމަޖެހޭ ގޮތެއްގެ މަތިން ހުރިހާ އަތޮޅެއްގައިވެސް، ހުރިހާ ރައްޔިތުންނާ މެދުގައިވެސް އެއް އުސޫލަކުން، އެއް ހަމަޔަކުން ކަންތައްތައް ކުރަމުން ގެންދިޔުމަށް މަގުފަހިކުރުން. ޝައްކެއްނެތް. މިއީ ވަރަށް މުހިންމު ކަންތައްތަކެއް. އެހެންވީމާ، މިފަދަ މުހިންމު މައުޟޫޢުތަކަކާ ބެހޭގޮތުން ބޭއްވޭ ބައްދަލުވުމަކީ، އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެބޭފުޅުންގެ ވާޖިބު ފުރިހަމައަށް އަދާކުރެއްވޭތޯ ބައްލަވަންޖެހޭނެ ބައްދަލުވުންތަކެއް.

އާދެ! އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އަތޮޅުތަކުގެ އަތޮޅުވެރިންނާއި، އެކި ވަޒީރުންނާއި، ސަރުކާރުގެ އެކި ދާއިރާތަކުގެ ބޭފުޅުންނާއި، އަމިއްލަ ޖަމާޢަތްތަކާއި އަދި ބޭރުން އެހީވެދޭ ފަރާތްތަކާ، މި ހުރިހާ ފަރާތްތަކުގެ މަންދޫބުން ވަރަށް ޞަރީޙަކޮށް ވާހަކަފުޅު ދައްކަވައި، ވަރަށް ރަނގަޅަށް މަޝްވަރާ ކުރައްވައި، އެންމެ އެކަށީގެންވާ ގޮތެއްގައި ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދެވުން. އެގޮތަށް ހުރިހާ އަތޮޅުވެރިންވެސް، އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވާ އެހެން ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! އަތޮޅުވެރިންގެ ބައްދަލުވުން މިހާތަނަށް ބޭއްވިފައި މިވަނީ، އަތޮޅުތައް ހިންގެވުމާ ހަވާލުވެ ތިއްބެވި ވަޒީރުން، އެކި ދުވަސްވަރު އެކަމަށް ދެއްވާފައިވާ އަހަންމިއްޔަތާއި އަދި ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ ތެރެއިން. އެހެންވީމާ، މި ފުރުޞަތުގައި، އަތޮޅުތަކާބެހޭ ވުޒާރާ މިހާތަނަށް ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، އަލްއުސްތާޛު ޢަބްދުاللّه ޙަމީދު، އަލްފާޟިލް ޢަބްދުاللّه ޖަމީލް، އަލްފާޟިލް އިލްޔާސް އިބްރާހީމް، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން، އަދި މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީ ހިންގެވި ޑޮކްޓަރ މުޙަންމަދު ލަޠީފް، މި ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ. އެއިން ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދައުރުގައި އަތޮޅުތަކަށް ވަނީ ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައި. ވަރަށް ބުރަކޮށް އުޅުއްވަމުން، ވަރަށް ހިތްހަމަޖެހޭ ގޮތަކަށް އަތޮޅުތަކުގެ ތަރައްޤީގައި މަސައްކަތް ކޮށްދެއްވާފައި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މި ބޭފުޅުންގެ ތެރެއިން، މީގެކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ވިދާޅުވި ފަދައިން، އެންމެ ދިގު މުއްދަތެއްގައި އެ ވުޒާރާ ހިންގެވި ބޭފުޅަކީ، އަލްއުސްތާޛު ޢަބްދުاللّه ޙަމީދު. އާދެ! އެހެންކަމުން، އެމަނިކުފާނު އެ ދާއިރާއަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތުގެ އަގު އަޅުގަނޑުވެސް ވަޒަންކޮށް، އެމަނިކުފާނަށް ޝުކުރު ދަންނަވަން.

އާދެ! މިހާރު އަތޮޅުތައް ހިންގެވުމާ ހަވާލުވެވަޑައިގެން އެ ހުންނެވި ބޭފުޅަކު، ތިޔަބޭފުޅުންނާ ދެންމެއަކު މުޚާޠަބު ކުރައްވައިފި. އެހެންވީމާ، އެބޭފުޅަކާ ބެހޭގޮތުން މާދިގު ވާހަކައެއް އަޅުގަނޑު ދައްކާކަށް ނުޖެހޭ. އެބޭފުޅެއްގެ ވާހަކަފުޅުންވެސް، އެބޭފުޅެއްގެ ޤާބިލިއްޔަތާއި، ހުޝިޔާރުކަމާއި، ކަންތައްތައް ކުރެއްވުމަށް ހުރި ޝައުޤުވެރިކަން، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އޮންނާނީ ފިލާވަޑައިގެންފައި.

އާދެ! އަޅުގަނޑު އެ ވުޒާރާ، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާ ހަވާލުކުރަން ގަސްތުކޮށް އޭނާއާ ބައްދަލުކޮށް ވާހަކަ ދައްކާލި ދުވަހު ވިދާޅުވީ، "ތިމަންނާއަށް ވީވަރަކުން ތިޔަކަން ކުރެވޭތޯ، ރައީސް އެދިއްޖިއްޔާ ބަލައިދޭނަމޭ. އެހެންނަމަވެސް، ތިމަންނާއަކީ މީގެކުރިން ސަރުކާރުގެ މިކަހަލަ މަގާމެއް އަދާކުރި މީހެއް ނޫނޭ. ސަރުކާރުގެ ތަޖުރިބާ ލިބިފައިވާ މީހެއް ނޫނޭ. ތިމަންނާ މިއުޅުއްވީ އަމިއްލަ ވިޔަފާރީގައި، އަމިއްލަ މަސައްކަތުގައޭ. އެހެންނަމަވެސް، ތިމަންނާއަކީ، ތިމަންނާ ކުރައްވާ ކޮންމެ މަސައްކަތެއް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، މުރާލިކަމާ އެކީގައި ކުރެއްވޭތޯ ބައްލަވާ ބޭފުޅެކޭ. އެހެންވެ، އެގޮތުން ތިޔަކަންވެސް ތިމަންނާ ކޮށްދެވޭތޯ ބައްލަވާނަމޭ. އެހެންނަމަވެސް، ތިމަންނާއަށް ގޯހެއް ހެދިއްޖިއްޔާ، ރައީސް ވާނޭ ތިމަންނާ ކައިރީގައި އެ ވާހަކަ ބުނަން. އަދި ތިމަންނާގެ ހިސާބު ބަލަންޖެހޭނެއޭ. ތިމަންނާ ކައިރީ ސުވާލުކުރަން ޖެހޭނެއޭ."

މިކަމުންވެސް އަޅުގަނޑަށް އެނގުނީ، ވަޙީދުއްދީނުގެ އިޚްލާޞްތެރިކަން. އޭނާ ބޭނުންފުޅެއްނުވޭ ހަމައެކަނި އޭނާއަކީ، މީހުން ޝުކުރު އަދާކުރާ ބޭފުޅަކަށްވެގެން ހުންނަވާކަށް. އޭނާ ރަނގަޅު ކަމެއް ކުރައްވައިފީވިއްޔާ، އެކަމުގެ ޝުކުރު އޭނާވެސް ބޭނުންފުޅުވާނެ. ކޮންމެ އިންސާނަކުވެސް ބޭނުންވާނެކަންނޭނގެ. އެކަމަކު ގޯސްކޮށް ކަމެއް ކުރެއްވިއްޖިއްޔާ އެކަމުގެ ހިސާބު ބެލުމަށްވެސް އޭނާ އެ ހުންނެވީ ތައްޔާރަށް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ވަޙީދުއްދީނަށް ޝުކުރު ދަންނަވަން.

