بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން އަދި ސްޕޯޓްސް އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި، މިނިސްޓްރީގެ ހީވާގި މުވައްޒަފުން އަދި އަޅުގަނޑުމެން އެބަޔަކަށްޓަކައި ފަޚުރުވެރިވާ އެތުލީޓުން އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ޔޫތު މިނިސްޓްރީގެ ފަރާތުން ވޭތުވެދިޔަ އަހަރުގެ ކާމިޔާބީ، އާދެ، [ރަން އަހަރު]ގެ ނަމުގައި ފާހަގަކުރާތީ، އަޅުގަނޑު އެންމެ ފުރަތަމަވެސް މިނިސްޓަރަށާއި އަދި މިނިސްޓްރީގެ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރަން.

އާދެ، އެއްވެސްޝައްކެއްނެތް، މިފަދަ ކާމިޔާބީތައް ލިބިގެން މިދަނީ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިގޮތަށް ވަރަށް ގިނަ ބަޔަކު ކުރާ ބުރަ މަސައްކަތުން. އާދެ، އަޅުގަނޑުމެންނަށް މިފަދަ ޙަފްލާއަކުންވެސް އެނގިގެން މިދަނީ، ދިވެހިސަރުކާރުން ޒުވާނުންނަށާއި، އަދި ކުޅިވަރު ކުރިއެރުވުމަށްދޭ ސަމާލުކަން. އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ފެށިގެން އައީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ހަށިހެޔޮ ދުޅަހެޔޮ ޢީދުގެ ގޮތުގައި ފަށްޓަވައިދެއްވި ޕްރޮގްރާމަކުން. އާދެ، އެންމެ ފުރަތަމަވެސް މި ސަރުކާރުން ފެށްޓެވި މަސައްކަތަކީ ޒުވާނުން ބާރުވެރިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ ކޮންމެ މަސައްކަތެއްގައިވެސް ޒުވާނުން ބައިވެރިކުރުވުމުގެ މަސައްކަތް.

އާދެ، އެނގިވަޑައިގަންނަވާނެ، އެއްވެސް ޤައުމެއް ތަރައްޤީވެގެނެއް ނުދޭ، ޒުވާނުން އެއްފަރާތުގައި ބައިތިއްބައިގެނެއް. އަޅުގަނޑުމެން މި ކަންތައްތައް ފާހަގަކުރަމުންދާއިރު، ބަލައިލަން އެބަޖެހޭ، 2019 ވަނަ އަހަރު އެ ހޯދި ކާމިޔާބީތަކަކީ ޙަޤީޤަތުގައި ރަން އަކުރުތަކަކުން ފަވައިލެވޭ ރަން ކާމިޔާބީތަކެއް. އާދެ، މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. އެތުލީޓުންނާއި އެތުލީޓުންގެ ބެލެނިވެރިން އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން، މިނިސްޓްރީއާއި މުޅި ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން މިފަދަ ރަން ވަނަތަކެއް ލިބިފައި މިވަނީ.

އާދެ، މި ފުރުޞަތުގައި އަޅުގަނޑު މި ރަން ވަނަތައް، ދިވެހިރާއްޖެއަށް މި ރީތި ނަންތައް ހޯއްދަވައިދެއްވި އެންމެހައި ފަރާތްތަކަށް މަރުޙަބާ ދަންނަވައި އަދި އެ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ޤައުމަށް ރީތި ނަން ހޯދައިދިނުމަކީ އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޢަޒުމަކަށްވާން އެބަޖެހޭ. ދިވެހިރާއްޖެއަށް ރީތި ނަން، އެކި ދާއިރާތަކުން، އެކި ރޮނގުރޮނގުން ހޯދައިދީފައި އެބަވޭ. އާދެ، އަޅުގަނޑުމެންގެ ޒުވާނުން، އަޅުގަނޑުމެންގެ ދަރިވަރުން ރާއްޖެއަށް އާދެ، ބޭރު ދުނިޔޭގެ އެކި ދަރިވަރުންނާ ވާދަކޮށް، ވަރަށް ފާހަގަކޮށްލެވޭ، ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދައިދީފައި އެބަވޭ. އާދެ، އަޅުގަނޑުމެންނަށް މިކަންކަމުގެ ނަތީޖާއަކަށް ވެގެންމިދަނީ ދިވެހިރާއްޖެ ކުރިއަށްވުރެ ބޮޑަށް އެހެން ޤައުމުތަކާ ގުޅި، އަޅުގަނޑުމެންނަށް ރާއްޖޭގައިވެސް ބައިނަލްއަޤްވާމީ ތަފާތު އެކި މުބާރާތްތަކާއި، އެކިއެކި ކަންތައްތައް ކުރުމުގެ މަގުފަހިވެގެން ދިޔުން.

