بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

ދެންމެ، ފ. އަތޮޅުއޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް މުޙަންމަދު ޝަރީފް އެ ވިދާޅުވިފަދައިން، އަޅުގަނޑުގެ މި ދަތުރަކީ، މި އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރުން މިއޮތީ މި އަތޮޅު ނިލަންދޫގައި ކަމަށްވާތީ، އެކަންތަކުގައި ބައިވެރިވާން ކުރާ ދަތުރެއް. މި ދަތުރުގައި އަޅުގަނޑު ގަސްތުކުރީ، މި އަތޮޅުގައި މީހުން އުޅޭ ހުރިހާ ރަށަކަށްވެސް ޒިޔާރަތްކޮށްލަން. ބޭނުމަކީ، ރައްޔިތުންގެ ޙާލުއަހުވާލު ބަލައިލައި، އެމީހުން ތަރައްޤީގެ މަގުގައި ކުރަމުންގެންދާ މަސައްކަތްތައް އޮޅުންފިލުވާލައި، އަދި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ރަށުގެ ކަންތައްތައް ތަރައްޤީކޮށް، ރަށުގެ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ކުރެވެން އޮތީ ކޮންކަމެއްތޯ ބަލައިލައި، މި ކަންތަކުގެ މަޢުލޫމާތު އޮޅުންފިލުވުން.

އެހެންވީމާ، އަޅުގަނޑު ހިތުން މި ދަތުރަކީ އޭގެ ސަބަބުން ސަރުކާރަށްވެސް ވަރަށް ރަނގަޅު މަޢުލޫމާތުތަކެއް ލިބޭނެ ދަތުރެއް. އަދި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި، ކަމާބެހޭ ދާއިރާތަކުގެ އިސްވެރިން، އާދެ، އެއީ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އަލްފާޟިލް ޙަމްދޫން ޙަމީދާ ދެ ބޭފުޅުން އަޅުގަނޑާ އެކީގައި މި ދަތުރުގައި ބައިވެރިވެވަޑައިގެން ދެއްވާ. އެ ދެބޭފުޅުންވެސް ރަށުގެ ވެރިންނާއި އަދި އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ހޯއްދަވައި، އެކަމުގައި ސަރުކާރުން ކުރެވެން އޮންނާނީ ކޮން ކަންކަމެއްތޯ ބައްލަވައިލައްވާނެ. އެގޮތުން މި ދަތުރަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ދަތުރެއް.

އާދެ، މިއަދު މިރަށަށް އައުމާ އެކީގައި، މަގޫދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އޭގެތެރޭގައި މަގޫދޫ އޮފީސް ހިންގަވާ ވެރިންނާއި، މަގޫދޫ މެޖިސްޓްރޭޓާއި، އަދި މަގޫދޫގައި އުޅުއްވާ ސަރުކާރުގެ ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި، މަގޫދޫ އާންމު ރައްޔިތުންނާއި، ކުދިބޮޑު އެންމެންނާއި އަދި ކިޔަވާކުދިން އަޅުގަނޑު ހިމަނަން. ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށްވެސް ހޫނު، ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް. އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަކީ މަގޫދުއަށް ބީރަށްޓެއްސެއް ނޫން. ވަރަށްގިނަފަހަރު އަޅުގަނޑު ވަނީ މިރަށަށް ޒިޔާރަތްކޮށްފައި. އޭގެތެރޭގައި ރަސްމީގޮތުން ކުރާ ޒިޔާރަތާއި އަދި ބައެއްފަހަރަށް ޗުއްޓީ ހޭދަކޮށްލުމުގެ ގޮތުން ކުރި ޒިޔާރަތްކުރުންވެސް ހިމެނޭ. އާދެ، މިރަށަށް އެތައް ފަހަރެއްގެ މަތިން އަޅުގަނޑުވަނީ އައިސް، މި ރަށުގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައި. އަދި މިރަށުގެ ރައްޔިތުންނާ ތަފާތު ފަހަރު ބައްދަލުކޮށް ހަދާފައި.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، މި ރަށުގެ ރައްޔިތުންނާއި އަޅުގަނޑާ ދޭތެރޭގައި އުފެދިފައި މިވަނީ، ވަރަށް ކުރިއްސުރެ އުފެދިފައިވާ ވަރަށް ވަރުގަދަ އެކުވެރިކަމެއްގެ ގުޅުމެކޭ. އެހެންވީމާ، އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަބަދުވެސް ރައްޔިތުން އަޅުގަނޑަށް ވިދާޅުވާ މަރްޙަބާ. ރައްޔިތުން ފާޅުކުރައްވާ އިޚްލާޞްތެރި ޝުޢޫރުތައް މިއީ އަޅުގަނޑު ވަރަށްބޮޑަށް އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމެއް. އަޅުގަނޑަށް އޭރުވެސް މިހާރުވެސް އެނގިފައިވާ ގޮތުގައި، މިރަށަކީ ވެރިންނާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާ ރަށެއް. އަޅުގަނޑު ހިތުން، އެގޮތުން މި ރަށަކީ އެހެން ރަށްރަށަށް ނަމޫނާއަކަށްވުންވެސް އެކަށީގެންވާ ރަށެއް. މި ރަށަކީ ތަޢުލީމީގޮތުން ހޭލުންތެރިކަން އިތުރުވެ، އުމްރާނީގޮތުން ކުރިއަރަމުން އަންނަ ރަށެއް. އެއީވެސް އަޅުގަނޑު ހިތުން ރާއްޖޭގެ ތަރައްޤީގައި އަޅުގަނޑުމެންނަށް ފެންނަމުންދާ ވަރަށް އުފާވެރި މަންޒަރެއް.