އާދެ! ވަޙީދުއްދީނަކީ ވަރަށް ޤާބިލު ބޭފުޅެއް. ވަރަށް ހަރަކާތްތެރި، މުރާލި ބޭފުޅެއް. އަމިއްލަފުޅު ގޮތުންވެސް ވަރަށްގިނަ ކަންތައްތައް ހިންގަވާ، ވަރަށްގިނަ މީހުންނަށް އެހީތެރިވެވަޑައިގެންދެއްވާ ބޭފުޅެއް. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް ވަޙީދުއްދީނުގެ އިތުރު ފުރިހަމަކަމެއް ނުވަތަ މޮޅުކަމެއް ފެނިގެން ހިނގައްޖެ. އެއީ ވާހަކަ ދެއްކުންތެރިކަން. އާދެ! ވަޙީދުއްދީނަކީ އެހާމޮޅު ވާހަކަދެއްކުންތެރިއެއް ކަމެއް މީގެކުރިން އަޅުގަނޑަށް އެނގިފައެއް ނެތް. އެހެންނަމަވެސް މިއަދު އަޅުގަނޑު، އޭނާގެ ވާހަކަފުޅު އަޑުއަހަން އިންއިރު އިނީ ވަރަށް އުފަލުން. ވަރަށް ހިތްހަމަޖެހިގެން. ވަރަށް ދިގުކޮށް ވާހަކަފުޅު ދެއްކެވިނަމަވެސް، ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ވާހަކަފުޅު ނިމިގެންދިޔަކަން އަޅުގަނޑަށް އިޙްސާސްވި. އަނެއްކާ ތިޔަބޭފުޅުން އޭނާގެ ވާހަކަފުޅަށް ދެއްވި ތަރުހީބުންވެސް، އޭނާ ދެއްކެވި ވާހަކަފުޅަކީ، ތިޔަބޭފުޅުންގެ އަރިހުގައިވެސް ވަރަށް މަޤްބޫލު ވާހަކަފުޅުތަކެއްކަން އަޅުގަނޑަށް އެނގިގެންދިޔަ.

އަތޮޅުތަކަށް ޚިދްމަތްކުރުމަކީ، ހަމައެކަނި ވަކި ވުޒާރާއެއްގެ ކަމެއްނޫން. އެ ޚިދްމަތްތައް ވިލަރެސް ކުރައްވާ ފަރާތަކީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް ކަމަށްވިޔަސް، ސަރުކާރުގެ ޚިދްމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް، އަތޮޅުތަކުގައި ސަރުކާރުގެ ހުރިހާ ދާއިރާތަކުންވެސް ހިންގަވާ. އޭގެތެރެއިން ވަރަށްގިނަ ދާއިރާތަކެއްގެ ވާހަކަ، މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި. އޭގެއިތުރުންވެސް އެބަހުރި، އަތޮޅުތަކުގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ވުޒާރާތަކެއް.

އާދެ! އޭގެތެރެއިން މިސާލަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޖަސްޓިސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް އިންފޮމޭޝަން، މިނިސްޓްރީ އޮފް ޓްރޭޑް، އެޓަރނީ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، މިހެންގޮސް ދަންނަވާފައި، ވަކި ނުދަންނަވާނެ ސަރުކާރުގެ އިދާރާއެއް ނެތް.

އެހެންވީމާ، މި ހުރިހާ ފަރާތްތަކަކުންވެސް އަތޮޅުތަކުގެ ތަރައްޤީއަށާއި އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ޚިދްމަތްތައް ފޯރުވައިދެއްވުމަށް އެ ކުރައްވާ މަސައްކަތްތަކަށްޓަކައި، މި ދެންނެވި ހުރިހާ މިނިސްޓްރީތަކަށާއި، މިނިސްޓްރީތައް ހިންގަވާ ބޭފުޅުންނަށާއި، މުވައްޒަފުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ވާހަކައިގައި، ހަނދާންނެތިގެން ސަރުކާރުގެ އިދާރާއެއްގެ ވާހަކަ ނުބުނެވި އޮތްކަމަށްވަންޏާ، އެކަމަށްޓަކައި މާފަށްވެސް އެދި، އެފަރާތަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ސަރުކާރުން ހިންގަމުން މިހާރު މިގެންދާ އިޞްލާޙީ އެޖެންޑާގެ ވާހަކަ، ހަމަ ކޮންމެ ބޭފުޅެއްގެ ވާހަކަފުޅުގައިވެސް އެބަ ގެންނަވާ. އެއީ، އެކަން ވާނެވެސްގޮތް. އެހާ މުހިންމު ކަމެއް ހިނގަމުންދަންޏާ، މިފަދަ މުހިންމު ޖަލްސާއެއްގައި ވާހަކަ ދައްކަވާ ބޭފުޅަކަށް އެ ވާހަކަ ވިދާޅުނުވެ ކުރިއަކަށް ނުއެއްގެންދެވޭނެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި އިޞްލާޙީ އެޖެންޑާއަކީ، ޤައުމަށް ވަރަށް ބޭނުންވެފައިވާ އިޞްލާޙީ އެޖެންޑާއެކޭ. މި އެޖެންޑާގެ ދަށުން ކުރެވެމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުން. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިހާރު ކުރައްވަމުން އެ ގެންދަވަނީ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، ވަރަށްގިނަ ވަގުތު ހޭދަކުރައްވައިގެން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވަރަށް އިޚްލާޞްތެރިކަމާ އެކުގައި އެ މަސައްކަތް ކޮށްދެއްވަމުން އެބަ ގެންދަވާ. އެހެންވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހުރިހާ މެންބަރުންނަށް، އަޅުގަނޑު މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، އެބޭފުޅުން އެ ކުރައްވާ މަސައްކަތުގައި މާތްاللّه ބަރަކާތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އާދެ! ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ އިތުރުން، އިޞްލާޙީ އެޖެންޑާގެ ދަށުން ކުރެވެމުންދާ ވަރަށްގިނަ އެހެން މަސައްކަތްތަކެއްވެސް އެބަހުރި. އޭގެތެރޭގައި، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޝަރްޢީ ނިޒާމުގެ މުސްތަޤިއްލުކަން ހަރުދަނާކުރުމާއި، ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި އާލާކުރުމާއި، ޚަބަރުފަތުރާ ވަސީލަތްތަކުގެ ދައުރު ހަރުދަނާކުރުމާއި މިނިވަންކުރުންފަދަ ކަންތައްތައް ހިމެނޭ. މި ހުރިހާ ކަމެއްވެސް ހިނގަމުން މިދަނީ އެކުއެކީގައި. އިރާދަކުރެއްވިއްޔާ، އިޞްލާޙީ އެޖެންޑާގެ މަގުޗާޓުގައިވާ ގޮތުގެމަތިން، މި ހުރިހާ ކަމެއް ފުރިހަމަވެގެން ދިޔުމުން، އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނާނީ، ރާއްޖެއަށް ވަރަށް އެކަށީގެންވާ، ޒަމާނީ، ދީމުޤްރާޠީ ނިޒާމެއް ތަޢާރުފުވެފައި.