އާދެ، 2023 ވަނަ އަހަރުގެ އައި.އޯ.އައި.ޖީ، މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދާކަމީ އެއީ، އަޅުގަނޑުމެން އެންމެންވެސް އެކަމަށްޓަކައި އުފާކޮށް ފަޚުރުވެރިވާންޖެހޭ ކަމެއް. އާދެ، އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މި މުބާރާތް ދިވެހިރާއްޖޭގައި ބޭއްވުމަށްޓަކައި ނުވަތަ މި ބިޑް ކާމިޔާބު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ. ވަރަށް ގިނަ ބައެއްގެ ހިއްސާ އެކަމުގައި ހިމެނިފައި އެބަވޭ. އަޅުގަނޑު ހަމަ ފާހަގަކޮށްލަން، މި ކަމުގައި ޔޫތު މިނިސްޓަރ ކުރެއްވި މަސައްކަތްތަކާއި އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކުރަން، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިކަމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައި އެބަވޭ.

އާދެ، އަޅުގަނޑުމެން މިއަދު ވިސްނާލަން އެބަޖެހޭ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، އަޅުގަނޑުމެން ޙަޤީޤަތުގައި ވަނީ ދުނިޔެއާ ވަރަށް ބީރައްޓެހި ބަޔަކަށްވެފައި. ވަރަށް ގުޅުންކުޑަ ބަޔަކަށްވެފައި. އަޅުގަނޑުމެންނަށް ލިބެމުން އައި އެތައް ފުރުޞަތުތަކެއް އަޅުގަނޑުމެންނަށް ހަނިވެފައިވާ ބަޔަކަށްވެފައި. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކަށްވީ ދިވެހި ޤައުމު ތަރައްޤީ ކުރުމުގައި، ދުނިޔޭގެ ކޮންމެ ޤައުމަކާވެސް ގުޅިގެން މަސައްކަތް ކުރުން. އާދެ، އެގޮތުން ޚާރިޖީ ވަޒީރު، ދިވެހިރާއްޖޭގެ އެ ޚާރިޖީ ގުޅުން ވަރުގަދަކުރުމަށްޓަކައި ކުރެއްވި މަސައްކަތުގެ ނަތީޖާ ވަރަށް ސާފު. އާދެ، އަޅުގަނޑުމެންނަށް ވިސާއާ ނުލައި ދެވޭ އެތައް ޤައުމަކަށް ފަސޭހަކަމާއެކު ދެވޭކަމީ އެއީ، އަޅުގަނޑުމެން މިއަދު އެންމެން ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެން އެކަން ފާހަގަކުރަންޖެހޭ ކަމެއް. އެކި ޤައުމުތަކުން ފަސޭހަކަމާއެކު ދަރިވަރުންނަށާއި ދަރިވަރުންގެ ބެލެނިވެރިންނަށް ތިބެވޭނެގޮތަށް، އާދެ، ވިސާ ލިބިގެންދާކަމީ އެއީވެސް އަޅުގަނޑުމެން މިއަދު ފާހަގަކުރަންޖެހޭ ކަމެއް.

އާދެ، ސަރުކާރެއް މި އަންނަނީ، ރައްޔިތުންނަށް ލުއި ފަސޭހަގޮތް، ރަނގަޅު ގޮތްތައް ހޯދައިދިނުމަށްޓަކައި. މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ ދަށުން މަސައްކަތްކުރާ، އަޅުގަނޑުމެންގެ ކެބިނެޓް ފެނިގެން މިދަނީ މިގޮތަށް އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި، ލަނޑުދަނޑިތަކެއް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި. އާދެ، އަޅުގަނޑު މިއަދު މި ފުރުޞަތުގައި، މި ހުރިހާ ކާމިޔާބީއެއް ހޯދާފައިވާތީ ހަމަ ވަޒީރުންނަށްވެސް، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް އެ ޝުކުރު އަދާކޮށްލަން ބޭނުންވޭ.

