بســم اللّـه الرّحمـن الرّحيــم

الحمـدللّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سّيـدنا محـمّد، وعلى آلـه وأصحـابـه أجمعـين.

އާދެ! މިއަދުގެ މި ހޫނުގަދަ ވަގުތުގައި، އެ ހޫނުގަދަކަން ބަލިކޮށްލި، ވަރަށް ހިތްފަސޭހަ، ވަރަށް ހިތްގައިމު ހޫނުކަމެއް އަޅުގަނޑުމެންނަށް އިޙްސާސްވެގެން ދިޔަކަމަށްޓަކައި، އާދެ! އެއީ، ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރްޙަބާ. އެކަމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އަޅުގަނޑާއެކު ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ނަންފުޅުގައި، ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށާއި، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަދަކީ، ދިވެހިރާއްޖޭގެ ތަރައްޤީގެ ތާރީޚުގައި، އަނެއްކާވެސް އާ ޞަފްޙާއެއް ފެށޭ ދުވަހެއް. އަދި ސުނާމީ ކާރިސާއަށްފަހު، ޤައުމު އަލުން ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ދިރުމެއް ލިބޭ ދުވަހެއް. އަދި ޚާއްޞަގޮތެއްގައި، ސުނާމީ ކާރިސާގެ ސަބަބުން ގެދޮރު ނެތިފައި ތިބި، ކަނދޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށް، ދާއިމީ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫޢު، ޢަމަލީގޮތުން ފެށޭ ދުވަސް. އެހެންކަމުން، މިގޮތުން ބަލާއިރު މި ދުވަހަކީ، ކަނދޮޅުދޫ ރައްޔިތުން ހަނދުމަފުޅުނެތޭނެ ދުވަހެކޭ އަޅުގަނޑު ދަންނަވާކަށް ނެތިން.

އާދެ! މިއަދު މި ފެށޭ މަޝްރޫޢު އަމާޒުކުރެވިފައި މިވަނީ، ކަނދޮޅުދޫ ރައްޔިތުންނަށް. ކަނދޮޅުދުއަކީ، ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، ވަރަށް މަސައްކަތްތެރި، ވަރަށް ހީވާގި، އަދި މަސްވެރިކަމަށް ވަރަށް މަޝްހޫރު ރައްޔިތަކު ދިރިއުޅެމުންދިޔަ ރަށެއް. ކަނދޮޅުދޫ ރައްޔިތުންނަކީ، އަދިވެސް ވަރަށް މަސައްކަތްތެރި، ވަރަށް ހީވާގި، ވަރަށް މުރާލި ބައެއް.

ހަމައެހެންމެ، ކަނދޮޅުދޫ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ ބަޔެއް. ދެންމެ އަޅުގަނޑު މިރަށަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ އަދި ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނާ ސަލާންކޮށްލުމުގެ އުފާ ލިބިގަތުމަށްފަހު، އެތާނގައި މަޑުކޮށްލި މަޑުކޮށްލުމަށްފަހުގައި މިތަނަށް އައިއިރު، މިއަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް ސަޢުދު ޢަބްދުاللّه ވިދާޅުވި އެއްޗެއް އެނގިވަޑައިގަންނަވާތޯ؟ އޭނާ އަޅުގަނޑު ގާތުގައި ވިދާޅުވީ، [ކަނދޮޅުދޫ ރައްޔިތުންނަކީ ހާދަ ހިތްހެޔޮ ބަޔެކޭ. އެމީހުންނާ އެކީގައި ދުވަސްތަކެއް ހޭދަކޮށްލުމުންނޭ، ތިމަންނާއަށް މި އެނގުނީ، އެމީހުންގައި ހުރި އެއްބައިވަންތަކަމާއި، އިޚްލާޞްތެރިކަމާއި ހިތްހެޔޮކަން.] އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ކަނދޮޅުދޫ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކަނދޮޅުދުއަކީ އާބާދީ ވަރަށް ބޮޑު، ތޮއްޖެހިފައިވާ ރަށެއް. ސުނާމީ އައިއިރުވެސް، ގާތްގަނޑަކަށް 3,600 މީހުން ދިރިއުޅެމުންދިޔަ ރަށެއް. ހަމައެހެންމެ، އެ ރަށުގައި ފެން ބޮޑުވުންފަދަ ހާދިސާތައްވެސް، ވަރަށް ގިނައިން ކުރިމަތިވާ ރަށެއް. ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށަކީވެސް، ކަނދޮޅުދޫ. އެރަށުގެ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަމެއް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންގެންދާ ކަމެއް.

