بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވެރިންނަށާއި، ސިފައިންގެ އޮފިސަރުންނަށާއި، ސިފައިންގެ އެކި ރޭންކްތަކުގައި ތިއްބެވި ބޭކަލުންނަށާއި، ބޭކަނބަލުންނަށާއި، ސިފައިންގެ ޢާއިލާތަކަށް ތަހުނިޔާ ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ނަން "މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް" މި ނަމަށް މިއަދު ބަދަލުވުމާ ގުޅިގެން، އެ މުނާސަބަތުގެ ތަހުނިޔާވެސް، ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން.

ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ނަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު މި ނަމަށް މި ބަދަލުވީ، ސިފައިންނާ ފުލުހުންގެ ކަންތައްތައް ދެ ވުޒާރާއެއްގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖެއްސުމާ ގުޅިގެން، ސިފައިންގެ މައިގަނޑު މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމާއި އަދި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް އަތުވެދާނެ ކޮންމެ ކަމަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހި ދައުލަތާއި، ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށްވާތީ، އެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތަށް ނަން ބަދަލުކުރުމުގެ މުހިންމުކަން ބޮޑުކަމުން. މި ބަދަލުގެ ސަބަބުން ސިފައިންގެ މަސައްކަތްތަކަށް އިތުރު ދިރުމަކާއި، ހަލުވިކަމެއް އަންނާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން.

އާދެ، ސިފައިންނަކީ ވަރަށް މަތިވެރި ޤައުމީ ވާޖިބުތަކަކާއި، ޤައުމީ މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހިފައިވާ ބައެއް. އެހެންކަމުން، ސިފައިން މި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުލުމުގައި އެބައިމީހުންނަކީ ޤައުމަށް ވަފާތެރި، ތެދުވެރި، އިޚްލާޞްތެރި ބަޔަކަށްވާންޖެހޭ. އެބައިމީހުންނަކީ، އެބައިމީހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ބަޔަކަށްވާންޖެހޭ. އެކަމަށް ތައްޔާރުވެ ތަމްރީނު ލިބިފައިވާ އަދި ދުނިޔޭގެ ކަންތައްތަކަށް ލޯހުޅުވިފައިވާ ބަޔަކަށްވާންޖެހޭ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ ސިފައިން މިވަނީ ވަރަށްބޮޑަށް ތައްޔާރުވެފައި. އެބައިމީހުންނަށް ބޭނުންވާ ތަމްރީނުތަކާއި، ހުނަރުތައް ވަނީ ލިބިފައި. އަދި މިހާރުވެސް އެ ކަންތައްތައް ދަނީ ލިބެމުން. އަދި ސިފައިންނަކީ ޒަމާނުއްސުރެ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ ޤާނޫނީ ސަރުކާރާއި، ރާއްޖޭގެ ރައްޔިތުން ޙިމާޔަތްކުރުމުގައި ވަރަށް މަތިވެރި ޤުރްބާނީތަކެއް ވެފައި ތިބި ބައެއް.

އެ ޤުރުބާނީތަކުގެ ތެރޭގައި އެބައިމީހުންގެ ޖާނާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ކޮންމެ ހިނދެއްގައި ޤުރުބާންވުމަށް ތައްޔާރަށް ތިބި ބައެއް. އަދި ޤުރުބާންވަމުންދާ ބައެއް. މިގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއްދުވަސް، އާދެ، އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަސް. އެދުވަހު ރާއްޖޭގެ ސިފައިން ސާބިތުކޮށްދިނީ ވަރަށް ވަރުގަދަ ސާބިތުކަމެއް. އެބައިމީހުން ސާބިތުކޮށްދިނީ، އެބައިމީހުންގެ ހުވަޔާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ ޤާނޫނީ ސަރުކާރާއި، ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ ރައްޔިތުން ދިފާޢުކޮށް، ޙިމާޔަތްކުރުމުގައި އެމީހުންނަކީ ޤުރުބާންވާން ކެރިގެން ތިބި ބައެއްކަން.

