بســم اللّـه الرّحمـن الرّحيــم

އެންމެހައި ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުއްމަތުގެ ކައު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ، ދައުލަތުގެ އިސްވެރިން، އެން.ޖީ.އޯސްތަކުން ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި "ލާމަސީލު ޒުވާނާ" މި ކޭމްޕްގައި ބައިވެރިވާ އުންމީދީ ޒުވާނުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ ކޭމްޕެއް ކުރިއަށް ގެންދަވާތީ، އެ ކަންތައްތައް އިންތިޒާމުކުރާ އެންމެހައި ފަރާތްތަކަށް، އާދެ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އަދި މިނިސްޓްރީ އޮފް ޔޫތުގެ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ، ޒުވާނުން ބިނާކުރުން. އާދެ، މިއަދު ޒުވާނުން ވިސްނާލަންވީ ދުނިޔޭގެ ޤައުމުތަކުގައި، އާދެ، ކުރިއަރާފައިވާ ޤައުމުތައް، ކުރިއަރައިގެން ގޮސްފައިވަނީ ކީއްވެގެންތޯ. އާދެ، އެއްވެސް ޝައްކެއްނެތް، ވަރަށް ބުރަ، ވަރަށްގިނަ، ވަރަށް އެކުއެކީގައި ކުރެވުނު މަސައްކަތަކުން މިފަދަ ޤައުމުތައް ކާމިޔާބު ހޯދާފައިވަނީ. އާދެ، މިއިން އެއްވެސް ޤައުމެއް، ޒުވާނުންގެ މަސައްކަތާ ނުލައި، ރަނގަޅު ޖީލަކާ ނުލައި ކުރިއަރާފައެއް ނެތް.

މިއަދު ޒުވާނުން ވިސްނަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެން އަބަދުވެސް އެބަ އެދެމު، އަޅުގަނޑުމެންގެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް، އާދެ، މައިންބަފައިންނާއި އަދި ޤައުމު ހިންގަވަން ތިއްބެވި އެންމެހައި ފަރާތްތަކާ އަބަދުވެސް މި އެދެނީ، އަމާންކަމާއި ޤައުމުގެ ހަމަޖެހުމަށް. އާދެ، މި ކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ، ނަމޫނާ، ލާމަސީލު ކަންތައްތަކެއް ޒުވާނުންނަށް ދެއްކިގެން.

ޙަޤީޤަތަކީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ކުޑަ ޤައުމެއްގައި، އަޅުގަނޑުމެން ބޭނުންނުވާ އެތައް ކަމެއް ހިނގަމުން އެބަދޭ. އަޅުގަނޑުމެން މިއަދު މިފަދަ ޙަޤީޤަތްތައް ގަބޫލުކޮށް، މި ކަންތައްތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހެނީ، ވަރަށް ކެރިގެން، ވަރަށް ޢަޒުމާއެކު. އަޅުގަނޑުމެން ބޭނުންވޭ، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމަށްވާން.

އާދެ، ދެންމެވެސް، އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ފާހަގަކުރެއްވި ގޮތަށް، އެ ކަންތައް ކުރެވެން އޮތީ ހަމަ އަޅުގަނޑުމެންގެ، އަޅުގަނޑުމެން ހުރިހާ އެންމެންގެ ވަކިން ޚާއްޞަކޮށް، ތިޔަ ޒުވާނުންގެ މަސައްކަތުން.