އާދެ! ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު ރައީސްކަމުގެ މަގާމާ ހަވާލުވުމަށްފަހުގައި ކަނދޮޅުދުއަށް ފަސްފަހަރަކު ވާނީ ޒިޔާރަތްކޮށްފައި. އޭގެތެރެއިން، އެންމެފަހު ފަހަރު ދިމާވީ، ވަރަށް ހިތާމަވެރި ޒިޔާރަތަކަށް. އާދެ! އެއީ، ސުނާމީ ކާރިސާއަށްފަހު، 2005 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު، އަޅުގަނޑު ކަނދޮޅުދުއަށް ކުރި ޒިޔާރަތް. އޭރު އެރަށުގައި ތިބީ، ވަރަށް މަދު މީސްކޮޅެއް. ވަރަށް ހިތްދަތި، ނިކަމެތި ޙާލެއްގައި ތިބި، ވަރަށް ބޮޑު ނުތަނަވަސްކަމެއް އެމީހުންގެ ހިތްތަކަށް މެދުވެރިވެފައިވާ ބަޔެއް. އެދުވަހު ކަނދޮޅުދޫގައި ތިއްބެވި ކަނދޮޅުދޫގެ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރިން. އަދި އޭގެފަހުން، މިދިޔަ އަހަރުގެ މާޗު މަހުގެ21 ވަނަ ދުވަހު، އަޅުގަނޑު ހުޅުދުއްފާރަށާއި އަދި އުނގޫފާރަށް ކުރި ދަތުރުގައި، އެ ދެ ރަށުގައި ދިރިއުޅެމުންދާ ކަނދޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ހާލުއަހުވާލު ބަލައިލުމުގެ އުފާ އަޅުގަނޑަށް ލިބުނު.

އާދެ! ސުނާމީ ކާރިސާގައި ކަނދޮޅުދޫ މީހުން ހާލުގައި ޖެހުމުން، އަތޮޅުގެ ރައްޔިތުން ދައްކަވާފައިވަނީ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ވަރަށް ރީތި މިސާލެއް. ކަނދޮޅުދޫ ރައްޔިތުންނަށް މެހްމާންދާރީއާއި ވަގުތީ ހިޔާވަހިކަން ދެއްވަމުން ގެންދަވާ ރަށްރަށުގެ ރައްޔިތުންނަށް އެކަމަށްޓަކައި، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ. ކަނދޮޅުދޫ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މެހްމާންދާރީ އަދާކުރެއްވި ރަށްރަށުގެ ތެރޭގައި، އުނގޫފާރު، ހުޅުދުއްފާރު، އަލިފުށި، މަޑުއްވަރި، މީދޫ، މި ހުރިހާ ރަށެއް ހިމެނޭ. އެހެންކަމުން، މި ރަށްރަށުގެ ރައްޔިތުން ދެއްކެވި ޤައުމީ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމަށްޓަކައި، އެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ސުނާމީ ކާރިސާއިން ކުރިމަތިވި ވޭންތަކާއި ކެކުޅުންތަކަށް، ކަނދޮޅުދޫ ރައްޔިތުން ދެއްކެވި ކެތްތެރިކަމަކީވެސް، ލާމަސީލު ކަމެއް. އަދި އެފަދަ ހާލެއްގައި ތިއްބަވައިގެންވެސް، އަތޮޅުވެރިންނަށާއި، ރަށުގެ ވެރިންނަށާއި އަދި ސަރުކާރަށް އެބޭފުޅުން ދެއްވި އިޚްލާޞްތެރި އެއްބާރުލެއްވުމަކީވެސް، މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ ކަމެއް. އެހެންވީމާ، ކަނދޮޅުދޫ ރައްޔިތުން އެ ދެއްކެވި ކެތްތެރިކަމާއި އަދި ކަމާބެހޭ ފަރާތްތަކަށް އެ ފޯރުވައިދެއްވި އެއްބާރުލެއްވުމަށްޓަކައި، އެބޭފުޅުންނަށް ޙައްޤު ޝުކުރު ދަންނަވާލުމަށް، މި ފުރުޞަތުގެ ބޭނުންކުރަން.

