بسـم اللّه الرّحـمٰـن الـرّحيـم

މިއަދަކީ، ރާއްޖޭގެ އެކިކަންކަމަށް، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑު ގެންނަމުން މިގެންދާ އިޞްލާޙީ ބަދަލުތަކުގެ ތެރެއިން އަނެއްކާވެސް ވަރަށް މުހިންމު ފިޔަވަޅެއް އަޅާ ދުވަހެއް.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުގެ އިޞްލާޙީ އެޖެންޑާގެ ދަށުން ވަރަށްގިނަ އިޞްލާޙީ ފިޔަވަޅުތައް މިވަނީ އަޅާފައި. އެފިޔަވަޅުތަކުގެ ސަބަބުން، ޤައުމުގެ އެކިކަންކަމަށް އެދެވޭ ހެޔޮ ބަދަލުތަކެއް، މިދަނީ އަންނަމުން.

މިފަދަ ބޮޑު މަސައްކަތެއްގައި ހިމެނޭ ތަފާތު ބައިތަކާއި، ގިނަގުނަ ފިޔަވަޅުތައް ރަނގަޅަށް އިންތިޒާމު ކުރެވިގެން، ހާމަކަންބޮޑު ގޮތެއްގައި ކުރިޔަށް ގެންދިޔުމަކީ، އެމަސައްކަތް ހަލުވިކުރުމަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާނެ. މިގޮތުން ތައްޔާރުކުރެވޭ މަގުޗާޓެއް، މި މާޗް މަސް ނިމުމުގެ ކުރިން، އިޢުލާނުކުރާނެ ކަމަށް، މި އަހަރުގެ ރިޔާސީބަޔާނުގައި އަޅުގަނޑު ވާނީ ދަންނަވާފައި.

އަޅުގަނޑު މިއަދު ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މި ބައްދަލުކޮށްލީ، މިދެންނެވި މަގުޗާޓު އިޢުލާނު ކުރުމަށްޓަކައި.

މި މަގުޗާޓުގައި ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ހިމެނޭ ކަންކަން ވާނީ ބަޔާންކުރެވިފައި. އޭގެތެރޭގައި:

- ދިވެހި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުން.
- ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި އާލާކުރުން.
- ޝަރުޢީ ނިޒާމު ހަރުދަނާ ކުރުން.
- ސިޔާސީ ޕާޓީގެ ނިޒާމު ހަރުދަނާ ކުރުން.
- ސިވިލް ސަރވިސް ހަރުދަނާ ކުރުން.
- އިންތިޚާބީ ނިޒާމު ހަރުދަނާކުރުން.
- ޚަބަރުފަތުރާ ވަސީލަތްތަކުގެ ދައުރު ހަރުދަނާކުރުން، އަދި
- ބައެއް އިދާރާތައް މުސްތަޤިއްލުކޮށް ހަރުދަނާކުރުން،
މިކަންކަން ހިމެނޭ.

މިއިން ކޮންމެ ކަމެއްގައިވެސް މިހާރުގެ ޙާލަތާއި، އެކަންކަމުގެ އަމާޒާއި، އެކަންކަން ނިންމުމަށް ބޭނުންވާ ތާރީޚުތަކާއި، އެކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާނޭ އިދާރާތައް، މި މަގުޗާޓުގައި ބަޔާންކޮށްފައިވާނެ.

މަގުޗާޓަށް ޢަމަލުކުރުމަށް ގަސްދުކޮށްފައިވަނީ، ތިން ފިޔަވައްސަކަށް ބަހާލައިގެން. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތާއި، އޭގެ ބޭރުން ކުރެވެން ހުރި އެކިކަންކަން. ދެވަނަ ފިޔަވައްސަކީ، ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުން. ތިންވަނަ ފިޔަވައްސަކީ، ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް. އޭގެތެރޭގައި، މުއައްސަސާތައް ޤާއިމުކުރުމާއި، ޤާބިލުކަން އުފެއްދުމާއި، އަމިއްލަ ޖަމާޢަތްތަކުގެ ދައުރު އާލާކުރުން ހިމެނޭ.