އާދެ! ދީމުޤްރާޠީ ނިޒާމުގެ ވާހަކަ ދައްކާއިރު، ވިސްނާލަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބައޮތް. ދީމުޤްރާޠީ ނިޒާމުގެ އަސާސަކީ، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކުން، ރައްޔިތުންނަށް މަންފާކުރަނިވި ގޮތެއްގައި، ރައްޔިތުން އެދޭގޮތަކަށް ޤައުމުގެ ކަންތައްތައް ހިންގަމުން ގެންދިޔުން. އެއީ، ދީމުޤްރާޠީ ނިޒާމުގެ އަސާސަކީ. ދުނިޔޭގައި ހުރި ހުރިހާ ދީމުޤްރާޠީ ޤައުމުތަކަކުންވެސް އެއާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔަނަމަވެސް، ޢަމަލުކުރަމުންގެންދާ ގޮތުގައި ތަފާތު އެބަހުރި. ބައެއް ތަންތާނގައި މިއޮންނަނީ، ޝާހީ ވެރިކަމެއް. އަނެއްބައި ތަންތާނގައި މިއޮންނަނީ، ޖުމްހޫރީ ވެރިކަމެއް. ޖުމްހޫރީ ވެރިކަން އޮންނަ ޤައުމުތަކުގައިވެސް، ތަފާތު ގޮތްގޮތަށް އެ ވެރިކަން އެބަ ބައްޓަންކުރެވޭ. ދެ ޤައުމެއްގައި އެކަން އޮންނަނީ އެއްގޮތަކަށް ނޫން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، ވަކި ޤައުމެއްގައި އޮތް ދީމުޤްރާޠީ ނިޒާމު ހަމަ އެ އޮތްގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަޅުގަނޑުމެންގެ ރާއްޖޭގައި އެއަށް ޢަމަލުކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫނޭ. އަޅުގަނޑުމެން، ރާއްޖޭގެ ޙާލަތަށް ވިސްނަންޖެހޭނެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި މި ހިންގޭ ދީމުޤްރާޠީ ނިޒާމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ އެކަށީގެންވަނީ ކޮން ނިޒާމެއްކަން އަޅުގަނޑުމެން އެބަޖެހޭ އިޚްތިޔާރުކުރަން. އަޅުގަނޑުމެންނަކީ މާތްاللّهގެ ރަޙްމަތްފުޅުން މުސްލިމުން. ސައްތައިންސައްތަ މުސްލިމް ޤައުމެއް ދިވެހިރާއްޖެއަކީ. އެހެންވީމާ، ރާއްޖެއަށް އަންނަ ދީމުޤްރާޠީ ނިޒާމު ވާންޖެހޭނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތާ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، އިސްލާމީ ޢަޤީދާ ރައްކާތެރިކުރާ، ދީމުޤްރާޠީ ނިޒާމަކަށް. ހަމައެހެންމެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، ރާއްޖޭގައި ކުރިއްސުރެ ހިނގަމުން އަންނަ ވަރަށް ރީތި އާދަކާދަތަކެއް ހުރި ޤައުމެއް. ވަރަށް ރަނގަޅު، މުއްސަނދި ޘަޤާފަތެއް އޮތް ޤައުމެއް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ބައްޓަންވެފައި މިވަނީ، އެހެން ޤައުމުތަކާ ތަފާތު ގޮތްގޮތަށް. މިސާލަކަށް، ޢާއިލީ ގުޅުންތައް ވަރަށް ވަރުގަދަ ޤައުމެއް ދިވެހިރާއްޖެއަކީ.

މިކަންތައްތަކަށް ވިސްނާފައި، ރާއްޖޭގެ ޢަޤީދާއަށާއި، ރާއްޖޭގެ ދީނަށާއި، ރާއްޖޭގެ ޘަޤާފަތަށާއި، ރާއްޖޭގެ އިޖުތިމާޢީ ޙާލަތަށާއި، ރާއްޖޭގެ ރައްޔިތުންގެ ތަޢުލީމާއި، ވިސްނުމަށާއި، މިކަންކަމަށް ރިޢާޔަތްކޮށްފައި، ރާއްޖެއަށް އެންމެ އެކަށީގެންވާ ދީމުޤްރާޠީ ނިޒާމެއް ތަޢާރުފު ކުރުމަކީ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް.

އެހެންވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެ ކުރައްވާ މަސައްކަތުގައިވެސް އަޅުގަނޑު އެދެނީ، މިކަމަށް ރިޢާޔަތް ކުރެއްވުމަށް. ވަކި ތަނެއްގައި އޮތް ނިޒާމެއް މިސާލަކަށް، އެމެރިކާ ނުވަތަ ފަރަންސޭސިވިލާތުގައި ނުވަތަ އެހެން ތަނެއްގައި އޮތް ނިޒާމެއް، އެ އޮތްގޮތަށް ރާއްޖެއަށް ކޮޕީކުރެއްވުމުގެ ބަދަލުގައި، ރާއްޖޭގެ ޙާލަތަށް ވިސްނާވަޑައިގެންފައި، ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ކުރިމަގަށް އެންމެ ފައިދާކުރަނިވި، އެންމެ މަޞްލަޙަތު ބޮޑު، އެންމެ ހަމަޖެހޭ، އެންމެ މުނާސިބު ދީމުޤްރާޠީ ނިޒާމެއް ރާއްޖެއަށް ތަޢާރުފު ކުރެއްވުން. އެހެން ތަޢާރުފު ކުރައްވާއިރު، އެކި ނިޒާމުން އެކި ތަންތަންކޮޅު ނެންގެވުންވެސް އެކަށީގެންވޭ. އެއީކީ ގޯހެއްނޫން.

އެހެންވީމާ، އެކި ތަންތަނުން އެކި އުސޫލު، އެކިގޮތް ގެނެސްގެން، އަޅުގަނޑުމެންގެ ޤައުމަށް އެންމެ އެކަށީގެންވާ ގޮތަށް ދީމުޤްރާޠީ ނިޒާމެއް ބައްޓަންކުރުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އެކަން އަޅުގަނޑުމެން ކުރަންޖެހޭނީވެސް އެހެން. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އިޞްލާޙީ ޕްރޮގްރާމުގެ ވާހަކަ ދައްކާއިރު، އަދި ދީމުޤްރާޠީ ނިޒާމުގެ ވާހަކަ ދައްކާއިރު މިއީ، އަޅުގަނޑުމެން ވިސްނުން ބަހައްޓަންވެއްޖެ ވަރަށް މުހިންމު ކަމެކޭ.

އާދެ! އިޞްލާޙީ އެޖެންޑާގެ މަގުޗާޓު މިހާރު ވަނީ އިޢުލާނު ކުރެވިފައި. އެ މަގުޗާޓުގައިވާގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް.