މި ރަށުގެ ރައްޔިތުންގެ ތެރޭގައި، ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެން ތިއްބެވި ދެބޭފުޅަކު ހިމެނިވަޑައިގަންނަވާކަން އެއީ ޝައްކެއްނެތްގޮތުގައި، މި ރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު އުފަލަކާއި ޝަރަފެއް. އޭގެތެރެއިން އެއް ބޭފުޅަކީ، ތަޢުލީމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1994 ވަނަ އަހަރު ޢާންމު ޚިދުމަތުގެ އިނާމު ހާސިލުކުރެއްވި، އަލްފާޟިލާ ހާޖަރާ ޙުސައިން. އަނެއް ބޭފުޅަކީ 1996 ވަނަ އަހަރު އިޖްތިމާޢީ ޚިދުމަތްކުރުމުގެ ރޮނގުން ދައުލަތުގެ އިނާމު ހާސިލުކުރެއްވި އަލްފާޟިލް މޫސާ ދާއޫދު. މި ދެބޭފުޅުންނާ، މި ޖަލްސާއަށް އައުމުގެ ކުރިން އަޅުގަނޑު ބައްދަލުކޮށްލައި، އެ ބޭފުޅުންނަށް ތަހުނިޔާ އަދާކުރުމުގެ ފުރުޞަތު ލިބުނު. އެހެންވީމާ، އެބޭފުޅުން އެ ކުރައްވާ ޚިދުމަތުގެ އަގު މިއަދުވެސް އަޅުގަނޑު ހަނދާންކޮށް، އެ ދެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އަދި މަގޫދޫގެ ރައްޔިތުން މިކަހަލަ ކަންކަމަށް ބަހައްޓަވާ ޝައުޤުވެރިކަމަށްޓަކައި ރައްޔިތުންނަށްވެސް އަޅުގަނޑު ހިތްވަރުދީ، ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ރަށުގެ ރައްޔިތުންނަށް ބައެއްކަހަލަ ކަންތައްތައް ވަނީ ދިމާވެފައި. އޭގެ ސަބަބުން ރައްޔިތުންގެ ގިނަ ބައެއްގެ ހިތުގައި ތަފާތު ޝުޢޫރުތައް ވަނީ އުފެދިފައި. މިކަންކަން ގެންދާގޮތާ ބެހޭގޮތުން، އަދި ރައްޔިތުން މިހާރު ބޭނުންވާ ކަންތައްތައް، އިތުރަށް ކުރެވޭނީ ކިހިނެއްތޯ ބެލުމުގެ ގޮތުން، މިރަށުގެ ރައްޔިތުންނާއި ވެރިންނާ، މިއަދު އަޅުގަނޑާއެކު ވަޑައިގެންނެވި މިނިސްޓަރުން ބައްދަލުކޮށްލައްވައި ހައްދަވައިފި. އަދި ކުރިއަށް އޮތް ތާނގައި ކުރައްވާނެވެސްމެ. އެހެންވީމާ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް ކޮންމެވެސްވަރެއްގެ މަޢުލޫމާތުތަކެއް އެބޭފުޅުން ދެއްވާނެ. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ސަރުކާރުން ކަންތައްތައް ކުރަމުން މިގެންދަނީ ވަކި އުސޫލެއްގެ މަތިންނޭ. ވަކި ހަމަތަކެއްގެ މަތިންނޭ. އަދި ސަރުކާރުން ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ގިނަ ބަޔަކަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ލިބިދިނުން ހިމެނޭ. އެހެންވީމާ، އެގޮތުން ބަލާއިރު، ބައެއް ރަށްރަށުގެ ކަންތައްތައް، އެ ރަށުގެ ރައްޔިތުން އެންމެ އެދޭ ގޮތްނޫން ގޮތަކަށްވުމަކީ އެކަށީގެންވާ ކަމެއް. އެކަމުގައި ޢާންމު ފައިދާއަށް ވިސްނާފައި، ސަރުކާރުން އެކަން ކުރަނީ އެހެން އެކަން ކުރިނަމަވެސް، ކޮންމެ ރަށަކަށްވެސް ރަށުގެ ރައްޔިތުންނަށް އިތުރު ގޮތްތައް ހޯދައިދެވޭތޯ. ސަރުކާރުން މަސައްކަތް ކުރަމުން، ކުރިންވެސް ގެންދޭ. އަދިވެސް ގެންދާނެ.

