بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ޢިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާޢީލް ނަޞީރު، ސްކޫލްގެ އިސް ވެރިންނާއި ޓީޗަރުން، ލޮބުވެތި ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިރާސީ އައު އަހަރު ފެށުނު މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ހުރިހާ ދަރިވަރުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި ހެޔޮއެދުންތައް ފޮނުވަން. އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، އެކަމަނާއާ އެކުގައި މަސައްކަތް ކުރައްވާ ޓީމުގެ އެންމެހައި މެމްބަރުންނަށްވެސް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން.

ކިޔަވައިދިނުމުގައި، ޢަމަލީގޮތުން އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ ބަޔަކީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ވެރިން، އަދި ހީވާގި މުދައްރިސުންނާއި، މައިންބަފައިންނާއި ބެލެނިވެރިންކަމާމެދު ޝައްކެއްނެތް. އެ ހުރިހާ ބޭފުޅުންނަންވެސް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރަން.

މިފަދަ އުފާވެރި ދުވަހެއްގައި، ރާއްޖޭގެ ތަޢުލީމީ ދުނިޔެއަށް، މުޅިން އައު ސްކޫލެއް ނޭވާލާން ފެށުމަކީ، ވަރަށް ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ދެކެން. މިއަދު މި ހުޅުވި ޢިއްޒުއްދީން ސްކޫލަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޢިއްޒަތާއި ޤަދަރު، އެތައް ދަރަޖައަކަށް އުފުލިގެންދާނެ ސްކޫލަކަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

މި ސްކޫލްގެ ނަން، އެ ބޭފުޅަކަށް ނިސްބަތްވަނީ، އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށް. އާދެ، މަޝްހޫރު ދޮންބަންޑާރައިންނަށް. އެ ރަދުންނަކީ ދިވެހި ޤައުމުގެ ތާރީޚުގައި، ވަރަށް ކުލަގަދަ އަކުރަކުން ނަންފުޅު ފެވިފައިވާ ރަސްކަލެއް. ވަޠަނީ ލޯތްބާއި ޤައުމީ ރޫޙުގައި، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެއް.

ތާރީޚް ޢިލްމުވެރިން، އެ ރަދުން ސިފަކޮށްދެއްވާފައިވަނީ، ހިތްވަރުފުޅު ގަދަ، ވިސްނުންތެރި ފަހުލަވާނެއްގެ ގޮތުގައި. ވަފާތެރި އިޚްލާޞްތެރި އިންސާނެއްގެ ގޮތުގައި. އާދެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ނެތިގެން މިއުޅެނީ، މި މުހިންމު ސިފަތައް. މިއީ ހަމަޖެހުމާއި އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން މުޖްތަމަޢުގައި ދެމިއޮތުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް. މި ސިފަތައް އަށަގެންނެވުމަށް ކޮންމެ ދަރިވަރަކު ގަދައަޅައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ! ދޮން ބަންޑާރައިންނާއެކު، ދިވެހިންގެ ރަސްކަމުގެ ތާރީޚުގައި ފެށިގެން އައީ ހުރާ ދަރިކޮޅުގެ ރަސްކަން. އެ ދަރިކޮޅުން ރަސްކަންކުރި ދުވަސްވަރަކީ، ޢިލްމީ ގޮތުން ދިވެހިންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ދުވަސްވަރެއް. ދަރީންނަށް ތަޢުލީމް ދިނުމުގައި ޢިލްމުވެރިންގެ ދައުރު ވަރަށް ބޮޑަށް އެދުވަސްވަރު ފުޅާވެގެންދިޔަ. ރާއްޖޭގެ ލިޔުންތެރިކަމާއި ފޮތްތެރިކަމުގެ ބިންގާ އެޅިގެންދިޔައީ، އެ ދުވަސްވަރު ކަމަށް ބައެއް މުއައްރިޚުން ވިދާޅުވޭ.