އާދެ! ސުނާމީ ކާރިސާގައި ރާއްޖެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެ ގެއްލުންތައް ފޫބެއްދުމަށްޓަކައި، އެ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކޮށް، ޤައުމު އަލުން އާބާދުކުރުމަށްޓަކައި، ސަރުކާރުން މިގެންދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން. މިގޮތުން، ސަރުކާރުގެ ބަޖެޓުން، މިހާތަނަށްވެސް ވަނީ ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައި. އޭގެއިތުރުން، ބޭރު ޤައުމުތަކުގެ އެހީތައްވެސް މިދަނީ ލިބެމުން. ބޭރު ޤައުމުތައް އެކަންޏެއް ނޫން. ބޭރު ޤައުމުތަކާއި، ބޭރުގެ އެކިއެކި ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުގެ އެހީވެސް، މިކަމުގައި ލިބެމުން އެބަދޭ. އެހެންނަމަވެސް، މިހާތަނަށް ލިބިފައިވާ އަދި ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ބޭރުގެ އެހީންވެސް، މުޅި ޤައުމަށް މި ލިބުނު ގެއްލުން އަޅުގަނޑުމެންނަށް ފޫބެއްދޭވަރުނުވާތީ، އިތުރު އެހީ ހޯދުމުގެ މަސައްކަތް، ސަރުކާރުން ވަރަށް ބާރަށް ކުރިއަށް އެބަގެންދޭ. އޭގެތެރޭގައި، ސީދާ އަޅުގަނޑު، އެކި ޤައުމުތަކަށް ޒިޔާރަތްކޮށް، އެ ޤައުމުތަކުގެ ވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައި، މަސައްކަތްކުރަމުން އެބަގެންދަން. އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅައިގެން، އެ ވާހަކަ ދައްކާ އެބަހަދަން.

އަޅުގަނޑުގެ އިތުރުން، ސަރުކާރުގެ ޢިއްޒަތްތެރި މިނިސްޓަރުން، ވަޒީރުން، އާދެ! މިތާނގައި އެބައިންނެވި އޭގެތެރެއިން އެއްބޭފުޅަކު، އަލްފާޟިލް ޤާސިމް އިބްރާހީމް. އަލްފާޟިލް ޤާސިމް އިބްރާހީމާއި، ޑޮކްޓަރ އަޙްމަދު ޝަހީދާއި އަދި މިނޫންވެސް ޢިއްޒަތްތެރި ދިވެހި ބޭފުޅުން ރާއްޖެއިން ބޭރަށް ދަތުރުކުރައްވައި، އެކި ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަފުޅު ދައްކަވައި، އިތުރު އެހީ ލިބޭތޯ ބައްލަވަމުން އެބަގެންދަވާ. މާތް اللّهގެ ވާގިފުޅާއެކު، އިތުރު އެހީ ލިބޭނެކަމުގެ އުންމީދުތައް، މިހާރު ވަރަށްބޮޑަށް އާވެ އާލާވެގެން ހިނގައްޖެ.

އާދެ! ދުވާފަރު ބިނާކުރުމުގެ މަސައްކަތަށް ފައިސާގެ އެހީދޭ މައި ޖަމާޢަތަކީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް. އެހެންކަމުން، އެ ޖަމާޢަތަށް، ވަރަށް ބޮޑަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މިއަދުގެ ރަސްމިއްޔާތުގައި އެ ޖަމާޢަތް ތަމްސީލު ކުރައްވާ އެ ޖަމާޢަތުގެ ސެކްރެޓެރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮކްޓަރ ޔޯހާން ޝާރ ވަޑައިގެން އިންނެވި ކަމަށްޓަކައި، އޭނާއަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި ރާއްޖޭގައި ހުންނަވާ އެ ޖަމާޢަތުގެ ވެރިޔާ މިސްޓަރ ޖެރީ ޓޮލްބަޓަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އިންޓަރނޭޝަނަލް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް މިދޭ އެހީއަކީ، ވަރަށްބޮޑު އެހީއެއް. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ދުވާފަރުގެ ކަންތައްތަކަށް އެކަނިވެސް 24.5 މިލިޔަން އެމެރިކާ ޑޮލަރު، އެ ޖަމާޢަތުން އެބަ ހޭދަކުރައްވާ. އަޅުގަނޑަށް ދެންމެ ޑޮކްޓަރ ޔޯހާން ޝާރ ވިދާޅުވެދެއްވި ގޮތުގައި، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ޤައުމުތަކަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، އެބޭފުޅުންގެ ޖަމާޢަތުން އެ ގޮވާލެއްވި ގޮވާލެއްވުމަށް، ދުނިޔޭގެ މެންބަރު ޖަމާޢަތްތަކުންނާއި، އާންމު ރައްޔިތުންގެ ފަރާތުން، ވަރަށް ދީލަތި އެހީތަކެއް ވަނީ ލިބިފައި. އޭނާ ވިދާޅުވިގޮތުގައި، 2.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ވަނީ ލިބިފައި. އެއީ، ސުނާމީ ހާދިސާގައި ގެއްލުން ލިބުނު ހުރިހާ ޤައުމުތަކަށް، އެ ޖަމާޢަތުގެ ފަރާތުން އެހީވެދިނުމަށްޓަކައި. އަދި އެ ފައިސާގެ ބޮޑު ބަޔަކީ، އޭނާ ވިދާޅުވި ގޮތުގައި 80 އިންސައްތައަކީ، އާންމު ރައްޔިތުން ދީފައިވާ ފައިސާ.

