بسـم اللّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السـّلام عليـكم ورحـمـة اللّـه وبـركاتـه،

މިއަދު، ދިވެހިރާއްޖޭގެ ފަޚުރުވެރި އަދި އުފާވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ހަމައެހެންމެ، ބަރަކާތްތެރި ރަބީޢުލްއައްވަލް މަސް، އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ އަހުރަވެތި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް، ހެޔޮއެދުމާއި ތަހާނީ ފޮނުވުމަކީވެސް، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ބަރަކާތްތެރި ރަބީޢުލްއައްވަލް މަހާ ގުޅިފައިވަނީ، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ބަރަކާތްތެރި ރޫޙާނީ މުނާސަބަތު. އެހެންކަމުން، އަޅުގަނޑުމެންގެ ޤައުމީ ދުވަސް މިއަންނަނީ، ޤައުމީ ލޯތްބާއި ދީނީ އެއްބައިވަންތަކަން ގުޅިލާމެހިފައިވާ ރަމްޒެއްގެ ގޮތުގައި.

ދިވެހިރާއްޖޭގެ ޤައުމީ ދުވަސް އެބަޠަލެއްގެ ނަންފުޅަށް ނިސްބަތްވެގެންވާ އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް، އާދެ! އުތީމު މަހާރަދުން ދިވެހި ޤައުމަށްޓަކައި ކުރެއްވި ލާމަސީލު ޖިހާދުގެ ވަސްމީރު ޒިކުރާ އާކުރަމުން، އެމަހާރަދުންގެ ފުރާނަފުޅަށް، މާތްﷲ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާކުރަން.

މިފުރްޞަތުގައި ދިވެހިންގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށް، އަޅުގަނޑުމެންގެ ފަޚުރުވެރި ތާރީޚުގެ އެކި ދުވަސްވަރު ޖިހާދު ކުރައްވައި، ޤައުމަށްޓަކައި ޤުރްބާންވެވަޑައިގެންނެވި، އެހެން ޤައުމީ އަބްޠާލުންގެ މަތިންވެސް ހަނދާންކޮށް، އެއަގުހުރި އަބްޠާލުންނަށް ހެޔޮ ދުޢާކުރުމަކީވެސް، މިއަދު އަޅުގަނޑުމެންގެ މަތިވެރި ވާޖިބެއް.

ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މިއަހަރު ބާއްވަމުން މިދަނީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ކަމަށްވާތީ، ފުނަދޫގެ ލޮބުވެތި ރައްޔިތުންނަށާއި، އަތޮޅުގެ އެންމެހާ ރައްޔިތުންނަށް، ޚާއްޞަ ގޮތެއްގައި ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އަދި މިއިޙްތިފާލަށް ތައްޔާރުވުމަށްޓަކައި، ށ. އަތޮޅުގެ އަތޮޅުވެރިންނާއި، އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި، ފުނަދޫގެ ވެރިންނާއި ރައްޔިތުން ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި، އެހުރިހާ ފަރާތްތަކަކަށް، އަޅުގަނޑު ވަރަށްް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަދި މިއަހަރުގެ ޤައުމީ ދުވަސް ށ. އަތޮޅުގައި ފާހަގަކުރެއްވުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ރަބީޢުލްއައްވަލްމަހުގެ އެއްވަނަ ދުވަހަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެންމެ ބޮޑު ނަޞްރެއް ގެނެސްދިން ދުވަސް. ދިވެހިންގެ އަމިއްލަވަންތަކަމަށާއި އިސްތިޤްލާލަށް އެންމެބޮޑު ކުރިއެރުމެއްވެސް ގެނެސްދިން ދުވަސް.

އެހެންކަމުން، އެއީ، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ބިނާތައް ވަރުގަދަކޮށް، އެބިނާތައް ޙިމާޔަތްކޮށް ހަރުދަނާ ކުރުމުގެ ޢަޒުމް އާކުރުމުގެ ދުވަސްވެސްމެ.

މިއަދު މި މުހިންމު ޤައުމީ މުނާސަބަތު އިޙްތިފާލު ކުރަމުންދާއިރު، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ މައިގަނޑު ދެ ސަބަބަކީ، މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެން ދިވެހިންގެ ޤައުމީ ވަޙުދަތުކަން، އެންމެ ހިނދުކޮޅަކަށްވެސް، ހަނދާންނައްތާލައިގެނެއް ނުވާނެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

އަޅުގަނޑުމެންގެ ޤައުމު މިއަދު މިވަނީ، ވަރަށް މުހިންމު އިޞްލާޙީ ބަދަލުތަކަކާ ކުރިމަތިލާފައި. ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙީ އެޖެންޑާ ހަލުވިކަމާއެކު ކުރިޔަށް ގެންދިޔުމަށްޓަކައި، އެ އެޖެންޑާގެ މުހިންމު ބައިތައް، ސަރުކާރުން ތަންފީޒު ކުރަން ގަސްތުކުރާ ގޮތުގެ މަގުޗާޓު، މީގެ ތިންދުވަސް ކުރިން އަޅުގަނޑު ވާނީ، އިޢުލާނުކޮށްފައި.