އެހެންކަމުން، ހުރާ ދަރިކޮޅުގެ ރަސްކަމުގެ ފެށުން ކަމުގައިވާ ދޮން ބަންޑާރައިންގެ ނަމަށް، ސްކޫލެއް ނިސްބަތް ކުރުމަކީ ވަރަށް އެކަށޭނަ ކަމެއްކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު އުންމީދު ކުރަނީ، މި ސްކޫލަކީވެސް ހުރާ ޚާންދާނުގެ ރަސްކަލުން ފަދައިން، ތަޢުލީމީ އަދި ޢިލްމީ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުން، އަގުހުރި ދަރިވަރުންތަކެއް އުފައްދާނެ ސްކޫލަކަށް ވެގެންދިޔުން.

ނިމިގެން މިދިޔަ ދިރާސީ އަހަރަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އައި އަހަރެއްކަން ޔަޤީން. އުނގަންނައިދިނުމަށާއި ތަމްރީނު ދީގެން މީހުން ބިނާކުރުމަށް، ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވުނު އަހަރެއް. ވަކިން ޚާއްޞަ ގޮތެއްގައި، މަތީ ތަޢުލީމުގެ ދާއިރާއިން ވަރަށް ތަނަވަސް ފުރުޞަތުތަކެއް ދިވެހި ޒުވާނުންނަށް ފަހިކޮށްދެވުނު އަހަރެއް.

ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވޭނެގޮތް ވަނީ ހަމަޖެހިފައި. މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް 5590 ދަރިވަރަކަށް ވަނީ، ފައިސާ ދޫކޮށްފައި. ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ވާނީ 25 އިންސައްތައަށް އިތުރުކޮށްދީފައި.

މި އަހަރުގެ ތެރޭގައިވެސް، ޢިލްމީ ގޮތުން ޤާބިލް ދިވެހި ޒުވާނުން ބިނާކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް، އެއް ދާއިރާއަކަށް ދައުލަތުގެ ބަޖެޓުން އެންމެ މަތީ އިންސައްތައެއް، އާދެ، ބަޖެޓުގެ 12 އިންސައްތަ އަޅުގަނޑުމެން ކަނޑައެޅީ، ތަޢުލީމީ ދާއިރާއަށް. އެއީ 4.4 ބިލިއަން ރުފިޔާ. މިއީ މިދިޔަ އަހަރަށްވުރެ 1 ބިލިއަން ރުފިޔާ އިތުރު ޢަދަދެއް.

ތަޢުލީމީ ދާއިރާއިން މި އަހަރު ކުރުމަށް ރޭވިފައި ހުރި މުހިންމު ބައެއް ކަންކަމަށް ބަލާއިރު، އަތޮޅުތަކުގެ ތަޢުލީމީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް މި އަހަރުގެ ބަޖެޓުގައި 330 މިލިއަން ރުފިޔާ ކަނޑައެޅިފައި އެބައޮތް. އަދި މާލޭގެ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ހެދުމަށް 65 މިލިއަން ރުފިޔާ، އަދި ހުޅުމާލޭގައި އައު ސްކޫލެއް އެޅުމަށް 54 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވޭ.

އަމިއްލަ ފަރާތްތަކުންވެސް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން. އަމިއްލަ ފަރާތްތަކުން ހިންގާ ޕްރައިވެޓް ސްކޫލްތައް އެބަހުރި. ކޮލެޖްތަކާއި އިންސްޓިޓިއުޓްތައްވެސް އެބަހުރި. އެހެންކަމުން ދިރާސީ އައު އަހަރެއް ފެށޭ މުނާސަބަތުގައި، އެ ބޭފުޅުން އެ ކުރައްވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަދު މި ހުޅުވުނު ޢިއްޒުއްދީން ސްކޫލާއެކު، ސަރުކާރުގެ ސްކޫލްތައް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މުޅިން އައު މަރުޙަލާއެއް ފެށިގެންދާނެ. މިދެންނެވި ސިޔާސަތު، މި ސްކޫލްގައި ތަންފީޒު ކުރެވޭނީ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، ތަރުބަވީ އަޚްލާޤާއެކު، ހަށި ހެޔޮކަމުގެ ޙަރަކާތްތައް ހިމެނޭ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން.

