بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، ދައުލަތުގެ ވަޒީރުން، މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢީސާ، އަތޮޅު ކައުންސިލަރުން، ރަށު ކައުންސިލަރުން، އަދި މިއަދުގެ އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ބައިވެރިޔަކު ކަމުގައިވާ އެމް.ޔޫ. މުޙައްމަދު ޢުމަރު މަނިކު، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެންމެ ފުރަތަމަ ކަމަކަށްވެސް، އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވަނީ، މިފަދަ ބޮޑު ހަދިޔާއެއް، އެހީތެރިކަމެއް މި ރަށަށް ދެއްވީތީ، މުޙައްމަދު ޢުމަރު މަނިކަށް ރަށުގެ ރައްޔިތުންގެ ނަމުގަޔާއި، ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވާ ވާހަކަ.

މީގެ އަހަރެއްހާ ދުވަސް ކުރިން، އަޅުގަނޑަށް މުޙައްމަދު ޢުމަރު މަނިކުގެ ފަރާތުން ލިބުނު ޚަބަރެއް، މެސެޖެއް މިސްކިތެއް ތިމަންނާ އަޅަން ބޭނުންވެއޭ. އަޅަން ބޭނުންވަނީ ކޮންތަނެއްގައިކަން ނިންމައިދޭށޭ. އަޅުގަނޑުމެން ބޭނުން ތަނެއްގައި މިސްކިތް އަޅައިދޭނަމޭ. އެއާއެކުގައި އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް ފެންނަނީ ކެނދިކުޅުދޫގައި މި މިސްކިތް އަޅައިދޭށޭ.

އާދެ، މުޙައްމަދު ޢުމަރު މަނިކަކީ، ވަރަށްގިނަ ގޮތްގޮތުން ރާއްޖެއަށް، ސަރުކާރަށް، ދައުލަތަށް ޚިދުމަތް ކުރައްވާ ބޭފުޅެއް. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބަޔަކީ ޓޫރިޒަމް ޞިނާޢަތް. އެ ފެށިގެން އައިސް މި ހިސާބަށް ތަރައްޤީވެގެން އައި އައުމުގައި މުޙައްމަދު ޢުމަރު މަނިކުގެ ދައުރަކީ، އެއްވެސް ބޭފުޅަކަށް ހަނދާންނައްތައިލެވޭނެ ދައުރެއް ނޫން. އެންމެ އާދައިގެ ހިސާބުން ފެށިގެން މިއަދު މުޅި ދުނިޔެ ގަބޫލުކުރާވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް، މި ރާއްޖޭގައި އުފެދިގެން އައީ، ތަރައްޤީވެގެން އައިސްފައި މިއޮތީ މުޙައްމަދު ޢުމަރު މަނިކުގެ ވަރަށްބޮޑު ހިއްސާއެއް އޭގައި އޮވެގެން. މިއީ މި ރާއްޖެ މިއަދު މި ދެކޭ ތަރައްޤީގެ ވަރަށް މުހިންމު އެއްބައި. އެހެންކަމުން، މިކަމަށްޓަކައިވެސް އަޅުގަނޑު މި ފުރުޞަތުގައި މުޙައްމަދު ޢުމަރު މަނިކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އެ މަނިކުފާނަކީ ތަޢުލީމީ ދާއިރާގައިވެސް، މީހުން ބިނާކުރުމުގައިވެސް، ޞިއްޙީ ދާއިރާގައިވެސް ވަރަށް ގިނަ ޚިދުމަތްތަކެއް، އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އަދި މިރަށަކަށް އެކަންޏެއް ނޫން، މި އަތޮޅަކަށް ނޫން، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަދި ސަރުކާރަށްވެސް އެއިރެއްގައި ދިމާވެފައިވާ ބޮޑެތި ކަންތައްތަކުގައި، ވަރަށް ދީލަތި އެހީތަކެއް ފޯރުކުރަމުންގެންދޭ.

މިއަދު އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތަކީ، މިފަދަ ވިޔަފާރިވެރިންނަށް ފުރުޞަތުތައް ހުޅުވައިލުން. މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރާއްޖޭގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައިދިނުން. ބިރުވެރިކަމެއްނެތި، ޔަގީންކަމާއެކީގައި އިންވެސްޓްމަންޓްތައް ރައްކާތެރިކުރެވޭނެ ގޮތްތައް ޤާނޫނީގޮތުން ހޯދައިދިނުން. އޭގެ ނަތީޖާ އަޅުގަނޑު ހިތުން މިއަދުވެސް ފެންނަމުން މިދަނީ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ވިޔަފާރިވެރިންނަށް، ޚާއްޞަކޮށް، ދަތިވެފައި، އުދަނގޫވެފައި ހުރި ކަންތައްތައް ފަސޭހަކޮށްދިނުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް އަޅުގަނޑުމެން ގެންނާނަން.

ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގެ ޕްލޭނެއް އެބައޮތް. އަޅުގަނޑުމެންގެ ޕްލޭނަކީ، ވަކި ރަށެއް ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. އެގޮތުން މި ރަށަށް ބޭނުންވެފައި ހުރި ކަންތައްތަކެއްވެސް އެބަހުރި. މިހާރުން މިހާރަށް ޙައްލު ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި. އެއްކަމަކީ، ޞިއްޙީ ދާއިރާ ތަރައްޤީކުރުން. މިރަށުގެ ޞިއްޙީ ޚިދުމަތަކީ، ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައި އޮތް ކަމެއް. މި ހިނގާ ވިހިވިހީގެ ބަޖެޓްގައި އަޅުގަނޑުމެން ވާނެ މިރަށުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ބަޖެޓް ކުރެވިފައި. އެގޮތުން، އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި މިރަށުގެ ޞިއްޙީ މަރުކަޒު ހަމަ ރަނގަޅު ޚިދުމަތް ލިބޭ، ހޮސްޕިޓަލް ފެންވަރުގެ ތަނަކަށް އަޅުގަނޑުމެން ތަން ބަދަލުކުރާނަން.

އަޅުގަނޑަށް މިރަށަށް މީގެކުރިން އާދެވުނު ކޮންމެ ފަހަރަކުވެސް ދައްކަމުންދިޔަ އެއް ވާހަކައެއް، މި ބޮޑު މަގު ރަނގަޅު ފެންވަރަކަށް ހަދައިދިނުމުގެ ވާހަކަ. އެހެންނަމަވެސް، އޭގެކުރިން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ފެނާއި ނަރުދަމާގެ ނިޒާމު މިރަށުގައި ޤާއިމުކުރަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، 2019 ވަނަ އަހަރުގެ ކުރީކޮޅުގައި މިފަދަ މަސައްކަތްތައް ފަށައިގެންއިރުގައި މިރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ކޮންޓްރެކްޓަރަކާ
އެ މަސައްކަތް ހަވާލުކޮށްފައި. ނަމަވެސް، ބައެއް ދަތިތަކާ ހުރެ އެކަން ލަސްވެފައި މިހާ ހިސާބަށް މިއޮތީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، އެ މަސައްކަތްތައް މިހާރު އަވަސްވެ، ހަލުވި ސްޕީޑެއްގައި ކުރިއަށް އެބަދޭ.

އަޅުގަނޑު ތިޔަބޭފުޅުންނަށް މިއަދު ޔަގީންކޮށް އަރުވަން ބޭނުންވަނީ، ފެނާއި ނަރުދަމާގެ ނިޒާމު ނިމުމާއެކީގައި، މިރަށުގައި ތިޔަބޭފުޅުން ތިޔަ ބޭނުންވާ މަގު ރަނގަޅަށް ހެދުމުގެ މަސައްކަތް އިރާދާކުރެއްވިއްޔާ، އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ. އަދި މީގެ އިތުރުންވެސް މިރަށުގައި ސްލިޕްވޭއެއް ހެދުމާއި، މިރަށުގައި ޖޫނިއަރ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތް، މި ހިނގާ 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައި އެބައޮތް. އިރާދަކުރެއްވިއްޔާ، މި މަސައްކަތްތައް މި އަހަރު ތެރޭގައ ކުރެވިގެންދާ ތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

ނިންމާލުމުގެ ކުރިން، އަޅުގަނޑު މި ފުރުޞަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއާއި، ދެއްވާ މެހްމާންދާރީއަށްޓަކައި ތިޔަބޭފުޅުންނަށް ވަރަށްބޮޑަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރަން. އަޅުގަނޑު ހަމަ މިރަށާ ދޭތެރޭގައި ހަމަ ވަރަށް ގާތް ގުޅުމެއް، ކުރިއަށް އޮތް ތަނުގައިވެސް ބާއްވަމުން ގެންދާނެ ވާހަކަ ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލަން.
ވަރަށްބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.