ދެން އަޅުގަނޑު މި ބަލައިލަނީ، ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި އެޅުމަށް ގަސްދުކުރާ ފިޔަވަޅުތަކުގެ މައްޗަށް.

މިގޮތުން، ދިވެހި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކަކީ، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، އެ އިޞްލާޙުތަކާ ގުޅޭގޮތުން ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، އުފައްދަންޖެހޭ މުއައްސަސާތައް އުފެއްދުމާއި، ހަރުދަނާކުރަންޖެހޭ އިދާރާތައް ހަރުދަނާކުރުން.

ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި، އާލާކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު ހަރުދަނާ ކުރުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބައިވެރިވުން ހިމެނޭ. އަދި މިޒަމާނަށް ފެތޭ ޖިނާއީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމާއި، ރާއްޖޭގައި މީހުން އެއްވެ އުޅުމުގެ މިނިވަންކަން ހަރުދަނާކުރުން ހިމެނޭ.

ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ޝަރުޢީ ނިޒާމުގެ މުސްތަޤިއްލުކަން އިތުރުކުރުމާއި، ސުޕްރީމް ކޯޓެއް އުފެއްދުމާއި، ޝަރުޢީ ކޯޓުތަކުގެ މިނިވަންކަން ހަރުދަނާކޮށް، ތަރުތީބު ކަނޑައަޅައިދޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކޮށް، ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ޤާނޫނީ ޙައިސިއްޔަތު ހަރުދަނކުރުން ހިމެނޭ.

ސިޔާސީ ޕާޓީގެ ނިޒާމު ހަރުދަނާ ކުރުމަށް، ކުރެވޭ މަސައްކަތްތަކުގެ ތެރޭގައ،ި ސިޔާސީ ޕާޓީގެ ޤާނޫނު އެކުލަވައިލުން ހިމެނޭ.

ސިވިލް ސަރވިސް ހަރުދަނާކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ސިވިލް ސަރވިސް މިނިވަންކުރުމާއި، ސިވިލް ސަރވިސް ކޮމިޝަނެއް އުފެއްދުން ހިމެނޭ.

އިންތިޚާބީ ނިޒާމު ހަރުދަނާކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އާ ޤާނޫނުއަސާސީގެ ދަށުން ކަނޑައެޅޭ އިންތިޚާބީ ނިޒާމެއް ތަޢާރުފު ކުރުމަށްޓަކައި، އިންތިޚާބީ ކޮމިޝަނެއް އުފެއްދުމާއި، އިންތިޚާބީ ދާއިރާތައް ކަނޑައެޅުން ހިމެނޭ.

ޚަބަރުފަތުރާ ވަސީލަތްތަކުގެ ދައުރު ހަރުދަނކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ނޫސްވެރިކަމުގެ މިނިވަންކަން އެކަށައަޅައިދޭ ޤާނޫނުތައް ތަޢާރުފު ކުރުމާއި، މިނިވަން މީޑިއާ ކައުންސިލެއް އުފެއްދުން ހިމެނޭ. އަދި އަބުރާ ބެހުމުގެ ޤާނޫނެއް އެކުލަވައިލުމާއި، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ހަރުދަނާކޮށް، އަމިއްލަ ފަރާތްތަކަށް ފުރްޞަތު ދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުން ހިމެނޭ.

ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް އެކުލަވައިލާފައި މިވާ މަގުޗާޓުގައި، ބައެއް އިދާރާތައް މުސްތަޤިއްލުކޮށް، ހަރުދަނާކުރުންވެސް ވަނީ ހިމެނިފައި. އޭގެތެރޭގައި، އެންޓި-ކޮރަޕްޝަން ބޯޑު ހަރުދަނާކުރުމާއި، އޮޑިޓަރ ޖެނެރަލްގެ ދައުރު ހަރުދަނކުރުމާއި، ފުލުހުންނާމެދު އުފުލޭ ޝަކުވާތަކުގެ ކޮމިޝަނެއް ޤާއިމުކުރުމާއި، ޢާންމު ޝަކުވާތަކުގެ ކޮމިޝަނަރ (އޮމްބުޑްޒްމަން) ތަޢާރުފުކުރުން ހިމެނޭ.