އާދެ، އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިކަންތައްތަކާ ބެހޭގޮތުންވެސް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި، މި ރަށުގެ ވެރިންނާއި ރައްޔިތުން މަޝްވަރާ ކުރައްވައިގެން، ރަށުގެ ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެގޮތްތަކެއް އެފަރާތްތަކަށް ހުށަހެޅުއްވުން ރަނގަޅުވާނޭ. އަދި އެކަންކަން ސަރުކާރުން ކޮށްދެވެން އޮތް މިންވަރަކުން ކޮށްދެއްވުނު ގޮތަކަށް ކޮށްދެއްވަމުންވެސް ގެންދާނޭ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިވަގުތު އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލަކަމަށް ދަންނަވާލުން. އެއީ މި ރަށުގެ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން، މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި ވަބާއެއް. ވަރަށްގިނަ ބަޔަކަށް އެކަމުގެ ވޭންތައް ލިބެމުންދާ ކަމެއް. ވަރަށް ގިނަ ޢާއިލާތަކުގެ ކުދިން މަސްތުވާތަކެތީގެ ދަލުގައިޖެހި، އެކުދިންނާއި އެ ޢާއިލާތަކަށް ވަރަށް ހިތާމަތަކެއްވެސް ދަނީ ލިބެމުން. އަދި މިކަމަކީ މުޅި ޤައުމު އެކަމަށްޓަކައި ވަރަށްބޮޑަށް ކަންބޮޑުވާން ޖެހިފައިވާ ކަމެއް. މި ނުރައްކަލުން އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންނާއި، ހަރުމީހުންނާ، ޖުމްލަކޮށް ދަންނަވާނަމަ، މުޅި ރައްޔިތުން ސަލާމަތްކުރެވޭނީ ސަރުކާރާއި، ރައްޔިތުންނާ ގުޅިގެން. ވަރުގަދަ ޢަޒުމަކާ އެކީގައި މަސައްކަތްތަކެއް ކޮށްގެން. އެ މަސައްކަތްތައް މިހާރުވެސް ކުރެވެމުން އެބަދޭ. އަދި ޤައުމީ ފެންވަރުގެ ކެމްޕޭނެއްވެސް އެކަމަށް އެބަ ހިންގޭ. އޭގެ ނަތީޖާވެސް މާތް ﷲގެ ވާގިފުޅާއެކު މިދަނީ ފެންނަމުން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މި ރަށުގެ ރައްޔިތުންވެސް މިކަމުގައި ސަރުކާރާ އެއްބާރުލައްވައި ދެއްވުން. ހުރިހާ މައިންބަފައިންނާއި، ހުރިހާ އާއިލާތަކުގެ އެހެން މެންބަރުންނާއި، އާންމު ރައްޔިތުންނާއި، ޖަމާޢަތްތަކާއި އަފްރާދުން މިކަމުގައި އަތުގުޅައިލައިގެން ހިތްވަރާއެކު މަސައްކަތް ކުރަމުން ގެންދިޔުން. އެކަން އެހެން ކޮށްފިނަމަ، ޝައްކެއްނެތްގޮތުގައި މި ނުރައްކާތެރި ބަލިން އަދި މިނޫންވެސް ނުރައްކާތެރި ވަބާތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ. މާތްﷲ އަޅުގަނޑުމެންނަށް އެކަމުގައި ތައުފީޤު ދެއްވާނެ.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިހާރު ތަފާތު ކަންތައްތައް ހިނގަމުން އެބަދޭ. އޭގެތެރޭގައި އަޅުގަނޑުމެން އެދޭ ކަންތައްތަކާއި، އަޅުގަނޑުމެން ނޭދޭ ކަންތައްތައްވެސް އެބަ ހިނގާ. އާދެ، އެދޭ ކަންތައްތަކަކީ، ގިނަ ބައެއްގެ މަޝްވަރާގެ އަލީގައި ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުން. އާ ޤާނޫނުއަސާސީ އެކުލަވައިލުމުގައިވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ ލިބިގެން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެކަން ކުރިޔަށް ގެންދެވުން. އެ މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށް ވަރުގަދަ ޢަޒުމަކާ އެކީގައި ސަރުކާރުން އެ މަސައްކަތް ކުރަމުން މިގެންދަނީ. އަދި ކުރިއަށް އޮތް ތާނގައިވެސް ކުރަމުން ގެންދާނީ.