އެދުވަހު ރާއްޖޭގެ ތާރީޚު ދުށް ހިތާމަވެރި ކަންތައްތަކުގެ ތެރޭގައި، ސިފައިންގެ ވަރަށްގިނަ މީހުން ޤައުމަށްޓަކައި، ދީނަށްޓަކައި ޝަހީދުވެގެންދިޔަ. އެ ޝަހީދުވެގެންދިޔަ ސިފައިންގެ އަބްޠާލުންގެ މަތިން މިފަދަ ކޮންމެ މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާންކޮށް، އެބައިމީހުން ޤައުމަށްޓަކައި އެ ވެދިން ޤުރުބާނީއަށްޓަކައި ފަޚުރުވެރިވެ އަދި އެބައިމީހުންނަށް މާތްﷲ ރަޙްމަތް ލެއްވުން އެދި ދުޢާކޮށް، އެބައިމީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވައި ސަވާބު އިތުރުކުރެއްވުމަށް އަޅުގަނޑުމެން ދުޢާކުރަންޖެހޭ.

އާދެ، މިއަދަކީ ސިފައިންގެ 114 ވަނަ އަހަރީ ދުވަސް. މި ދުވަހާ ގުޅިގެން ކަނޑައަޅާފައިވާ ޝިޢާރު އިޢުލާނުކޮށްދިނުމަކީވެސް، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އާދެ، އެ ޝިޢާރަކީ "ސިފައިންގެ ތެދުވެރިކަން – ޤައުމުގެ ސަލާމަތް".

ޝައްކެއްނެތް، މި ޝިޢާރަކީ ވަރަށްބޮޑު ޙަޤީޤަތެއް އެކުލެވިގެންވާ ޝިޢާރެއް. ޤައުމުގެ ސަލާމަތްކަން، ޤައުމުގެ އަމަންއަމާންކަން، ޤައުމުގެ މިނިވަންކަން، ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުން. މި ކަންތައްތައް ބިނާވެފައި މިވަނީ، ސިފައިންގެ ތެދުވެރިކަމުގެ މައްޗަށް. ސިފައިންގެ ތެދުވެރިކަމުން މި ކަންތައްތައް ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެ. ސިފައިންނަކީ ތެދުވެރި ބަޔަކަށްނުވާނަމަ، ރާއްޖެއަށް ވަރަށްބޮޑެތި ނުރައްކާތަކެއް ކުރިމަތިވެގެން ހިނގައިދާނެ.

އާދެ، އެހެންވީމާ، މިއަދު މި އިޢުލާނު ކުރެވުނު ޝިޢާރަށް، އާދެ، "ސިފައިންގެ ތެދުވެރިކަން - ޤައުމުގެ ސަލާމަތް" މި ޝިޢާރަށް ދިވެހި ހުރިހާ ސިފައިން ޙުރްމަތްތެރިކޮށްހިތްތަވައި، ތެދުވެރިކަމާއެކު ޤައުމުގެ ސަލާމަތަށް މަސައްކަތް ކޮށްދެއްވުމަށް ހުރިހާ ދިވެހި ސިފައިންނަށް މިއަދު އަޅުގަނޑު އިލްތިމާސްކުރަން.

ޝައްކެއްނެތް، ސިފައިންނަކީ މި ޝިޢާރަށް ތެދުވެރި، މި ޝިޢާރާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ބަޔަކު ކަމުގައިވަނީނަމަ، އެބައިމީހުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުމަކީ އެމީހުންނަށް ދަތިކަމަކަށް ނުވާނެ. އަދި އެމީހުން އެ އުފުލާ މަސްއޫލިއްޔަތާއި، އެ އަދާކުރާ ވާޖިބުތަކުގެ ސަބަބުން ދިވެހި ދައުލަތަށާއި، ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް، އިތުރު ކުރިއެރުމާއި، ހަމަޖެހުމާއި، ފާގަތިކަން، މާތްﷲ މިންވަރު ކުރައްވާނެ.

އާދެ، މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކުބާދީ އަދިވެސް އެއްފަހަރު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި، ޗީފް އޮފް ސްޓާފަށާއި، ސިފައިންގެ އޮފިސަރުންނަށާއި، ސިފައިންގެ އެންމެހައި ބޭކަލުންނަށާއި، ބޭކަނބަލުންނަށާއި، ސިފައިންގެ ޢާއިލާތަކަށް ރައްދުކުރަމުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެކަލާނގެ ވާގިފުޅާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ބާއްޖަވެރިކަން ހޯދައިދިނުމަށް ސަރުކާރާއި ރައްޔިތުން މި ކުރަމުންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.