އެހެންވީމާ، ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެން ޝުކުރު ދަންނަވަން މި ޖެހެނީކީ، ހަމައެކަނި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒަށް އެކަންޏެއް ނޫން. އެބޭފުޅުންގެ ތެރެއިންލާފައި، އެ ޖަމާޢަތުގެ 183 ޤައުމުގައި އެވާ ގޮފިތަކަށާއި، އަދި އާންމު ރައްޔިތުންނަށް. ދުނިޔޭގެ ޤައުމުތަކުގެ އާންމު ރައްޔިތުންނަށް، ޙަޤީޤަތުގައި މި ފައިސާ އަޅުގަނޑުމެންނަށް ދީފައި މިވަނީ ހަމަ އެ ޤައުމުތަކުގެ އާންމު ރައްޔިތުން. އެހެންވީމާ، އެކަމަށްޓަކައި އެހުރިހާ ޤައުމުތަކުގެ ރައްޔިތުންނަށް، މި ފުރުޞަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ވާޖިބެއް.

އާދެ! ދުވާފަރު ބިނާކުރުމުގެ މަޝްރޫޢަށް، އެހެން އެހީތައް ދެއްވާ ހުރިހާ ފަރާތްތަކަކަށްވެސް، މިއަދު އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ބަނދަރު ހެދުމަށް ފައިސާ ދެއްވާ، ޔޫ.އެސް. އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި، ޞިއްޙީ މަރްކަޒު އިމާރާތް ކޮށްދެއްވާ ޖަރމަން ރެޑްކްރޮސްއާއި، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ރީ-ޑިވެލޮޕްމަންޓް ޔުނިޓުން މި މަސައްކަތް ބެލެހެއްޓުމަށް ޚަރަދު ދެއްވާ އޮސްޓްރޭލިއަން އެއިޑަށާއި، މި ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މި ދަތުރަށް އަޅުގަނޑުމެންގެ އޮފީހުން ތައްޔާރުކުރި ފޮތް އަޅުގަނޑު ބަލައިލިއިރު، ދުވާފަރުގައި ހެދޭ ހުރިހާ ތަންތަނަކަށް އެހީދޭ ފަރާތްތަކެއް ވަނީ ކަނޑައެޅިފައި. ކުރިން މި ދެންނެވި ފަދައިން، ގެދޮރު އިމާރާތް ކުރުމަށާއި، މަގު ހެދުމަށާއި، ފާޚާނާއާއި ނަރުދަމާގެ ނިޒާމާއި، ސްކޫލާއި އަދި އެނޫން ތަންތަން ހެދުމަށް ކަރަންޓުގެ ޚިދްމަތާއި، މިހެންގޮސް ރަށަށް ބޭނުންވާ ހުރިހާ ކަމަކަށް، ބޭރުގެ އެކި ފަރާތްފަރާތުން އެހީ ލިބުމުގެ މަގު ތަނަވަސްވެފައިވާ ކަމަށް، އަޅުގަނޑު މި ދެންނެވި ފޮތުގައި ލިޔެފައިވޭ.

ހަމައެކަނި އެންމެ ކަމަކަށް ފައިސާ ދޭނެ ފަރާތެއް ކަނޑައެޅިފައި އޮތް ކަމަށް، އެފޮތުން އެނގެން ނެތީ. އެއީ ކޮން ފަރާތެއްތޯ؟ އެއީ ކޮން ތަނެއްތޯ؟ އެއީ، ޙަޤީޤަތުގައި އެންމެ މުހިންމު ތަން. މިސްކިތް. މި ރަށުގައި ރަނގަޅު ފެންވަރަކަށް މިސްކިތެއް އިމާރާތް ކުރުމަށް އަދި އެއްވެސް ފަރާތަކުން އެހީއެއްދޭނެ ކަމަކަށް ބުނެފައެއް ނެތް. މިއީ، އަޅުގަނޑު ވަރަށް ދެރަވި ކަމެއް. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެންގެ ކޮންމެ ޖަމާޢަތެއްގައި ހުންނަންޖެހޭ އެންމެ ޤަދަރުހުރި ތަނަކީ މިސްކިތް. އެއީ މާތް اللّهގެ ގެ. މާތް اللّهގެ ގެފުޅު ނުވަތަ މާތް اللّه އަށް ނިސްބަތްވެގެންވާ ތަނެއް، މިސްކިތަކީ.