ހަމައެހެންމެ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުކަން އެއީވެސް ތަރައްޤީގެ މަގުގައި ރާއްޖެ އެޅި މުހިންމު ފިޔަވަޅެއް. ދުނިޔޭގެ އެހެން ދީމިޤްރާޠީ އުސޫލުން ހިނގާ ތަންތާނގައިވެސް ޕާޓީ ނިޒާމު އޮވޭ. ތަފާތު ޕާޓީތައް ހަރަކާތްތެރިވަމުންދޭ. އެގޮތުން ރާއްޖޭގައިވެސް ތަފާތު ޕާޓީތައް އޮތުމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ސަރުކާރަށް ލިބުމަށް އޮތް ވަސީލަތެއް. އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އޮތް ވަރަށް މުހިންމު ފުރުޞަތެއް. ޤައުމާއި ރައްޔިތުންނަށް ލާބަހުރި ގޮތެއްގައި، މަންފާހުރި ގޮތެއްގައި ހުރިހާ ޕާޓީތަކަކުން މަސައްކަތް ކުރަމުން ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް. އޭރުން ސިޔާސީ ޕާޓީތައް އުފެއްދުމުގެ ޙަޤީޤީ މަޤްޞަދު ހާސިލުވާނީ. އެއާ ޚިލާފަށް، ސިޔާސީ ޕާޓީގެ މަޤްޞަދަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމާއި، ފިތުނަ ފަސާދަ އުފެއްދުން ކަމަށްވަންޏާ އެއީ ވަރަށް ހިތާމަހުރިކަމެއް. އެއީއެއްނޫން ސިޔާސީ ޕާޓީތައް ޤާއިމުވުމުގެ މަޤްޞަދަކީ.

އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް މިކަމަށް ވަރަށްބޮޑަށް ސަމާލުވެވަޑައިގެން ތިއްބެވުން އެދެން. ސަރުކާރާ ބެހޭގޮތުން ނުވަތަ ސަރުކާރު ހިންގަވަން ތިއްބަވާ އެކި ފެންވަރުގެ ވެރިންނާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުތަކާއި ވާހަކަތައް، ސަރުކާރާ ދެކޮޅުވެރި ޖަމާޢަތްތަކުން ނުވަތަ އަފްރާދުން ފަތުރަމުންގެންދޭ. އެއީ ވަރަށް ހިތާމަހުރި ކަމެއް. އެކަން އެހެން ކޮށްގެން އެއްވެސް ބަޔަކަށް ފައިދާއެއް ނުވާނެ. ފައިދާވާނީ އެންމެންވެސް އެއް ރޫޙެއްގައި އެކުވެރިކަމާއި އެއްބާރުލުމާ އެކީގައި އަދި ޤާނޫނީ ދާއިރާގެ ތެރޭގައި މަސައްކަތްކޮށްގެން. ރައްޔިތުންގެ ޝުޢޫރުތަކާއި ޚިޔާލުތައް ހުރިގޮތެއް ބަލާފައި. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގެމަތިން ކަންތައްތައް އޮމާންކަމާއި އަމާންކަމާ އެކީގައި ނިންމައިގެން. މިގޮތުގައި ފައިދާހުރީ.

