ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މުލިއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ހާދިސާއާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރައްވާާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުންވެސް އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.