ބައެއް ބޭފުޅުން އަޅުގަނޑާ ސުވާލު ކުރައްވާ، ރާއްޖެއަށް ސިޔާސީ ޕާޓީތައް ތިޔަ ތަޢާރުފުކުރީކީ މާއަވަހަކަށް ނޫންހޭ؟ އެއީ ރާއްޖެއާ ގުޅޭ ނިޒާމެއްހޭ؟ ރާއްޖޭގެ ރައްޔިތުން ތިބީ އެކަމަށް ތައްޔާރުވެގެންހޭ؟ މި ސުވާލު އެއީ، އަޅުގަނޑާ ކުރިމަތިވަމުން އަންނަ ސުވާލެއް. އަޅުގަނޑުގެ ޖަވާބަކީ، މާތްاللّهގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ، މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ގިނަގުނަ އިޤްތިޞާދީ ކުރިއެރުންތަކެއް ހޯދިފައޭ. ގިނަގުނަ އިޖުތިމާޢީ ކުރިއެރުންތަކެއް ހޯދިފައޭ.

މީގެ 30 އަހަރު ކުރިން ރާއްޖެ އޮތްގޮތް ހަނދާން ހުންނާނީ އެންމެ މަދުވެގެންވެސް އުމުރުން 35 އަހަރު ވެފައިވާ މީހުން. އެހެންވީމާ، މިތާ މިތިބި ކިޔަވާކުދިންނަކަށް ނޭނގޭނެ، މީގެ 30 އަހަރު ކުރިން ކީއްކުރަންތޯ، މީގެ 20 އަހަރު ކުރިންވެސް ރާއްޖޭގެ ކަންތައް އޮތްގޮތެއް. އަދި 35 އަހަރުން ދަށުގެ އެއްވެސް ޒުވާނަކަށް، މީގެ 30 އަހަރު ކުރިން ރާއްޖޭގެ ޙާލަތު އޮތްގޮތެއް ނޭނގޭނެ. މާލެ އޮތީ ކިހިނެއްކަމެއް، އަތޮޅުތައް އޮތީ ކިހިނެއްކަމެއް ނޭނގޭނެ. އަޅުގަނޑު ކުޑައިރު މާލޭގައި ދިރިއުޅެނީ 10,000 މީހުން. މިއަދު މިއޮތީ 100,000 އަށްވުރެ ގިނަވެފައި. އޭރު އަޅުގަނޑުމެން ކިޔެވި ޖޯގްރަފީ ފޮތުގައި، އަލްއަމީރު މުޙަންމަދު އަމީން ލިޔުއްވާފައިވާ ފޮތުގައި އޮންނަނީ، ރާއްޖޭގެ ރައްޔިތުންގެ އަދަދަކީ 82,000 މީހުންނޭ. މިހާރު މިއޮތީ 300,000 މީހުންނަށް ވެފައި.

އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު، ސަރުކާރުގެ ޚަރަދުގައި ހިނގާ ހުރީ 4 ސްކޫލް، މުޅި ރާއްޖޭގައި. 4 މަދަރުސާ. މިހާރު ކިތައް މަދަރުސާތޯ، އަޅުގަނޑަށްވެސް އޭގެ އަދަދު ނޭނގެ. ކިޔަވާކުދިންގެ އަދަދު އިތުރުވެގެންދިޔަވަރު، ޞިއްޙީ ޚިދްމަތްތައް ފުޅާވެގެންދިޔަވަރު، މުވާޞަލާތުގެ ކަންތައްތައް ތަރައްޤީވެގެންދިޔަ މިންވަރު، ރާއްޖޭގެ ރައްޔިތުންގެ އަތްމައްޗަށް މި އަރާ އާމްދަނީ އިތުރުވެގެންދިޔަ މިންވަރު، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.، ޤައުމީ އުފެއްދުންތެރިކަން، ކިތައް ގުނައަށްތޯ އިތުރުވެގެންދިޔައީ، މިކަންކަން އެނގޭނީ، އޭރާ މިހާރާ ރަނގަޅަށް އަޅައިބެލި މީހަކަށް.

އެހެންވެ، ދަންނަވަން މިއުޅޭ ވާހަކައަކީ، މިކަންތައްތައް މިހެންވެފައި މިވަނީ މާތްاللّهގެ ވާގިފުޅާއެކީގައި، ދިވެހި ރައްޔިތުން ކުރި ހިންމަތާއި މަސައްކަތުންނޭ. އަދި ދިވެހި ސަރުކާރުން އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ރޭވި ސިޔާސަތުގެ ހަރުދަނާކަމުންނޭ. އަޅުގަނޑު އަމިއްލައަށްވެސް މިހެން ދަންނަވަން ލަދުވެތިވަން. އެހެންނަމަވެސް، އެކަހަލަގޮތަކަށް ސަރުކާރުގެ ސިޔާސަތު އޮވެގެންނޫނީ، މި ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 25 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 20 އަހަރު ދުވަހުގެ ތެރޭގައި މި ލިބުނު ކުރިއެރުންތަކެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. ރާއްޖޭގައި މިއޮތް އަމާންކަމާއި، ޢަދްލުއިންޞާފާއި ހަމަޖެހުމާއި މިކަންތައްތައް މިހެން މިއޮތީ، ހަމަގައިމުވެސް ބަޔަކުމީހުން މަސައްކަތްތަކެއް ކޮށްގެން. އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް.

އެހެންވީމާ، މިކަންތައްތައް މިހެންދިޔައިރު، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމުވެސް އެބަޖެހޭ ބަދަލުވާން. އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަކީ، މީގެ މާކުރިން ބައްޓަން ކުރެވިފައި އޮތް ނިޒާމަކަށްވާކަށެއް މިހާރަކު ނުޖެހޭ. އެހެންވީމާ، މިހާރުގެ ގޮތަކީ، ދީމުޤްރާޠީ އުސޫލަށް ހުރިހާ ކަމެއް ބަދަލުވެގެންދިޔުން. ދީމުޤްރާޠީ އުސޫލުގެ އެންމެ މުހިންމު އެއްކަމަކީ، ޕާޓީތައް ހަރަކާތްތެރިވާ މާޙައުލެއް ޤާއިމުކުރުން. އެހެންވީމާ، މިކަމަކަށް ވަކި ރަނގަޅު ދުވަސްވަރެއް ނާންނާނެ. އެ ރަނގަޅު ދުވަސްވަރު އަންނަންދެން ސިޔާސީޕާޓީތަކުގެ ނިޒާމު ތަޢާރުފުކުރުން ހުއްޓާލައިފީވިއްޔާ، އަދި މީގެ 10 އަހަރު ފަހުންވެސް، 20 އަހަރު ފަހުންވެސް އޮންނާނީ އެ ދުވަސް ނައިސްފައި.

އަޅުގަނޑު ބޭނުމެއްނުވޭ، އަޅުގަނޑު މި މަގާމުގައި މިހާގިނަދުވަހު ހުރެފައި ދާދުވަހަކުން، ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުވެފައި ނެތެކޭ މީހަކު ބުނާކަށެއް. އަޅުގަނޑު ބޭނުންވަނީ، އެ ހަމަޖެހޭ ޒަމާނީ ދީމުޤްރާޠީ ނިޒާމަކީ، އަޅުގަނޑުގެ ތަރިކައަކަށްވާން. އަޅުގަނޑު މި މަގާމުގައި ހުރެގެން، އަޅުގަނޑު ޤައުމަށް ހަދިޔާކުރި އެއްޗަކަށްވާން.