އާދެ، އަޅުގަނޑުމެންނަށް ދެންމެ ފެނިގެންދިޔަ ވީޑިއޯއިންވެސް މި ހާމަވެގެންދިޔައީ ގިނަ ކަންތައްތަކެއް ކޮށްފިކަން. ވޭތުވެދިޔަ އަހަރަކީ ޙަޤީޤަތުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ލީޑަރޝިޕް އެތައް ޕްރޮގްރާމްތަކެއް، ޔޫތު މިނިސްޓްރީގެ ފަރާތުން ކައުންސިލުތަކާއި، ޖަމުޢިއްޔާތަކާއި، އެން.ޖީ.އޯސް.ތަކާއި އަދި ދައުލަތުގެ، ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން ވަރަށް ގިނަ ކަންތައްތައް ހިންގާފައިވާ އަހަރެއް. ގިނަ ކަންތައްތަކެއް މި ހިނގާ އަހަރުވެސް އަޅުގަނޑުމެން ހިންގަން އެބަޖެހޭ. އާދެ، މީގައި އަޅުގަނޑު ފާހަގަކޮށްލަން، އެޑިޔުކޭޝަންގެ ފަރާތުން އާދެ، ސްކޫލްތަކުގެ މެދުގައި، ސްކޫލްތެރޭގައިވެސް ގިނަ ހަރަކާތްތަކެއް، ސްޕޯޓްސް އާދެ، ކުޅިވަރުގެ ގިނަ ކަންތައްތަކެއް މިހާރުވެސް ހިންގަމުންދާކަން. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން އެބަޖެހޭ، ތަޢުލީމާއި ކުޅިވަރާ، މިއީ ގުޅުވައިގެން އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭ ކަމެއް. އާދެ، މުޅި ސަރުކާރުގެ ސިޔާސަތަކީ ދުޅަހެޔޮ ހަށިހެޔޮ، އާދެ، ފުރިހަމަ ޞިއްޙަތެއްގައި ޒުވާނުން ތިބުންކަމަށްވީތީ، އެންމެ ފުރަތަމަ ތުއްތު ދުވަސްވަރު އަޅުގަނޑުމެން އެކަންތައްތައް ކުދިންނަށް ދަސްކޮށްދޭން އެބަޖެހޭ. އާދެ، އަޅުގަނޑުމެން އެކަމުގައި ނަމޫނާ ދައްކައިދޭން އެބަޖެހޭ. އަޅުގަނޑުމެންގެ އުޅުމުގެ، އަޅުގަނޑުމެން އެހެން ހުރިހާ ފަރާތްތަކަށް އާދެ، ވަކިން ޚާއްޞަކޮށް، ކުޑަކުދިންނަށް އެކަންތައް ދައްކުވައިދޭން އެބަޖެހޭ.

އާދެ، ޒުވާނުންނަށް އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑުމެން މި ނަތީޖާތައް ހާސިލުކުރަމުންދާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހިނގާ ކަންތައްތަކާމެދު އަޅުގަނޑުމެންގެ ޒުވާނުން ފުންކޮށް ވިސްނަން އެބަޖެހޭ. އާދެ، ޒުވާނަކަށްވީތީ އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް ބަލަންވީ އެކަކު އަނެކަކަށް އޯގާތެރިވުމަށްޓަކައި. އެކަކު އަނެކަކަށް އަޅާލައި، މުޢާމަލާތް ކުރުމުގައި ރީތި ގޮތްތައް ގެންގުޅޭ ބަޔަކަށް އަޅުގަނޑުމެންވާން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމު ކުރިއަރައިގެން ތަރައްޤީވެގެން ތަހުޒީބު ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމިތިބެވޭނީ، އަނެކާގެ ޙައްޤު އަޅުގަނޑުމެން ދަނެގެން. އަނެކާގެ ކަންތައްތަކަށް އަޅުގަނޑުމެން އިސްކަންދިން މިންވަރަކުން. މިއަދު ދިވެހި ޒުވާނުންގެ އެ ހުރި ހުނަރު ދައްކަމުންދާއިރު، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް.

