ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެއަތޮޅު ގުރައިދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.
ގުރައިދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ޙައްލުކުރުމަށް އެދޭ ކަމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ކުނި މެނޭޖުކުރުމުގައި މިހާރު ހުރި ދަތިތަކެވެ. އަދި ބިންހިއްކުމުގެ މަޝްރޫޢާ އަދި ސްކޫލަށް އިތުރު ކްލާސްރޫމްތަކެއް އިތުރުކުރުމުގެ މަޝްރޫޢު ކުރިޔަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި ބައެއް ޚިޔާލުތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު ބައެއް ކަންކަމާއި އިޖްތިމާއީ ދުޅަހެޔޮކަމަށް ބޭނުންވާ ބައެއް ކަންތައްތަކާ ބެހޭގޮތުންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާހާއެކު ކައުންސިލުތައް އިތުރަށް ބާރުވެރި ވެގެންދާއިރު ރަށުގެ މުހިންމު ކަންކަން ނިންމުމުގައި ވީހާވެސް ބޮޑަށް ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތް ކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައިޔ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގުރައިދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.