އާދެ، ޒުވާނުން މިއަދު ގަބޫލުކުރަންވީ ކުރެވޭނެކަން. ޒުވާނުންނަށް ކަންތައްތައް ކުރެވޭނެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް، އަޅުގަނޑުމެން އެ ކޮންފިޑެންސް، އަޅުގަނޑުމެން އެ ޔަގީންކަން، އެ އިތުބާރު ބާއްވަން އެބަޖެހޭ. ކޮންމެ މީހަކީވެސް ވިސްނޭ، މޮޅު މީހަކަށް ވެވިދާނެ މީހެއް. އެހެންނަމަވެސް، އެކަމަށް ބޭނުންވަނީ ހިތްވަރު. މިއަދު ދިވެހި ޒުވާނުން ކުރަންވީ ހިތްވަރު. އަޅުގަނޑުމެން ވާންވީ އިންޓެލިޖެންޓް ބަޔަކަށް. އަޅުގަނޑުމެން ވާންވީ ހަރޑް ވަރކް ކުރާ ބަޔަކަށް. އަޅުގަނޑުމެން ވާންވީ ޑިސިޕްލިން ބަޔަކަށް. އަޅުގަނޑުމެން ވާންވީ ކަރޭޖަސް ބަޔަކަށް. މިއީ ތިޔައިން ކޮންމެ ކުއްޖަކަށްވެސް، ކޮންމެ ޒުވާނަކަށްވެސް ވަރަށް ފަސޭހަކަމާއެކު ވެވިދާނެ ކަމެއް.

އާދެ، އަޅުގަނޑުމެން ވިސްނާލަމާ، އަޅުގަނޑުމެން މި ވާހަކަ ދައްކާ، ކުރިއަރާފައިވާ ޤައުމުތަކަށް ބަލައިފި ކަމަށްވަންޏާ، އެ ޤައުމުތަކަކީ އާންމު ގޮތެއްގައި ބޮޑެތި ޤައުމުތައް. އާބާދީ ބޮޑު، ތަފާތު އެކި ނަސްލުގެ މީހުން އެ ޤައުމުތަކުގައި ދިރިއުޅޭ، އެކި ދީންތަކުގެ މީހުން ދިރިއުޅޭ، އެކި ބަސްބަހުން ވާހަކަ ދައްކާ މީހުން އުޅޭ ޤައުމުތައް.

އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު އުފާކުރަނީ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ އިސްލާމީ ޢަޤީދާގައި ތިބި ބައެއް. އަޅުގަނޑުމެން ވާހަކަ ދައްކަނީ އެއްބަހަކުން. އަޅުގަނޑުމެންގެ މުޅި ޤައުމުގައި މިވަނީ އަޅުގަނޑުމެންގެ ތިމާގެ މީހުން ނުވަތަ އަޅުގަނޑުމެންގެ އެކުވެރިން. އެހެންވީމާ، އަޅުގަނޑުމެން ޢަޒުމެއްގައި މަސައްކަތް ކޮށްފި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، މިއީ ވަރަށް ފަސޭހަ ކަމެކޭ. މިއަދު ޢަޒުމު ކަނޑައަޅަންވީ، އަޅުގަނޑުމެން ފަށާ ކޮންމެ މަސައްކަތެއް، ރަނގަޅު ގޮތުގައި އެ ކަންތައް ނިންމުމަށް. އެއީ އަޅުގަނޑުމެން ތިޔަ ޒުވާނުން ޢަޒުމު ކަނޑައަޅަންވީ ކަމަކީ.

އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ، ބައެއްފަހަރު ފަރުވާކުޑަކުރެވުން. އިހުމާލުވުން. އާދެ، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދަނީ، ވަރަށް ހިތާމަވެރިކޮށް. އެއްވެސް މީހަކު ބޭނުންނުވާނެ، ހިތާމަވެރިގޮތަކަށް އެއްވެސް ކަމެއް މެދުވެރިވެގެންދާކަށް. އެހެންނަމަވެސް، މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ކުރެވޭ ކުޑަކުޑަ ކަމަކުން، އާދެ، އިހުމާލުވެވޭ ކުޑަކުޑަ ކަމަކުން، މެޓަރ އޮފް ސެކަންޑްސް ތެރޭގައި އަޅުގަނޑުމެން ކުރިމަތިލަނީ މުޅި ޢުމުރަށް ހިތާމަ.

އެހެންވީމާ، މިއަދު އަޅުގަނޑު ގޮވާލަން، ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުން، އާދެ، އެނގިވަޑައިގަންނަވާނެ، މިއަދަކީ މިއީ ވަރަށް ޚާއްޞަ ދުވަހެއް. ޤައުމެއްގެ ޙަޔާތުގައި އަޅުގަނޑު ދަންނަވާނީ، އަންނާނެ އެންމެ މުހިންމު އެއް ދުވަސް. އާދެ، ދިރާސީ އައު އަހަރު ފެށިގެން، ދިވެހިރާއްޖޭގެ 212 ސްކޫލްގައި، އަށްޑިހަ ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރުމުގެ މި އަހަރުގެ މަސައްކަތް، އާދެ، އެކަންތައް ފެށްޓި ދުވަސް.

