ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރިނބުދޫގެ އިޖްތިމާޢީ އަދި އުމްރާނީ ތަރައްޤީއަށް ރާވާފައިވާ، އަދި ހިންގަމުން ގެންދާ މަޝްރޫޢުތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުންވަނީ، ރިނބުދޫގައި ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫޢާއި، މި އަހަރު ހިންގުމަށް ރާވާ ބަޖެޓުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫޢުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލަރުންވަނީ، ރަށުގެ ފެނުގެ ހާލަތު މި ވަގުތު އޮތް ގޮތް ޙިއްޞާކުރައްވާ، ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، ބަނދަރު ފަރުމާކޮށްފައިވާ ގޮތުން ކުރިމަތިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާ، އެ ބޭފުޅުންވަނީ މި ކަންތައްތައް ޙައްލު ކުރެވޭނެ ގޮތްތަކާއިމެދު އެމަނިކުފާނާއިއެކު މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ރަށުގެ ކުނިކޮށީގެ މަސައްކަތް ނިމިފައި ވީ ނަމަވެސް، ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ހުރި ހުރަސްތަކުގެ މަޢުލޫމާތުވެސް ކައުންސިލަރުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. އަދި، ރިނބުދޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކައުންސިލުން ރާވާފައިވާ ޕްލޭނާއި ބެހޭ މަޢުލޫމާތު ޙިއްޞާ ކުރައްވާ، ކައުންސިލަރުންވަނީ އެ ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ދާއިރާތަކާއިމެދު ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުންވެސް، ރަށަށް ކުރިމަތިވެފައިވާ ބައެއް އެހެނިހެން މައްސަލަތައް ފާހަގަކުރައްވާ، ކައުންސިލަރުންވަނީ، ގޯތި ދޫކުރުމާއި، ގިރާ ސަރަހައްދު ޙިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތަކާއިބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. ކައުންސިލުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ އިޖްތިމާޢީ ބައެއް މަސައްކަތްތައް ފާހަގަކުރައްވާ، ކައުންސިލަރުންވަނީ މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް "މަރިޔަންމާ" ކެމްޕެއިންގެ ނަމުގައި ޚާޢްޞަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫގައި ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި، ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ވަކިވަކީން އަލިއަޅުއްވައިލައްވައި އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވަން ކުރެއްވެން ހުރި މަސައްކަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިވަޑައިގެން ކުރައްވާނެކަމުގައި ވިދާޅުވިއެވެ.