އާދެ، އަޅުގަނޑުމެންނަށްނަށް ކޮންމެ ދުވަހަކުވެސް އަޑުއިވިގެން މިދަނީ، މަގުމަތީގެ އެކްސިޑެންޓެއްގައި، ނޫނީ ކަނޑުދަތުރު ކުރުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތަކެއް ހިނގަމުންދާ އަޑުތައް. މިއީ، މިއަދު ޒުވާނުން ފުންކޮށް ވިސްނައި، މިކަމުން ސަލާމަތްވުމަށް، އާދެ، އެންމެންނަށްވެސް ރައްކާތެރި މަގުތަކެއް ހޯދައިދިނުމަށްޓަކައި އެންމެން މިކަމަށް ފުންކޮށް ވިސްނައި މަސައްކަތް ކުރަންޖެހޭނެ ކަމެއް.

އާދެ، ހަމައެއާއެކު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ނަސީބަކަށް މިވަނީ އަޅުގަނޑުމެންގެ ޞިއްޙަތު. އަޅުގަނޑުމެން އެބަޖެހޭ ދުޅަހެޔޮ ޞިއްޙަތެއްގައި، ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި އަޅުގަނޑުމެންގެ ހަށިގަނޑަށް އެކި ގޮތްގޮތުން އުނިކަން، ގެއްލުން ލިބޭފަދަ ކަންތައްތަކާ ދުރަށްދާން. އެހެން މީހުންގެ ޙައްޤުތަކަށް އަޅުގަނޑުމެން ހުރުމަތްތެރިކޮށްހިތަން އެބަޖެހޭ. އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، އަދިވެސް އެނޫން ކަންތައްތަކުން އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުން ހުރި ކަންތައްތަކުން އަޅުގަނޑުމެން ދުރަށްގޮސް، މިއަދު މުޅި މުޖުތަމަޢުން މި ނަމޫނާތައް އަޅުގަނޑުމެން ދައްކައިދޭން އެބަޖެހޭ.

އާދެ، ޤައުމެއް ކުރިއަރައި މިދަނީ އެންމެން ކުރާ މަސައްކަތުން. މިއަދުގެ ސަރުކާރު ވަރަށް ތަފާތު. މިއަދުގެ ސަރުކާރަކީ މުޅި ދިވެހިރައްޔިތުން، މުޅި ޒުވާނުން ހިމެނޭގޮތަށް އުފެދިފައި އޮތް ސަރުކާރެއް. އެހެންވީމާ، މުޅި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ، އެންމެންގެ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކޮށް، ހުރިހާ ޒުވާނުން، ހުރިހާ އުމުރުފުރައިގެ އެންމެން އެކުގައި މި މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެން މިއަދު ގަބޫލުކުރަން އެބަޖެހޭ، މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމެއްކަން. މި ޤައުމުގައި ހިމެނޭ ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ ޙައްޤެއްވާކަން.

އެހެންވީމާ، އެކުގައި މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ އަމާން ޤައުމެއް، ކާމިޔާބު ޤައުމެއް، އެއްކޮށް އެކުވެރިކަމާއެކު އުޅެވޭނެފަދަ ޤައުމެއް އަޅުގަނޑުމެންނަށް ހޯދޭނެކަމީ އެއްވެސް ޝައްކެއްއޮތްކަމެއްނޫން. ކޮންމެ ކަމަކަށްވެސް ބޭނުންވަނީ ހެޔޮގޮތުގައި، ހެޔޮ ނިޔަތުގައި، ރަނގަޅު ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތް ކުރުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުމެންގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވި ފަރާތްތަކާއި އަދި ވޭތުވެދިޔަ ދުވަސްތަކުގައި ކުޅިވަރުގެ ރޮނގުން އެކި ގޮތްގޮތުން ޤައުމަށް ރީތި ނަން ހޯދައިދީ، މި ހިސާބަށް ކުޅިވަރު ގެނައުމަށްޓަކައި އެ މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތައްވެސް ފާހަގަކޮށް، އަޅުގަނޑު އެ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް ޝުކުރު ދަންނަވަމުން އަޅުގަނޑު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލައްވައި، އަޅުގަނޑުމެންގެ ޤައުމަކީ އަމާން، އަދި އަޅުގަނޑުމެންގެ ޒުވާނުންނަށް އުފާވެރިކަން ލިބިގެންވާ ބައެއްގެ ގޮތުގައި ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.