މި ނިޒާމު ތަންފީޒުވާއިރު، ބެލެނިވެރިޔާ އޮފީހަށް ދާނީ، 7:40 އަށް ދަރިފުޅު ގެންގޮސް ސްކޫލަށް ލައިފައި. ސްކޫލުގައި ދަރިވަރުގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށްފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން، ސްކޫލްގައި ނަމާދުކޮށް، މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެޔަށް ދާނީ، ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން. އޭރު ދަރިފުޅު ހުންނާނީ، އިތުރު ޙަރަކާތްތަކާއި، އިތުރު އެހީދޭ ކްލާސްތައްވެސް ނިންމައިގެން. ދެން އެ ދުވަހު ދަރިވަރުވެސް، ބެލެނިވެރިޔާވެސް އިތުރު ވަގުތަކު ސްކޫލަށް އަންނާކަށް ނުޖެހޭނެ.

ކުދިންނަށް ކިޔަވައިދިނުމާއެކު، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް، އެކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް ސްކޫލުން މަގު ފަހިކޮށްދޭނެ. މިފަދަ ކަންކަން ދަރިވަރުންނަށް ފަހިކޮށްދިނުމަށްޓަކައި، މި ސްކޫލްގެ ކްލާސްތަކަށް ދަރިވަރުން ބަހާލާފައިވާނީ، ކްލާހެއްގައި 25 ދަރިވަރުންނަށްވުރެ އިތުރުނުވާގޮތަށް. މިއީ ސަރުކާރުގެ ސްކޫލެއް މިގޮތަށް އިންތިޒާމު ކުރެވޭ ފުރަތަމަ ފަހަރު. އެކަމުގެ ހެޔޮ ބަދަލު ދަރިވަރުންގެ ކިބައިން އިރާދަކުރެއްވިއްޔާ ފެންނަން ފަށާނެ.

މި ބަދަލުގެ ސަބަބުން ކުދިންނަށްވެސް އަދި ޓީޗަރުންނަށްވެސް ފައިދާވާނެ. މި ސްކޫލްގެ ހުރިހާ ކަމެއްވެސް އިންތިޒާމުކުރެވިފައި ހުންނާނީ، އަމިއްލަ ނަފްސާއި މުޖުތަމަޢުގެ ކުރިއެރުމަށާއި، ތިމާގެ ޤައުމުގެ ހެވާއި ލާބަޔަށް މަސައްކަތްކުރާ، އަދި 21 ވަނަ ސައްތައިގެ އީޖާދީ ދިރިއުޅުމަށް ލޯތައް ހުޅުވި، ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް.

އަޅުގަނޑުމެންގެ އަމާޒަކީ، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީ، ދީނަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި ދަރިވަރަކަށް ހެދުން. ސްކޫލް މަރުޙަލާ ނިމޭއިރު، ކޮންމެ ދަރިވަރަކުމެ ހުންނާނީ، ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭވަރަށް، އަމިއްލަ ނަފްސަށް އިތުބާރު ލިބި، ތަރައްޤީ ހޯދުމަށްޓަކައި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ތައްޔާރުވެފައި.

އަޅުގަނޑުމެން މާނަކުރާ ތަރައްޤީއަކީ ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމެއް. ތަރައްޤީއަކީ އިންސާނާގެ ސިކުނޑިން އުފެދިގެން އަންނަ، އުފެއްދުންތެރި އީޖާދީ ވިސްނުމެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެފަދަ ވިސްނުން އުފެދޭވަރަށް، ދިވެހި ކޮންމެ ދަރިއެއްގެ ސިކުނޑި ތަރައްޤީ ކޮށްދޭން. އެއްވެސް އޮޅުމެއް ނެތް ގޮތުގައި އިންސާނާގެ ވިސްނުން ތަރައްޤީކޮށްދޭ އެއްޗަކީ ތަޢުލީމް.