އެހެންވީމާ، ދުވާފަރު ރައްޔިތުން ކަނދޮޅުދޫގައި ކުރިން އުޅުއްވި، މިހާރު ދުވާފަރަށް ބަދަލުވެވަޑައިގަންނަވާ ރައްޔިތުން، މި ރަށުގައި ދިރިއުޅުއްވަން ފަށްޓަވާއިރު، މި ރަށުގައި ރަނގަޅު ފެންވަރަކަށް ތައްޔާރުކުރެވިފައިވާ މިސްކިތެއް ހުރުމަކީ، ހަމަ ލާޒިމުކަމެއް.

އެހެންވީމާ، އަޅުގަނޑު ދެން މިއަދު މި ދަންނަވަނީ މިތާ ތިއްބެވި ބޭފުޅުންނަށް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޤާސިމް އިބްރާހީމް މިތާ އިންނެވުމާ އެކީގައި، އަދި ޕްލޭނިންގ މިނިސްޓަރާއި، އެޓޮލްސް މިނިސްޓަރާ، ހުރިހާ ބޭފުޅުން ތިއްބެވީމާ، އެބޭފުޅުންނަށް މި ދަންނަވަނީ، ތިޔަބޭފުޅުން މި ރަށުގައި، ދިވެހި ސަރުކާރުގެ ޚަރަދުގައި، ރަނގަޅު ފެންވަރެއްގެ މިސްކިތެއް އަޅުއްވައިދެއްވާށޭ. އާދެ! އަޅުގަނޑު ހިތުން އޭރުން މިރަށުގެ ކަންތައްތައް ވަރަށް ބޮޑަށް ފުރިހަމަވެގެންދާނެ.

މި ރަށުގެ މި މަސައްކަތް ހިންގަވައި ބަލަހައްޓަވާ ސަރުކާރުގެ ފަރާތްތަކަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ. އާދެ! ދުވާފަރު ބިނާކުރުމުގެ މަސައްކަތް ވިލަރެސް ކުރައްވަނީ، ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރުގެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ރީ-ޑިވެލޮޕްމަންޓް ޔުނިޓުން. އެހެންކަމުން، އެ ސެންޓަރު ހިންގަވާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، ހިރު ކޯޑިނޭޝަން ކޮމިޓީގައި ހިމެނޭ މިނިސްޓްރީތަކަށާއި، އެ މިނިސްޓްރީތަކުގެ މިނިސްޓަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ! އޭގެތެރޭގައި، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އަލްފާޟިލް ޙަމްދޫން ޙަމީދާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙަންމަދު މަޢްރޫފު ޖަމީލާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަލްފާޟިލް އިބްރާހީމް ރަފީޤާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވާ. އަދި އޭގެ އިތުރުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދުވެސް ހިމެނިވަޑައިގަންނަވާ. އެހެންވީމާ، މިހުރިހާ ބޭފުޅުންނަށް، ތިޔަބޭފުޅުންގެ ނަމުގައި ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު ދަންނަވަން.

ހަމައެއާއެކީގައި، ދުވާފަރުގެ މަސައްކަތްތައް ހިންގެވުމުގައި އަތޮޅުއޮފީހުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި، އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުاللّه އަށާއި، އަތޮޅުއޮފީހުގެ ވެރިންނަށް ޝުކުރު ދަންނަވަން. އަދި ޝުކުރު ޙައްޤުވެގެންވާ އެންމެ ޚާއްޞަ ފަރާތަކީ، ޝައްކެއްނެތް، ކަނދޮޅުދޫ ރައްޔިތުން. އާދެ! ކަނދޮޅުދޫ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ކަނދޮޅުދޫ ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް، ކަނދޮޅުދޫ ޒުވާނުންގެ ތެރެއިން ގިނަބަޔަކު ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ކަމަށްވާ [އެކަތިގަނޑު]ގެ މެންބަރުންނަށް ޝުކުރު ދަންނަވަން.

އާދެ! މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން! ތިޔަބޭފުޅުންގެ ނަން، ފުރިހަމައަށް ތަމްސީލުކުރައްވަން ޖެހޭނެއޭ. [އެކަތިގަނޑު] އެއީ ހަމައެކަނި ޖަމުޢިއްޔާގެ ނަމަކަށް ނަހައްދަވައި، [އެކަތިގަނޑު] އެއީ ތިޔަބޭފުޅުން ތަމްސީލުކުރައްވާ އުސޫލަކަށް ހައްދަވާށޭ. ހަމައެކަނި ތިޔަ ޖަމުޢިއްޔާގެ މެންބަރުންނެއް ނޫން. ކަނދޮޅުދޫ ރައްޔިތުންނަކީވެސް، އެކަތިގަނޑެއްގެ ގޮތުގައި، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި އަބަދުވެސް އުޅުއްވާށޭ. ތިޔަބޭފުޅުން ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވެދެއްވާށޭ. އެންމެން އެކުވެރިވެގެން، އެކަތިގަނޑަކަށްވެގެން، ރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރައްވާށޭ. އެހެން ހައްދަވައިފީވިއްޔާ، ތިޔަބޭފުޅުންގެ ތިޔަ ޖަމުޢިއްޔާގެ ނަން، [އެކަތިގަނޑު] ޙަޤީޤަތަކަށް ވެގެންދިޔައީ. އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް.

