بسـم اللّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين

އާދެ! ވިމެން އޯންޓަރޕްރެނާރޒް ކައުންސިލުގެ ފަރާތުން މި ބާއްވަވާ އަންހެނުންގެ ވިޔަފާރި މަޢުރަޒު "ވެކް ޓްރޭޑް ފެއަރ" ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. މި ފުރުޞަތު ދެއްވިކަމަށްޓަކައި އެ ކައުންސިލުގެ ޗެއަރޕަރސަން އަލްފާޟިލާ ޝާޢިރާ ސަލީމަށާއި، އެ ކައުންސިލުގެ ވައިސް ޗެއަރޕަރސަނުން ކަމުގައިވާ އަލްފާޟިލާ ރަޙީމާ އާދަމަށާއި، އަލްފާޟިލާ އާމިނަތު ޢާރިފަށާއި، ކައުންސިލްގެ ބޯޑުގެ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ފެއަރގައި މާލެއިންނާއި ރާއްޖޭގެ އަތޮޅުތަކުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށާއި، ސާކް ޤައުމުތަކުން ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނަށް އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން.

ދިވެހި އަންހެނުންނަކީ، މާލީ އަދި އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށް، އެ ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު އަޅުގަނޑު ވަޒަންކުރަން. އަދި މިއަދު މިހުޅުވޭ މަޢުރަޒުގެ ސަބަބުން، މުޖުތަމަޢުގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅޭ އަންހެނުން ކުރިއަށް ދިޔުމަށް އިތުރު މަގުތައް ފަހިވެ، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަޔާތުގައި އަންހެނުންގެ ދައުރު ފުޅާވެ ހަރުދަނާވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ ރާއްޖޭގެ އުފެއްދުންތަކުގައި ޖެއްސެވުމަށް ތައްޔާރުކުރައްވާފައިވާ "އޯތެންޓިކް މޯލްޑިވިއަން ޕްރޮޑަކްޓް"ގެ ލޯގޯ، އާދެ! ޙަޤީޤީ ދިވެހި އުފެއްދުމެއްކަން އަންގައިދޭ ޝިޢާރު، އެ ލޯގޯ، މިއަދު އިފްތިތާޙުކޮށްދިނުމަކީވެސް، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަޅުގަނޑު ދެކޭގޮތުގައި، މިއީ، ރާއްޖޭގެ ހަނދާނީ ހަދިޔާގެ ވިޔަފާރީގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް. އަދި މިއީ، ރާއްޖޭގެ އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ރަނގަޅު އަގުގައި ވިއްކުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއް.

ދިވެހި އުފެއްދުންތެރިކަމުގެ ތެރެއިން ހަނދާނީ ހަދިޔާގެ ބާޒާރަކީ، މިއަދު ރާއްޖޭގެ އެތައް ސަރަޙައްދެއްގައި އެތައް ބައެއްގެ އާމްދަނީ، އެ މައްޗަށް ބިނާވެފައިވާ، ކުރިއަރަމުން ފުޅާވަމުން އަންނަ ބާޒާރެއް. ރާއްޖޭގެ އުފެއްދުންތައް ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުންނާއި، ރާއްޖޭގެ ޙަޤީޤީ އުފެއްދުންތަކުގެ އިތުބާރު ބޮޑުކޮށް، މަސައްކަތްތެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެންމެ ރަނގަޅު އަގު ލިބޭގޮތް ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ދިވެހި މަސައްކަތްތެރިކަމުގެ ތަކެތި ދައްކައިދޭ ޝޯ ރޫމެއް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މާލޭގައި ހުޅުވޭނެ. އެކަމުގެ މަސައްކަތްތައް ޓްރޭޑް މިނިސްޓްރީން މިހާރު ގެންދަވަނީ ކުރައްވަމުން. އަދި މިކަމުގެ ދާއިމީ މަރުކަޒެއް ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން މިހާރު ކުރައްވަމުން އެބަ ގެންދަވާ.

ރާއްޖޭގެ އަތޮޅުތަކުގެ އެކި ރަށްރަށުގައި، ތަފާތު ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުންނާއި، ރަށްކުރިއަރުވާ ކޮމިޓީތަކުން ކުރަމުންގެންދާ ތަފާތު އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް ތަރައްޤީ ކުރުމުގައި، ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމުގައި އެންމެ ރަނގަޅު ގޮތަކީ، ކޯޕަރޭޓިވް ސޮސައިޓީތަކެއް ރަޖިސްޓަރީކޮށްގެން އިޤްތިޞާދީ މަސައްކަތްތައް ފެށުން.

ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނެއްގެ ބިލެއް، ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ސަރުކާރުން ހުށަހަޅާފައި. އެހެންނަމަވެސް، މި ބިލު ފާސްވެ، އެއަށް ޢަމަލުކުރަން ފެށެންދެން، މިފަދަ ޖަމާޢަތްތަކަށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތައް ދުރުކޮށް، އެފަދަ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ކޯޕަރޭޓިވް ސޮސައިޓީ ހިންގާނެ ގޮތުގެ ގަވާއިދެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރުވަނީ އެކަށައަޅާފައި.

ކޯޕަރޭޓިވް ސޮސައިޓީތައް ރަޖިސްޓަރީ ކޮށްގެން، އިޤްތިޞާދީ މަސައްކަތްތައް ފެށުމުން، އެކި މަސައްކަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ ފައިސާ، މާލީ އިދާރާތަކުންނާއި ވިޔަފާރި ކުންފުނިތަކުންނާއި، ތަފާތު ޖަމާޢަތްތަކުން ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ.

ދެން ދަންނަވާލަން އޮތީ، ސްމޯލް އެންޑް މީޑިއަމް އެންޓަރ ޕްރައިސަސް ޑިވެލޮޕްމަންޓް ބޯޑެއް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ވާހަކަ. މި ބޯޑަކީ، ކުދި އަދި މެދުމިނުގެ ވިޔަފާރި ހިންގުމާ ބެހޭގޮތުން ފަންނީ އެހީވެދިނުމާއި، އިޤްތިޞާދީ މަސައްކަތްތައް ފެށުމަށް އެންމެ އެކަށީގެންވާ ދާއިރާތަކާބެހޭ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ވިޔަފާރިވެރިންނާއި، އަލަށް ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް މަޢުލޫމާތު ފޯރުވައިދިނުމަށާއި، މީހުން ތަމްރީނު ކުރުމުގެ ގޮތުން ކުރު މުއްދަތުގެ ސެމިނަރ ވަރކްޝޮޕް ހިންގުމަށާއި، މިނޫންވެސް ވިޔަފާރިއާއި އުފެއްދުންތެރި އިޤްތިޞާދީ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށްޓަކައި އުފައްދާ ބޯޑެއް. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި ބޯޑު އުފެދޭނެ.

ރާއްޖޭގެ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގެ އެންމެބޮޑު އެއް ބޭނުމަކީ، ވީހާވެސް ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން. އެހެންވީމާ، ރާއްޖޭގެ ވިމެން އޯންޓަރޕްރެނާރޒް ކައުންސިލުންވެސް އަދި ރާއްޖޭގެ އިޤްތިޞާދީ އެހެން އިދާރާތަކުންވެސް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެއްވުމަށް ވިސްނާވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! މިއަދު މި ހުޅުވޭ ވެކް ޓްރޭޑް ފެއަރއަކީ، އަދި އެއާ ގުޅިގެން މިތާނގައި މިބޭއްވޭ ވަރކްޝޮޕާއި ސިމްޕޯޒިއަމަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ އަންހެނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ރާވަމުން ގެންގޮސްފައިވާ ކަމެއް. އެހެންކަމުން، ރާއްޖޭގެ އުފެއްދުންތެރި އަންހެން ބޭފުޅުން، އަދި އެބޭފުޅުން ތަމްސީލު ކުރައްވާ ވިމެންސް އޯންޓަރޕްރެނާރޒް ކައުންސިލުގެ ފަރާތުން އެ ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށްބޮޑަށް މަރްޙަބާ ކިޔަން.

އަޅުގަނޑު ދެކޭގޮތުގައި، ކޮންމެ މުޖުތަމަޢެއްގައިވެސް އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންނޫނީ ޤައުމު ކުރިއަކަށްނުދާނެ. ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ދެ ޖިންސުގެ ހަމަހަމަކަމުގެ ސިޔާސަތު. އެކަށީގެންވާ ހަމަހަމަ ފުރުޞަތުތަކެއް، އަންހެނުންނަށާއި ފިރިހެނުންނަށް ހޯދައިދިނުމުގެ ސިޔާސަތު. އަންހެނުންނަށް ކުރިމަތިވެފައިވާ ދަތިތައް ނައްތާލައި، އަންހެނުންނަށް އިޖުތިމާޢީ ގޮތުންނާއި އަދި އެހެން ގޮތްގޮތުންވެސް ކުރިމަތިވެފައި ހުންނަ އުނދަގޫތައް ފިލުވާލައި، އަންހެނުންނަށް ފިރިހެނުންނެކޭ އެއްފަދައިން، މުޖުތަމަޢުގެ ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަކީ، މި ސިޔާސަތުގެ އެންމެ މުހިންމު މަޤްޞަދު.