އާދެ، ތަޢުލީމީ ރޮނގުން، ތަޢުލީމީ ދާއިރާއަށް މިއަދު ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތު އެއީ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް. ދުވަހަކުވެސް ދިވެހިރާއްޖޭގައި ނުދެވޭފަދަ ސަމާލުކަމެއް، ވަކިން ޚާއްޞަކޮށް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމުގެ ހެތްކަކީ، މިއަދުވެސް ދިވެހިރާއްޖޭގެ އެންމެހައި ރަށްތަކުގައި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ދިވެހި ސަރުކާރުގެ އިސްވެރިން ވަޑައިގެންވަނީ ދަރިވަރުންނާއެކު، ދަރިވަރުންނަށް ފިލާވަޅު ދެއްވުމަށާއި، ދަރިވަރުންނަށް ހިތްވަރު ދެއްވުމަށާއި، އެ ކަންތައްތަކުގައި އެ ދަރިވަރުންނާއެކު މިފަދަ ދުވަހެއްގެ މަސައްކަތް ފެށްޓުމަށް.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީ ހަމަ ރަނގަޅު ވަގުތެކޭ. އަޅުގަނޑަށް ޔަގީން، އަޅުގަނޑަށް މި ފެންނަ މޫނުތައް، އާދެ، ތިޔަ ޒުވާނުން އެ ހިތްވަރާއެކު މަސައްކަތް ކޮށްފި ކަމަށްވަންޏާ، މި ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް ހޯދިދާނެ. އާދެ، ކޮންމެ ޤައުމެއްގައިވެސް ހުރި މައްސަލަތައް ޙައްލުވެފައި ހުރީ މިގޮތަށް ކުރެވުނު މަސައްކަތްތަކުން. އެއީ ފަޤީރުކަން ނައްތައިލުމަށްޓަކައި ކުރި މަސައްކަތަކަށްވިޔަސް. ބަލިމަޑުކަން މަދުކޮށް، ނައްތައިލުމަށްޓަކައި ކުރެވުނު މަސައްކަތަކަށްވިޔަސް. މިއިން ކޮންމެ ކަމެއްވެސް ޤައުމުތަކުން ކާމިޔާބު ކޮށްފައިވަނީ އެކުގައި ކުރެވޭ މަސައްކަތަކުން.

އާދެ، ޒުވާން ޢުމުރަކީ އެއީ އެ ގެއްލިގެން ގޮސްފި ކަމަށްވަންޏާ، އަލުން އަނބުރާ އަޅުގަނޑުމެންނަށް ހޯދޭނެ އެއްޗެއް ނޫން. ޒުވާން ޢުމުރަކީ، ވަރަށް އަގުހުރި ދުވަސްވަރެއް. އެހެންވީމާ، މިއަދު ހުރިހާ ޒުވާނުންވެސް ޢަޒުމުތައް ކަނޑައަޅާއިރު، ވަކިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް އެބަހުރި.

