بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަޙީދު، މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރާއީ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކައުންސިލަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ފުރަތަމަ ކަމަކަށް، މިއަދުގެ މި ބައްދަލުވުމުގައި އަޅުގަނޑު އެންމެ ފުރަތަމަވެސް ޝުކުރު އަދާކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ މި މަސައްކަތުގައި ބައިވެރިވާ އެންމެ މުހިންމު އެއް ބައިވެރިން ކަމުގައިވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ބޭފުޅުންނަށް. އަދި ހަމައެއާއެކުގައި، މެރިން ރިސަރޗް އިންސްޓިޓިއުޓާއި އަދި މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ސަރުކާރާއި، އަޅުގަނޑުމެން ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ރާއްޖެއަކީ ކުދި ޖަޒީރާ ޤައުމުތަކެއްގެ ގޮތުގައި އެކުލެވިފައި އޮތް ޤައުމެއް އެކަންޏެއްނޫން. އަޅުގަނޑުމެންނަކީ ބިޔަ ބޮޑެތި ކަނޑުތަކެއްގެ މައްޗަށްވެސް އެކުލެވިފައި އޮތް ޤައުމެއް. އަޅުގަނޑުމެންގެ ދިރިއުޅުން ވަރަށް ބޮޑަށް ބިނާވެފައި މިއޮތީ، ކަނޑުތަކާއި ފަޅުތަކުން ގުޅިފައި. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ވަރަށް މުހިންމު ބޮޑު ވާޖިބެއް، އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ މި ކަނޑާއި ފަޅުތަކުގެ މުއްސަނދިކަން ފޯރުކޮށްދިނުން.

މިއަދު އަޅުގަނޑުމެން ފަށައިގެން ކުރަމުންގެންދާ މަސައްކަތަކީ މިއީ. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެނީ ކޮންކަހަލަ މަސްމަހާމެއްސެއްކަމާއި ކޮންކަހަލަ ދިރުމެއްކަން އެބަޖެހޭ ހޯދައި ދެނެގަންނަން. މިކަން ކުރެވެން މި އަންނަނީ ސައިންޓިފިކް ރިސަރޗްތަކެއްގެ ތެރެއިން. މިއަދު އަޅުގަނޑުމެން ކުރަން ފަށައިގެން މި ގެންދަނީ މިކަން.

އޭގެ އިތުރުންވެސް، ރާއްޖޭގެ ކަނޑުފަޅާއި ފަރުތައް ހިމާޔަތްކުރަން ބޭނުންވާ ވަރަށް މުހިންމު ސަބަބުތަކެއް އެބަހުރި. އަޅުގަނޑުމެން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުން. ހަމައެއާއެކުގައި، ޓޫރިޒަމުގެ ޞިނާޢަތުން ލިބެންވާ އެންމެ ރަނގަޅު ފައިދާ އަޅުގަނޑުމެންނަށް ލިބޭނެގޮތް ހެދުން. މި ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވެން އަންނަނީ އަޅުގަނޑުމެންގެ ފަރުތަކާއި، ކަނޑުތަކާއި، ގޮނޑުދޮށްތައް ހިމާޔަތް ކުރެވިގެން.

ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި. އެހެންނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދަންވާނީ، ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަށް ޤުދުރަތީގޮތުން ލިބިފައި މިއޮތް މުއްސަނދިކަން، އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިން.