އާދެ! ރާއްޖޭގައި ހުންނަ ރެޑްކްރޮސްގެ އެހެން ޖަމާޢަތްތަކުގެ ވެރިންވެސް، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެބަ ތިއްބެވި. ސުނާމީ ކާރިސާއާ ގުޅިގެން އެ ޖަމާޢަތްތަކުން ރާއްޖޭގެ ރަށްރަށަށް ދެއްވާ އެހީތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މީގެއިތުރުން، ދުވާފަރުގެ މަސައްކަތްތައް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ ކަމާބެހޭ އެހެން ދާއިރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން.

ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ވަރަށް މުހިންމު ވާހަކައެއް. ހުރިހާ ބޭފުޅުންވެސް ވަރަށް ރަނގަޅަށް އައްސަވަން ތިއްބަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ތިޔަބޭފުޅުން ގިނިކަންޏާއެއްނޫން. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، އަޅުގަނޑު ދެން މި ދަންނަވާ ވާހަކައަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުން އަޅުގަނޑު އެދެން.

އާދެ! ސުނާމީ ކާރިސާއަށްފަހު، ޤައުމު އަލުން ބިނާކުރުމަށް ކުރަމުން މިގެންދާ މަސައްކަތްތަކަށް، ބޭރުން ލިބޭ ކޮންމެ އެހީއެއް އަޅުގަނޑުމެން ބަލައިގަންނަންވާނީ، ޝުކުރުވެރިކަމާއެކުގައި. އެހީދެއްވި ފަރާތުގެ ހެޔޮކަން ގަބޫލުކުރާ ހާލުގައި. އެފަރާތްތަކުން އަޅުގަނޑުމެންނަކަށް އެހީއެއް ދެއްވާކަށް މަޖުބޫރެއް ނޫން. އެއްވެސް ޤާނޫނެއް ނެތް، ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް އެހީވެދޭން ބުނާ. އެހެންނަމަވެސް، އެފަރާތްތަކުން އެ އެހީވެދެއްވަނީ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މި ނިކަމެތި ހާލުން ދިވެހި ރައްޔިތުން ސަލާމަތްވުމުގައި، އެފަރާތްތަކުގެ އެހީ ބޭނުންވާކަން އެނގިވަޑައިގަތީމާ، ދިވެހި ރައްޔިތުންނަށް ދެއްވާ އެހީއެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެން މި އެހީ ބަލައިގަންނަންޖެހޭނީ، ޝުކުރުވެރިކަމާ އެކީގައި.

ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މިއަދުގެ ދުނިޔޭގެ ޙާލަތު އޮތްގޮތުން ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއި، ޤައުމުތަކުގެ ގުޅުމާއި، މި ބަދަލުވަމުންދާ ކަންތައްތައް، މި ބަދަލުވަމުންދާގޮތުން ބޭރުގެ އެހީ ހޯދުމަކީ ފަސޭހަކަމެއް ނޫނޭ.

މީގެ 20 އަހަރު ކުރިން މިސާލަކަށް، ބޭރުގެ އެހީއަކަށް ބޭނުންވެގެން އަޅުގަނޑުމެން ފަރާތެއްގައި ބުނެފީވިއްޔާ، ވަރަށް ފަސޭހައިން ލިބޭނެ. މާގިނަދުވަހެއްނުވެ އެ އެހީ އޮންނާނީ، އަޅުގަނޑުމެންނާ ހަމައަށް އައިސްފައި. އެ އެހީ ބޭނުންކޮށްގެން ވަރަށްގިނަ މަޝްރޫއުތަކެއް އޮންނާނީ ހިންގިފައި.

ހަނދުމަފުޅު ހުންނާނެ، މި ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި، 30 އަހަރުގެ ތެރޭގައި، ބޭރުގެ އެހީގައި ރާއްޖޭގައި ވަރަށްގިނަ މަޝްރޫޢުތަކެއް ވަނީ ހިންގިފައި. ވަރަށް ކާމިޔާބުކަމާއެކީ. އޭރު، އެހީ ލިބުމަކީ ދަތިކަމެއް ނޫން. އެކަމަކު މިހާރު، އެހީ ލިބުމަކީ ވަރަށް ދަތިކަމެއް. ކުރިން ދެންނެވި ސަބަބުތަކަށްޓަކައި، އެއީ އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން. އެހެންވީމާ، މިހާ ދަތިގޮތަކަށް މިކަން އޮއްވާ، ބޭރުގެ ބައެއް ފަރާތްތަކުން އެ އެހީ ދެއްވާ ދެއްވުން އަޅުގަނޑުމެން ވާނެ، ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަނެ، އެ އެހީގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފަން.