މިފަދަ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނައިރު، ކަމާބެހޭ ފަރާތްތައް، އެކަންކަމަށް ތަމްރީނު ކުރުމާއި، އަހުލުވެރި ކުރުވުމާއި، ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ، ރާއްޖޭގައި ހަމަޖެހޭ ޞުލްޙަވެރި ޑިމޮކްރަސީއެއް ޤާއިމުވެފައި އޮތުމަށް ބޭނުންވާ ވަރަށް މުހިންމު ކަންތައްތަކެއް ކަމަށްވާތީ، މިކަންކަމަށް މި މަގުޗާޓުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ދީފައިވާނެ.

މިއަދު، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑު މި އިޢުލާނުކުރާ މަގުޗާޓުގައިވާ ކަންތައްތައް، އޭގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ކާމިޔާބުކަމާއެކު ފުރިހަމަކުރެވޭނީ، ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް، މިކަމުގައި ސަރުކާރަށް ތާއީދުކޮށްދެއްވައި އެއްބާރުލައްވައިދެއްވައިގެން. އެހެންކަމާއެކު، މި މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމުގައި، ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި، ސަރުކާރުގެ ހުރިހާ އިދާރާތަކަކާއި، އަދި ރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެދި، އަޅުގަނޑު އިލްތިމާސް ކުރަން.

މިއަދު އަޅުގަނޑު މި އިޢުލާނުކުރި އިޞްލާޙީ ޕްރޮގްރާމްގެ މަގުޗާޓު އެކުލަވައިލުމުގައި، ވަރަށްގިނަ ބޭފުޅުންގެ އަގުހުރި ޚިޔާލާއި މަޝްވަރާއާއި، އިޚްލާޞްތެރި އެހީތެރިކަމާއި އެއްބާރުލެއްވުން އަޅުގަނޑަށް ވަނީ ލިބިފައި.

އެހެންކަމުން، މި މަގުޗާޓު އެކުލަވައިލުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި، އަރަހުށި ހުސް ޠާހިރުވަންތަ މާތް ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުމަށްފަހު، މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
_______________________

ބަސްދީގަތުން


ސުވާލު (އަލްފާޟިލް ޙުސައިން ފިޔާޒު މޫސާ – ދުވަހުނޫސް "ހަވީރު"):

އަޅުގަނޑުމެންނަށް މި ފުރުޞަތު ލިބުނީތީ، މަނިކުފާނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރޯޑްމެޕްގެ މުއްދަތަކީ ކޮބައިތޯ އަދި އޭގެ ފުރަތަމަ މަރުޙަލާ ކިހާ މުއްދަތެއްގެ ތެރޭގައި ނިންމޭނެ ކަމަށްތޯ ކަނޑައަޅުއްވާފައިވަނީ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

ކުރިންވެސް ދެންނެވި ފަދައިން، މި މަގުޗާޓުގައި މަސައްކަތްތައް ތިން ފިޔަވައްސަކަށް ބަހާލާފައިވާނެ. އަދި ކޮންމެ ފިޔަވައްސެއްގައި ހިމެނޭ ތަފާތު ބައިތައް މީގައި ބަޔާންކޮށްފައިވާނެ. އަދި ކޮންމެ ކަމެއް ނިންމަން ސަރުކާރުން ބޭނުންވާ ތާރީޚުވެސް އޮންނާނީ ދީފައި. އެހެންވީމާ، އެ ތާރީޚަށް އެކަން ނިންމޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާނެ.

މިހެން ދަންނަވާއިރު، މި ބަޔާނުގައި އަޅުގަނޑު ދެންނެވި ފަދައިން، މި ކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ އިޚްލާޞްތެރި އެއްބާރުލެއްވުމާއި، އެހީތެރިކަން ސަރުކާރަށް ބޭނުންވާނެ. އެ ހުރިހާ ފަރާތަކުން އެ އެހީތެރިކަން ލިބިއްޖިއްޔާ، އަޅުގަނޑު މި ހުށައަޅާފައިވާ މުއްދަތުތަކަށް މިކަން އިރާދަކުރެއްވިއްޔާ ނިންމޭނެ.