އެހެންވީމާ، އާދެ! އެއީ އަޅުގަނޑާ ކުރިމަތިވާ ސުވާލަކަށް އަޅުގަނޑު ދެންނެވި ޖަވާބު. މި ޖަލްސާއަކާ މާގުޅޭ ކަމެއްކަމަށް ނުވިޔަސް، އެއީ އަޅުގަނޑު ހިތުން ވަރަށްގިނަ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ސުވާލެއްވީމާ އަޅުގަނޑު ހިތަށްއެރި، އެކަމަށްވެސް ޖަވާބެއް ދަންނަވާލާނަމޭ.

ދެން މި މަގުޗާޓުގައިވާ ކަންތައްތައް، އޭގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، އަތޮޅުތަކުގެ އަތޮޅުވެރިންގެ ތާއީދާއި އެއްބާރުލެއްވުން، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެހެންވީމާ، އަތޮޅުވެރިންގެ މި ބައްދަލުވުމުގައި، މި އިޞްލާޙީ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، އޭގެ މަގުޗާޓުގައިވާ ކަންތައްތައްވެސް ދެނެވަޑައިގެން، އެކަމާ ބެހޭގޮތުން ސަރުކާރުގެ ތަފާތު ދާއިރާތަކާ މަޝްވަރާ ކުރައްވައި، ކުރިއަށް ވަޑައިގަންނަވާނެ ގޮތުގެ މަޢުލޫމާތު ހޯއްދެވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް ކަމުގައި ދަންނަވާލަން.

އާދެ! އަތޮޅުތަކާ ބެހޭގޮތުން މި މަގުޗާޓުގައި އެބަހުރި ބައެއް ކަންތައްތައް. އޭގެތެރޭގައި، ރަށްރަށާއި އަތޮޅުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް، މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ މަގުޗާޓުގައި ކަނޑައެޅިފައި. މިގޮތުން، އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ލާމަރްކަޒީ އުސޫލުން، ރަށްރަށާއި އަތޮޅުތަކުގެ ހިންގުމުގެ ޤާނޫނުގެ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ހިމެނޭ. އެ ބިލް ފޮނުވުމަށް ތައްޔާރުވަމުންދަނީ.

ރަށުގެ ކައުންސިލުތައް އިންތިޚާބުކުރުން ހިމެނޭ. އަތޮޅު ކައުންސިލުތައް އިންތިޚާބު ކުރުން ހިމެނޭ. އަދި އަތޮޅުތަކުގަޔާއި ރަށްރަށުގައި މިހާރު ޤާއިމުކޮށްފައިވާ ރަށް ކުރިއަރުވާ ކޮމިޓީތަކާއި، އަތޮޅު ކުރިއަރުވާ ކޮމިޓީތަކުގެ ބަދަލުގައި، އަންނަ އަހަރު ރަށު ކައުންސިލުތަކަކާއި، އަތޮޅު ކައުންސިލުތަކެއް އިންތިޚާބުކޮށްގެން، ލާމަރްކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ނިޒާމެއް ޤާއިމުކުރުމަށްވެސް ހަމަޖެހިފައިވޭ. އަދި މި ދެންނެވި ކައުންސިލުތައް ޤާއިމުވުމުގެ ކުރިން، ރަށު ކައުންސިލުގެ ގަވާއިދާ ބެހޭގޮތުން މަޝްވަރާ ކުރުމަށް، މި އަންނަ ޖޫންމަހުގެ ތެރޭގައި، ޤައުމީ ސެމިނާރެއްވެސް ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައި. އެއީ، އަޅުގަނޑުމެން އާ ނިޒާމަކަށްދާއިރު، އެ ނިޒާމަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެ ނިޒާމުގައި ހިމެނޭ ކަންތައްތައް ދެނެގަންނަން އެބަޖެހޭ. އެއަށް ތައްޔާރުވާންޖެހޭ. އެއަށް ހޭލުންތެރިވާންޖެހޭ. އެއާ އެއްގޮތަށް ކަންތައް ކުރާނީ ކިހިނެއްތޯ، ހުރިހާ ފަރާތްތަކަށް އެނގެން އެބަޖެހޭ. އެ އަތޮޅުތަކުގެ އަތޮޅުވެރިންނަށްވެސް އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ. ރަށްރަށުގެ ވެރިންނަށް އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ. ރަށްރަށުގެ ކައުންސިލުތަކަށް އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ. ރަށްރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ. އެހެންވީމާ، މި ހޭލުންތެރިކަން އުފެއްދުމާއި ތަމްރީނު ކުރުމުގެ ޕްރޮގްރާމުތަކެއް ހިންގުމަކީ ވަރަށް މުހިންމު ކަމެއް. މިކަމަށްޓަކައި މި ދެންނެވި ހޭލުންތެރިކަން އުފެއްދުމާއި، ތަމްރީނު ދިނުމާއި އަދި މިކަންތައްތައް ވާނުވާގޮތް ބެލުމަށްޓަކައި، ކަމާބެހޭ އިދާރާއެއް އުފެއްދުމަށްވެސް މިހާރު ޚިޔާލުކުރެވެމުން މިދަނީ.

އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށްވެސް، ހުރިހާ ރޮނގެއްގައިވެސް ކުރިއަށްދެވޭނެ މަގުތައް އިތުރުކޮށް، ފުޅާކުރުމަށް. މިގޮތުން ކުރަން ފެށި މަސައްކަތްތައް ފެށުނީކީ މިއަދަކު، އިއްޔެއަކު ނޫން. މި މަސައްކަތް ފެށިއްޖެ، 1979 ން ފެށިގެން. އެހެންވީމާ، މި މަސައްކަތް ހިނގާތާ މިހާރު 27 އަހަރު ވެއްޖެ. މި މަސައްކަތްތަކުގެ ސަބަބުން ވަރަށްގިނަ ކުރިއެރުންތަކެއް މިހާރު ވަނީ ލިބިފައި. އެ ކުރިއެރުންތަކަކީ، ތާރީޚީ ޙަޤީޤަތްތަކެއް. އެއަކީ ވަކިމީހަކު އެއްވެސް ކުރިއެރުމެއް ނުލިބުނޭ ބުނީމާ ފޮހެވިގެންދާނެ އެއްޗެއް ނޫން. އެހެރީ، އަޅުގަނޑުމެންގެ ތާރީޚުގައި އެކަންތައް ލިޔެވިފައި. އެހެރީ، އަޅުގަނޑުމެންގެ ހަރު މީހުންގެ ނުވަތަ މުސްކުޅިންގެ ހަނދާނުގައި ބިންވަޅު ނެގިފައި. މިޒަމާނުގެ ކުޑަކުދިންނަށާއި ޒުވާނުންނަށް އެކަން ނޭނގުނަސް، އެކަން އެނގޭ ވަރަށްގިނަ ބަޔަކު ރާއްޖޭގައި އެބަތިބި. އެހެންވީމާ، އެއަކީ ބަޔަކަށް އޮޅުވައިލެވޭނެ ޙަޤީޤަތެއް ނޫން.