އާދެ! ބޭރުގެ އެހީ ލިބޭކަމަކީ، ގެދޮރު އިމާރާތްކުރުން ކަހަލަ، ސުނާމީ ކާރިސާއަށްފަހުގައި، ރަށްރަށުގައި ގެދޮރު އިމާރާތްކުރުން ކަހަލަ ކަމަކަށްވަންޏާ އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން އެ އެހީއަށްޓަކައި ޝުކުރު އަދާކުރަންޖެހޭ. ޝުކުރު އަދާކުރަންޖެހެނީ، ހަމައެކަނި މިހެން ވާހަކައަކުން ބުނާ އެއްޗަކުން ނޫން. ޢަމަލީގޮތުން. މިހެން މި ދެންނެވީ، އަޅުގަނޑުމެންގެ މެދުގައި އެ އެހީ ބޭނުންކުރާނެ ގޮތަކާމެދު ޚިޔާލުތަފާތުވުންތަކެއް ހުއްޓަސް، އެއީ، އެ އެހީ ލިބިގަތުމަށް އެޅޭ ހުރަހަކަށް ވެގެނެއްނުވާނެ. މި ވާހަކަ މި ދަންނަވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. އަޅުގަނޑުމެންގެ މެދުގައި ޚިޔާލުތަފާތުވެގެން، ލިބޭ އެހީ ބޭނުންކުރުމަށް ހުރަސްއެޅިގެނެއް ނުވާނެއޭ. ދީމުޤްރާޠީ އުސޫލަކީ، އަދި ހަމަޖެހޭ ގޮތަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު އެއްބަސްވާ ގޮތަކަށް އެހެން މީހުން ތަބާވުން.

އެހެންވީމާ، ރަށެއްގައި ގެދޮރުއެޅުމާ ބެހޭގޮތުން، ރަށުގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވެގެން މަސައްކަތް ނުފެށި ލަސްވުމަކީ، ވަރަށް ހިތާމަހުރި ކަމެއް. އެހެންވެގެނެއް ނުވާނެ. ގިނަބަޔަކު ރުހޭ، ގަބޫލުވާގޮތަކަށް އެހެން މީހުން ޖެހޭނީ ތަބާވާން. އެއީ، ދީމުޤްރާޠީ ގޮތަކީ. އެއީ، އިސްލާމްދީނުގައި އޮންނަ ގޮތަކީވެސް. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެންގެ މެދުގައި ހުރި ޚިލާފުތައް ނައްތާލައި، އެންމެން މަޝްވަރާ ކޮށްގެން، ވާހަކަދައްކައިގެން، ގިނަބަޔަކު ބޭނުންވާ ގޮތަކަށް، އަވަހަށް ކަންތައް ނިންމާލައި، އެ އެހީގެ ބޭނުންކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އެހެންނޫނީވިއްޔާ، އެއްކަލަ އެހީ ބޭނުންނުކުރެވި ގެއްލިގެންދަނީ. އަދި ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައި، ދިވެހި ރައްޔިތުންގެ ނަންވެސް ހުތުރުވެގެންދަނީ.

އެހެންވީމާ، އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަށް މި އިލްތިމާސް ކުރަނީ، އެކަހަލަ ކަމެއް ވިޔަނުދެއްވާށޭ. ޚިޔާލުތަފާތުވުމެއް އޮތްކަމަށްވަންޏާ، ވާހަކަ ދައްކަވައިގެން، ގިނަބަޔަކު އެއްބަސްވާ ގޮތަކަށް އެކަން ނިންމަވާށޭ. ނިންމަވާފައި، ބޭރުގެ އެހީ ގަބޫލުކުރައްވާށޭ. ގަބޫލުކުރައްވައިގެން، އަވަހަށް ގެދޮރު އަޅުއްވައިގެން، އަވަހަށް ކަންތައްތައް ނިންމަވާށޭ. އެކަން ދިގުނުދަންމަވާށޭ. އެހެން ހައްދަވައިފީވިއްޔާ، އަޅުގަނޑުމެންނަށް ލިބެންއޮތް އެހީވެސް ގެއްލިގެން ދަނީއޭ. އަދި އަޅުގަނޑުމެންގެ ނަންވެސް، ބޭރު ޤައުމުތަކުގެ މެދުގައި ހުތުރުވެގެން ދަނީއޭ.