އެހެންކަމުން، މި ސިޔާސަތު ކުރިއަށް ގެންދިޔުމަށް އަދި މި ސިޔާސަތަކީ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް، އެކަށީގެންވާ ގޮތެއްގައި ޢަމަލުކުރެވެމުންދާ ސިޔާސަތަކަށް ހެދުމަށްޓަކައި މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަކަށް، އާދެ! ސަރުކާރުގެ އެކިއެކި އިދާރާތަކަށާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކަށާއި، އަދި އަމިއްލަ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް، މި ފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މަޢުރަޒު ބޭއްވުމުގައި އެހީތެރިވެދެއްވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙަންމަދު ޖަލީލަށާއި، އަދި އެނޫން ވަޒީރުންނަށާއި، އެބޭފުޅުންގެ ވުޒާރާތަކުގެ އެހެން ވެރިންނަށާއި، މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަދި ޔޫ.އެން.ޑީ.ޕީ.އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޔޫ.އެން.ޑީ.ޕީ.އަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ޔޫ.އެން.ޑީ.ޕީ.އަކީ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ ވަރަށްގިނަ ކަންތައްތަކުގައި އެހީވެދެއްވާ ފަރާތެއް. އ.ދ.ގެ އެކިއެކި ޖަމާޢަތްތަކުން، ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ބައެއް އަދާކޮށްދެއްވަމުން ގެންދަވާ. އެހެންވީމާ، މިފަދަ ކޮންމެ ފުރުޞަތެއްގައިވެސް، އ.ދ.ގެ ޖަމާޢަތްތަކުން އަޅުގަނޑުމެންގެ ތަރައްޤީއަށާއި އަޅުގަނޑުމެންގެ ކުރިއެރުމަށް އެ ކޮށްދެއްވާ މަސައްކަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ. އެގޮތުން، މިއަދު މިހުޅުވޭ ވެކް ޓްރޭޑް ފެއަރގެ ކަންތަކުގަޔާއި އަދި އެއާއެކުގައި އެ ބޭއްވޭ ސިމްޕޯޒިއަމާއި ވަރކްޝޮޕްގެ ކަންތައްތަކުގައިވެސް ޔޫ.އެން.ޑީ.ޕީ.އާއި އަދި އެނޫންވެސް އ.ދ.ގެ ފަރާތްތަކުން ވެދެއްވާ އެހީތަކަށް އަޅުގަނޑުމެން މަރްޙަބާ ދަންނަވައި، އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދަންނަވަން.

މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރި ތަރައްޤީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، މިފަދަ މަޢުރަޒެއް އިންތިޒާމު ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށްޓަކައި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ ރައީސް އަލްފާޟިލް އަޙްމަދު މުޖުތަބާއަށާއި، އެޖަމުޢިއްޔާގެ އެގްޒެކެޓިވް ކައުންސިލުގެ އެހެން މެންބަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިކަމުގައި އެހީތެރިވެދެއްވި އެހެން ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، މިއަދު މި ހުޅުވޭ ޓްރޭޑް ފެއަރއަކީ، ވަރަށް ކާމިޔާބު ޓްރޭޑް ފެއަރއަކަށް ވެގެންދިޔުން. އޭގެ ސަބަބުން، ދިވެހި އުފެއްދުންތެރި އަންހެން ބޭފުޅުންނަށް، އެބޭފުޅުންގެ މާލީ އަދި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް މިކަމުން އިތުރު ބާރެއް ލިބިގެންދިޔުން. އަދި ދިވެހިރާއްޖޭގެ އެކިއެކި އުފެއްދުންތެރި މަސައްކަތްކުރާ ހުރިހާ އަންހެނުންނަށްވެސް، މިކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބި، އެމީހުން އެ ކުރާ މަސައްކަތްތަކުގެ ނަތީޖާ، އެ މީހުންނަށާއި އެ މީހުންގެ ޢާއިލާތަކަށް ލިބިގެންދިޔުން.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް، އަޅުގަނޑުމެންގެ ޤައުމަކީ، އިޤްތިޞާދީ ގޮތުން ފުދުންތެރި، އަދި އެންމެން ގުޅިގެން، އަންހެނުންނާއި ފިރިހެނުންނާ ހަމަހަމަގޮތެއްގައި މަސައްކަތް ކުރަމުންދާ ޤައުމެއްގެ ގޮތުގައި ހެދުމަށް މި ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި! އަދި އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެއަށް އަބަދުވެސް ތަރައްޤީއާއި ކުރިއެރުން މިންވަރު ކޮށްދެއްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.