އާދެ، މިއަހަރު ފެށިގެން މި ކުރިއަށް ގެންދާ މި ރިސަރޗް މަސައްކަތަކީ މިގޮތުން ރާއްޖޭގައި ކުރެވޭ އެންމެބޮޑު، އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތް. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާމެއްސާއި ދިރުންތަކުގެ އަދި ފަރުތަކާއި، މުރަކައާއި، އެންދެރިއާ، މިފަދަ ތަކެތީގެ ސްޓޮކެއް އެބަ ނަގާ. އަދި، މިތަކެއްޗަށް ގެއްލުން ލިބެނީ ކޮންކަހަލަ ކަންތައްތަކެއް ކުރިމަތިވެގެންތޯ ބަލައި އެބަ ހޯދާ. ޖުމްލަގޮތެއްގައި އަޅުގަނޑުމެންނަށް ފުރަތަމަ މި ކުރެވެނީ ކަނޑުތަކުގެ ބޯހިމެނުމުގެ މަސައްކަތެއް. އެއަށްފަހުގައި، މިއިން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެކުލަވައިލެވޭ ކަރުދާސް ހާމަކުރެވިގެންދާނެ. އަދި، ސަރުކާރާ ހިއްސާ ކުރުމަށްފަހުގައި މި ކަންތައްތައް، ފަރުތަކާއި ކަނޑުތަކުގައި ހުރި ދިރުންތައް ހިމާޔަތް ކުރުމަށް ތައްޔާރުކުރަންޖެހޭ ސިޔާސަތުތައް އަޅުގަނޑުމެން ކަނޑައަޅާނީ. މިއީ، މި ރިސަރޗްގެ އެންމެ މުހިންމު ބޭނުމަކީ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ހިމާޔަތްކޮށްފައި އެބަހުރި ރަށްތަކެއްވެސް. ކުޅިތަކެއްވެސް. އަދި ވެލަޔާއި، ކަހަނބާއި އަދިވެސް ބައެއް ތަކެތި ހިފުން މަނާކޮށްފައި އަޅުގަނޑުމެން މިތިބީ. އެހެންނަމަވެސް، އެ ހިސާބަކުންނެއް އަދި މިކަމެއް ނުނިމޭ. މިއަދު މި ރަށުގެ ކައުންސިލަރ އަދި ދާއިރާތަކުގެ އިސްވެރިންނާއެކުގައި އަޅުގަނޑު ބައްދަލުކުރި ކުރުމުގައިވެސް ދެކެވުނު އެއް ވާހަކައަކީ، މި ރަށުގެ ކުޅި އެބައޮތް ހިމާޔަތް ކުރެވިފައި. ކޭލަކުނު އެބައޮތް ހިމާޔަތް ކުރެވިފައި. އެހެންނަމަވެސް، އޭގެ ފައިދާ އަޅުގަނޑުމެންނަށް ހޯދޭނީ ކިހިނެއްތޯ. އެ އެބަ އަޅުގަނޑުމެން ހޯދައި ދެނެގަންނަންޖެހޭ. އަޅުގަނޑުމެންނަށް މި ކުރެވޭ ރިސަރޗްގެ އަލީގައި އަޅުގަނޑުމެންނަށް އެކުލަވައިލެވޭ ސިޔާސަތުތަކުގެ ދަށުން މި ތަންތަނުން ލިބެން އޮތް އެންމެ ރަނގަޅު ފައިދާއެއް، އަޅުގަނޑުމެންނަށް ހޯދޭނެގޮތް އެކުލަވައިލެވިގެންދާނެ. މިކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑުމެންނާ އެކީގައި މަސައްކަތް މި ކުރައްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

އާދެ، 2020 ވަނަ އަހަރު އަޅުގަނޑުމެން ކުރިމަތިލައިގެން މިދަނީ ވަރަށް ބޮޑު ހިންގުމުގެ ނިޒާމީ ބަދަލަކާއެކު. ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކުގައި، ރަށްރަށުގެ ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް އަޅުގަނޑުމެން އެބަ ދޫކޮށްލަން. ރަށްރަށުގެ އިޚްތިޞާޞް އެބަ ކަނޑައެޅިގެންދޭ. އެ ތަންތަން ހިމާޔަތް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭނެ އެއްބަޔަކީ ކައުންސިލަރުން. އެކަން ކުރާނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ސިޔާސަތުތަކެއް ކަނޑައަޅަން. މި ރަށުގެ ފަޅާއި، މި ރަށުގެ ގޮނޑުދޮށާއި، މި ރަށުގެ ވަށައިގެންހުރި ދިރުންތަކަކީ ކޮބައިތޯ ބަލައި އެ ޙިމާޔަތް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން މިކުރާ ރިސަރޗްގެ އަލީގައި، ހޯދުމަށްފަހުގައި، އެ މަސައްކަތް ކުރުމުގެ ބޮޑު ދައުރު އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅުންނަކީ ތިޔަބޭފުޅުން. އޭގެ، އަޅުގަނޑު ދެންނެވިހެން މަންފާއާއި ނަފާ ހޯދޭނެ ގޮތްތައް ޢަމަލީގޮތުން އެ މަސައްކަތް ކުރައްވަން ތިއްބަވާނެ ބޭފުޅުންނަކީ ތިޔަބޭފުޅުން.

އެހެންކަމުން، އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ވަރަށް މުހިންމު ދައުރެއް ތިޔަބޭފުޅުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ. މިއަދުގެ ބައްދަލުވުމުގައިވެސް އަޅުގަނޑުމެން ވާހަކަދެއްކިގޮތަށް، ރަށުގެ ތަރައްޤީއާއި، ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ތިޔަބޭފުޅުން އަދާކުރަންޖެހޭ ދައުރު ވަރަށް މުހިންމު.