އާދެ، ތިމާއަކީ އެންމެ އަޚުލާޤު ރަނގަޅު މީހާއަށްވުމުގެ އެ ޢަޒުމަކީ އެއީ، ތިޔަ އެންމެހައި ޒުވާނުން މިއަދު ކަނޑައަޅަންޖެހޭ ކަމެއް. ރީތި އަޚުލާޤަކާނުލައި، އަޅުގަނޑުމެންނަށް ހޯދޭނެ އެއްވެސް ކާމިޔާބީއެއް، އެއްވެސް މަންފާއެއް، އެއްވެސް ފައިދާއެއް ނޯންނާނެ. ފުރަތަމަ ކަމަކަށް، ރިވެތި އަޚުލާޤެއްގެ ވެރިޔަކަށްވެ، އެހެން މީހުންނާ މުޢާމަލާތު ކުރުމުގައި، އެހެން މީހުންނަށް އިސްކަން ދިނުމާއި، އެކުއެކީގައި މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމާއި، މީހުންނާ ދޭތެރޭގައި އިޙްސާންތެރިވެ، އޯގާތެރިވުމާ، މިއީ ޒުވާން ޢުމުރުގައި، އާދެ، ހުރިހާ ޢުމުރެއްގައިވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އެހެންވީމާ، ތިޔަ ޒުވާނުންނަށް އަޅުގަނޑު މިއަދު ގޮވާލަނީ، މަސައްކަތުގެ މައިދާނުގައި ތިޔަ ކުދިން، އާދެ، މިއަދު ތިޔަ ފަށްޓާ މި ކޭމްޕުގެ ތެރެއިން ދަސްވާ ކޮންމެ ކަމެއް ބޭނުންކޮށް، ގަޑިއަށް ފަރުވާތެރިވުމަށާއި، މަސައްކަތުގެ މައިދާނުގައި މަސައްކަތަށް ކަމޭހިތައި، ޙުރުމަތްތެރިކޮށްހިތައި، ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި އަބަދުވެސް އިސްކަންދިނުން.

އާދެ، ކުޑަ ޤައުމެއްގައި، ކުޑަ ރަށްތަކުގައި، އެހެންނަމަވެސް، އަޅުގަނޑުމެންނަށް ހިތާމަވެރި ކަންތައްތައް ވަރަށްބޮޑަށް އެބަ ދިމާވޭ. އެނގިވަޑައިގަންނަވާނެ، ޒުވާނުންގެ ވަރަށްގިނަ ކުދިން އެކްސިޑެންޓްވުމާއި އަދި ކަނޑުމަތީގެ ހާދިސާތަކުގައި ދުނިޔެ ދޫކޮށް، ނޫނީ މުޅި ދުނިޔޭގައި އުޅުމުގައި ނުކުޅެދުންތެރިކަން، އާދެ، އެފަދަ އަނިޔާ ނުވަތަ ގެއްލުން ލިބި، އެކަން ތަޙައްމަލު ކުރަންޖެހިފައިވާ ބަޔަކަށްވެފައި އެބަވޭ.

މިއަދު ޒުވާނުން ޢަޒުމު ކަނޑައަޅަންވީ ތިމަންނާގެ އަތުން، ތިމަންނާގެ އިހުމާލުން، ތިމަންނާ ފަރުވާކުޑަކުރުމުން، އެހެން މީހަކަށާއި އަދި ތިމާގެ ނަފްސަށްވެސް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭނޭ ގޮތަށް ތިމާގެ ހުރިހާ ކަމެއް ބައްޓަންކުރަން.

އާދެ، މަގުމަތީގައި ދުއްވުމުގައި، އަޅުގަނޑުމެން ތިޔަ ޒުވާނުން ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް، އާދެ، ނޫސްތަކުން މި ފެންނަ ޚަބަރުތައް މިއީ އަޅުގަނޑުމެން އެކަމަކާ ހިތާމަކުރާ ކަމެއް. އާދެ، އިއްޔެ ނޫހުގައި ތަފާސް ހިސާބުތައް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ޓްރެފިކާ ގުޅުންހުރި ކަންތައްތައް.

އާދެ، އެހެންވީމާ، އަޅުގަނޑު ހަމަ ޒުވާނުންނަށް ތަކުރާރުކޮށްވެސް އިލްތިމާސްކޮށް ނަސޭހަތްތެރިވާން އޮތީ، މަގުމަތީގައި ދުއްވުމުގަޔާއި އަދި ހިނގައިއުޅުމުގައިވެސް ފަރުވާތެރިކަމާއެކު، އެހެން މީހުންނަށް އިސްކަންދީގެން، ވީހާވެސް ބޮޑަށް މި ކަންތައްތަކަށް ފަރުވާތެރިވާށޭ. މަގުހުރަސްކުރާ ފަރާތްތަކަށް ތަންދޭއިރު، ހިނގާ މީހުންވެސް ވީހާވެސް ބޮޑަކަށް ސަމާލުވެ، ދުއްވާ އެއްޗިއްސަށް ބަލައިގެން އުޅުމަކީ އެއީ، އަޅުގަނޑުމެންނަށް މި ކަންތައްތަކުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ.