އެހެންކަމުން، އެ އިޞްލާޙީ އެޖެންޑާގައިވާ ކަންތައްތައް ޙާޞިލު ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ރައްޔިތުންގެ މަޖިލީހުންނާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުންނާއި، ސަރުކާރުގެ ހުރިހާ އިދާރާތަކަކުންނާއި، ރާއްޖޭގެ އަމިއްލަ ފަރާތްތަކުންނާއި، ޢާންމު ރައްޔިތުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް ދެއްވުން އެދި، މިއަދު އަޅުގަނޑު އިލްތިމާސް ކުރަން.

މިއަދު، ސިޔާސީ މުހިންމު ބަދަލުތަކެއް މުޅި ޤައުމަށް އަންނަމުންދާއިރު، އެކަމުން ރާއްޖޭގެ މިހާރަށާއި ކުރިމަގަށް އަންނާނެ ބަދަލުތަކަށާއި، ކުރާނެ އަސަރުތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ.

މިއިން އެއްވެސް ކަމަކުން، އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތަށް ގުޑުމެއް އެރިޔަދީގެނެއް ނުވާނެ.

އާދެ، މިއަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރު ”އިޙްތިރާމް ކުރާށެވެ. އިޙްތިރާމް ލިބިގަންނާށެވެ.“ މި ޝިޢާރު އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީވެސް، ޢިބުރަތުން ފުރިފައިވާ ފިލާވަޅުތަކެއް.

މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވަނީ، އަޅުގަނޑުމެން އެކަކު އަނެކަކަށް ކަމޭހިތުމަށް. އިޙްތިރާމް ކުރުމަށް. އެކަކު އަނެކެއްގެ އަބުރަށް ރައްކާތެރިވުމަށް. ކޮންމެ މީހަކަށްވެސް، އެމީހެއްގެ ޤަދަރާއި ޢިއްޒަތާއި އަބުރަކީ، ވަރަށް މުހިންމު އެއްޗެއް.

އެހެންކަމުން، އެމީހަކަށް އެހެން މީހުންގެ ލޯތްބާއި އިޙްތިރާމް ލިބޭނީ، އަދި އެމީހަކަށް އެހެން މީހުން ޤަދަރުކުރާނީ، އެމީހަކުވެސް އެހެން މީހުންނަށް އިޙްތިރާމްކޮށް ކަމޭހިތާ މިންވަރަކުންކަން ކަށަވަރު.

ރީތި އަޚްލާޤީ ސިފަތަކާއި، ހަރުދަނާ އުޞޫލުތައް ކުރިއަށް ނެރުމަކީ، ޤައުމެއް ކުރިޔަށް ދިޔުމުގެ އެންމެ މުހިންމު އެއް ސަބަބު.

ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، މުޖްތަމަޢުގެ އެއްބަޔަކާ އަނެއް ބަޔަކާ ދޭތެރޭގައި ހިނގާ މުޢާމަލާތުތަކުގައިވެސް، އަޅުގަނޑުމެންނަށް ފެންނަންވާނީ، ހަރުދަނާ ރީތި ގޮތްތަކެއް.

މިދެންނެވި ރީތި އަޚްލާޤީ ސިފަތައް ފެށިގެން އަންނަންވާނީ، ދަރިން ތަރުބިޔަތު ކުރުމުގެ ހިސާބުން ކަމަށްވާތީ، މިފަދަ ރީތި އާދަތައް، މައިންބަފައިން ދަރިންނަށް އުނގަންނައިދެއްވުމަކީ، ވަރަށް މުހިންމު ކަމެއް.

އެހެންކަމުން، ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ކުދިން ބޮޑެތި ކުރައްވައި، އިޙްތިރާމް ކުރުމާއި އިޙްތިރާމް ލިބިގަތުމުގެ ރީތި ހަމަތައް އެކުދިންނަށް ދަސްކޮށްދެއްވުމަށް، ރާއްޖޭގެ ކޮންމެ މަންމައަކަށާއި ބައްޕައަކަށް، އަދި ކޮންމެ މުދައްރިސަކަށާއި، ކޮންމެ މުރައްބީއަކަށް، މިއަދު އަޅުގަނޑު އިލްތިމާސް ކުރަން.

އަދި މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ވެރިންނާއި ހިންގުންތެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށްވެސް އަޅުގަނޑު ގޮވާލަން.

މިފަދަ ކޮންމެ މުނާސަބަތެއްގައިވެސް، ދިވެހި ދަރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމިއްޔަތުގެ ރޫޙު އިތުރަށް ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަކީވެސް، އަންނަން އޮތް ޖީލުގެ ހެވާއި ލާބައަށްޓަކައި އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޤައުމިއްޔަތަކީ، އިސްލާމީ ނޫރުން އަބަދުމެ އުޖާލާވެފައިވާ ޤައުމިއްޔަތެއް ކަމުގައި މާތްﷲ ލެއްވުން!

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމުގެ ޤާބިލުކަމާއި، ކެރުމާއި ހެޔޮވިސްނުން، އަބަދުވެސް ދިވެހިންނަށް، މާތްﷲ މިންވަރު ކުރެއްވުން!

والسـّلام عليـكم ورحمـة اللّـه وبـركاتـه.