ސުވާލު (އަލްފާޟިލާ މޫނިސާ ޢީސާ – ދުވަހުނޫސް "އާފަތިސް"):

މިހާރު ދެންމެ ރައީސުލްޖުމްހޫރިއްޔާ ތިޔަ އިޢުލާނު ކުރެއްވި މަގުޗާޓުގައި އެންމެ އިސްކަމެއްކަމަށް ހާމަކުރައްވާފައި މިއޮތީ، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް. މަޖިލީހުގެ މަސައްކަތް މިހާރު ދާގޮތުން އަޅުގަނޑުމެންނަކަށެއްނޭނގެ، ކިހާ ހިސާބެއްގައި ކަމެއް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ނިމިގެންދާނީކީ. އެހެންވީމާ، މި މަގުޗާޓުގައި ހުރި އެހެން ކަންތައްތައް ހަމަ މަޑުޖައްސާލައްވާނީތޯ، އެ ޤާނޫނުއަސާސީ އިޞްލާޙުވަންދެން. ކިހިނެއްތޯ އެކަން ކުރިޔަށް ގެންދަވާނީ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ، ވަރަށް މުހިންމު މަސައްކަތެއް. އެހެންނަމަވެސް، އެއީ އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙީ އެޖެންޑާގެ އެއްބައި. ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ކުރިންވެސް، ވަރަށްގިނަ އިޞްލާޙުތަކެއް މިހާރު މިދަނީ ގެންނަމުން، ރާއްޖޭގެ އެކިއެކި ނިޒާމުތަކަށް. އެހެންވީމާ، ޤާނޫނުއަސާސީ އިޞްލާޙުވަމުންދާއިރުވެސް، އެހެން ދާއިރާތަކަށް މީގައި ބަޔާންކޮށްފައިވާ ތާރީޚުތަކަށް އިރާދަކުރެއްވިއްޔާ، އެ އިޞްލާޙުތައް އަންނަމުންދާނެ.

ދެން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ކަންތައްވެސް ސަރުކާރުން މިހާރު ގަސްތުކުރާ ތާރީޚުތަކެއް މި މަގުޗާޓުގައި ކަނޑައަޅާފައިވާނެ. އެކަމުގައިވެސް ބޭނުންވަނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެއްބާރުލެއްވުން. އެކަމަށް އެދި އަޅުގަނޑު އިލްތިމާސްކޮށް، މަޖިލީހަށް ސިޓީއެއް އެބަ ފޮނުވަން.

ސުވާލު (އަލްފާޟިލް އިބްރާހީމް ޒަކީ – ދުވަހުނޫސް "މިއަދު"):

އަޅުގަނޑު އޮޅުންފިލުވައިލަން ބޭނުން، މި މަގުޗާޓު ފިޔަވަހިތަކަކަށް ބައްސަވައިލައްވާފައި އޮންނައިރު، އިސްކަންދެއްވާފައި ވަކި އުސޫލެއް އޮވޭތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

މި ހުރިހާ ފިޔަވަހި ހިނގަމުންދާނީ އެކުއެކީގައި އެކި ކަންތައްތައް. މި ދެންނެވީ، މި މަގުޗާޓުގައި ހިމެނެނީ، ވަރަށްބޮޑެތި، ގިނަ މަސައްކަތްތަކެއް. ތަފާތު ދާއިރާތަކަކުން ކުރައްވާ މަސައްކަތްތަކެއް. އެ މަސައްކަތްތައް މި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހަމަ އެއްވަގުތެއްގައި ކުރެވެމުންދާނެ. ތާރީޚުތަކުގައި. އެހެންވީމަކާ، ވަކި ތަފާތެއް ނުހުންނާނެ ވަކިކަމަކަށް އިސްކަންދިނުމެއް.

ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވާއިރު، އިޞްލާޙުވެ ނިމުމުގެ ކުރިންވެސް ކުރެވެންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، އަޅުގަނޑުމެން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤާނޫނުތަކެއް އެބަހުރި. އެ ޤާނޫނުތައް ފާސްކުރުން އަދި އިތުރަށް ޤާނޫނުތައް އެކުލަވައިލުމާއި ފާސްކުރުމާ، މިކަންކަންވެސް ހަމަ ޤާނޫނުއަސާސީ އިޞްލާޙުވަމުންދާއިރު ކުރެވެމުންދާނެ.

ސުވާލު (އަލްފާޟިލް މިދްޙަތު އާދަމް – ދުވަހުނޫސް "މިއަދު"):

މަނިކުފާނުގެ އިޞްލާޙީ އެޖެންޑާގައި ތިން ފިޔަވައްސަކަށް ބައްސަވައިލައްވައިގެން، ތިޔަ ވިދަޅުވިހެން މިއޮތީ އިޞްލާޙުތައް ގެންނަވަން. އަޅުގަނޑުގެ ހިތަށްއަރަނީ ކިހާ މުއްދަތެއް ނަގާނެތޯއޭ. އެބައޮތްތޯ ހަމަ ކަނޑައެޅިގެން ވަކި މުއްދަތެއް މިކަމަކަށް ކަނޑައަޅުއްވާފައި؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

އާދެ، މި މަގުޗާޓުގައި ހަމަ ކޮންމެ ކަމަކަށްވެސް އޮންނާނެ މުއްދަތެއް ކަނޑައަޅާފައި. އެކި އަހަރުގެ، އެކި މަހުގެ ނިޔަލަށް ނަމަވެސް ހުންނާނެ. އެ އަތްޕުޅަށް އެރީމާ އެނގިވަޑައިގަންނަވާނެ، ކޮންމެ ކަމަކަށްވެސް އޮތް މުއްދަތު. މިސާލަކަށް، ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިމޭނެ މުއްދަތެއްވެސް އޮންނާނެ ކަނޑައަޅާފައި. ސަރުކާރުން މަސައްކަތްކުރަނީ، އެ މުއްދަތަށް ނިންމޭތޯ. ހަމައެހެންމެ، މީގައިހުރި އެހެން ކަންތައްތައްވެސް، ކޮންމެ ކަމަކަށް އެކަމަށް ސަރުކާރުން ގަސްތުކުރާ ތާރީޚަކާއި، މުއްދަތެއް މީގައި ދީފައި އޮންނާނެ.

ސުވާލު (އަލްފާޟިލް ބަދީޢުﷲ އަބޫބަކުރު – ދިވެހިރާއްޖޭގެ އަޑު):

މިހާރު ރޭވިފައިވާގޮތަށް މި މަގުޗާޓުގެ ކަންތައް ކުރިޔަށް ހިނގައްޖެނަމަ، ކޮން ތާރީޚެއްގައިތޯ ބެލެވެނީ ހުރިހާ ސަޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިޚާބެއް ބޭއްވޭނެކަމަށް؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

އިންތިޚާބު ބޭއްވޭނެ ތާރީޚެއްކަމަށް މި މަގުޗާޓުގައި އޮންނާނީ، 2008 ވަނަ އަހަރުގެ ޖުލައިމަހާއި އޮކްޓޫބަރުމަހާ ދޭތެރޭގައި. އެއީ، މީގައި ބުނާ އެހެން ހުރިހާ ކަމެއް ހަމަޖެހިގެން، ޤާނޫނުއަސާސީ އިޞްލާޙުވެގެން އަދި ޤާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ އިންތިޚާބީ ޤާނޫނުތައް ހެދި، އިންތިޚާބީ ކޮމިޝަނެއް އުފެދި، ދާއިރާތައް ކަނޑައެޅި، މި ހުރިހާ ކަންތައްތަކެއްވެ ނިމިގެން، އިންތިޚާބެއް ބޭއްވޭނެ ކަމަށް މީގައި ބުނެފައިވާނީ، 2008 ވަނަ އަހަރުގެ ޖުލައި މަހާއި އޮކްޓޫބަރުމަހާ ދޭތެރޭގައި.