އާދެ، ރާއްޖެއަކީ 99 ޕަސެންޓް ކަނޑު ހިމެނޭ ޤައުމެއް. ކަނޑުމަތީގައި އަޅުގަނޑުމެންނަށް ދިމާވާ ހާދިސާތައް މިހާރުވެސް އަޅުގަނޑުމެންގެ ހީވާގި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާދެ، ކޯސްޓްގާޑުންނާއެކު މިވަގުތުވެސް އަޅުގަނޑުމެންނަށް އެނގޭގޮތުގައި މަސައްކަތްތަކެއް އެބަކުރެވޭ، މިފަދަ ކަންތައްތައް، ހާދިސާތައް ދިމާވެގެން އެފަދަ ފަރާތްތައް ހޯދުމުގައި. އެހެންވީމާ، ކުދިކުދި ޑިންގީތަކުގަޔާއި، ކުދިކުދި މިވަރުގެ އުޅަނދުތަކުގައި ދަތުރުކުރާއިރު، ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށްހިތުމަކީ އެއީ، މިއަދު ފުންކޮށް އަޅުގަނޑުމެން ވިސްނަން ޖެހިއްޖެ ކަމެއް. މިއީ އަޅުގަނޑުމެން ހަމަ އަޑުއަހާލާފައި، ލަވައެއް އަޅުގަނޑުމެން އަޑުއަހާ އުސޫލުން އަޑުއަހާފައި، ހަނދާންނައްތާލަންވީވަރުގެ ކަމެއް ނޫން. މިއީ އެއަށްވުރެ މާ ސީރިއަސް ކަމެއް.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، މިއަދު ތިޔަ އެންމެހައި ޒުވާނުން، ތިޔަ ޒުވާނުންގެ ރައްޓެހިންނާއި، އެ ރައްޓެހިންގެ ރައްޓެހިންނަށް މި މެސެޖް ޕާސްކޮށް، އެއް ޢަޒުމެއްގައި ޤައުމުގައި ދިމާވާ މިފަދަ ނުރައްކާތެރި ކަންތައްތައް ހުއްޓުވުމަށްޓަކައި، އެކުއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ.

އާދެ، އަމާން ވެށްޓެއް އޮތް ކަމަށްވަންޏާ، އެކަމުގެ ހިތްހަމަޖެހުން ލިބޭނީ ތިޔަ އެންމެހައި ޒުވާނުންގެ މައިންބަފައިންނަށާއި، އަޅުގަނޑުމެންގެ މައިންބަފައިންނަށާއި، ރައްޓެހިންނާއި، ތިމާގެ މީހުންނާއި، މުޅި ޤައުމުގެ އެންމެހައި ފަރާތްތަކަށް. ކާކުތޯ ބޭނުންނުވާނީ އަމާން ވެށްޓެއް. ކާކުތޯ ބޭނުންނުވާނީ ސަލާމަތާއި ރައްކާތެރިކަން. ކާކުތޯ ބޭނުންނުވާނީ ހަމަޖެހިގެން ގޭގައި އުޅެން. މިއިން ކޮންމެ ކަމަކީ މިއީ އަޅުގަނޑުމެން އިންސާނުން އަޅުގަނޑުމެންނަށް އެނގި ތިބެގެން، އަޅުގަނޑުމެން ކުރާ ކަމަކުން ދިމާވާ ކަންތައްތައް. ޤައުމު ކުރިއަރައި ދިޔުމުގައި އޮތް އެންމެ ހަމައެކަނި ގޮތަކީ، އަޅުގަނޑުމެން ކުރާ މިފަދަ ކަންތައްތައް އަޅުގަނޑުމެންގެ ތެރެއިން ހުއްޓައި، ރަނގަޅު މަގަށް އަޅުގަނޑުމެން ރުޖޫއަވުން. ހުރިހާ ކަމެއް ކުރުމުގައިވެސް އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެން ޚިޔާރުކުރުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ތިޔަ ޒުވާނުންނަށް ދަންނަވަން އޮތީ، ޤައުމަށްޓަކައި އާދެ، ޢާއިލާ ފަޚުރުވެރިވާފަދަ ދަރިންތަކަކަށްވާށޭ. ޤައުމު އެބައެއްގެ ވާހަކަ ދައްކާފަދަ ފަޚުރުވެރި ރައްޔިތުންތަކަކަށްވާށޭ. ޤައުމަށްޓަކައި ޚިދުމަތް ކުރުމަށް ތިޔަ ޒުވާނުން ތައްޔާރުވާށޭ. މި ޤައުމު މިނޫން އެހެން ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވަނީ، ތިޔަފަދަ ޒުވާން ލޭ ހިނގާ، ކެރޭ، ޖޯޝުން ފުރިގެންވާފަދަ ޒުވާނުންތަކެކޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ލިބޭ އުފަލަކަށް ވާންޖެހޭނީ، ޤައުމަށްޓަކައި ކޮށްދެވޭ ޚިދުމަތް.