މިގޮތުން އަދިވެސް އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާތީ، އިޤްތިޞާދީ ރޮނގުންނާއި، އިޖުތިމާޢީ ރޮނގުން އިތުރު ކުރިއެރުމާއި ފަސޭހަތައް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތެއް. އޭގެތެރޭގައި ތަޢުލީމީ، ޞިއްޙީ ޚިދްމަތްތައް ފުޅާކުރުމާއި، ރަށްރަށަށް ކުރިމަތިވެފައިވާ ފަޅުގެ ދަތިކަމާއި، ބަނދަރުގެ ދަތިކަމާއި، އަދި ބޭނުންވެފައިވާ އެނޫން ޚިދްމަތްތައްވެސް ފުރިހަމަކޮށްދިނުން ހިމެނޭ. މީގެއިތުރުން، އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި ތަފާތު މަޝްރޫޢުތައް ރާވައިގެން ހިންގުންވެސް ހިމެނޭ. މި މަޝްރޫޢުތަކުގެ ބޮޑު ބަޔަކީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ބައި. ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓުގައި، އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށް ބޮޑު އަދަދެއް ހިމެނިފައި އޮވޭ. އަދި މި އަހަރުގެ ބަޖެޓުގައި، އެހެން ހުރިހާ އަހަރަކާ ޚިލާފަށް، މާބޮޑެތި އަދަދުތަކެއް އެބަހުރި ހަމަޖެހިފައި. އެއީވެސް، އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި ހިންގަން ބޭނުންވާ ކަންތައްތަކަށް ކަނޑައެޅިފައިވާ އަދަދުތަކެއް، ފައިސާއެއް.

މީގެއިތުރުން، އަޅުގަނޑުމެންނަށް އެހީވެދެއްވާ ބޭރުގެ ޤައުމުތަކުންވެސް ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތަކުގެ ތެރެއިން ވަރަށް ބޮޑު ބައެއް ދަނީ އަތޮޅުތަކަށް. އާދެ! އޭގެތެރޭގައި، އަޅުގަނޑުމެންނަށް އެހީވެދެއްވާ އެކުވެރި ރަޙްމަތްތެރި ޤައުމުތަކާއި، އ.ދ.ގެ އެކިއެކި ޖަމާޢަތްތަކާއި، އަދި އެނޫންވެސް ބައިނަލްއަޤްވާމީ ފަރާތްތައް ހިމެނޭ. އެނގިވަޑައިގަންނަވާނެ ފަދައިން، ސުނާމީ ކާރިސާގައި މިދިމާވި ކަންތައްތަކުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުންނާއި، ރަޙްމަތްތެރި އެހެން ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އ.ދ.ގެ ޖަމާޢަތްތަކުން ވަރަށް ދީލަތި އެހީތަކެއް ގެންދަވަނީ ވަމުން. އެ އެހީތައް އަދިވެސް ލިބެމުންދޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ލިބުނު ގެއްލުން ފޫބެއްދޭވަރަށް އަދި އެހީތައް ހަމަނުޖެހޭތީ، މިހާރުވެސް ސަރުކާރުން މިގެންދަނީ އިތުރު އެހީ ލިބޭތޯ މަސައްކަތް ކުރަމުން.

އާދެ! މި ދެންނެވި ކަންތަކުގެ އިތުރުން، އަތޮޅުތަކުގެ ރައްޔިތުންގެ ތަރައްޤީއަށް މިކުރާ މަސައްކަތްތަކުގެ އެންމެބޮޑު ބޭނުމަކީ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މީހުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުން. ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުން. ދިވެހި ރައްޔިތުންނަކީ، ފުދުންތެރި ބަޔަކަށް ހެދޭތޯ މަސައްކަތް ކުރުން. މި މަސައްކަތްތަކަކީ އެއް ދުވަހަކުން ދެދުވަހަކުން ކޮށްނިމޭނެ މަސައްކަތެއް ނޫން. ވަރަށް ދިގު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއެކީގައި، ހަލުވިކަމާއެކީގައި ކޮށްގެން، އޭގެ ނަތީޖާ ފެންނާނެ މަސައްކަތްތަކެއް. އެހެންނަމަވެސް، އެ މަސައްކަތްތައް މިގެންދަނީ ކުރަމުން. މިކަންތައްތައް ކުރަމުން ގެންދާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް އެބައޮތް.

އާދެ! އެއީ، މިހާރަކަށްއައިސް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނާ ބީރައްޓެހި، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މީގެކުރިން ދެނެވަޑައިނުގަންނަވާ، އެގޮތަށް ޢަމަލުނުކުރައްވާ ކަންތައްތަކެއް ފެންނަމުންދާ ވާހަކަ. އެކަމަށް އަޅުގަނޑުމެން އެންމެން ވަރަށްބޮޑަށް ސަމާލުވާން އެބަޖެހޭ.

އާދެ! އެއީ، ކަންތައްތައް ނުވެގެން ނުވަތަ ލަސްވެގެން ނުވަތަ މައްސަލައަކަށް ޙައްލެއް ނުފެނިގެން ގަވާއިދާ ޚިލާފަށް ޢަމަލުކުރަމުންދާ ކަންތައްތައް. ސަރުކާރުގެ ވަފްދެއް ރަށަކަށް ހިނގައްޖެނަމަ، އެމީހުން ބޭނުންވާ ގޮތަކަށް ކަމެއް ނުވެއްޖެނަމަ، އެ ވަފްދު ފުރިޔަނުދީ ބަންދުކުރުން. އަތޮޅުވެރިން، އަތޮޅުއޮފީހުގައި ބަންދުކުރުން، ޙިޞާރުކުރުން. ރަށްރަށުގެ ވެރިން، ރަށު އޮފީހުން ނުކުމެވަޑައިނުގެންނެވޭ ގޮތަށް، ވަށައިގެން މީހުން އައިސް އޮފީސް ތަޅުލައިގެން ތިބުން. ސްކޫލަކަށް ޓީޗަރަކު މަދުވެއްޖެނަމަ، ކުދިން ސްކޫލަށް ނުފޮނުވުން. މަސްވެރިކަން ކުރާ ފަރާތްތަކުން އެމީހުން ގެންނަ މަސް ކިރުވޭގޮތް ނުވެއްޖެނަމަ، މަސްތައް އުކާލާފައި ދިޔުން، އަތޮޅުއޮފީހަށް، ރަށުއޮފީހަށް، ރަށުތެރެއަށް.

މިހިރީ، ރާއްޖޭގެ ރައްޔިތުން ދަންނަ ކަންތައްތަކެއް ނޫން. ރާއްޖޭގެ ރައްޔިތުންނަކީ އެއަށްވުރެ މާ ހަމަޖެހޭ، މާ އަޚްލާޤު ރަނގަޅު، މާ ކިޔަމަންތެރި ބަޔެއް. މިކަންތައްތަކަކީ، ކޮންމެވެސް ބަޔަކު، އެބަޔެއްގެ އަމިއްލަ ފައިދާއަށްޓަކައި، އެބަޔެއްގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށްޓަކައި، ރާއްޖެއަށް ތަޢާރުފުކޮށްގެން އުޅޭ، ރާއްޖެއާ މުޅިން ބީރައްޓެހި ކަންތައްތަކެއް.

މިކަންކަން މިހެން ހިނގުމުން އޭގެ ނަތީޖާ ދަނީ، އެއް ދުވަހުން އަނެއް ދުވަހަށް ނުބައިވަމުން. ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުމަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އޮންނަ ކަމެއް. ވަކި ދީމުޤްރާޠީ ނިޒާމު އައުމަކުން ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުން ކުޑަވާކަށެއްނުޖެހޭ. އެއާ ޚިލާފަށް، ދީމުޤްރާޠީ ނިޒާމަކީ، ޤާނޫނާއި ގަވާއިދުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް. ރޫލް އޮފް ލޯ. ޤާނޫނުގެ ޙުކުމް. އެއީ، ދީމުޤްރާޠީ ނިޒާމު ބިނާވެފައިވާ އަސްލަކީ.