ސުވާލު (އަލްފާޟިލް ޢަބުދުއްލަޠީފު އަޙްމަދު – ޓީ.ވީ. މޯލްޑިވްސް):

މަނިކުފާނު ތިޔަ ހުށަހެޅުއްވި މަގުޗާޓުގެ ކަންތައްތައް ހާސިލުވުމުން، ދެން ރާއްޖޭގައި އޮންނާނޭކަމަށް ދެކެވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

ތިޔަ ކުރެއްވި ސުވާލުގެ ޖަވާބު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ލިބޭނީ ޤާނޫނުއަސާސީ އިޞްލާޙުވީމާހެން.

އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުގެ އިޞްލާޙީ އެޖެންޑާގައި، އަޅުގަނޑު ހުށަހަޅާފައި އޮންނާނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމަށް. އެހެންނަމަވެސް، އެއީ އަޅުގަނޑުގެ ޚިޔާލު. މިކަން މިހާރުވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހެޅިފައި. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ޤާނޫނުއަސާސީއާ ބެހޭ އާންމު އުސޫލުތަކާއި، އާންމު ސިފަތަކުގެ ބަހުސް މިހާރު ހިނގަމުން އެދަނީ. އެ ބަހުސްގެ ތެރޭގައި އަންނާނެ، ރާއްޖޭގައި އޮންނާނީ ކުރިޔަށްއޮތްތާނގައި ޕްރެޒިޑެންޝަލް ނުވަތަ ރިޔާސީ ނިޒާމެއްތޯ ނުވަތަ ޕާލެމެންޓަރީ (ބަރުލަމާނީ) ނިޒާމެއްތޯ. މިކަން ނިންމަވާނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން.

ސުވާލު (އަލްފާޟިލް އަޙްމަދު ޢަބްދުﷲ – ދުވަހުނޫސް "ހަވީރު"):

އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުން މިހާރު އެކުލަވައިލާފައި މިވާ މަގުޗާޓު ނުވަތަ އޭގެ ޑެޑްލައިނަށް ވާސިލުވުމުގައި ކިހާވަރެއްގެ ޔަގީންކަން އެބައޮތްތޯއޭ އަދި މި މަގުޗާޓު ހާސިލުކުރުމުގައި މަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ދިމާވާނެ އެންމެބޮޑު ގޮންޖެހުމަކީ ކޮބައިތޯއޭ. އަދި އެކަން ހައްލުކުރުމަށް ވިސްނަވާފައި އޮތީ ކޮން ގޮތަކަށްތޯއޭ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

ކުރިންވެސް ދަންނަވާލިހެން، މަގުޗާޓުގައިވާ ބައިތައް ފުރިހަމަކޮށް ކާމިޔާބުކަމާއެކު، ކަނޑައަޅާފައިވާ މުއްދަތުތަކުގައި ނިންމައިލެވޭނީ، ހުރިހާ ފަރާތެއްގެ އެހީތެރިކަމާއި، އެއްބާރުލެއްވުން ލިބިގެން. އޭގެތެރޭގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ ތަފާތު އިދާރާތަކާއި އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައްވެސް ހިމެނޭ. މި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިއްޖިއްޔާ، މީގައި މިއޮތް މުއްދަތުތަކަށް ނިންމުމަކީ، އެއްވެސް ދަތިކަމަކަށް ނުވާނެ.

ސަރުކާރުން އަބަދުވެސް އެދެނީ، ވީހާވެސް ރަނގަޅަކަށް ކަންތައްތައް ގެންދަން. ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން، މަޝްވަރާކޮށްގެން ކަންތައްތައް ނިންމަން ބޭނުންވަނީ. އެގޮތުން އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މިދިޔަ އަހަރުވެސް ހުށަހަޅާފައިވާނެ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް. އެ ދަޢުވަތު އަޅުގަނޑު ވާނީ މިދިޔަ އަހަރުގެ ނޮވެންބަރުމަހު ހުރިހާ ޕާޓީތަކަށް ދީފައި. އެހެންނަމަވެސް، ބައެއް ޕާޓީތަކުން އެކަމަށް މާބޮޑު އިސްކަމެއް ނުދެއްވާތީ، އަދި މިއޮތީ އެކަން ނުކުރެވި.