އާދެ، ނޭކުރެންދުއަކީ އަޅުގަނޑުމެންގެ ކުޅިވަރުގެ ދާއިރާގައި ވަރަށް މުހިންމު ފަންނާނުންތަކެއް އުފައްދާފައިވާ ބައެއް. ރާއްޖޭގެ ޤައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިންނާއި، ބެޑްމިންޓަނާއި، ވޮލީ ބޯޅައިގައި ވަރަށް މުހިންމު ދައުރެއް މި ރަށުގެ ޒުވާނުން އެބަ އަދާކުރަމުންގެންދޭ. މި ރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، ކުޅިވަރުގެ ދާއިރާގައި އެފަދަ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. ފުޓްބޯޅަ ދަނޑު ހަދަންޖެހޭ އެބަ. އެކްސަރސައިޒް ކުރާނެ ތަނެއް ހުންނަން އެބަޖެހޭ. އަދި، އިންޑޯރ ގޭމްސްތައް ކުޅެވޭނެގޮތް އެބަ ހަދަންޖެހޭ. ރަށުގެ ބަނދަރަށް ދިމާވެފައި އޮތް ދަތި ހައްލުކޮށްދޭން އެބަޖެހޭ. ފެނާއި ނަރުދަމާގެ ނިޒާމު އެބަޖެހޭ މި ރަށުގައި ޤާއިމުކުރަން. ކުރިއަށް މި ހިނގާ 2020 ވަނަ އަހަރުގެ ބަޖެޓުގައި، އޭގެ ތެރެއިން ބައެއް ކަންތައްތައް ހިމެނިފައި އެބަހުރި. ފެނާއި ނަރުދަމާގެ ނިޒާމާއި، ފުޓްބޯޅަ ދަނޑާއި އަދި ފުޓްސެލް ދަނޑުގެ މަސައްކަތް ހިމެނިފައި އެބައޮތް. އިރާދަކުރެއްވިއްޔާ، މި މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށި، އަޅުގަނޑުމެންގެ މަޤްޞަދަކީ، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މި ކަންތައްތައް މި ރަށަށް ކޮށްދީ ނިންމުން. އަދި މި ރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާތައް ލިބިގެންދާނެ އެއްކަމެއްގެ ގޮތުގައި މި ރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޖަލުގެ މަޝްރޫޢު އެބައޮތް. އެނގިވަޑައިގަންނަވާނެ، މިއީ 11 އަހަރު ވެފައި އޮތް މަޝްރޫޢެއް. ބަޖެޓު ކުރެވި، ނުހެދި އަހަރަކަށްފަހު އަހަރެއް ވޭތުވަމުންގޮސް އިރާދަކުރެއްވިއްޔާ، މި އަހަރު، މި ހިނގާ އަހަރުގައި ރަނގަޅަށް ބަޖެޓް ކުރެވި، ފައިސާ ހިމެނި، މި މަސައްކަތް އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި ކުރެވިގެންދާނެ.

އާދެ، ރަށުގައި ދިރިއުޅޭ މީހުން ހިޖުރަ ކުރުމުގެ މައްސަލައަކީ، މި ރަށަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް. 1400 އަށްވުރެ ގިނަ އާބާދީ މި އޮތް ރަށުގައި، މިހާރު ދިރިއުޅެމުން މިގެންދަނީ 500 އެއްހާ މީހުން. ސްކޫލުގެ އާބާދީވަނީ 500 އިން 200 ހަމަނުވާވަރަށް ކުޑަވެފައި. މައްސަލައަކީ ރަށުގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ނެތުމުގެ ސަބަބުން، ވަޒީފާ ހޯދުމަށް، އަދި ތަޢުލީމާއި ޞިއްޙީ ޚިދުމަތް ހޯދުމަށްޓަކައި ރަށް ދޫކޮށްފައި އެހެން ތަންތަނަށް ހިޖުރަކުރަންޖެހުން. ލާމަރުކަޒީ ނިޒާމު ފައްކާވެގެން އަންނައިރުގައި، މި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، ރަށުގައި ތިބެގެން ކުރެވޭނެ މަގު ފަހިވެގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، އަދިވެސް އެއްފަހަރު، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ އެކުގައި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާ ސައިންޓިފިކް ގޮތެއްގައި ކުރުމަށް މި ކުރަމުން ގެންދާ މަސައްކަތުގައި ކާމިޔާބު މެދުވެރިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި، މި ކުރާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ތަރައްޤީއާއި ކުރިއެރުމަށް އަދި އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ މި ޤައުމު ފޯރުކޮށްދިނުމުގައި އިތުރު ފަހިކަމެއް ލިބިގެންދާނެ ކަމުގެ އުންމީދުގައި އަޅުގަނޑުގެ ވާހަކަ ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.