އަޅުގަނޑުމެން ފަޚުރުވެރިވަނީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ، އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެމެރިކާއަށް ދިޔަޔަސް، އަޅުގަނޑުމެން އިމިގްރޭޝަން ކައުންޓަރު ކައިރީގައި، އަޅުގަނޑުމެންގެ ޕާސްޕޯޓް ބަލައިފި ކަމަށްވަންޏާ، އެމީހުންގެ ނަޒަރު ހުއްޓިގެންދާނީ އެ ޕާސްޕޯޓަށް. ދިވެހިރާއްޖޭގެ ރީތިކަމުގެ ވާހަކަ، ދިވެހިންގެ ރަނގަޅުކަމުގެ ވާހަކަ، ދިވެހިރާއްޖެއަށް އެމީހުން އަންނަން ބޭނުންވާ ވާހަކަ. މިއީ ދިވެއްސަކަށްވީތީވެ، ދުނިޔޭގެ އެކި ޤައުމުތަކުން އަޅުގަނޑުމެންނަށް ލިބޭ ހަދިޔާ.

އެހެންވީމާ، ޙަޤީޤަތަކީ މިއަދު ދިވެއްސަކަށްވުމުން އަޅުގަނޑުމެން ފަޚުރުވެރިވެޔޭ ބުނުމަކީ އެއީ ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ދިވެހި ޤައުމު އަޅުގަނޑުމެންނަށް ދޭ ހަދިޔާ. އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމަކީ، ދިވެހި ޤައުމު އިތުރަށް ކުރިއަށް ދިޔުމަށް، އިތުރު ހަރުފަތަކަށް ގެންދިޔުމަށް، މުޅި ދުނިޔެއިން ދިވެހިރާއްޖެއާ ދޭތެރޭގައި ދެކޭގޮތް ބަދަލުކޮށްލުމަށްޓަކައި، އިތުރަށް ރަނގަޅުކޮށްލުމަށްޓަކައި، ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކުޑަ މިންވަރުންނަމަވެސް ކަމެއް ކޮށްދިނުން.

އެހެންވީމާ، އަޅުގަނޑު އެންމެހައި ޒުވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ލޯބިން އަޅުގަނޑު ގޮވާލަނީ، މި ފެށުނު ދިރާސީ އައު އަހަރާއެކު، އަށްޑިހަ ހާސް ދަރިވަރުންގެ އެހުރި ޖޯޝާއެކު، އަޅުގަނޑުމެން ބައިވެރިވެ، އެ ނަތީޖާތައް ހާސިލު ކުރުމަށްޓަކައި، މަސައްކަތް ކުރަމާ ހިނގާށޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަކީ، ކުށްމަދު، އަމާން ވެށްޓެއް ލިބިގެންވާ، ޒުވާނުންނަށްޓަކައި މުޅި ޤައުމު، މުޅި ޢާއިލާތައް ފަޚުރުވެރިވާފަދަ ބައެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޒުވާނުން ލައްވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ ތަނެއްގެ ގޮތުގައި މާތްރަސްކަލާނގެ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.