އެހެންވީމާ، ކޮންމެ އިންސާނަކުވެސް، ކޮންމެ މީހަކުވެސް، ކޮންމެ ތަނެއްގައި ހެދިފައި އޮންނަ ގަވާއިދަކަށްވެސް، ޤާނޫނަކަށްވެސް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. ޤާނޫނާއި ގަވާއިދު ހެދިފައި މިއޮންނަނީ، ރައްޔިތުންގެ ރައްކަލަކަށް. ރައްޔިތުންގެ ސަލާމަތަށް. ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި. އެހެންވީމާ، އެކަން މުގުރާލާފައި، އެބަޔަކު ބޭނުންވާގޮތަކަށް ކަންތައްތައް ކުރުމަށްޓަކައި ގަވާއިދާ ޚިލާފަށް، ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރުމަކީ ހެޔޮވެގެންވާނެ ކަމެއްނޫން. އެކަމުގެ ނުބައި ނަތީޖާ މިހާރުވެސް، މުސްތަޤްބަލުގައިވެސް ފެނިގެންދާނެ.

އަދި އަޅުގަނޑުމެންގެ ކުޑަކުދިންނަށް ދަސްވާ ފިލާވަޅުވެސް، މިހާރު މިދަނީ ވަރަށް ގޯސްވަމުން. އެއްވެސް މީހަކު، އަނެކަކަށް އިޙްތިރާމެއް ނުކުރޭ. ކިޔަވާ ކުއްޖަކު، މުދައްރިސަކަށް އިޙްތިރާމެއް ނުކުރޭ. ދަރިޔަކު، ބައްޕައަކަށް އިޙްތިރާމެއް ނުކުރޭ. އާންމު ރައްޔިތުން، ސަރުކާރުގެ އޮފީހަކަށް އިޙްތިރާމެއް ނުކުރޭ. މިއީކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މީގެކުރިން ކަންތައް އޮތްގޮތެއް ނޫން. އަޅުގަނޑުމެން ދަންނަ ގޮތެއް ނޫން. އަޅުގަނޑުމެންނާ މުޅިން ބީރަށްޓެހި، ބޭރުން އައިސްގެން އުޅޭ ވަކިކަހަލަ ނުފޫޒުތަކަކުން ރާއްޖޭގައި ފަތުރަމުންގެންދާ ވަރަށް ނުރަނގަޅު އާދައެއް. ވަރަށް ނުރަނގަޅު ކަންތައްތަކެއް. މިކަމަށް އަޅުގަނޑުމެން އެންމެން ހޭލުންތެރިވާންޖެހޭ. ހޭލުންތެރިވެގެން، ކޮންމެ މީހަކުވެސް، އެމީހެއްގެ ދާއިރާގައި އެންމެންވެސް ހަމަޖެހޭގޮތަކަށް ދިރިއުޅުމަށް އާދަކުރަން އެބަ ދަސްކުރަންޖެހޭ. އެހެންނޫނީވިއްޔާ، ކިތަންމެ ބޮޑު ބަދަލުތަކެއް ޤައުމަށް އަޔަސް، ކިތަންމެ ރަނގަޅު ދީމުޤްރާޠީ ނިޒާމެއް ޤައުމަށް އަޔަސް، ޤާނޫނާއި ގަވާއިދަށް ތަބާނުވާ ރައްޔިތަކު ދިރިއުޅޭ ކަމަށްވަންޏާ، އެރަށެއްގައި އަމަންއަމާންކަމެއް ނޯންނާނެ. ޞުލްޙަމަސަލަސްކަމެއް ނޯންނާނެ. އެކުވެރިކަމެއް ނޯންނާނެ. އެކަކުއަނެކަކާ ދޭތެރޭގައި އޮންނަ ގުޅުމެއް ނޯންނާނެ. އެހެންވީމާ، މިކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭތީ، އަޅުގަނޑު ހިތަށްއެރީ އެވާހަކަވެސް ހަމަ ދަންނަވާލާނަމޭ.

އާދެ! ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުންވެސް އިޝާރާތް ކުރެއްވިކަންނޭނގެ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ތަރައްޤީގެ ފުރުޞަތު ކުޑަ ރަށްރަށުން، ތަރައްޤީގެ ފުރުޞަތު އެއަށްވުރެ ތަނަވަސްވެގެންވާ ރަށްރަށަށް، މީހުން ބަދަލުކުރުމުގެ ވާހަކައަށް. އެކަން އެބަ ހިނގަމުންދޭ. އެކަމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، އެކަންތައްދަނީ އަޅުގަނޑުމެން ބޭނުންވާހާ އަވަހަކަށް ނޫން.

އެހެންނަމަވެސް، އެކަންތައް ކުރުމަކީ ހަމަ ކޮންމެހެން މުހިންމު ކަމެއް. ކިތަންމެ ސަބަބަކާހުރެ. އެއްސަބަބަކީ، ކުދިކުދި ރަށްރަށުގައި މީހުން ދިރިއުޅުމުން، ތަރައްޤީގެ މަގުތައް ހުޅުވިފައި ނެތުން. ތަރައްޤީގެ ފުރުޞަތުތައް، ވަޒީފާގެ ފުރުޞަތުތައް، ކުރިއަށްދާނެ ފުރުޞަތުތައް އެތަންތާނގައި ނެތުން. އެއީ އެއް ސަބަބު. އަނެއް ސަބަބަކީ، އެކިއެކި ޤުދްރަތީ ހާދިސާތައް ދިމާވީމާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުންވެސް ދަތިވުން. ތިމާވެށްޓަށް މި އަންނަ ބަދަލުތައް މި އަންނަގޮތުން، އަޅުގަނޑުމެންޖެހޭ މުސްތަޤްބަލަށް ހޭލުންތެރިވެގެން ތިބެން. ސުނާމީ ކާރިސާއަކީ ވަރަށް ވަރުގަދަ ފިލާވަޅެއް. އިރާދަކުރެއްވިއްޔާ، އެކަހަލަ ދެވަނަ ކަމެއް، މާތް اللّه އަޅުގަނޑުމެންނަކަށް މިންވަރެއް ނުކުރައްވާނެ. އެހެންނަމަވެސް، މޫސުމަށް މި އަންނަ ބަދަލުތަކާއި، މިކަހަލަ ކަންތައްތައް މިހުރިގޮތުން، ވަރަށްގިނަ އެހެން ތަފާތު ނުރައްކާތައް، ޤުދްރަތީ ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. އެކަމަށް އަޅުގަނޑުމެން ހޭލަން އެބަޖެހޭ. އެކަމަށް ތައްޔާރުވާންޖެހޭ. އެކަމަށް ތައްޔާރުވުމުގެ ގޮތުންވެސް، ކުދިކުދި ރަށްރަށުން އެއަށްވުރެ ސަލާމަތްކަން ލިބިފައިވާ ބޮޑެތި ރަށްރަށަށް މީހުން ބަދަލުވުމަކީ، ވަރަށް މުހިންމު ކަމެއް.