އަޅުގަނޑަށް ޔަޤީން، ދިވެހި ރައްޔިތުން އެހެން ނަހައްދަވާނެކަން. އެހެން އެކަން ނުވާނެކަން. ދިވެހި ރައްޔިތުންނަކީ އަބަދުވެސް، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިހެން، ހެޔޮބަސް އަޑުއައްސަވާ، ހެޔޮބަސް ގަބޫލުކުރައްވާ ބަޔެއް. އަޅުގަނޑު މި ދެންނެވީ ހެޔޮބަހެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އެ ހެޔޮބަސް ގަބޫލުކުރައްވައި، އެ ހެޔޮބަހާ އެއްގޮތަށް ދިވެހި ރައްޔިތުން ޢަމަލުކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! ކުރިންވެސް ދަންނަވާލިހެން، މިއަދުގެ މި ހޫނުގަނޑުގެ ތެރޭގައި ވަރަށްގިނަ ވަގުތު، އަޅުގަނޑުމެންނަށް މިތާނގައި ތިބެވިއްޖެ. ތިޔަބޭފުޅުންނަށް، ކޮއްޅަށް ތިއްބެވި ބޭފުޅުންނަކަށް މާފަސޭހަފުޅެއްވެސް ނުވާނެކަންނޭނގެ. އެހެންނަމަވެސް، ހަމަ ދެންމެ މިނިސްޓަރ ޙަމްދޫންވެސް ވިދާޅުވިފަދައިން، ކޮންމެވެސް އެއްޗެއް އިނގިރޭސިބަހުންވެސް ދަންނަވާލުމަކީ، ބޭރުން ވަޑައިގެން ތިއްބެވި ބޭފުޅުންގެ ޙައްޤުގައި، އަޅުގަނޑު ކޮށްލަންޖެހޭނެ ކަމެއްކަންނޭނގެ.

Special Representative Dr. Johan Schaar, distinguished foreign guests, ladies and gentlemen.

I thank you very much for being with us today, at this Ground-Breaking Ceremony, for the resettlement of the people of Kandholhudhoo in this beautiful and pleasant island of Dhuvaafaru. I thank you for taking time off your busy schedules and being present with us to share in our joy because we are at last able to begin a project that would provide housing for over 3000 people who lost their homes as a result of the tsunami of 2004.

It's indeed a very great pleasure for us to receive you, to welcome you and to thank you for all your help. I just understood from Dr. Schaar that International Red Cross and Red Crescent Societies Federation received about US $ 2.2 billion from their different branches and countries and 80% of these funds have come from the general public. So I would like you, Mr. Special Representative of the Secretary General, to convey our deep appreciation and gratitude to all Red Cross and Red Crescent Societies and their members, as well as the general public of the countries who have contributed so generously, to the relief work after the tsunami, that affected a lot of Asian countries.

I would like to thank International Federation of Red Cross and Red Crescent Societies, as well as all other donor agencies, countries and organizations for their help, including the United Nations’ support.

The United Nations system has been with us in this work from the very beginning. The UN Secretary General made a special visit to the Maldives, as well as the United States former Presidents, Mr. Bill Clinton and Mr. George Bush, both of them came and the then President of the World Bank also visited us. And they all showed great interest in helping us at this time of tragedy. And the UN Secretary General told me not to target for recovery alone. He said, you should target for recovery plus, which means you must aim to have a situation better than what it was just before the tsunami.

I think that is a very good wise advice given by the Secretary General of the United Nations. And we hope to achieve that in the future, with the help of our own people, with our Government resources, resources of our own people, as well as the resources we are receiving from friendly organizations and countries, as well as individuals.

So, thank you very much for being with us and please convey our gratitude to all your members.

Thank you very much!

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، اللّه سبحـانـه وتعـالـىގެ ޙަޟްރަތުގައި ދުޢާ ދަންނަވަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް އަމާންކަމާއި ސަލާމަތްކަން މިންވަރު ކޮށްދެއްވުމަށް. ސުނާމީ ކާރިސާފަދަ، ޤުދްރަތީ ކާރިސާތަކުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކޮށްދެއްވުމަށް. ސުނާމީ ކާރިސާއިން ލިބުނު ގެއްލުން ފޫބެއްދުމަށް މި ކުރާ މަސައްކަތުގައި، އެކަލާނގެ ބަރަކާތް ލެއްވުމަށް. އަދި ދިވެހި ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ހިތްހަމަޖެހޭ، އަމަންއަމާންކަން ލިބިފައިވާ، ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވާ، ބާއްޖަވެރި، އުފާވެރި މުސްތަޤްބަލެއް މިންވަރު ކުރެއްވުމަށް.

والسّـلام عليـكم ورحـمة اللّه وبـركاتـه.