އަޅުގަނޑު މިއަދު ތިޔަ ކުދިންނާ އެންމެ ސުވާލެއް ކޮށްލަން ބޭނުން. ޔުނީފޯމް ލައިގެން، ފޮތް ދަބަސް ހިފައިގެން ސްކޫލަށް އައުމުގެ ބޭނުމަކީ ކޮބައިތޯ؟ ޖަވާބު ނުދެވުނަސް، ކޮންމެ ކުއްޖެއްގެވެސް ހިތުގައި އޮންނާނެ ޖަވާބަކީ، ކިޔަވާށޭ ސްކޫލަށް އަންނަނީ.

ރަނގަޅު. ހުރިހާ ކުދިންވެސް ސްކޫލަށް އަންނަނީ ކިޔަވަން. އެކަމަކު ޙަޤީޤީ ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސްކުރުމެއް ނޫން. ގިނަ ކުދިންތަކެއް، އެއް ތަނެއްގައި ތިބެގެން ކިޔަވަނީ، ވަރަށް މުހިންމު ބޭނުމެއްގައި. އެއީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވާން ދަސްކުރުން. އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެހީތެރިވާނެ ގޮތްތައް ދެނެގަތުން. އެކުވެރިކަމާއި ލޯތްބާއެކު އުޅެން ދަސްކުރުން.

ތިޔަކުދިންގެ ފިލާވަޅުތަކުގައިވެސް ބުނެދެވޭނީ މި ކަންތައް. އެހެންވީމާ، ކޮންމެ ކުއްޖެއްގެވެސް ޢަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކުވެސް، އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދޭން. އެހެން ކުދިންނާ ބައްދަލުކުރާއިރު، އަބަދުވެސް އުފާވެރިކަމާއި ހިނިތުންވުމާއެކު ބައްދަލުކުރަން. ކޮންމެ ދުވަހަކުވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއްގައި އެހީތެރިވެދޭން.

ސްކޫލްގެ ތެރޭގައި ތިބޭއިރު، ތިޔަ ކުދިންނަކީ އެއް ޢާއިލާއެއް. ސްކޫލްގެ ތެރޭގައި ތިޔަ ކުދިންގެ މައިންބަފައިންނަކީ، ސްކޫލްގެ ވެރިންނާއި މުދައްރިސުން. އެހެންވީމާ، މައިންބަފައިންގެ ނަޞޭޙަތް އަބަދުވެސް ޤަބޫލުކުރަންވާނެ. އެމީހުން ތިޔަ ކުދިންނަށް ދުވަހަކުވެސް ނުބައި ނަޞޭޙަތެއް ނުދޭނެ. ތިޔަ ކުދިންނަށް ދެރައެއް ލިބުމަކަށް ނޭދޭނެ. އަބަދުވެސް ތިޔަ ކުދިންނަށް އެދޭނީ ރަނގަޅު ގޮތްތައް.

އެހެންވީމާ، މައިންބަފައިންނާއި ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކުދިބަޔަކަށްވުމަށް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އަޅުގަނޑު މިއަދު އިލްތިމާސްކުރަން. އޭރުން ތިޔަ ކުދިންނަކީ، ދިރިއުޅުމުގެ ޢަމަލީ މައިދާނުގައިވެސް ކާމިޔާބު ކުދިން ކަމުގައި ވެގެންދާނެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިން ކަމުގައި ވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް، ސަރުކާރާއި ބެލެނިވެރިން ގުޅިގެން މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރެއްވުން. މިއަދު މި ފެށުނު ދިރާސީ އަހަރަކީ، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް، ކާމިޔާބު އަހަރެއް ކަމުގައި ލައްވައި، އިޖުތިމާޢީ ޞުލްޙަމަސަލަސްކަންމަތީ، ދިވެހި އުންމަތް ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.