މިއީ އަޅުގަނޑު ދެކޭގޮތުގައި އަލުން އެކަން ފެށުމަށް އޮތް މަރުޙަލާއެއް. ސަރުކާރުން އަބަދުވެސް އޮންނާނީ، ހުރިހާ އެންމެންނާ މަޝްވަރާކޮށްގެން ކުރިޔަށްގެންދަން ތައްޔާރަށް. އެހެން ޕާޓީތަކާ މަޝްވަރާކުރަންވެސް ސަރުކާރުން އޮންނާނީ އަބަދުވެސް ތައްޔާރަށް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، ޤައުމީ މަޞްލަޙަތު ކުރިޔަށް ނެރެގެން، ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަމުންދަނީ ކަމަށްވަންޏާ، ރާއްޖޭގައި ޒަމާނީ ޑިމޮކްރެސީއެއް ޤާއިމުކުރުމަށް އެޅެންވީ އެއްވެސް ހުރަހެއް ނެތް. އެ ކަންތައްތައް ނައްތާލައި، އަޅުގަނޑުމެން ބޭނުންވާ މަންޒިލް މަޤްޞޫދަށް އިރާދަކުރެއްވިއްޔާ ދިޔުމަކީ ހަމަ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް.

ސުވާލު (އަލްފާޟިލާ މޫނިސާ ޢީސާ – ދުވަހުނޫސް "އާފަތިސް"):

މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، މިދިޔަ އަހަރު މަނިކުފާނު ދެއްވި ދަޢުވަތު، ބައެއް ޕާޓީތަކުން ގަބޫލުނުކުރެއްވި ވާހަކަ. އަނެއްކާ މި މަގުޗާޓުގެ ސަބަބުން އެކަމަށް މަގުފަހިވާނެކަމަށް. އޭގެ މާނައަކީ މި މަގުޗާޓު އިޢުލާނު ކުރެއްވީމާ، އަނެއްކާ ސިޔާސީ ޕާޓީތަކާ އެއްކޮށް ބައްދަލުކުރުން ބޭއްވުމަށް މަނިކުފާނު ދަޢުވަތު ދެއްވާ ވާހަކަތޯ؟ ތަންކޮޅެއް ތަފްޞީލުކޮށް ވިދާޅުވެދެއްވަފާނުތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

އަޅުގަނޑު މިހާރުވެސް މިއޮތީ ދަޢުވަތު ދީފައި. އެ ދަޢުވަތު އަނބުރައެއް ނުގެންނަން. އެހެންވީމާ، މިއަދުވެސް ސަރުކާރުން މިއޮތީ ހުރިހާ ފާޓީތަކާއެކީގައި މަޝްވަރާކުރަން ތައްޔާރަށް އަދި މި މަގުޗާޓު އިޢުލާނުކުރިޔަސް، ނުކުރިޔަސް. އެހެންވީމާ، އެކަމަކަށް ބަދަލެއްނާދޭ.

ސުވާލު (އަލްފާޟިލް ޙުސައިން ފިޔާޒު މޫސާ – ދުވަހުނޫސް "ހަވީރު"):

މި އަހަރުގެ ރިޔާސީބަޔާނުގައިވެސް، މަނިކުފާނު ސިޔަސީ ޕާޓީތަކަށް ދެއްވާފައި އޮތް ދަޢުވަތު އެ ހިސާބަށްވެސް ގިނަ ޕާޓީތަކަކުން އިޖާބަ ނުލިބޭ ވާހަކަ ވިދާޅުވެފައިވޭ. އެޔާއެކުގައި ސަރުކާރުގެ ޚިޔާލުތަކާއެކުގައި އިޞްލާޙީ އެޖެންޑާ އެކުލަވާލައި އިޢުލާނުކުރި، ސިޔާސީ ހުރިހާ ޕާޓީތަކެއްގެ ޚިޔާލު ނުހިމަނުއްވާ. އަޅުގަނޑުގެ އުފެދޭ ސުވާލަކީ، އިޞްލާޙީ އެޖެންޑާގެ މި މަގުޗާޓު ކުރިޔަށް ގެންދިޔުމުގައި، އެ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބިއްޖިއްޔާ، ކިހިނެއްތޯއޭ ރާއްވަވާފައި އޮތީ. ސަރުކާރުން އެ މަސައްކަތް ޑެޑްލައިންތަކަށް ނިންމަވަންތޯ ޚިޔާލުފުޅު ކުރައްވާފައި އޮތީ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