އެހެންވީމާ ޤާނޫނުއަސާސީ އިޞްލާޙު ކުރެވެންވާނީވެސް އަދި ރާއްޖޭގެ ސިޔާސީ މުސްތަޤްބަލް ބައްޓަންކުރެވެން ވާނީވެސް، ޤާނޫނީ ހަމަތަކުގެމަތިން އެ އޮންނަ ޤާނޫނީ އޮނިގަނޑުގެ ތެރެއިން. މީހުން މަގުމައްޗަށް ނުކުމެ ހަޅޭއްލަވައި، ގާއުކައި، އަލިފާންބޯޅަ އުކުން، ހަޑިހުތުރު އެއްޗެހި ގޮވައި، މިހެން ހަދައިގެން އެއްވެސް އިޞްލާޙެއް ނާންނާނެ. މިގޮތަށް ކަންތައް ކުރަނީނަމަ، އެ ކުރެވެނީ ވަރަށް މޮޔަ ކަމެއް. އޭގެ އަސަރުކުރާނީ ހަމައެކަނި މިހާރުގެ ޖީލަކަށްނޫން. މުސްތަޤްބަލުގެ ޖީލަށްވެސް އޭގެ އަސަރުކުރާނެ. އަޅުގަނޑުމެންގެ ޅަދަރިންގެ އަޚްލާޤަށް އޭގެ ވަރަށް ނުބައި އަސަރުކުރާނެ. އެއްވެސް މީހަކީ ޤާނޫނަކަށް، ގަވާއިދަކަށް ހުރުމަތްތެރިކޮށްހިތާ މީހަކަށް މުސްތަޤްބަލަކު ނުވާނެ.

އެހެންވީމާ، އެކަމަށް މި ރަށުގެ ރައްޔިތުންވެސް ވަރަށްބޮޑަށް ސަމާލުވެވަޑައިގެން ތިއްބަވާ. އެފަދަ ބޭނުމުގައި ދޮގުވާހަކައާއި، އަދި ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކަށް ތިޔަބޭފުޅުން ކަންފަތްޕުޅު ނުދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން. ސަރުކާރުންވެސް އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ. ރައްޔިތުންގެ އުފާފާގަތިކަމާއި ބާއްޖަވެރިކަމަށް އިތުރު މަގުތަކެއް ކޮށޭތޯ. އެނޫން އެހެން އެއްވެސް މަޤްޞަދެއްގައި ސަރުކާރުން މަސައްކަތެއް ނުކުރާނެ. އަޅުގަނޑު މިވީހާ ދުވަހުވެސް މަސައްކަތް ކުރަމުން މިއައީ މާތް ﷲ ގެ ވާގިފުޅާއެކު އެގޮތުން. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ ހަމަކުރާނީ އެހެން. ބަޔަކުމީހުން ކިތަންމެ އެއްޗިހިކިޔަސް ނުވަތަ ކިތަންމެ ދެކޮޅުވެރި ޝުޢޫރުތަކެއް ފާޅުކުރިޔަސް، އަޅުގަނޑުގެ ހިތްވަރެއް އިރާދަކުރެއްވިއްޔާ ބައްޔެއްނުވާނެ. އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ޚިދުމަތުގައި.

އާދެ، ކޮންމެއަކަސް، މިވާހަކަތައް މިހެން ވަރަށް ޞަރީޙަކޮށް ދަންނަވާލުމުގެ ބޭނުމަކީ ރައްޔިތުން މިކަންކަމަށް ހޭލުންތެރިވެވަޑައިގަތުން. ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހެވާއި ލާބަ ހުރި ގޮތުގެމަތިން ކަންތައްތައް ގެންދިޔުމަށް މަގުފަހިކުރުމުގެ ގޮތުން.

އާދެ، މި ވާހަކަތައް މިހެން ދަންނަވާލައި، އަދިވެސް އެއްފަހަރު މަގޫދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަމުން އަދި ކުރިއަށް އޮތް ތާނގައި މަގޫދޫގެ ރައްޔިތުންނަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމުން، އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްކަމާއި އަމަންއަމާންކަމާއި، ބާއްޖަވެރިކަމާއި ތަރައްޤީ މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަން.

والسّلام عليكم ورحمـة اللّـه وبركاته.