ކުރިން ބޭފުޅަކު ވިދާޅުވި ފަދައިން، އެކަމަކީ ސަރުކާރުން މީހުންނަށް މަޖުބޫރުކޮށްގެން ކުރުވާ ކަމެއްނޫން. އެމީހުން އަމިއްލައަށް ރުހިގެން، މިހާރުވެސް އެތައް ރަށެއްގެ ބަޔަކު، ރައްޔިތުން އެބަ އެދޭ، އެހެން ރަށްރަށަށް ބަދަލުވާން. އެމީހުންގެ އަމިއްލަ ރުހުމުގައި. އެހެންނަމަވެސް އެކަމަކީ، ވަރަށް ބޮޑު ޚަރަދެއް ހިނގާކަމެއް. މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ގެދޮރު އަޅައިދޭންޖެހޭ. ސްކޫލްތައް އިމާރާތް ކޮށްދޭންޖެހޭ. ހެލްތް ސެންޓަރު ހަދަންޖެހޭ. ރަށުއޮފީސް ހަދަންޖެހޭ. ފާލަން ހަދަންޖެހޭ. މަގު ހަދަންޖެހޭ. ކަރަންޓު ދޭންޖެހޭ. މިހެންގޮސް ހުރިހާ ވަސީލަތެއް ޤާއިމުކޮށްދޭންޖެހޭ، އަލަށް އެ އާބާދުވާ ރަށެއްގައި. އެހެންވީމާ، މިއީކީ ކުޑަކަމެއްނޫން. ވަރަށް ބޮޑު ކަމެއް. ވަރަށް ބޮޑެތި ޚަރަދު ހިނގާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ތަނަވަސްކަން ހުރިގޮތުން، އަޅުގަނޑުމެން ކުރަން ބޭނުންވާހާ އަވަހަކަށް ކުރެވެންއޮތް ކަމެއްނޫން. އެކަން، ރާއްޖޭގެ ރައްޔިތުން ދެނެވަޑައިގަތުމަކީ، ވަރަށް މުހިންމު ކަމެއް.

އާދެ! އަތޮޅުވެރިންގެ ބައްދަލުވުން ބޭއްވުމުގެ ވަރަށް މުހިންމު ބޭނުމެއް، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިހެން އަޅުގަނޑަށް ހީވަނީ، އެއީ ސަރުކާރުގެ އިދާރާތަކުގެ ވަޒީރުންނާއި އެހެން ވެރިންނާ ސީދާސީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވައި ހެއްދެވުން. އޭރުން ވަރަށްގިނަ ކަންތައްތަކެއް އިތުރަށް އޮޅުންފިލައިގެންދާނެ. އެއީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ. އެއީ، ބައްދަލުވެ އެކަކު އަނެކަކާ ވާހަކަ ދައްކައިލުމަކީ، އޭގެ ޒާތުގައިވެސް އެއިން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ދެފަރާތަށްވެސް ލިބޭ، އަދި ދެފަރާތުގެ ދޭތެރޭގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާ ކަމެއް.

ބޭރު ބަހެއްގެ މިސާލެއްގައި އޮވޭ "ލޮލާ ދުރުގައިވާ މީހަކީ، ހިތާ ދުރުގައިވާ މީހެކޭ" މާނައަކީ، ތިމާއަށް ފެނިދެނިނުވާ، ނުފެންނަ ހިސާބުގައި އުޅޭ މީހަކީ، އިސާހިތަކު ތިމާގެ ހިތުން އެމީހާގެ ހަނދާންތައް ފޮހެވިގެން ހިނގައިދާނެ މީހެކޭ. ލޮލާ ދުރުގައިވާ މީހަކީ، ހިތާ ދުރުގައިވާ މީހެކޭ.

އެހެންވީމާ، އެހެންވިޔަދީގެން ނުވާނެ އަޅުގަނޑުމެން. އަޅުގަނޑުމެން ވާންޖެހޭނެ، އެންމެން އެންމެން ލޮލާ ކައިރީގައިވާން. އެކަކު އަނެކަކަށް އަބަދު ފެންނަން. ގިނަގިނައިން ބައްދަލުވާން. ގިނަގިނައިން ވާހަކަ ދައްކަން. ގިނަގިނައިން މުވާޞަލާތުގެ ގުޅުން އޮންނަން. މިއީ ވަރަށް މުހިންމު ކަމެއް. އެހެންވެގެން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވާފައި އެ އޮންނަނީ، ވީހާބޮޑަކަށް އެކަކު އަނެކަކާ ބައްދަލުކޮށް، ވީހާބޮޑަކަށް ހިތްހެޔޮކަމުގެ ޝުޢޫރު ފާޅުކޮށް، ވީހާގިނައެއްކޮށް އެކަކު އަނެކަކާ ސަލާންކޮށް، ވީހާގިނައެއްކޮށް އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ހާލުބަލައި ހެދުމަށް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އެގޮތުންވެސް މި އަތޮޅުވެރިންގެ ބައްދަލުވުމުގައި ހުރިހާ ބޭފުޅުން ބައްދަލުކުރައްވައި، ހަތަރުކަޅި ހަމަކުރައްވައި ސީދާސީދާ ވާހަކަފުޅު ދައްކަވައިލެއްވީމާ، އެއިން ފައިދާތަކެއް ކުރާނެހެން.

އާދެ! ދެން މި ބައްދަލުވުމުގައި އަޅުގަނޑު، އަތޮޅުވެރިންގެ އަރިހުން އެދޭ ވަރަށްބޮޑު ކަމެއް އެބައޮތް. އެއީ، އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އަބަދުވެސް ޤާއިމުކުރުމަށް މަސައްކަތް ކޮށްދެއްވާށޭ. މި ގުޅުން ޤާއިމުކުރުމުގައި، ރައްޔިތުންނަށް ވީހާވެސް ހަމަހަމަ އުސޫލަކުން ކަންތައް ކޮށްދެއްވުމަކީ، ވަރަށް މުހިންމު ކަމެކޭ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ސަރުކާރުގެ ސިޔާސަތަކީވެސް، ރައްޔިތުންނާ ދޭތެރޭގައި ހަމަހަމަކަން ޤާއިމުކުރުން. އެއް އުސޫލަކުން ކަންތައް ކޮށްދިނުން. އެހެންވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ އަތޮޅުވެރިންވެސް މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އެގޮތަށް ކަންތައް ކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّه سبحـانـه وتعـالـى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ވިސްނުމަށް ހެޔޮގޮތްތައް އިރާދަކުރެއްވުން. އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙު ކުރުމުގައި ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ އަމިއްލަ ޤައުމަށް ފައިދާހުރި ގޮތްތައް ޚިޔާރު ކުރުމުގައި އެކަލާނގެ އަޅުގަނޑުމެންނަށް މަދަދުވެރިވެވޮޑިގަތުން. ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރާ ގުޅިގެން މި ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް، މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަދި ރާއްޖޭގެ ރައްޔިތުންނަކީ، އެކުވެރިކަމާއި އެއްބާރުލުމާ އެކީގައި ދިރިއުޅޭ، އުޚުއްވަތްތެރި ރައްޔިތަކު ކަމުގައި ލެއްވުން. ރާއްޖެއަކީ، ޞުލްޙަވެރިކަމާއި، އަމަންއަމާންކަމުގެ ސުވަރުގެއެއް ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން.

والسّـلام عليـكم ورحـمة اللّه وبـركاتـه.