އާދެ، މަގުޗާޓު އިޢުލާނުކުރުމުގެ ބޭނުމަކީ، އެ އިޢުލާނުކުރާ ބަޔަކު ގަސްތުކުރާ ތާރީޚުތަކަކަށް ކަންތައް ގެންދިޔުމުގެ މަސައްކަތްކުރުން. އެހެންވީމާ، މީގައި މިއޮތް ތާރީޚުތަކަށް ކަންތައް ގެންދިޔުމުގައި އެންމެ ފަސޭހަކަމާއި ކާމިޔާބުކަމާއެކީގައި ކުރިޔަށްގެންދެވޭނީ، ހުރިހާ ފަރާތެއްގެވެސް އެއްބާރުލުން ލިބިގެން. އެހެން ފަރާތްތަކެއްގެ އެއްބާރުލުން ނުލިބުނިއްޔާ، މަޖިލީހުގައިވެސް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތިއްބެވުމާއެކީގައި ސަރުކާރު ނުވަތަ އަޅުގަނޑު އުފައްދާފައިވާ ޕާޓީގެ މެންބަރުން އަޣްލަބިއްޔަތުގެ ގޮތުގައި ތިއްބެވީމާ، އެކަމަށް އަޅުގަނޑު ހިތުން މަގުފަހިވެގެންދާނެ. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވަނީ، ހުރިހާ ޕާޓީތަކެއްގެވެސް އެއްބާރުލެއްވުމާއެކީގައި ކުރިޔަށްގެންދަން.

ސުވާލު (އަލްފާޟިލް އަޙްމަދު ޢަބްދުﷲ – ދުވަހުނޫސް "ހަވީރު"):

މަގުޗާޓު މިހާރު ރާވާފައި އޮތްގޮތަށް ރާއްޖޭގެ ސިޔާސީ މަސްރަޙާއި އަދި އިޖްތިމާޢީ މަސްރަޙަށް އަންނަ ބަދަލެއްގެ ސަބަބުން މަގުޗާޓުގެ ތާރީޚުތަކަށް ބަދަލެއް އައިސްފާނެތޯ ނުވަތަ އެހެން ވެދާނެކަމަށް ގަބޫލުފުޅުކުރައްވަމުތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ):

ތާރީޚުތަކަށް ބަދަލެއް އައުން އަޅުގަނޑު އެދެނީ، ކުރިއަށް ޖެހިލުން ކަންތައްތައް. މިހާރު މިއޮތް ވަރަށްވުރެ ފަހަތަށް ދިޔުމެއްނޫން. މިސާލަކަށް، 2007 ވަނަ އަހަރުގެ ނިޔަލަށް މީގައި ބުނެފައި އޮތް ކަމެއް، 2007 ވަނަ އަހަރުގެ މެދުތެރޭގައި ނިމުނިއްޔާ އަދި މާރަނގަޅު. އެހެންވީމާ، އެގޮތަށް ބަދަލެއް އަތުވެދާނެ ކަމަށްވަންޏާ، ވަރަށް ރަނގަޅު. އެކަމަކު ފަހަތަށް ޖެހިގެންދިޔުން، މިހާރު 2007 ގައި ނިމެން އޮތް ކަމެއް، 2008 އަށް ދިޔުން އެއީ އަޅުގަނޑު އެދޭ ގޮތެއްނޫން.

ރައީސުލްޖުމްހޫރިއްޔާ:

އާދެ، ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

والســّلام عليــكم.